ސްޓާލިންކަށް ދިވެހިރާއްޖޭގެ އައި.އެސް.ޕީ ލައިސަންސް ދޫކޮށްފި

ހިންދު ޢަލީ 25 އޯގަސްޓު 2023

ދިވެހިރާއްޖެއަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ސްޓާލިންކް ސަރވިސަސް މޯލްޑިވްސްއަށް ލައިސަންސް ދޫކޮށްފިއެވެ. ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއްވި ގޮތުގައި ސްޓާލިންކަށް މިހުއްދަ މިދެވުނީ ރާއްޖޭގައި ބޭނުންކުރެވޭ އިންޓަރނެޓްގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަގުސަދުގައެވެ.

ސްޓާލިންކް ސަރވިސް މޯލްޑިވްސްއަކީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސެޓެލައިޓް އިންޓަރނެޓް ހިިދުމަތްދޭ އެމެރިކާގެ ސްޕޭސްއެކްސް ކުންފުނީގެ ސްޓާލިންކް ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.


މިކުންފުންޏަށް އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ (އައި.އެސް.ޕީ) ލައިސަންސް ހަވާލުކުރީ އެންސީއައިޓީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސްއާއި ހަވާލުވީ ސްޕޭސްއެކްސްގެ ސީނިއަރ ޑައިރެކްޓަރ ގްލޯބަލް ލައިސަންސިންގ އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓްއެވެ. މިލައިސަންސްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށާއި ރާއްޖޭގެ ކަނޑުތަކުގައި ދުއްވާ އުޅަނދުތަކަށް އިންޓަރނެޓް ހިދުމަތް ފޯރުކޮށްދެވޭނެއެވެ.


ސްޓާލިންކުގެ ސެޓެލައިޓް އިންޓަރނެޓް ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރެވުނީ ނޮވެމްބަރ 2020 ގައި އެމެރިކާގައެވެ. އެންމެ ފަހުގެ ނަންބަރު ތަކުން ދައްކާގޮތުގައި ސްޓާލިންކުގެ ހިދުމަތް މިހާރު 62 ގައުމަކަށް ވަނީ ފޯރުކޮށްދީފައެވެ. މިހިދުމަތް އިތުރު ގައުމުތަކަށް ތައާރަފްކުރުމަށްޓަކައި އެކި ގައުމުތަކުގެ ސަރުކާރުން ހޯދަންޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތްކޮށް ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސްޓާލިންކުން ކުރިއަށް ގެންދެއެވެ.

ސްޓާލިންކުން އިންޓަރނެޓް ހިދުމަތް ފޯރުކޮށްދެނީ އެތަށް ހާސް ލޯ އަރތް އޯބިޓް (އެލްއީއޯ) ސްޓެލައިޓް ހިމެނޭ ނެޓްވޯކެއް މެދުވެރިކޮށެވެ. މިޓެކްނޮލޮޖީގެ ސަބަބުން ކުރިން ހިދުމަތް ނުލިބޭ ރިމޯޓް ހިސާބުތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެއެވެ. ސްޓާލިންކުން ލިބޭ ހިދުމަތުގެ ސްޕީޑް 1 ޖީބީޕީއެސްއާއި ހަމައަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މިހިދުމަތުގެ އަގު އެކި ގައުމުތަކުގައި އުޅެނީ އެކި ރޭންޖުގައެވެ. މިހާރު މިހިދުމަތް ލިބޭ ގައުމުތަކުގައި ރެސިޑެންޝަލް ޕެކޭޖްތަކުގެ އަގު އުޅެނީ މަހަކު 45 ޑޮލަރާއި 120 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ.

ސްޓާލިންކުގެ ހިދުމަތް ރާއްޖެއަށް ތައާރަފްވުމާއި ގުޅިގެން ރާއްޖޭގައި ހައިސްޕީޑް ބްރޯޑްބޭންޑްގެ މާކެޓް އިތުރަށް ވާދަވެރިވެ، ހިދުމަތުގެ އަގު ދަށްކުރެވި އަދި އިންޓަރނެޓް ސްޕީޑަށް ކުރިއެރުންތަކެއް އަންނާނެކަމަށް ގިނަ ފަރާތްކަކުން ދެކެއެވެ.

އިންޓަރނެޓް ސްޕީޑް ރަނގަޅުވުމާއި އެހެން އެތަކެއް ހިދުމަތެއް ވަނީ ގުޅިފައެވެ. ރާއްޖޭގެ ރަށްތަކުގައި މަސައްކަތް ކުރުމަށާއި ކިޔެވުމަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް މިކަމުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މީގެއިތުރުން ޓުއަރިޒަމް ދާއިރާއަށް މީގެ ސަބަބުން ކުރިއެރުން އަންނާނެކަމަށް ލަފާކުރެއެވެ. އަދި ރާއްޖޭގައި ތިބެ ރިމޯޓްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް އިންޓަރނެޓް ދުވެއްޔާއި އަގުތައް ރަނގަޅުވެގެން ދިޔުމަކީ ފައިދާހުރިކަމެކެވެ.

ސްޓާލިންކުގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރެވިގެން މިދަނީ ސަރުކާރާއި އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ އެތަށް ދުވަހެއްގެ މަޝްވަރާތަކާއި ބުރަ މަސައްކަތުންކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މިހިދުމަތް ރާއްޖޭގައި ތައާރަފް ކުރުމާއި ގުޅިގެން އެކި އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ހިޔާލު ފާޅުކުރަމުންނެވެ.

ސްޓާރލިންކް މޯލްޑިވްސްއަށް މިލައިސަންސް ދޫކުރުމާއެކު ރާއްޖޭގައި މިހާރު ޖުމަލް 4 ފަރާތަކަށް އައި.އެސް.ޕީ ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ ކުރިން ރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްޕީތަކަކީ ދިރާގު، އުރީދޫ މޯލްޑިވްސް އަދި ރާއްޖެ އޮންލައިންއެވެ.

އިތުރަށް ކިޔާލުަމަށް:

ސްޓާލިންކްގެ ވަޢުދުތައް ކާމިޔާބު ކުރެވޭނެތަ؟ ރިޕޯޓް

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.