ރެސްޓޯރެންޓްތަކުގައި ކިއު.އާރް ކޯޑްތައް ނިމުނީ ހެއްޔެވެ؟

އަޝްނާ ރަޝީދު 13 ޖުލައި 2023

މިދިޔަ ޕެންޑަމިކުގެ ސަބަބުން ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި އެތައް އާ ކަމެއް އާންމުވެފައިވެއެވެ. އޮންލައިންކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި، ކޮންޓެކްޓްލެސް ޕޭމަންޓް ހެދުމާއި ރެސްޓޯރަންޓްތަކުގައި އާންމުވެފައިވާ ކިއު.އާރް ކޯޑް މެނޫތަކެވެ. މި ބަދަލުތަކުގެ ތެރެއިން ސޯޝަލް ޑިސްޓެންސިންނާއި ސެނިޓައިޒޭޝަން ފަދަ ޕެންޑެމިކް އާއި ގުޅިގެން ތަންފީޒު ކޮށްފައިވާ ބައެއް ފިޔަވަޅުތަކަށް ހިތްވަރު ލިބިފައިިވީނަމަވެސް، ޕެންޑެމިކް ނިމުމުން މިއިން ބައެއްކަންތަކަށް ތަރުހީބުވަނީ ދަށްވެފައެވެ. މިގޮތުން ފާހަގަކުރެވޭ އެއްކަމަކީ ކިއު.އާރް ކޯޑް މެނޫ ބޭނުން ކުރުމެވެ. ބައެއް މީހުން މިކަމަށް ތާއީދު ކުރެއެވެ. އަނެއްބައި މީހުން އެކަމަށް ވަރަށް ބޮޑަށް ނުރުހެއެވެ. މިކަމާ މެދު ފަހުންފަހުން އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެއެވެ.

ކަސްޓަމަރުން ކިއު.އާރް ކޯޑަށް މެނޫ ބޭނުންކުރުން ހުއްޓާލަން ބޭނުންވެދާނެ ކަމަށް ފަހުންކޮށްފައިވާ ސާވޭތަކުން ވެސް ހާމަކޮށްފައިވެއެވެ. މިގޮތުން ސީ.އެނެ.އެންނުން ރިޕޯޓްކޮށްފައިވާ ޓެކްނޮމިކްގެ ސާރވޭއިން ދައްކާ ގޮތުގައި %88 މީހުންނަށް ކިއު.އާރް ކޯޑް މެނޫތަކަށްވުރެ ކަރުދާސް މެނޫ މަގުބޫލެވެ. މީގެ އިތުރުން މި ސާރވޭއަށް ޖަވާބުދިން ގިނަ މީހުން ކިއު.އާރް ކޯޑް މެނޫތައް ބޭނުންކުރުމާ ގުޅިގެން އެހާ ރަނގަޅުނޫން ކަންތައްތައް ފާހަގަކޮށްފައިވެއެވެ.

މިގޮތިން، ކިއު.އާރް ކޯޑަށް ފާޑުކިޔާ ފަރާތްތަކުން ވަނީ މީގެ ބައެއް ނޭދެވޭ ކަންތައް ފާހަގަކުރައްވާފައެވެ. ކިއު.އާރް ކޯޑަށް ބޭނުން ކޮށްގެން ބައެއް ސައިބަރ ކްރައިމް ހިނގާކަމުގެ އެމެރިކާގެ އެފް.ބީ.އައި ވަނީ އިންޒާރު ދީފައެވެ. މިގޮތުން އިންޑިޔާގެ ކިއު.އާރް ކޯޑުން ލާރިދެއްކޭގޮތް ހަދާފައި ހުންން ރެސްޓޯރަންޓަކުން ދާދިފަހުން އެތަން ހިންގަން ހާވުލުކޮށްފައި ވާފަރާތް ކިއު.އާރް ކޯޑަށް ބަދަލުކޮށްގެން ވައްކަން ކޮށްފައި ވާހަކަ އިންޑިޔާ ޙަބަރުތަކުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފާހަގަކޮށްފައިވާ އެހެން ނޭދެވޭ ކަމަކީ މިކަމުން ބައެއް މީހުން މިތަންތަނުން ހިދުމަތް ހޯދަން އުނދަގޫވެ، އަދި ބައެއްފަރާތްތަކަށް މިތަނަތަނުން ހިދުމަތް ހޯދުމަށް ހުރަސް އެޅުމެވެ. މިގޮތުން ސީނުކަރައިގައި ދާދި ފަހުން ހިނގި ހާދިސާއެއްގައި އުމުރުން ދުވަސްވީ ދެމަފިރިއަކަށް ސްމާޓްފޯނު ނެތުމުގެ ސަބަބުން ރެސްޓޯރެންޓަކުން އެމީހުންނަށް ހިދުމަތް ނުދިންކަމަށް ޗައިނާޑެއިލީއިން ހާމަކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ވަނީ އެކި ޤައުމުތަކުގެ ބައެއް ރެސްޓޯރެންޓްތަކުން ކިއު.އާރް ކޯޑް މެނޫތަކާ ދުރަށް ދާން ފަށާފައެވެ. އަދިވެސް ބައެއް މީހުން މި ޓެކްނޮލޮޖީއަކީ ފައިދާހުރި ޓެކްނޮލޮޖީއެއް ކަމަށް ބުނާއިރު، އެ ޓެކްނޮލޮޖީއަކީ އޭގެ ޒާތުގައި ބައެއް ފަރާތްތަކަށް ބޭނުންކުރުމަށް ހުރަސް އަޅާ އަދި އޭގެ ޒާތުގައި ނުރައްކާތެރި ޓެކްނޮލޮޖީއެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ވެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ރެސްޓޯރެންޓްތަކުން މިކަމާމެދު ދެކެނީ ކިހިނެއްތޯ؟ ނަސީބަކުން ގިނަ ރެސްޓޯރެންޓްތަކުން ވަނީ ކިއު.އާރް ކޯޑް މެނޫ ބޭނުން ކުރަން ދަތިވާ ނަމަ އެހެން މެނޫ އެއްވެސް ބޭނުން ކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް ބައެއް ތަންތަނުގައި ވަނީ ހަމައެކަނި ކިއު.އާރް ކޯޑް މެނޫ ބޭނުންކުރެވޭ ގޮތް ހަދާފައެވެ. މުސްތަގުބަލުގައި މިދާއިރާއިން އަންނަ އެހެން އީޖާދުތަކުން ފަހަރެއްގައި މިކަމަށް ބަދަލުތަކެއްވެސް އައިސްފާނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.