މިއީ އާންމުކޮށް މީހުން މިހާރު ބޭނުންކޮށް އުޅޭ ސްމާޓްފޯނެއް ނޫނެވެ. އަދި މިއީ އާދައިގެ ބައްތިފޯނެއް ވެސް ނޫނެވެ. 30 € އަމިއްލަޔަށް ފަރުމާކުރެވޭ މި ފޯނަކީ ފޯނެއްގެ އާދައިގެމަތިން ކުރެވޭ ބޭނުންތައް ފުދޭ ފޯނެކެވެ. މި ފޯނު އިއުޖާދަކުރި ފަރަންސޭސިވިލާތުގެ 16 އަހަރު ފުރިފައިވާ ގެބްރިއަލް ރޮޝެޓް ބުނާގޮތުން މި ފޯނަކީ ތިމާވަށްޓާއި އަހުލުވެރި، އަގުހެޔޮކޮށް އަމިއްލަޔަށް ފަރުމާ ކުރެވޭ ފޯނެކެވެ.
ރޮޝެޓް ބުނާގޮތުން، މިއީ މީގެ ތިން އަހަރު ކުރިން ފަށާފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ތެރެއިން ފޯނުގެ ހާޑްވެއާ އާއި ސޮފްޓްވެއާ ވެސް ވަނީ އަމިއްލަޔަށް ފަރުމާކޮށްފައި އޯޕަންސޯސް ކޮށްފައެވެ. ރޮޝެޓް މި ޕްރޮޖެކްޓް އޯޕަންސޯސް ކުރުމުގެ މައިގަނޑު ސަބަބަކީ މި ޕްރޮޖެކްޓުން އެހެންމީހުންނަށް ވެސް ފައިދާ ލިބިގަނެވުމުގެ ނިޔަތުގައެވެ. މި ފޯނު އުފެދުމުގައި ބޭނުންކުރި ސާކިޓުތަކާއި، ކޯޑާއި 3D ޕްރިންޓުކުރަން ބޭނުންކުރެވޭނެ މޮޑަލުތައް މި ޕްރޮޖެކްޓު ވެބްސައިޓުގައި ލިބެން އެބަހުރިއެވެ.
މި ފޯނަކީ ސްމާޓްފޯނެއް ނޫނެވެ. ނަމަވެސް ފޯނެއްގެ އަސާސީ ބޭނުންތައް މި ފޯނުން ފުއްދެއެވެ. މި ފޯނު ހިނގަނީ މިއަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕަކްސްއޯއެސް_8 ކެވެ. މި ވަގުތު މި ފޯނުގައި މާގިނަ އެޕްލިކޭޝަންތަކެއް ނެތެވެ. ނަމަވެސް މިފޯނުން ގުޅުމާއި މެސެޖުކުރުމާއި، ކަލްކިއުލޭޓަރާއި މިއާއެކު އިންސްޓޯލުކޮށްފައިވާ ގޭމުކުޅުން ފަދަ ކަންތައް ހިމެނެއެވެ.
ގެބްރިއަލް ރޮޝެޓް ބުނާގޮތުގައި އޭނާގަސްތު ކުރީ ތިމާވައްޓާއަހުލުވެރި ފޯނެއް އުފެއްދުމެވެ. މިގޮތުން ފޯނުގެ އެކިއެކި ބައިތައް އުފެއްދު މުގައި މިކަމަށް ވިސްނާފައިވެއެވެ. މި ފޯނުގެ ބޭރުގަނޑު ފަރުމާކޮށްފައި ވަނީ ޕްލާސްޓިކާއި ސްކަލޮޕް ޝެލް ކުނިންނެވެ.
މި ފޯނު އަމިއްލަޔަށް ފަރުމާކުރަން ބޭނުންވާ ފަރާތްތަކުންނަށް ހުރިހާ މައުލޫމާތެއް ވެސް މި ޕްރޮޖެކްޓު ވެބްސައިޓުން ލިބެން އެބުހުރި އެވެ. މި ގޮތުން މި ޕްރޮޖެކްޓުގައި ހިއްސާވާން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.