އޯޕަންއޭއައިގެ މައްޗަށް ޑޭޓާއިން ވައްކަން ކުރިކަމުގެ ދައުވާ

ހިންދު ޢަލީ 03 ޖުލައި 2023

ޗެޓްޖީޕީޓީ ޓްރެއިން ކުރުމަށް ޕާސަނަލް ޑޭޓާއިން "ވައްކަން" ކުރި ކަމަށް ބުނެ ކެލިފޯނިއާގެ ލޯ ފާމަކުން، ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އާއި ދެކޮޅަށް ކްލާސް އެކްޝަން ދައުވާއެއް ހުށަހަޅައިފި އެވެ.

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން


ކެލިފޯނިއާގެ ކްލާކްސަން ލޯ ފަރމް އިން މިދިޔަ ބުދަ ދުވަހު ހުށަހެޅި މިމައްސަލައިގައި ދައުވާ ހުށަހަޅާފަރާތުން ބުނަނީ ޗެޓްޖީޕީޓީއާއި ޑާލް-އީ ޓްރެއިން ކުރުމަށް ބޭނުންކޮށްފައިވާ އޮންލައިން ކޮންޓެންޓަކީ އެތަކެތި ހިއްސާކުރި ފަރާތްތަކަށް ނޭގި ވަގަށްނަގާފައިވާ އަމިއްލަ މަޢުލޫމާތާއި ޒާތީ މަޢުލޫމާަތު ހިމެނޭ ކޮންޓެންޓް ކަމަށެވެ. ދައުވާގައި ތަފްސީލު ކޮށްފައިވާ ގޮތުން އޯޕަންއޭއައިގެ މިޕްލެޓްފޯމްތަކުގައި ބޭނުންކޮށްފައިވާ ޑޭޓާގައި ކުޑަކުދިންވެސް ހިމެނޭގޮތުން އެތައް ސަތޭކަ މިލިއަން ބައެއް ދެނެގަނެވޭނެ ފަދަ މައުލޫމާތު ހިމެނެއެވެ. އަދި މިމައުލޫމާތު ބޭނުންކޮށްފައިވަނީ އެފަރާތްތަކުގެ ހުއްދައަކާއި ނުވަތަ އެނގުމަކާއި ނުލައެވެ.

އޯޕަންއޭއައި އިން ވަނީ އެކުންފުނީގެ އެޑްވާންސްޑް އޭއައި ލެންގުއޭޖް މޮޑެލް ޓްރެއިން ކުރުމަށްޓަކައި އިންޓަނެޓްގެ އެކި މަސްދަރުތަކުން ވަރަށް ގިނަ އަދަދެއްގެ ޑޭޓާ އެއްކޮށްފައެވެ. މި ޑޭޓާސެޓްތަކުގައި ވިކިޕީޑިއާގެ ލިޔުންތަކާއި، މަޝްހޫރު ފޮތްތަކާއި، ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، އަދި މަދުން މަޢުލޫމާތު ލިބެން ހުންނަ ބައެއް ޓޮޕިކްތަކަށް ލިޔެފައިވާ ހާއްސަ ކޮންޓެންޓް ވެސް ހިމެނެއެވެ. އަދި މިކަމުގައި އެންމެ މުހިންމު ކަމަކީ އޯޕަންއޭއައި އިން މި ހުރިހާ ޑޭޓާއެއް ނަގާ ބޭނުންކުރީ ކޮންޓެންޓް ކްރިއޭޓަރުންގެ ހުއްދަ ހޯދުމެއް ނެތިއެވެ.

ޖެޓްޖީޕީގެ ލެންގުއޭޖް މޮޑެލް ޓްރެއިން ކުރުމަށްޓަކައި އޯޕަންއޭއައި އިން ވަނީ އިންޓަރނެޓްގެ އެކި ތަންތަނުން 300 ބިލިއަން ބަސް ބޭނުންކޮށްފައެވެ. މީގެ ތެރޭގައި ޓްވިޓާ އާއި ރެޑިޓް ފަދަ ސޯޝަލް މީޑިއާ ސައިޓްތަކުން ނަގާފައިވާ ޒާތީ މައުލޫމާތާއި ޕޯސްޓްތައް ވެސް ހިމެނެއެވެ. ކްލާކްސަން ލޯ ފާމުން ބުނާ ގޮތުގައި އޯޕަންއޭއައި އިން އެކަން ކުރީ ސިއްރުން، އަދި ގާނޫނުގައިވާ ގޮތަށް ޑޭޓާ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށެވެ. މިކްލާސް އެކްޝަން ދައުވާގައި ބުނެފައި ވަނީ ކޮންޓެންޓް ކްރިއޭޓަރުންގެ ރުހުން ނުހޯދާ އޯޕަންއޭއައި އިން ވަނީ ސީދާ ޑޭޓާ ވަގަށްނަގާފައި ކަމަށެވެ.

ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އޮންލައިންކޮށް ކޮންޓެންޓް އުފައްދާފައި ވާނަމަ އެކޮންޓެންޓް އުފެއްދި ފަރާތަކަށް އެނގުމަކާނުލާ އޯޕަންއޭއައި އިން ޗެޓްޖީޕީޓީ ޓްރެއިންކުރުމަށް ބޭނުންކުރި ޑޭޓާ ސެޓްގައި ހިމެނިފައިވުން ވަރަށް ގާތެވެ. އަދި އޯޕަންއޭއައި އިން ދަނީ އެކޮންޓެންޓްތައް އެކުންފުނީގެ ޕްރޮފިޓް އިތުރުކުރުމަށް ބޭނުންކުރަމުންނެވެ. މިހުރިހާ ކޮންޓެންޓެއް ނަގާފައި މިވަނީ ވަރަށް ފުޅާ މިންވަރަކަށް ކަމަށާއި މިއިން އެއްވެސް ކޮންޓެންޓެއް ނުވަތަ މައުލޫމާތަކީ އުފެއްދި އިރު މިފަދަ ލެންގުއޭޖް މޮޑެލްއެއް ޓްރެއިން ކުރުމުގެ ނިޔަތުގައި އުފައްދާފައި ތަކެތި ނޫންކަމަށް މިކްލާސް އެކްޝަން ދައުވާ ކުރާ ކްލާކްސަން ލޯ ފަރމްގެ މެނޭޖިން ޕާރޓްނަރ ރަޔަން ކްލާކްސަން ފާހަގަކުރިއެވެ.


މިކްލާސް އެކްޝަންއަކީ އޯޕަންއޭއައި އިން ކަންބޮޑުވާންޖެހޭނެ ކަމެއްތަ؟

މިފަދަ މައްސަލަތައް ނިމޭނެ ގޮތަކީ ލަފާ ކޮށްލަން ދަތި ކަމެއްކަމުގައި ތަޖުރިބާކާރުން ބުނެއެވެ. އިންޓަރނެޓަކީ އާންމުކޮށް ހުޅުވާލެވިފައިވާ އެކި ބާވަތުގެ މަޢުލޫމާތު އެކުލެވޭ ތަނެކެވެ. އެހެން ނަމަވެސް ކޮންމެ ފަރާތަކުންވެސް އެކި އޮންލައިން ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ހިއްސާކުރަނީ އެޕްލެޓްފޯމެއްގައި އެކުލެވޭ ޓަރމްސް އަދި ކޮންޑިޝަންތަކަށް އެއްބަސްވެގެންނެވެ. އަދި އާންމު ގޮތެއްގައި ޕްލެޓްފޯމްތަކުގައި އުފައްދާ ކޮންޓެންޓްގެ އޯނަރޝިޕް ނިސްބަތްވަނީ އެއުފައްދާ ފަރާތުގެ ބަދަލުގައި އެ އޮންލައިން ޕްލެޓްފޯމަކަށެވެ.

އިންޓެލެކްޗުއަލް ޕްރޮޕަޓީ ލޯޔަރެއް ކަމަށްވާ ކެތަރިން ގާޑްނަރ ފާހަގަކުރި ގޮތުގައި އާންމުކޮށް ސޯޝަލް މީޑިއާ ނުވަތަ އެހެން ސައިޓަކަށް ކޮންޓެންޓް އަޕްލޯޑް ކުރާއިރު އެކި ގޮތްގޮތުން އެކޮންޓެންޓް ބޭނުން ކުރުމުގެ ހުއްދަ ޕްލެޓްފޯމަށް ލިބެއެވެ. މީގެ ސަބަބުން ޕްލެޓްފޯމްތަކަށް ކޮންޓެންޓް ހުށަހަޅާ ފަރާތްތަކުން އެކޮންޓެންޓް އެހެން ތަނެއްގައި ނުވަތަ އެހެން ކަމެއްގައި ބޭނުންކުރާނަމަ (އެއީ ލެންގުއޭޖް މޮޑެލް ޓްރެއިންކުރަން ކަމުގައި ވީނަމަވެސް)، ބަދަލު ދޭންޖެހޭނެކަމަށް ބުނެ ދައުވާކުރުމަކީ ދައުވާ ކުރާ ފަރާތްތަކަށް މޮޅުވާން ވަރަށް އުނދަގޫ ހާލަތެކެވެ.



މީގެ ކުރިންވެސް ޗެޓްޖީޕީޓީ ޓްރެއިންކޮށް އިތުރަށް ތަރައްގީ ކުރުމަށް ޑޭޓާ އެއްކުރާގޮތާއި ބޭނުންކުރާ ޑޭޓާއާއި މެދު އޯޕަންއޭއައިގެ މައްޗަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ދާދި ފަހަކާއި ޖެހެންދެން ވެސް ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ އަމިއްލަ މައުލޫމާތާއި އެމީހުން ޖެޓްޖީޕީޓީއާއި ކުރާ މުއާމަލާތްތައް، ޗެޓްޖީޕީޓީ އިތުރަށް ޓްރެއިންކުރުމަށް ބޭނުން ނުކުރުމުގެ އިހްތިޔާރު ކުރެވޭގޮތަކަށް ނެތެވެ. ޗެޓްޖީޕީޓީގެ ޔޫސަރުންނަށް މިޕްރައިވަސީ ސެޓިންގ އިހްތިޔާރު ކުރަން ލިބެން ފެށީ މިއަހަރުގެ އެޕްރީލް މަހު 25 ވަނަ ދުވަހުން ފެށިގެންނެވެ. ޔޫރަޕްގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރު) އަށް ބިނާކޮށް، އިޓަލީގައި ޗެޓްޖީޕީޓީ ފުރަތަމަ މަނާ ވެސް ކުރިއެވެ. މިނިންމުމުގައި ހާއްސަކޮށް ފާހަގަކޮށްފައިވަނީ ޗެޓްޖީޕީޓީގައި މީހުންގެ ޒާތީ މަޢުލޫމާތަށް އެކަށީގެންވާ ވަރަށް ރައްކާތެރިކަން ލިބެންނެތްކަމަށެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނާއި ގުޅުންހުރި މަޢުލޫމާތެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.