އިންޑިއާގައި އެޕަލްގެ އައިފޯން 15 އުފައްދަން ފަށައިފި

އަޙްމަދު ދާއޫދު 17 އޯގަސްޓު 2023

އެޕަލްގެ އަމާޒަކީ އެކުންފުނީގެ އުފެއްދުންތައް ޗައިނާއަށް ބަރޯސާ ނުވެ އެހެން ޤައުމަތަކުގައި އުފެއްދުން ކަމަށްވާތީ އެމާޒަށް ވާޞިލްވުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އިންޑިއާގައި އައިފޯން 15 އުފައްދަން ފަށައިފިއެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން 15 ގެ އުފެއްދުންތައް ޗައިނާއިން ޑައިވާސިފައި ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސަޕްލަޔަރު ފޮކްސްކޮން އިން އިންޑިއާގައި އައިފޯން 15 އުފެއްދުމުގެ މަސައްކަތް މިހާރުވަނީ ރަސްމީކޮށް ފަށައިފަ އެވެ.

ފޮކްސްކޮންގެ ސްރީޕެރުމްބުދުރު ޕްލާންޓުން ޗައިނާގެ ފެކްޓްރީތަކުން ޝިޕްކުރަން ފެށިތާ ހަފުތާއެއްހާ ދުވަސް ފަހުން އާ ފޯނުތައް ޑެލިވަރީ ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގް އިން ބުނެފައިވެ އެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުން އެޕަލްގެ ސަޕްލައި ޗެއިން ޑައިވާސިފައި ކުރުމަށް އެޕަލް އިން ވަނީ އަމާޒު ހިފާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ވައިޓް ހައުސްގައި މި އަހަރު ބޭއްވި ބައްދަލުވުމަށް ފަހު އެޕަލްގެ ސީއީއޯ ޓިމް ކުކް ސީއެންބީސީއަށް ވިދާޅުވީ އިންޑިއާ ރަމްޒުކޮށްދެނީ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ޗައިނާ ސަރުކާރާ މެދު އެމެރިކާއިން ޝައްކު އުފައްދަމުންދާ ދަނޑިވަޅެއްގައި ބައިޑަންގެ ސަރުކާރުން ވަނީ މުހިންމު ޓެކްނޮލޮޖީތަކާއި އެމެރިކާއިން ޗައިނާއަށް ކުރާ އިންވެސްޓްމަންޓްތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ޗައިނާއިން ވަނީ އެމެރިކާގެ ބައެއް ސެމިކޮންޑަކްޓަރުތައް ވިއްކުމަށް ވެސް ހުރަސްތަކެއް އަޅާފައެވެ.

އެޕަލް އިން ދާދި ފަހުން ވަނީ އިންޑިއާގައި އައިފޯން އުފައްދާ މިންވަރު އިތުރުކޮށް، ފާއިތުވި އަހަރުގެ ތެރޭގައި އެ ގައުމަށް ހަތް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފަ އެވެ.

އެ އައުޓްލެޓުން މިދިޔަ އޭޕްރީލް މަހު ބުނެފައި ވަނީ އެޕަލް އިން އިންޑިއާގައި އައިފޯނުގެ ގާތްގަނޑަކަށް 7 ޕަސެންޓް އުފައްދަން ނިންމާފައިވާ ކަމަށެވެ.

އެޕަލް އިން އާންމުކޮށް އައިފޯންގެ އާ ލައިންއަޕް އިއުލާނު ކުރަނީ ސެޕްޓެމްބަރު މަހު ބާއްވާ އަހަރީ އިވެންޓުގަ އެވެ. ބްލޫމްބާގް އިން ބުނި ގޮތުގައި މި އަހަރުގެ އަޕްޑޭޓްގައި ޕްރޯ މޮޑެލްތަކުގައި ބޮޑެތި ކެމެރާ އަޕްޑޭޓްތަކާއި ރަނގަޅު ޕްރޮސެސަރެއް ހިމެނޭނެ އެވެ.

ފޮޓޯ: މެކްރިއުމަރސް

ޕެގަޓްރޯން އާއި ޓާޓާ ގްރޫޕުން ހޯދަމުން އަންނަ ވިސްޓްރޯން ފެކްޓްރީއިންވެސް ވަރަށް އަވަހަށް އިންޑިއާގައި އައިފޯން 15 އެސެމްބްލް ކުރަން ފަށާނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

އިތުރަށް ކިޔާލުމަށް:

އައިފޯން އުފައްދާ އިންޑިއާގެ ފުރަތަމަ ކުންފުންޏަކަށް ޓާޓާ


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.