ސްމާޓްފޯނުތަކަށް ޔޫއެސްބީ-ސީ ޓައިޕް ޗާޖަރު ހިމަނަން ޖެހޭގޮތަށް ކަނޑައަޅައި މަޖުބޫރުކޮށް ސައުދީ އަރަބިއްޔާއިން ގާނޫނެއް ފާސްކޮށްފިއެވެ.
ސައޫދީން ފާސްކުރި ޤާނޫނުގައި ބުނާގޮތުން 2025 ވަނަ އަހަރުން ފެށިގެން އެޕަލްގެ އައިފޯނުގެ އިތުރުން ސައުދީ އަރަބިއްޔާގައި ވިއްކާ ހުރިހާ އެންޑްރޮއިޑް ސްމާޓްފޯނެއްގައި ޔޫއެސްބީ-ސީ ޗާޖިން ޕޯޓެއް ހުންނަން ޖެހޭނެއެވެ. އަދި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ސައޫދީގައި ވިއްކާ ހުރިހާ ލެޕްޓޮޕްތައްވެސް އެގޮތަށް ޗާޖިންޕޯޓް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުރިހާ ސްމާޓްފޯނެއް ޔޫއެސްބީ-ސީ ޗާޖިންއަށް ބަދަލުކުރަން އެންގުމާ އެކު ސައުދީ ސަރުކާރުން ވެސް މިވަނީ އެގޮތަށް އަމަލުކޮށްފައެވެ.
ޖީއެސްއެމް އެރީނާއިން ބުނި ގޮތުގައި މި ގާނޫނަކީ އީ-ވޭސްޓް މަދުކޮށް، ޖުމްލަގޮތެއްގައި ހަރަދު ކުޑަކޮށް، ބޭނުންކުރާ މީހުންގެ ތަޖުރިބާ ރަނގަޅު ކުރުމުގެ މަގުސަދުގައި ހަދާފައިވާ ގާނޫނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން އިއުލާނުކޮށްފައިވަނީ ސައުދީ ސްޓޭންޑާޑްސް، މެޓްރޯލޮޖީ އެންޑް ކޮލިޓީ އޯގަނައިޒޭޝަނާއި ކޮމިއުނިކޭޝަންސް، ސްޕޭސް އެންޑް ޓެކްނޮލޮޖީ ކޮމިޝަނުން ކަމަށްވާއިރު، އެ ކޮމިޝަނުން ބުނެފައި ވަނީ އެ ގާނޫނު ތަންފީޒު ކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
ޖެނުއަރީ 1، 2025 އިން ފެށިގެން މި ގާނޫނުގެ ދަށުން އަލަށް އުފައްދާ ހުރިހާ ސްމާޓްފޯނާއި ހެޑްފޯން، ކީބޯޑް، ސްޕީކަރު އަދި ރައުޓަރުތައް ޔޫއެސްބީ-ސީ ޗާޖިން ޕޯޓްތަކަށް ބަދަލުކުރަން ޖެހޭނެ އެވެ.
އޭގެ ފަހުން ދެން އެޕްރީލް 1، 2026 އިން ފެށިގެން ލެޕްޓޮޕް ކޮމްޕިއުޓަރުތަކަށް އަމަލުކުރަން ގާނޫނުގެ މުއްދަތު އިތުރުކުރާނެ އެވެ.
މި އަހަރުގެ އައިފޯން 15 އިން ފެށިގެން ނެރޭ ހުރިހާ އައިފޯންތަކެއް ޔޫއެސްބީ-ސީ އަށް ބަދަލުކުރާނެ ކަމަށް ބެލެވޭއިރު، އީޔޫގެ ގާނޫނުބުނާ ގޮތުން އެކަން ކުރަން ޖެހޭނީ 2025 ވަނަ އަހަރު އައިފޯން 17 އިން ފެށިގެންނެވެ.
ސައުދީގެ ގާނޫނުގެ ސަބަބުން އެޕަލް އަށް އަސަރު ކުރާނެ ކަމަކަށް ނުބެލެވޭއިރު، އައިފޯން 15 ރޭންޖުގެ ޔޫއެސްބީ-ސީ ކޮމްޕޯނެންޓްސްގެ ފޮޓޯތަކެއް ލީކުވެފައިވާ ކަމަށް ބައެއްރިޕޯޓްތައް ބުނެއެވެ.
ނަމަވެސް އެޕަލް އިން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ބުނަމުން އައީ އާންމު ޗާޖަރަކަށް ބަދަލުވުމަކީ އިނޮވޭޝަނަށް ހުރަސް އެޅޭނެ ކަމެއް ކަމަށާއި އީ-ވޭސްޓް މަދުކުރުމުގެ ބަދަލުގައި އީ-ވޭސްޓް އިތުރުވާނެ ކަމަށެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެޕަލް އިން ޔޫއެސްބީ-ސީ ކޭބަލްތަކުގައި ޗާޖިން އާއި ޑޭޓާ ޓްރާންސްފާ ސްޕީޑް ތްރޮޓްލް ކުރާނެ ކަމަށް ބުނެ އެ ކުންފުނިން ސެޓިފައި ކޮށްފައި ނުވާ ކަމަށް އަޑުފެތުރުނެވެ. ނަމަވެސް އީޔޫއިން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ވެއްޖެ ނަމަ އީޔޫއިން އައިފޯން ވިއްކުން މަނާކުރާނެ ކަމަށް އެޕަލް އަށް ވަނީ އަންގާފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.