ސުޕަކޮމްޕިއުޓަރުގެ އެހީގައި 5 ގަޑިއިރުން ސުޕަރނޯވާގެ 3ޑީ މޮޑެލްއެއް

އަޝްނާ ރަޝީދު 24 ޖުލައި 2023

ބައިނަލްއަގްވާމީ ދިރާސާވެރިންގެ ޓީމަކުން ވަނީ އެކްޒޮޓިކް ސުޕަނޯވާތަކުގެ ފުރަތަމަ ހައި ޑެފިނިޝަން، 3ޑީ ހައިޑްރޯޑައިނަމިކު ސިމިއުލޭޝަން އުފައްދާފައެވެ. މި ދިރާސާވެރިން މި މަސައްކަތް ނިންމާފައިވަނީ އެކަޑަމިއާ ސިނިކާ އިންސްޓިޓިއުޓް އޮފް އެސްޓްރޮނޮމީ އެންޑް އެސްޓްރޯފިޒިކްސްގެ ކޭ-ޖަންގް ޗެން އިސްކޮށް ހުންނަވައިގެންނެވެ. މި ގޮތުން، ދިރާސާވެރިން މި ސިމިއުލޭޝަން ތައްޔާރުކުރުމަށްޓަކައި އެތަކެއް އަހަރެއްގެ ދިރާސާއާއި 5 މިލިއަން ގަޑިއިރުގެ ކޮމްޕިއުޓިން ވަގުތަށް ހޭދަކޮށްފައިވެއެވެ. މިކަމަށްޓަކައި އެމެރިކާގެ ލޯރެންސް ބަރކްލީ ނޭޝަނަލް ލެބޯޓްރީއާއި ޖަޕާނުގެ ނޭޝަނަލް އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީގެ ސުޕަރކޮމްޕިއުޓަރުތަކެއް ބޭނުންކޮށްފައިވެއެވެ. މި ދިރާސާގެ ހޯދުންތައްވަނީ އެސްޓްރޯފިޒިކްސް ޖާނަލްގައި ޝާއިއުކޮށްފައިވެ އެވެ.

ސުޕަރނޯވާތަކަކީ ކައުނުގެ އެންމެ ބޮޑު ބައެއް ތަރިތަކުގެ ހަޔާތުގެ ނިމުމުގެ އަޖައިބުވަނިވި ނިޝާނެކެވެ. މި ގޮތުން ސުޕަރނޯވާ ހިނގައިގަތުމުގެ ތެރޭގައި މި ތަރިތައް ގޮވައިގެންގޮސް އިންތިހާއަށް ގަދަ އަލިކަމާއި އެ ތަރިތެރޭގައި އުފެދިފައިވާ ބަރު މާއްދާތައް ދޫކުރެއެވެ. މި ގޮވުމުގެ ފަހުން ދިމާވެދާނެ ދެތިންކަމެއްވެއެވެ. މި ގޮތުން މި ތަރި ބްލެކްހޯލެއް ނުވްތަ ނިއުޓްރިނޯ ސްޓާއަކަށް ބަދަލުބެދާނެވެ. ނުވަތަ މި ތަރި "ވޭޕަރައިޒު" ވެސް ވެދާނެއެވެ. ނަމަވެސް ހުރިހާ ސުޕަރނޯވާތަކަކީ އެނގިފައިވާ ޢިލްމުން ޤާއިމުވެފައިވާ ފިޒިކްސަށް ތަބާވާ ސުޕަރނޯވާތަކެއްނޫނެވެ. މި ގޮތުން އާދަޔާ ހިލާފު ސުޕަރނޯވާތައް އެކްޒޮޓިކް ސުޕަރނޯވާގެ ނަންދީފައިވެއެވެ. އެސްޓްރޯފިޒިސިސްޓުން މިފަދަ ސުޕަރނޯވާތައް ދަސްކުރުމުގައި އުނދަގޫތަކަކާއި ފާއިތުވީ އަހަރުތަކުގައި ކުރިމަތިވެފައިވެއެވެ. ނަމަވެސް މި ސިމިއުލޭޝަންގެ ސަބަބުން މީގެން ދިމާވެފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ހޯދުމަށް އެހީއެއްލިބިގެންދާނެކަމަށް ޤަބޫލުކުރެެވެއެވެ.

އެކްޒޮޓިކް ސުޕަރނޯވާތައް އާންމު ސުޕަރނޯވާތަކާއި ވަރަށް ތަފާތެވެ. މިގޮތުން އެކިވައްތަރުގެ އކްޒޮޓިކް ސުޕަރނޯވާ ވެސް ތަފާތެވެ. މި ގޮތުން ސުޕަރލޫމިނަސް ސުޕަރނޯވާ އާއި އެޓަނަލީ ލޫމިނަސް ސުޕަރނޯވާ އަކީ ވެސް އާދައިގެ ސުޕަރނޯވާ އަށް ވުރެ އަލިގަދަ ސުޕަރނޯވާތަކެކެވެ. މީގެން ފުރަތަމަ ފާހަގަކުރެވުނު ވައްތަރު އާންމު ސުޕަނޯވާތަކަށް ވުރެ 100 ގުނަ އަލިގަދަ ވީ ނަމަވެސް، އެ ސުޕަނޯވާއަށް މި އަލިކަން ދެމެހެއްޓޭނީ ހަމައެކަނި މަދު ހަފްތާއެއްހާ ދުވަހަށްވަހަށެވެ. މިޔާހިލާފަށް މީގެ ދެވަނަ ވައްތަރަށް އެތައް އަހަރެއްވަންދެން މިއަލިކަން ދެމެހެއްޓޭނެވެ. އެހެން އެކްޒޮޓިކް ސުޕަރނޯވާތަކުން މިޔާ ހިލާފަށް އަލިކަންއަންނަމިންވަރާއި މުއްދަތު ތަފާތުވެއެވެ. މިކަމުގެ ސަބަބުން ކުރިން އެކަންކަން މޮޑެލް ކުރުމަށް ސައިންސްވެރިންނަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވެއެވެ.

އެކްޒޮޓިކް ސުޕަނޯވާތަކާމެދު އިލްމުވެރިންގެ އެތަކެއް ސުވާލެއްވެއެވެ. އެހެނަސް، އިލްމުވެރިން ލަފާކުރާގޮތުގައި މި ސުޕަނޯވާތައް އުފެދިގެން ދަނީ އިރައްވުރެ 80 އާއި 140 ގުނަ ބޮޑެތި ތަރިތަކުގެ ހަޔާތުގެ ފަހުކޮޅުގައި ތަރިތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. ތަރިތަކުގެ ތެރޭގައި ހިނގަމުންދާ މި ބަދަލުތަކުގެ ސަބަަބުން ބައިވަރު ހަކަތަ ކާއިނާތު ތެރެއަށް ދޫކުރާފަދަ ގޮވުންތަކެއް ގޮވައިގެންދެއެވެ. މި ފަދަ ބޮޑެތި ތަރިތައް ގޮވައިގެން ދިއުމަށް އެކްޒޮޓިކް ސުޕަނޯވާ ކިޔައެވެ. މި ފަދަ ސުޕަނޯވާ މަދުވާ ސަބަބަކަށް ބެލެވެނީ ކާއިނާތުގައި މިހާ ބޮޑެތި ތަރިތައް މަދުވުމުންނެވެ.

މި ތަރިތަކުގެ ހަޔާތުގައި އަންނަ ބަދަލުތަކުގެ އަސްލަކީ ވަރަށް އަވަހަށް ބަދަލު ވަމުންދާ އަދި ފަސޭހައިން އަނދާޒާކުރެވޭ ބަދަލުތަކަކަށް ނުވާތީވެ، މި ފަދަ ސުޕަނޯވާތަށް މޮޑަލުކުރުމުގައި ދަތިތަކަކާއި ކުރިމަތިލައެވެ. މިގޮތުން، މީގެ ކުރީގައި ފަރުމާކުރެވިފައިވާ މޮޑަލުތަކަކީ ހަމައެކަނި 1ޑީ އާއި މަދު 2ޑީ މޮޑަލުތަކަކަށް ވުމުން، މި ސުޕަނޯވާތަކުގެ ފިޒީކްސް ރަނގަޅަކަށް ނުދައްކައެވެ.

މި ކުރިން ފާހަގަކޮށްފައިވާ މޮޑެލްތަކުގެ މައިގަނޑު އެއް ގޮންޖެހުމަކީ ސުޕަރނޯވާ ގޮވުންތަކުގެ ޓަރބިއުލެންސް މި މޮޑަލުތަކުން ނުފެންނުމެވެ. ސުޕަރނޯވާތަކުގެ އަލިކަމާއި ގޮވާގޮވުމަކީ މި ތަރިތަކުގެ ތެރޭގައި އުފެދޭ ޓަރބިއުލެންސާއި ގުޅުންހުރިކަމަކަށް ވުމުން މި މޮޑަލުތަކުން އެކްޒޮޓިކް ސުޕަނޯވާތަކުގެ އަސްލެއް ރަނގަޅަކަށް ނުފެނެއެވެ. ނަސީބަކުން މި 3ޑީ މޮޑެލް އިން ވަނީ މި މައްސަލަ ހައްލުކޮށްފައެވެ.

މި ކަންކަން ހާސިލުކުރުމަށް ފުދޭ ވަރެއްގެ ކޮމްޕިއުޓޭޝަނެއް ބޭނުންވެއެވެ. މި ސިމިއުލޭޝަން މަތީ ރިޒޮލިއުޝަނެއްގައި ދަމަހައްޓާތީ، ރޭޑިއޭޝަން ހައިޑްރޯޑައިނަމިކްސް ސިމިއުލޭޝަން ބޭނުންކުރުމުން ސިމިއުލޭޝަންގެ ފަރުމާކުރުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް މިކަމުގެ ނަތީޖާ ވަރަށް ފުރިހަމައެވެ. މި ސިމިއުލޭޝަންގެ ސަބަބުން އެކްޒޮޓިކް ސުޕަނޯވާތަކާ ގުޅިގެން ފެންނަ ކަންކަމާ ބެހޭގޮތުން އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޖަވާބުދެވެއެވެ.

މި ސިމިއުލޭޝަންގެ ސަބަބުން އެކްޒޮޓިކް ސުޕަނޯވާގެ ތަފާތު ފިޒިކަލް ޑިސްޓްރިބިއުޝަންތައް ފަސޭހައިން ފެނިގެންދެއެވެ. ޓެމްޕަރޭޗަރ(I)، ވެލޮސިޓީ(II)، ރޭޑިއޭޓިވް އެނާޖީ ޑެންސިޓީ (III) އަދި ގޭސް ޑެންސިޓީ (IV) ފަދަ ފިޒިކަލް ކުއަންޓިޓީތައް ސިމިއުލޭޓް ކުރެވި، ސައިންސްވެރިންނަށް އެކްޒޮޓިކް ސުޕަނޯވާއެއްގެ ތެރޭގައި ހިނގައިދާ ކަންތައް އިތުރަށް ދަސްކުރެވޭނެއެވެ. މި ސިމިއުލޭޝަނުން ދައްކުވައިދެނީ މަރުވަމުންދާ ބޮޑެތި ތަރިތަކުގެ ތެރޭގައިވާ ޓަރބިއުލެންސް ބޭރަށް ފެތުރި، އޭގެ ނަތީޖާއެއްގެ ގޮތުން ފާހަގަކުރެވޭ ގިނަ ހާދިސާތަކެވެ. އަދި ބޭރުވާ ތަރީގެ މާއްދާތައް އެކަތިއަނެކައްޗާއި ޖެހުމުގެ ސަބަބުން އުފެދޭ ތާމަލް ރޭޑިއޭޝަނު ވެސް ދައްކުވައިދީ، މި ތަރި ގޮވައިގެން ދިއުމަށް ދިމާވެދާނެ ފިޔަވަޅު ތަކާއި ސަބަބުތަކެއް ހާމަކޮށް ދެއެވެ. މިކަމުގެ ސަބަބުން މިކަމާ ބެހޭ އިލްމުވެރިންނަށް އިތުރު އިލްމުތަކެއް ލިބި، ފަހުން ބަލާ ބެލުންތަކުން ކަށަވަރުކުރެވޭނެ ކަންތަކެއް އުފައްދައިދެއެވެ.

މުސްތަޤުބަލުގައި މިފަދަ ފުރުސަތުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. ޗިލީގެ ވެރާ ރޫބިން ޓެލެސްކޯޕާއި، ނޭންސީ ގްރޭސް ރޯމަން ސްޕޭސް ޓެލެސްކޯޕާއި ޔޫކްލިޑް އިން އިތުރު ސުޕަނޯވާތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ކުރެވޭ މިފަދަ ފުރުސަތުތަކުން އަޅުގަނޑުމެންގެ ޢިލްމު އިތުރުވެގެންދާނެ ނަމަވެސް، މި ވަގުތު މި ސިމިއުލޭޝަންގެ ސަބަބުން އަޅުގަނޑުމެންނަށް ބޮޑެތި ތަރިތަކުގެ މަރާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދަސްވެގެންދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.