އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރިޔާން-3 ކާމިޔާބު ކަމާއެކު ހަނދަށް ޖައްސައިފިއެވެ.
ބްރިކްސް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ދެކުނު އެފްރިކާގައި މިހާރު ހުންނެވި މޯދީ ލޭންޑިންގ ބައްލަވަމުން އިންޑިއާގެ ދިދަ އުފުއްލަވަމުން ގެންދަވަމުން ވިދާޅުވީ މިއީ އިންޑިޔާއެއްގެ އައު ކާމިޔާބީގެ އަޑު ކަމަށެވެ.
ޖައްވީ އުޅަނދު ޖެއްސުމާއެކު ސައިންސްވެރިންނާއި އޮފިޝަލުން އެކަކު އަނެކަކަށް ތަޢުރީފްކޮށް، އުފާފާޅުކޮށް، އެކަކު އަނެކަކުގެ ގައިގާ ބައްދައިގަތެވެ.
މި މިޝަންގެ ސަބަބުން ޖައްވުގައި ދުނިޔޭގެ ސުޕަޕަވާއެއްގެ ގޮތުގައި އިންޑިޔާގެ ދަރަޖަ ކަށަވަރުވެގެންދާނެއެވެ. މީގެ ކުރިން ހަނދުގެ ސަރަޙައްދަށް ސޮފްޓް ލޭންޑިންގ ފުރިހަމަކޮށްފައިވަނީ ހަމައެކަނި އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއިންނެވެ.
މިކާމިޔާބާއެކު ދެން އެގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާނީ އަމިއްލަ ޖައްވީ ލޯންޗްތަކާއި، އެއާ ގުޅުންހުރި ސެޓެލައިޓް ބޭސްޑް ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ރިޕޯޓްތައް ބުނެއެވެ.
"އިންޑިއާ އޮތީ ހަނދުގައި،" ޗަންދުރަޔާން-3 ޖައްވީ އުޅަނދު ހަނދުގެ ދެކުނު ތަނބަށް ޖެއްސުމާ އެކު އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)ގެ ޗީފް އެސް ސޮމަނަތު ވިދާޅުވި އެވެ.
މިއީ އިންޑިއާއިން ހަނދަށް ޖައްވީ އުޅަނދެއް ޖައްސަން ކުރި ދެވަނަ މަސައްކަތް ކަމަށްވާއިރު، މިއީ ރަޝިއާގެ ލޫނާ-25 މިޝަން ފެއިލްވިތާ ހަފުތާއެއް ވެސް ނުވަނީސް އިންޑިއާއިން މިދާއިރާގައި ހޯދި ބޮޑު ކާމިޔާބީއެކެވެ. އުންމީދީ މަސައްކަތެކެވެ.
ޖައްވީ އުޅަނދު ސަރަޙައްދާ ކައިރިވަމުން ދިޔައިރު، އެގައުމުގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ޓީވީ ސްކްރީންތައް ކައިރީގައި ބަރިބަރިއަށް ތިބެ ދުޢާކުރަމުން ދިޔައެވެ.
ހިންދީ ބަހާއި ސަންސްކްރިތު ބަހުން ޗަންދުރަޔާންގެ މާނައަކީ "މޫން ވެހިކަލް" އެވެ. 2019 ވަނަ އަހަރު އިންޑިއާގެ އިސްރޯގެ ޗަންދުރަޔާން-2 މިޝަނުން ކާމިޔާބުކަމާއެކު އޯބިޓަރެއް ބެހެއްޓި ނަމަވެސް އޭގެ ލޭންޑަރ ވަނީ ވެއްޓިފައެވެ.
ޗަންދުރަޔާން-3 ދެ ހަފުތާވަންދެން ހަނދުގައި ދެމިއޮންނާނެ ކަމަށް ބެލެވޭއިރު، ހަނދުގެ ސަރަޙައްދުގެ މިނަރަލް ކޮމްޕޮޒިޝަންގެ ސްޕެކްޓްރޯމީޓަރ އެނަލިސިސްގެ އިތުރުން ސިލްސިލާ ތަހުލީލުތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އިސްރޯގެ ސައިންސްވެރިން ބުނެއެވެ.ސައުތު ޕޯލްގެ ގަދަ ސަރަހައްދެއްގައި އެ އުޅަނދު ޖެއްސުމަކީ އުނދަގޫ ކަމަކަށް ވާއިރު، މިއީ ވަރަށް ތާރީހީ ކަމެކެވެ. ސައިންސްވެރިން ބުނާގޮތުން މުސްތަޤްބަލުގައި ކުރިއަށް ގެންދާ މިފަދަ މިޝަންތަކަށް ތެލާއި އޮކްސިޖަން އަދި ބޯފެން ފޯރުކޮށްދިނުމުގައި މި ތަޖްރިބާ ބޭނުން ކުރެވިދާނެއެވެ.
"ހަނދުގެ ސައުތު ޕޯލްއަށް ޖެއްސުމަކީ ހަގީގަތުގައި އިންޑިއާއަށް ހަނދުގައި ފެން އައިސް ހުރިތޯ ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއް. އަދި މިއީ ހަނދުގެ ޖިއޮލޮޖީއާ ގުޅޭ ކިއުމިއުލޭޓިވް ޑޭޓާ އާއި ސައިންސަށް ވަރަށް މުހިންމު ކަމެއް،" ކޮންސަލްޓެންސީ ސްޕޭސްޓެކް ޕާޓްނާސްގެ ޕާޓްނަރު އަދި މެނޭޖިން ޑިރެކްޓަރު ކާލާ ފިލޯޓިކޯ ވިދާޅުވި އެވެ.
އިންޑިއާގެ ނޫސްތަކާއި ނިއުސް ޗެނަލްތަކުގެ ބެނާ ހެޑްލައިންތަކުން ލޭންޑިންއަށް ކައުންޓްޑައުންތައް ހިންގަމުން ދިޔައިރު، ލޭންޑިންގ ގެ ކުރިން ރައްޔިތުން ތިބީ ނާރވަސް ވެފައެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި ލޭންޑިންގެ ލައިވް ސްކްރީނިންއަށް އިންތިޒާރު ކުރަމުން ދިޔަ ސްކޫލް ކުދިންވެސް ވަނީ އިންޑިއާގެ ދިދަ އުފުލާލައިފަ އެވެ.
"ހަމައެކަނި އިގްތިސާދީ އެއް ނޫން، ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ވެސް އިންޑިއާއިން ދަނީ ހޯދަމުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެޓްރޯލިއަމް މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވެސް ވަނީ ޗަންދުރަޔާން ބުންޏެވެ.އިތުރަށް ކިޔާލުމަށް:
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.