ފަރަންސޭސިވިލާތުގައި ޓެކްބޭނުންކޮށްގެން ޖާސޫސުކުރާ ގާނޫނެއް

އަޝްނާ ރަޝީދު 11 ޖުލައި 2023

ފަހަކަށް އައިސް ފަރަންސޭސިވިލާތުގައި އިތުރަށް ހިނގަމުންދާ ހަލަބޮލިކަމުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުން ފުލުހުންގެ ބާރުތައް އިތުރު ކުރާއިތުރު ގާނޫނުތަކެއް ފާސްކޮށްފިއެވެ. މިގޮތުން ފުލުހުންނަށް ރައްޔިތުންގެ ފޯނު ފަދަ އިލެކްޓްރޯނިކު ޑިވައިސުތަކުގެ ކެމެރާ، މައިކު، އަދި ޖީޕީއެސް ހުއްދަ ނެތި ރިމޯޓުކޮށް ޖެއްސުމުގެ ބާރު މި ގާނޫން ދެއެވެ. މިއީ މަދަނީ ހައްގުތަކަށް އަރައިގަތުމުގައި ނުރައްކާތެރި ނަމޫނާއެއް ގާއިމްކޮށްދޭ ކަމެކެވެ.

މި އާ ގާނޫނުގައިވާ ގޮތުން 5 އަހަރު ދުވަހަށް ބަންދުކުރެވޭ ފަދަ ކުށްތަކަށް ޝައްކު ކުރެވޭ މީހެއްގެ ޑިވައިސްތަކުގެ ކެމެރާ، މައިކް ނުވަތަ ޖީޕީއެސް ރިމޯޓުކޮށް އެފަރާތްރަކަށް ނޭންގި ފުލުހުންނަށް ޖައްސާފައި އެކްސެސްކުރެވޭނެވެ. މި ޤާނޫނުން އަމާޒުކުރެވިދާނެ ބައެއް އިސްތިސްނާތައް އެބަހުއްޓެވެ. ނާޒުކު ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން، މިސާލަކަށް ވަކީލުންނާއި ޑޮކްޓަރުންނާއި ނޫސްވެރިންނާއި ފަނޑިޔާރުންނާއި މަޖިލީހުގެ މެންބަރުންނަށް މި ގާނޫނުގެ ދަށުން އަމާޒު ނުކުރެވޭނެއެވެ.

މި ގާނޫނުގެ ނަހަމަ ގޮތުގައި ބޭނުންކުރުން މަދުކުރުމަށްޓަކައި، މި މާއްދާތައް ބޭނުންކުރުމަށް ފަނޑިޔާރަކު ރުހުން ހޯދުން ލާޒިމުވެއެވެ. އަދި ހަމައެހެންމެ، ފާރަވެރިވުމުގެ މުއްދަތު ހަ މަހަށްވުރެ ދިގުނުކުރެވޭނެވެ. އޮގަނައިޒްޑް ކްރައިމް، ޑިލިންކުއޭސީ އަދި ޓެރަރިޒަމް ފަދަ ކުށްތަށް މި އާ ގާނޫނުގެ ދަށަށް ފެތޭކަމަށް ބައެއް ރިޕޯޓްތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް މި އާ ގާނޫނުގެ ނާޖާއިޒު ބޭނުން ހިފުމުގެ ކަންބޮޑުވުންތަކެއް ވަރަށް ގިނަ ފަރާތްތަކެއް ވަނީ ހާމަކުަށްވާފައެވެ.

މިގޮތުން، ޑިޖިޓަލް ރައިޓްސް ގްރޫޕް، ލާ ކުއަޑްރެޗާ ޑޫ ނެޓުން ވަނީ މިއީ މަދަނީ ހައްގުތަކާއި މިނިވަންކަމާއި ޕްރައިވެސީއަށް އަރައިގަންނަ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބޮޑެތި ޖަރީމާއެއްގެ ގޮތުގައި ބެލެވޭނީ ކޮން ކަހަލަ ކުށްތަކެއްކަން ގާނޫނުގައި ކަނޑައަޅާފައި ނުވާތީ މީ ގެ ނާޖާއީޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެކްޓިވިސްޓުންނާއި އެފަދަ އެހެން ފަރާތްތައް މިގާނޫނުގެ ދަށުން އަމާޒުކޮށްގެން ދިއުމުގެ ފުރުސަތު އެބައޮތްކަން އެމީހުން ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ފަރަންސޭސިވިލާތުން މިފަދަ ގާނޫނުނެއް ފާސްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިންފުލުހުންނަށް ޑްރޯން ބޭނުން ކުރުމުށް ވަނީ އަލުން ހުއްދަދީފައެވެ. މިއީ ފުރަތަމަ ނަޒަރުން އެހާ ބޮޑިުކަމެއް ކަމުގައި ނުފެނިދާނެއެވެ. ނަމަވެސް ފުލުހުންގެ އަނިޔާވެރިކަމުގެ ރިޕޯޓްތަކާއި މީޑިއާ މެދުވެރިކޮށް އެފަދަ އަމަލުތައް ބޭޒާރުކުރުން މަނާކުރާ ގާނޫނުތަކާ ގުޅުވާލައިގެން ފެންނަނީ ވަރަށް ބިރުވެރި މަންޒަރެކެވެ. އަދި މީސްމީޑިޔާގެ ބައެއް ފީޗަރުތައް މަނާކުރުމަށް ދެކެވޭ ވާހަކަތަކަޢީ އެއްކޮށްލާފައި ވަރަށް ގިނަ ފަރާތްތަކެއް ވަނީ މިކަންކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށް ބުނެފައެވެ. މިއީ ފުލުހުންގެ ދައުލަތެއްގެ ފެށުންތޯ؟ ޖަސްޓިސް މިނިސްޓަރު އެރިކް ޑޫޕޮންޑް-މޮރެޓީ ވިދާޅުވި ގޮތުގައި މިއީ އެގޮތަށް ވާ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެކަމަކުތެދު ދޮގު ހޯދުމަށް އަޅުގަނޑުމެން ޖެހޭނީ މަޑުކޮށްލަންށެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.