އިންޓަނެޓް ޓްރެފިކްގެ އިންސާނުންގެ ނިސްބަތް ކިހާވަރެއްތޯ؟

އަޝްނާ ރަޝީދު 12 ޖުލައި 2023

ފާއިތުވި އަހަރުތަކުގައި އިންޓަރނެޓް ޓްރެފިކް ވަރަށް ބޮޑަށް ކުރިއަރާފައިވާތަން ފެނިފައިވެއެވެ. އެކަމަކު މި ޓްރެފިކުގެ ކިތައް އިންސައްތައަކީ އިންސާނުން ހެއްޔެވެ؟ އިމްޕަރވާ 2022 ވަނަ އަހަރަށް ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި އިންޓަނެޓް ޓްރެފިކްގެ މަދުވެގެން % 47 އަކީ ބޮޓެވެ.މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %5.1 އިތުރެވެ. މީގެ މާނައަކީ އިންސާނުންނަކީ އިންޓަރނެޓް ޓްރެފިކްގެ ހަމަ އެންމެ %53 އެވެ. މިއީ ފާއިތުވި 8 އަހަރު ތެރޭގައި އަންސާނުންގެ އިންސައްތަ ދިޔަ އެންމެ ދަށެވެ.

ބޮޓަކީ ކޮންމެހެން ގޯސް އެއްޗެއް ނޫނެވެ. ކުރުކޮށް ބުނާނަމަ، ބޮޓަކީ ކޮމްޕިއުޓާ ޕްރޮގްރާމެކެވެ. މިއީ އިންސާނުންގެ އިރުޝާދާއި ނުލައި ނުވަތަ ތަކުރާރުކޮށް ކުރާ މަސައްކަތްތައް އޮޓޮމެޓިކްކޮށް ހިންގުމަށް ބޭނުންކުރާ ޕްރޮގްރާމެކެވެ. މިކަހަލަ ޕްރޮގްރާމްތަކަކީ ވަަރަށް ގިނަ މުހިންމު ބޭނުންތަކަކަށް ބޭނުންކުރެވޭ އެެއްޗެކެވެ. މިގޮތުން ބައެއް މުހިންމު ރަނގަޅު ބޮޓުތަކުގެ ތެރޭގައި ވެބް ކްރޯލަރސާއި، ސައިޓް ހެލްތު މޮނިޓަރިންގު ޓޫލްސާއި އަދި ކޮޕީރައިޓްސް ބަލަހަށްޓާ ބޮޓު ހިމެނެއެވެ. ނަމަވެސް ނުބައި ގޮތުގައި ބޮޓު ބޭނުންކުރުމުގެ ސަބަބުން ބޮޓް ޓްރެފިކް އިތުރުވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ.

މިހެން މި ބުނަނީ ކީއްވެގެންތޯ؟ ނުބައި ބޮޓްތައް ބޭނުން ކޮށްފައިވަނީ އަންއެތިކަލް އަދި ޤާނޫނާ ޚިލާފު މަސައްކަތްތަކަށެވެ. މީގެ ބިރުވެރި ކަމަކީ ފާއިތުވެފައިވާ އަހަރުތަކުގެ ތެރޭގައި ގޯސް ބޮޓްތައް ސްމާޓްވެ، ފާހަގަކުރަން ދަތިވެފައިވާ ކަމެވެ. އިމްޕަރވާގެ ރިޕޯޓުން ދައްކާ ގޮތުގައި ނުބައި ބޮޓްތަކުގެ %51.2 އަކީ މިކަހަލަ މޮޅު ބޮޓެވެ. މީގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޮޓް ބޭނުންކުށްގެން ކުރާ ސައިބަރ ކްރައިމް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރޭގައި އެކައުންޓް ޓޭކްއޮވަރ އެޓޭކްސާއި، ޑީޑީއޯއެސް އެޓޭކްސާއި، ޑޭޓާ ސްކްރޭޕިން ފަދަ ކަންތައް ހިމެނެއެވެ.

ބޮޓްސް ވެފައިވަނީ ހައްލުކުރަން ދަތިވަމުން އަންނަ ސީރިއަސް މައްސަލައަކަށެވެ. ގޯސް ބޮޓްތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ގިނަ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ގެއްލުންތަަކެއް ކޮށްފައިވެއެވެ. ކަސްޓަމަރުންނަށް ދިމާވާ ދަތިތަކާއި، ވަގަށް ނަގާފައިވާ ކްރެޑިޝަންތަކާއި، ވެބްސައިޓްތަކަށް ނުވަދެވުމަކީ ނުބައި ބޮޓްތަކުގެ ސަބަބުން ކުރިމަތިވާ ބައެއް ނަތީޖާތަކެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި މައްސަލަ އިތުރަށް ގޯސްވާނެ އެވެ. ނުބައި ބޮޓްތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑުވަމުން ދާރީވެ މިކަމުގެ އަސަރު ކުޑަކުރުމަށް އޯގަނައިޒޭޝަންތަކުން މަސައްކަތް ކުރުން މުސްތަގުބަލުގައި އިތުރަށް މުހިންމު ވާނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.