ސްމާޓްކޮމްއިން ހުޅުމާލޭގައި އައޯޓީ ސެންސަރ ނެޓްވޯކެއް ގާއިމުކުރުން

ޝުޖާޢަތު ރަޝީދު 13 އޯގަސްޓު 2023

ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކަކުން ހުޅުމާލެ ސްމާޓް ސިޓީއަކަށް ވުމަށް މިސްރާބުޖަހައިފިއެވެ.

އާބަންކޯގެ ސްމާޓްކޮމްއިން ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ރައްކާތެރިކުރުމަށް މުޅި ހުޅުމާލެ ކަވަރުކުރާ ގޮތައް އައި.އޯ.ޓީ ސެންސަރުން ނެޓްވޯކެއް ޤާއިމުކޮށް 10 އޯގަސްޓް ވަނަ ދުވަހު ލޯންޗްކޮށްފިއެވެ.

އައި.އޯ.ޓީ ސެންސަރ ނެޓްވޯކް ލޯންޗުކުރީ ލިވިން އެކްސްޕޯގައި

މި އައި.އޯ.ޓީ ނެޓްވޯކަށާއި ސެންސަރުތަކަށް ބަލާލާއިރު ފާހަގަކޮށްލެވޭ އެތަކެއް ފައިދާތަކެއް އެބަހުއްޓެވެ.

މި އައި.އޯ.ޓީ ސެންސަރުތަކުގެ އެހީގައި، ލޯ ޕަވާ، ވައިޑް އޭރިއާ (އެލް.ޕީ.ޑަބްލިއު.އޭ) ނެޓްވޯކިން ޕްރޮޓޮކޯލެއް ވަނީ ޑިޒައިން ކުރެވިފައެވެ.

ލޯރާވޭން ނެޓްވޯކަކީ ބެޓަރީ ބޭނުންކޮށްގެން ބޭނުންކުރެވޭ ތަކެއްޗާއި ވަޔަރލަސްކޮށް ކަނެކްޓްކޮށް ރަނގަޅު ސްޓޭންޑެޑެއްގައި މުޢާމަލާތުކޮށް ސެކިއުރިޓީ ކަށަވަރުކޮށް މޮބިލިޓީ އަދި ލޯކަލައިޒޭޝަނަށް އިސްކަން ދީގެން ފަރުމާކުރެވިފައިވާ އައި.އޯ.ޓީ ނެޓްވޯކެކެވެ.

މިއީ ލޯރާވޭން އާކިޓެކްޗާ ޑިޒައިންކުރެވިފައިވާ ގޮތެވެ.

ފުރިހަމައަށް ޑިޒައިންކުރެވިފައިވާ މިފަދަ އާކިޓެކްޗާރ ނެޓްވޯކަކުން ކަށަވަރުކޮށްދެނީ ސެންޓްރަލް ނެޓްވޯކް ސާވާއަކަށް މުހިންމުވާނެ މަޢުލޫމާތުތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމެވެ.

މި ނެޓްވޯކުން އެތަކެއް ފައިދާތަކެއް ފޯރުކޮށްދީ، ސިޓީއެއް ސްމާޓް ކުރުމަށް އެހީވެދެއެވެ. ސެންސަރުގެ އެހީގައި ތިމާވެށީގެ ކަންތައްތައް މިސާލަކަށް އަޑު، ވަޔާއި ފެނުގެ ޕޮލިއުޝަން ލެވެލްތައް ބަލައި، ވައިގެ ކޮލިޓީ އަދި މިހާރުގެ ހާލަތު އަބަދުމެ ހާމަކޮށްދެއެވެ.

މީގެ އިތުރުން ޕާކުތަކާއި އެކި ދަނޑުތަކަށް ފެންދިނުމަށް އެހީ ފޯރުކޮށް ބިންގަނޑުގެ ތެތްކަމާއި ހާލަތު ހާމަކޮށްދީ ޕާކުތައް ބެލެހެއްޓުމަށް މުވައްޒިފުންނަށް ފަސޭހަވާނެ މަޢުލޫމާތު ފޯރުކޮށްދެއެވެ.

އަހަރެމެންނަށް އެންމެ އުނދަގޫ ކަމެއް ކުރިމަތިވެފައިވާ އެއްކަމަކީ ސައިކަލާއި އެހެނިހެން މަގުމަތީ އުޅަނދުތައް ޕާކް ކުރުމެވެ. ލޯރާވޭންގެ ސެންސަރުތަކުން ޕާކިން ޒޯންތައް ބަލަހައްޓައި ޕާކް ކުރުން މަނާ ސަރަހައްދުތައް އަބަދު ބެލެހެއްޓެއެވެ.

މިއީ އެމްބިއުލާންސާއި ޕޮލިހުގެ ޚިދުމަތަށާއި އެހެނިހެން އެކްސެސިބިލިޓީތަކައް ފަސޭހަކޮށް ޕާކިންއަށާއި ވަދެ ނިކުތުމަށް މަގުތަކަށް ފަސޭހަކުރުމުގެ ނިޔަތުގައެވެ.

ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ދެން އެންމެ މުހިންމު ކަމަކީ ރީތި، ސާފު މަގުތަކެވެ. މި ހައްލުގެ ސަބަބުން ކުނި މެނޭޖް ކުރުމަށް ބޮޑު އެހީއެއް ލިބެއެވެ. ސްމާޓް ބިންތަކުގެ އެހީގައި އެންމެ އަވަހަށް ބިންތައް ފުރެމުންދާ ސަރަހައްދުތައް ދެނެގަނެވި، ކުނި އަވަހަށް ނަގައި، އިތުރު ބިންތައް ބަހައްޓަންޖެހޭ ތަންތަނާއި މިންވަރު ދެނެގަނެވެއެވެ. މިއީ ފިއުލް ސޭވް ކުރުމަށާއި ޕޮލިއުޝަން ދަށްކުރުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ވެގެންދާނެކަން ޔަޤީނެވެ.

ސްމާޓް ޑަސްޓްބިން އެއް

މަގުތަކަށް އިތުރު ރީތިކަމާއި ރައްކާތެރިކަމެއް ދެން ގެނުވަނީ މަގުތަކުގައި ހަރުކުރެވިފައިވާ ބޮކިތަކުންނެވެ. ލޯރާވޭންގެ އެހީގައި އެނާޖީ ފޫޓްޕރިންޓް މަދުކުރުމަށް ބޮކިތަކުގެ ހާލަތު ދެނެގަނެވި އާބަން އޭރިއާތަކަށް އިތުރު ރައްކާތެރިކަން ކަށަވަރުކޮށްދޭނެއެވެ. މިއީ ވަގުތުން މަގުގައި ހަރުކުރެވިފައިވާ ލައިޓްތަކުގެ ހާލަތު މޮނިޓާ ކުރެވޭ ސިސްޓަމެކެވެ.

މީގެ އިތުރުން ނަރުދަމާގެ ނިޒާމްވެސް ބަލަހައްޓައި ފެން ހޮޅިތަކުގައި އުޅޭ ލީކްތަކާއި ވާރޭގެ ސަބަބުން ފެން ބޮޑުވާ ސަރަހައްދުތައް ދެނެގަނެވެއެވެ. މިވެސް ސެންސަރުގެ އެހީގައި ނެގޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދެނެގަނެވޭ ކަންތައްތަކެވެ.

މި ހުރިހާ ޚިދުމަތަކަށްވެސް ދެން ފުރިހަމަކަން ކަށަވަރުކޮށްދެނީ މި ނެޓްވޯކްގެ ސެކިއުރިޓީ އަދި ޕްރައިވެސީއިންނެވެ. ލޯރާވޭން ޓްރެކާސްތަކުން އެސެޓްތައް ހުރިތަންތަން އަންގައިދީ، ބޭނުންވާ އެލާޓްތައް ފޯރުކޮށްދެއެވެ.

ލޯރާވޭން ސިގްނަލް ކަށަވަރުވާ މިންވަރު - ފޮޓޯ އާބަންކޯ

ސްމާޓްކޮމްއިން ހުޅުމާލޭގައި ލޯރާވޭންގެ ޚިދުމަތް ބިނާކޮށްފައިވަނީ ރައްޔިތުންނާއި އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނީގެ އިންފްރާސްޓަރަކްޗަރ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ނިޔަތުގައެވެ.

މިހާރު މި ސެންސަރުތައް ހުޅުމާލެ ފޭސް 1، ފޭސް 2، ފޭސް 3 އަކާއި ކުޑަގިރީގައި އެކި ތަންތަނުގައި ހަރުކުރެވި، 65 ސްމާޓް ޑަސްޓްބިންތައް ސެންސަރާއިއެކު ބެހެއްޓިފައިވެއެވެ. މި ޑަސްބިންތައް ނަގައި ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި އެކު އާބަންކޯ ގުޅިގެން މަސައްކަތް ކުރެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.