އެޕްތައް މާ ގިނަ ވެއްޖެތޯ؟

އަޝްނާ ރަޝީދު 23 ޖުލައި 2023

2022 ވަނަ އަހަރުގެ ތެރޭގައި 142.6 ބިލިއަން މޮބައިލް އެޕާއި ގޭމްވަނީ ޑައުންލޯޑް ކޮށްފައިވެއެވެ. މިއަދަދަކީ ފާއިތުވެގެން ދިޔަ އަހަރުތަކަށްވުރެ މަދު މިންވަރެއްކަމުގައި ވީނަމަވެސް، މިއީ ވަރަށް ބައިވަރު އެޕެވެ. ނަމަވެސް މީގެން ހަގީގަތުގައި އަޅުގަނޑުމެން ބޭނުންކުރަމުންދަނީ ކިތައް އެޕް ހެއްޔެވެ؟ ފާއިތުވި އަހަރުތަކުގެ ދިރާސާތައް ދައްކައިދޭ ގޮތުގައި މީގެން ގިނަ އެޕްތައް މީހުން ގިނަ ދުވަހަށް ބޭނުންކުރާ އެޕްތަކެއް ވެސް ނޫނެވެ. ގިނަ އެޕްތަކަކީ ގިނަ ދުވަސްވާ ވަރަކަށް ގިނަ މީހުން ބޭނުންކުރަން ހުއްޓާ އެޕްތަކެކެވެ.

ސްޓެސްޓިކާ އިން ދައްކައިދޭ ގޮތުގައި އެޕް ބޭނުންކުރާ މީހުން މަހުންމަހަށް މަދުވޭ

ހުރިހާ ކަމަކަށް އެޕް އެއް ހެދުން އާންމުވި ދުވަސްވަރެއް ވެސް ފާއިތުވެ ގޮސްފައިވެއެވެ. އޭރުގައި މިކަމާ ގުޅޭ މާހިރުން ވަނީ މިކަމށް އެއްބާރުންލުން ވެސް ދީފައެވެ. ހޮޓަލުން ފެށިގެން ރެސްޓޯރެންޓްތަމާއި، ޓްރެވަލް ކުންފުނިތައް ވެސް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް އެޕްތައް ތައާރަފްކުރެވިގެން ދިޔައެވެ. އެހެންނަމަވެސް ކޮންމެ އެޕަކުން މިއުންމީދުކުރި ފަސޭހަކަމެއް ހާސިލްވެގެން ނުދެއެވެ. ނުވިތާކު، ބައެއް އެޕްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެ ހިދުމަތް ހޯދުމުގައި ދަތިކަންކަމެއް ތަޖުރިބާކުރެވިގެން ދެއެވެ.

އަޅުގަނޑުމެންގެ ސްމާޓްފޯނުތަކުގެ ކެޕޭސިޓީ އިތުރުވެފައިވާ ވަރަކަށް، އާންމުކޮށް މީހުންގެ ފޯނުތަކުގައި ޑައުލޯޑް ކޮށްފައިވާ އެޕްތަކުގެ އަދަދު ވެސް އިތުރުވެފައިވެއެވެ. އެމެރިކާގައި ކޮށްފައިވާ ދިރާސާއެއް ދައްކައިދޭ ގޮތުން، އާންމު ގޮތެއްގައި މީހެއްގެ ފޯނުގައި 80 އަށް ވުރެ ގިނަ އެޕް ޑައުންލޯޑުކޮށްފައިވެއެވެ. ނަމަވެސް މީގެ ތެރެއިން ދުވާލެއްފެ މަތިން އާންމު ގޮތެއްގައި ބޭނުންކުރެވިގެން ދަނީ ހަމަ އެންމެ 9 އެޕެވެ. އަދި މަހެއްފެ މަތިން 30 އެޕެވެ. މިއީ މީހަކު ޑައުންލޯޑުކުރާ އެޕްތަކުގެ ތެރެއިން ވަރަށް ކުޑަ ނިސްބަތެކެވެ.

މިއިން ކޮންމެ އެޕަކުންވެސް އަޅުގަނޑުމެންގެ ބައިވަރު މައުލޫމާތު އެއްކުރެވިގެން ދެއެވެ. އަޅުގަނޑުމެން ހިދުމަތް ހޯދާތަންތަނުން މި މައުލޫމާތު ވިއްކުން ފަދަ އަޅުގަނޑުމެން ހިތްހަމަ ނުޖެހިދާނެ ފަދަކަންތައް ނުކުރިކަމުގައި ވިޔަސް މިކަމުން އަޅުގަނޑުމެންނަށް ނުރައްކާތަކަކާ ދިމާވެގެން ދެއެވެ. އެވިޔަފާރިތަކާއި މުއައްސަސާތަކުން އެއްކުރާ މައުލޫމާތު އެހެން ފަރާތްތަކުން ހޯދުމުގެ ސަބަބުން އަޅުގަނޑުމެންގެ ބައެއް ނާޒުކު މައުލޫމާތުތަކެއް ހާމަވެގެންދެއެވެ. ދާދި ފަހުން އާރު.ޓީ.އެލް އެޕްގެ ކަސްޓަމަރ ކާޑު ނަންބަރު ފަދަ ކަސްޓަމަރުންގެ ތަފްސީލު ލީކުވެގެން ދިއުމަކީ މިކަމުގެ ބިރުވެރިކަމުގެ ވަރަށް ރަނގަޅު މިސާލެކެވެ.

އެހެންވީމާ، އަޅުގަނޑުމެންނަށް އެހާ ގިނަ އެޕްތައް ބޭނުންކުރަންވާނެތޯ؟ މިއީ ރަނގަޅު ކަމަކަށް ވި ދުވަސްވަރެއް ދިޔަ ނަމަވެސް، އެ ވަގުތުވަނީ ފާއިތުވެ ގޮސްފައެވެ. މިހާރު މޯބައިލްގައި ވެބްސައިޓްތައް ވަނީ އެހައިރާ ބަލާފައި މާ ރެސްޕޮސިވް އަދި ފަންކްޝަނަލް ވެފައެވެ. ވަކިން އެންޑްރޮއިޑް އާއި އާއި.އޯ.އެސް އެޕް ހެދުމަށް ފައިސާ ޚަރަދު ކުރުމުގެ ބަދަލުގައި ވިޔަފާރިތަކާއި މުއައްސަސާ ތަކަށް ރަނގަޅު އަދި ފަންކްޝަނަލް ވެބްސައިޓްތައް ހެދުންވެސް މާ ބުއްދހވެރިވެގެންދާނެވެ. ނަމަވެސް މިއީ ކޮންމެ ވިޔަފާރި އަކަށް އެންމެ ރަނގަޅު ނަތީޖާ އަކަށް ނުވެދާނެއެވެ. އެޕެއް ހެދުމުގެ ކުރިއަށް، އެ އެޕަކީ އެ އެޕް މެދުވެރިކޮށް އެއެޕް ބޭނުންކުރާ ފަރާތްތަކަށް ގަވާއިދުން ބޭނުންކުރައްވާނެ ފަރާތްތަކަށް މުޢާމަލާތުކޮށް، ބޭނުންކުރުމުން ސާފު މަގުސަދެއް ހާސިލުކުރުމަށް ފަސޭހަވެ، އެ ދަރާތްތަކުގެ މައުލޫމާތު ރައްކާތެރިކުރެވިގެން ދާންޖެބެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.