ފަލަކީ އިލްމުވެރިންނަށް ދާދި ފަހުން ވަނީ އިރުގެ ބޭރުފަށަލައިގެ މަތީގައި 'އަރޯރާ'އެއްގެ ވައްތަރު ޖަހާ ކެކެމުންދާ ރޭޑިއޯ ރާޅުތަކެއްގެ ޑިސްޕްލޭއެއް ފެނިފައެވެ. މި ޑިސްޕްލޭ ހިނގާފައިވަނީ އިރުގެ ބޭރުފަށަލައިގެ ގާތްގަނޑަކަށް 25،000 މޭލު މަތީގައެވެ. މި 'ސެލެސްޓިއަލް ލައިޓްޝޯ' ދުނިޔޭގެ އުތުރު އަލިތަކާ އެއްވައްތަރުކަމަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ. މި ހޯދުންތައް ނެޗާ އެސްޓްރޮނޮމީ ޖާނަލްގައި ޝާއިރުކޮށްފައިވެއެވެ. ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި މި ހޯދުންތަކަކީ ސްޓެލާ މެގްނެޓިކް ޕްރޮސެސްތަކާ ބެހޭ ގޮތުން އަޅުގަނޑުމެން ވިސްނާގޮތާމެދު ބަދަލުތަކެއް ގެންނާނެ އެއްޗެއްކަމަށެވެ.
މި ހޯދުން ހޯދާފައިވަނީ ނިއު ޖާޒީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސެންޓަރ ފޯ ސޯލާ-ޓެރެސްޓްރިއަލް ރިސާޗް (އެންޖީއައިޓީ-ސީއެސްޓީއާރު) ގެ ފަލަކީ އިލްމުވެރިންނެވެ. މި ހާދިސާ ހިނގާފައިވަނީ ހަފްތާއެއްހާ ދުވަހަށްކަމަށް އެއިލްމުވެރިން ހާމަކޮށްފައިވެއެވެ. މިޔަކީ އާދައިގެމަތިން ފެންނަ މިނިޓެއް ނުވަތަ ގަޑިއިރުތަކެއް ވަންދެން ދިގުދެމިގެންދާ ސޯލާ ރޭޑިއޯ ހަރަކާތްތަކާއި ތަފާތު ކަމެއްކަން ފާހަގަކުރެވުނެވެ. މިކަމާ މެދު ޝާއިރުކުރެވުނުގެ ކަރުދާހުގެ އިސް ލިޔުންތެރިޔާ ސިޖީ ޔޫ ވަނީ މި ހޯދުމުގެ ސަބަބުން ސްޓެލާ މެގްނެޓިކް ޕްރޮސެސްތަކާމެދު އެނގޭ މައުލޫމާތު އިތުރަށް ފުރިހަމަ ވާނެކަމަށް ގަބޫލުކުރެވޭކަން ފާހަގަކޮށްފައިވެއެވެ.
މި އޮރޯރާ ވައްތަރުޖަހާ ރާޅުތައް ފެނިފައިވަނީ ރޭޑިއޯ ޓެލެސްކޯޕަކުން އިރުގެ ބޭރުފަށަލައިގައި ހުންނަ 'ސަންސްޕޮޓް' އެއް ބެލުމުގެ ތެރޭގައެވެ. ދުނިޔޭގައި ހިނގާ އޮރޯރާތަކާ ހިލާފަށް މި އޮރޯރާ ހިނގާފައި ވަނީ ނިސްބަތުން ބޮޑު ފްރީކުއެންސީތަކެއްގައެވެ. މި ގޮތުން ހާހުން ނުވަތަ މިލޔަނުން kHz ގައި ހިނގާފައިވާ ކަމަށް ލަފާކުރެވެއެވެ. މި ތަފާތު ނިސްބަތްކުރެވެނީ އިރުގެ ސްޕޮޓްގެ މެގްނެޓިކް ފީލްޑު ދުނިޔޭގެ މެގްނެޓިކް ފީލްޑަށް ވުރެ އެތައް ހާސް ގުނައެއް ވަރުގަދަވާތީކަމަށްވެއެވެ.
ދުނިޔޭގައި ދެންނަ އޮރޯރާއަކީ ދުނިޔޭގެ މެގްނެޓިކް ފީލްޑް އެންމެ ބަލިކަށިވާ ދެ ޕޯލުތަކުގެ ކައިރީގައިވާ ހަކަތަބޮޑު 'ސޯލާ ޑެބްރިސް' ޖައްވުގެތެރެއަށް ވަނުމުން ދިމާވާ އިންޓަރެމްޝަނުތަކުގެ ސަބަބުން ދިމާވާ ހާދިސާއެކެވެ. މި އިންޓަރެކްޝަނުގެ ސަބަބުން އޮކްސިޖަނާއި ނައިޓްރޯޖަން މޮލިކިއުލްތަކަށް އަސަރުކޮށް، އެ މޮލިކިއުލްތަކުން އަލިކަމުގެ ސިފައިގައި ހަކަތަ ދޫވެގެންދެއެވެ. ސޯލާ އޮރޯރާގެ ހިނގަން ދިމާވަނީ އެހެން ސަބަބަކާ ހެދި ކަމަށް ދިރާސާވެރިން ލަފާކުރެއެވެ. ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ސޯލާ އޮރޯރާ ހިނގައިގެންދަނީ ސޯލާ ފްލޭއާއިން ނިކުންނަ އިލެކްޓްރޯންތައް އިރުގެ ސްޕޮޓްގެ ބާރުގަދަ މެގްނެޓިކް ފީލްޑުތަކުގައި އެކްސެލަރޭޓުވުމުން ރޭޑިއޯ އެމިޝަންތަކެއް އުފެދުމުންނެވެ.
މި ދިރާސާގައި ބައިވެރިވި އެންޖީއައިޓީގެ ސޯލާ ފިޒިސިސްޓެއް ކަމަށްވާ ސޫރަޖިތު މޮންޑަލް ވަނީ މި ހޯދުންތަކުގެ ސަބަބުން އިރުގައި ގިނައިރުހުންނަ ސްޓާސްޕޮޓްތަކުގައި ހަކަތަގިނަ ޕާޓިކަލްތައް މެގްނެޓިކް ފީލްޑްތަކުގައި އިންޓަރެކްޓުކުރާ ގޮތް ދެނެގަތުމަށް އެހީތެރިވެދޭނެކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން އިރުގެ އިތުރުން ދުރުގައިވާ ތަރިތަކުގައި ހިނގާ މިފަދަ ކަންތައްތައް ދިރާސާކުރުމަށް އެހީތެރިވެދާނެކަން ފާހަގަކުރައްވާފައެވެ.
މި ސޯލާ އޮރޯރާ ހޯދުމަކީ ސްޓެލާ މެގްނެޓިކް އެކްޓިވިޓީގެ މިހާރު ހުރި މޮޑެލްތަކަށް ގޮންޖަހާ، ކައުނުގައި އެންމެ އާންމު ތަރި ވައްތަރު ކަމަށްވާ އެމް-ޑްވާފް ތަރިތަކުން ދޫކުރާ ތަކެތި މާނަކުރުމަށް ޕޮޓެންޝަލް ކީއެއް ލިބިގެންދާ ކަމެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.