އަލްފާފޯލްޑް އޭ.އައިގެ އެހީގައި ޕްރޮޓީން އޮނިގަނޑު ލަފާކުރޭ

އަޝްނާ ރަޝީދު 31 އޯގަސްޓު 2023

ޕްރޮޓީނުތައް ފަދަ މާއްދާތަކުގެ އޮނިގަނޑުން އޭގެ ބޭނުންތަކާއި މަގުސަދުތައް ހާމަކޮށްދެއެވެ. ކުރީގައި ބަޔޮލޮޖިސްޓުން އެތައް މަސްތަކާއި އަހަރުތަކެއް މާއްދާތަކުގެ އޮނިގަނޑު ލަފާކުރުމަށް ހޭދަކުރެއެވެ. ނަމަވެސް، މިހާރު އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މި މާއްދާތަކުގެ އޮނިގަނޑު ފަސޭހަކަމާއެކު ހޯދެއެވެ. މިގޮތުން މިކަމަށް އެންމެ މަޝްހޫރު ވެފައި ވަނީ ގޫގަލްގެ ޑީޕް މައިންޑުން ފަރުމާ ކޮށްފައިވާ އަލްފާފޯލްޑެވެ. އަލްފާ ފޯލްޑް 2018ގައި ތައާރަފުކުރީއްސުރެ އެތަކެއް ސައިންސްވެރިން ވަނީ އޭގެ އެހީގައި އިންސާނުންނަށް ފައިދާހުރި ހޯދުންތަކެއް ހޯދާފައެވެ. މިގޮތުން މިހާތަނަށް ސައިންސްވެރިންވަނީ އަލްފާފޯލްޑު ބޭނުންކޮށްފައި ބަލިތަަކަށް ބޭސްހޯދުމަށް ފަސޭހަކޮށް، ސިކުނޑީގެ ބަލިތައް ދިމާވާން މެދުވެރިވާ ސަބަބު ދެނެގަނެ، ތިމާވައްޓަށް ނުރައްކާތެރި ޕްލާސްޓިކު ރޫޅުވާ އެންޒައިމު ފަރުމާކުރުމަށް އަލްފާފޯލްޑް ބޭނުންކޮށްފައިވެއެވެ.

ޑީޕްމައިންޑްގެ ސީ.އީ.އޯ ޑެމިސް ހަސަބިސް ވިދާޅުވި ގޮތުގައި އަލްފާފޯލްޑްގެ މައިގަނޑު މަގުސަދަކީ އެމީހުންގެ އާޓިފިޝަލް އިންޓެލިޖެންސް އަސްލު ދުނިިޔޭގައި ދިމާވާކަންތަކުގައި ބޭނުންކުރުމެވެ. މީގެ ކުރީގައި ޑީޕްމައިންޑް ވަނީ އެކި ގޭމްތަކުގައި އޭ.އަައި ބޭނުންކޮށްފައެވެ. މިކަމުގެ ތަޖުރިބާއާއެކު، ފަސްވަރަކަށް އަހަރުގެ މަސައްކަތާއިއެކު، އެމީހުން ވަނީ އަލްފާފޯލްޑު އިއުޖާދުކޮށްފައެވެ. މި އާޓިފިޝަލް އިންޓެލިޖަންސްގެ އެހީގައި ޕްރޮޓީންތަކުގެ އެޓޮމްތައް އެތުރިދާނެ ގޮތެއް ވަރަށް ރަނގަޅަށް ލަފާކުރެވެއެވެ. މިގޮތުން 2021 ވަނަ އަހަރުގައި މި އާޓިފިޝަލް އިންޓެލިޖެންސްގެ ކޯޑު، ހިލޭ ލިބޭ ގޮތައް އޯޕަން ސޯސް ކޮށްފައެވެ. އަދި 200 މިލިޔަނަށް ވުރެ ގިނަ ޕްރޮޓީނުގެ ސްޓްރަކްޗަރުތައް އެކުލަވާލެވިފިއިވާ ޑާޓާބޭސެއްވެސް ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ގަސްގަހާގެއްސާއި، ބެކްޓީރިއާއި، ޖަނަވާރުންނާއި، އިންސާނުން އަދި އެހެނިހެން މަޙްލޫގުން ހިމެނެއެވެ.

މި ޑޭޓާބޭސް ބޭނުންކޮށްގެން ސައިންސްވެރިންނަށް ޕްރޮޓީންތަކުގެ ސްޓްރަކްޗަރުތައް ގޫގުލް ސަރޗެއްގެ ފަސޭހަކަމާއެކު ހޯދޭނެއެވެ. މީގެ ކުރިން ސައިންސްވެރިންނަށް ޕްރޮޓީންތަކުގެ ސްޓްރަކްޗަރުތައް ލަފާކުރުމަށް މަސްތަކާއި އަހަރުތަކެއް ވޭތުވެދެއެވެ. އަލްފާފޯލްޑް ބޭނުންކޮށްގެން ސައިންސްވެރިންނަށް އެ ސްޓްރަކްޗާ އަވަހަށް ލަފާކޮށް، އެކްސްޕެރިމެންޓްކޮށްގެން ޔަގީން ކުރެވޭނެވެ. މިއީ ޕްރޮޓީން މޮލިކިއުލްތަކުގެ ސްޓްރަކްޗަރާއި އެހެންކަމުން ޕްރޮޓީން މޮލިކިއުލްތައް މަސައްކަތްކުރާގޮތް ރަނގަޅަށް ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ސަބަބުން ސައިންސްވެރިންނަށް އެމީހުންގެ ދިރާސާތަކުގައި ވަރަށް ބޮޑަށް އެހީތެރިކަމެއް ލިބިފައިވެއެވެ.

އަލްފާފޯލްޑް އަށް ބައެއް ލިމިޓެޝަންތައް ހުރެއެވެ. މި އާޓިފިޝަލް އިންޓެލިޖެންސް ފަރުމާކޮށްފައިވަނީ ޕްރޮޓީންތަކުގެ ސްޓްރަކްޗަރު ލަފާކުރުމަށް ކަމަށެވެ. މީގެން އެހެން މޮލިކިއުލްތަކުގެ ސްޓްރަކްޗަރެއް ލަފާނުކުރެވޭނެވެ. މީގެ އިތުރުން، އެ ޕްރޮޓީންތަކާ ބެހޭ މާބޮޑު އިވޮލިއުޝަނަރީ މައުލޫމާތެއް ނެތް މަދުން ނޫނީ ނުފެންނަ ޕްރޮޓީންތަކަށް ވެސް އެހާ ޞައްޙަ ކޮށެއް ލަފާނުކުރެވޭނެވެ. އަދި ގިނަ ގޮތްތަކަށް އެތުރިދާނެ ޕްރޮޓީންތަކުގައި ވެސް މީގެން ދައްކައިދެނީ އެންމެ ސްޓްރަކްޗަރެކެވެ. މި ލިމިޓެޝަންތަކާއިއެކުވެސް، އަލްފާފޯލްޑް ވަނީ މިހާރުވެސް ތަފާތު ގިނަ ދިރާސާތަކެއްގައި ބޮޑު ސައިންސްވެރިންނަށް ލުއިތަކެއް ފޯރުވައި ދީފައެވެ.


އަލްފާފޯލްޑް އަކީ އެންމެ މޮޅަށް މިކަންކުރާ އެއް ގޮތް ކަމުގައިވީ ނަމަވެސް އެހެން ގޮތްތައް ދަނީ މިކަމުގައި ކުރިއަށް ދަމުންނެވެ. މިގޮތުން މެޓާ އިން ދާދި ފަހުން ވަނީ އަލްފާފޯލްޑަށް ވުރެ މާ އަވަހަ ސްޓްރަކްޗަރ ހޯދައިދޭ އީއެސްއެމްފޯލްޑް ގެ ނަން ދީފައިވާ އޭ.އައިއެއް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، ސީނުކަރައިގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ހެލިކްސަން އިން ވަނީ ސިންގަލް ސިކުއެންސް އިންޕުޓާއި އޯފަން ސްޓްރަކްޗަރ މާ ރަނގަޅަށް އަދި އަވަހަށް ހޯދައިދޭ އޭ.އައިކަމަށްވާ އީއެސްއެމްފޯލްޑް ތައާރަފުކޮށްފައެވެ.

މިކަމުގައި އުޅޭ ގިނަ ފަރާތްތައް ވަނީ ކޯޑް އޮޕަންސޯސްކޮށް ލިބޭ ގޮތް ހަދާފައެވެ. އެބޭފުޅުންގެ ޕްރޮގްރާމްތައް ހުޅުވާލައި، ހިލޭ ލިބޭ ގޮތް ހެދުމާއެކު، މި ޕްރޮގްރާމްތައް އަވަހަށް ކުރިއަރައި ދިޔުމުގެ މަގުފަހިވެގެން ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން، ސައިންސްވެރިން ވަނީ އެކި ދާއިރާތަކުން އިންސާނުންނަށް ފައިދާ ހުރި ހޯދުންތައް ހޯދުމަށް ވަރަށް ބޮޑު ފަސޭހަކަމެއ ލިބިފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.