ޕްރޮގްރާމިން ސުވާލުތަކުގައި ޗެޓް-ޖީޕީޓީ އެހާ މޮޅެއްނޫން

އަޝްނާ ރަޝީދު 13 އޯގަސްޓު 2023

ޗެޓް-ޖީޕީޓީ ތައާރަފުވެގެން ދިޔައިރުގައި ހުރިހާ އެންމެންވެސް ހީކޮށްގެން ދިޔައީ މިއީ އިންސާނުން މައުލޫމާތު ހޯދުމުގެ މުސްތަގުބަލުކަމަށެވެ. މިގޮތުން ޕްރޮގްރާމިންނާއި މިފަދަ އެހެން ދާއިރާތަކުން އާންމުކޮށް ބޭނުންކުރާ ވަސީލަތްތަކަށް ވުރެ އަވަހަށް ޖަވާބުލިބިގަނެވޭ އެއޗެއް ކަމުގައި ދެކިގެން ދިޔައެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކައި ގޮތުގައި މިއީ މިކަމަށް އެންމެ ރަނގަޅު އަދި ފުރިހަމަ ވަސީލަތްކަމަށް ނުވެދާނެވެ.

ޕާޑޫ ޔުނިވާރސިޓީގެ ދިރާސާއިން ދައްކާ ގޮތުގައި ޗެޓް-ޖީޕީޓީ ބޭނުންކޮށްގެން ސޮފްޓުވެއަރ އިންޖިނިއަރިންގާއި ގުޅޭގޮތުން ފަރުމާކޮށްފައިވާ ޖަވާބުތަކުގައި މައްސަލަތަކެއް ހުރެއެވެ. މި ދިރާސާ ދައްކައިދޭ ގޮތުގައި ޞައްޙަ މަޢުލޫމާތު ހޯދުމަށް ސްޓޭކްއޮވަރފްލޯ ފަދަ ފޯރަމްތަކުގެ ބަދަލުގައި ޗެޓް-ޖީޕީޓީ ބޭނުންކުރާ ދުވަހެއް އަދިއެއް ނާދެއެވެ. ޗެޓް-ޖީޕީޓީ މެދުވެރިކޮށް ފަރުމާ ކުރެވޭ ޖަވާބުތަކުގައި ކުށް ހުންނަކަމާއި ބޭކާރު ވާހަކަ ދެކެވޭ ކަން ފާހަގަކުރެވިފައިވެއެވެ. މީގެކުރިން މިދާއިރާގައި މައުލޫމާތު ހޯދުމަށް ބޭނުންކުރުން އެންމެ ބޮޑު ފޯރަމް ކަމަށްވާ ސްޓޭކްއޯވަރފްލޯ އިން ވަނީ ޗެޓް-ޖީޕީޓީ ފަދަ ޖެނެރޭޓިވް-އޭ.އައި ޖަވާބުތައް ފަރުމާކުރުމަށް ބޭނުންކުރުން މަނާކޮށްފައެވެ.

މި ނިންމުން ވެގެން ދިޔައީ އެ ޕްލެޓްފޯމަށް ވަރަށް ރަނގަޅު ނިންމުމަކަށެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، އެ ފަރާތްތަކުން ބަލަމުން ދިޔަ ހުރިހާ ޑިމޭންޝަންތަކަކުން ވެސް ޗެޓް-ޖީޕީޓީއަށް ވުރެ ސްޓޭކްއޮވަރފްލޯއިން ލިބޭ ޖަވާބުތައް މާ ރަނގަޅު އަދި ފުރިހަމަ އެވެ. މިގޮތުން، މައުލޫމާތުގެ ސައްހަކަމާއި، ބޭނުންތެރިކަމާއި، ފުރިހަމަކަމާއި ކުރުކަން ވެސް ވަނީ ސްޓޭކްއޮވަރފްލޯއިން މާ ބޮޑަށް ދައްކާފައެވެ.

މި ދިރާސާއިންވަނީ ޗެޓް-ޖީޕީޓީއިން ގޯސް މައުލޫމާތު ފެތުރުމުގެ ނުރައްކާ ވެސް ފާހަގަ ކުރައްވާފައެވެ. ޖަވާބުތައް ފަރުމާކޮށްފައިވާ ރާގަކީ އިތުބާރު ހޯދާ ފަސޭހައިން ޤަބޫލުކުރެވޭ ރާގެކެވެ. މިކަމުގެ ސަބަބުން، ގޯސް ޖަވާބުތައް ދެނެގަތުމަށް މީހުންނަށް އުނދަގޫވެއެވެ. ޗެޓް-ޖީޕީޓީއިން ފަރުމާކުރާ ޖަވާބުތައް ގަބޫލުކުރަން އެހާ ފަސޭހަވާ ސަބަބަކީ މި ޖަވަބުތަކަކީ ގިނަ ފަހަރު އާންމު ގޮތުގައި ކަމަކާ މެދު މައުލޫމާތު ހުރެގެން މީހުން ވާހަކަ ދައްކާ ކަހަލަ ރާގެއްގައި ގަބޫލުކުރެވޭ ކަހަލަ ގޮތަކަށް މައުލޫމާތު ފަރުމާކޮށްފައި ވާތީއެވެ. މިކަމުގެ ސަބަބުން ކަމަކާއި ބެހޭ ގޮތުން މައުލޫމާތު އެހާ ބޮޑަށް ނޭންގޭ ފަރާތަކަށް މިއީ ހަމަ ތެދު ކަމަށް ޤަބޫލުކުރެވިދާނެވެ.

މިއީ ޗެޓް-ޖީޕީޓީގެ އުނިކަމެއް ހެއްޔެވެ؟ މިކަމުގެ ކުރު ޖަވާބަކީ ނޫނެކެވެ. ޗެޓް-ޖީޕީޓީގެ ބޭނުމަކީ ޖަވާބު އުފެއްދުމެއް ނޫންނެވެ. ޗެޓް-ޖީޕީޓީގެ މަގުސަދަކީ އިންސާނުންހެން ވާހަކަ ދެއްކުމުގެ ގާބިލްކަން ހުރި އާޓިފިޝަލް އިންޓެލިޖެންސަކަށް ވުމެވެ. މިކަންތައް ވަނީ ޗެޓް-ޖީޕީޓީ ވަރަށް ރަނގަޅަށް ހާސިލުކުރައްވާފައެވެ. އެކަމަކު ދާއިރާތަކަށް ޚާއްޞަ މައުލޫމާތު ހޯދާ ވަސީލަތެއްގެ ގޮތުގައި ޗެޓް-ޖީޕީޓީ ކައިރި މުސްތަގުބަލުގައިވުން އެކަށީގެނެއްނުވެއެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.