ރޮބޮޓުތަކަށް ގޭތެރޭގެ މަސައްކަތްތައް ކުރެވޭނެބާ؟

އަޝްނާ ރަޝީދު 04 ސެޕްޓެމްބަރު 2023

އަޅުގަނޑުމެން ގޭތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރޮބޮޓުތަކެއް ކުރާ މުސްތަގުބަލަކީ ސައިންސް ފިކްޝަންނުން ފެންނަކަހަލަ މަންޒަރެއްކަމުގައި ހީވެދާނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ އަވަހަށް ހަގީގަތަކަށް ވެގެން ދާނެ ކަމެކެވެ.

މިހާރުވެސް އަޅުގަނޑުމެންނަށް ކޮންސިއުމަރ ރޮބޮޓްތައް އާންމުވާ ތަން ފެނިފައިވެއެވެ. ރޫމްބާ ފަދަ ރޮބޮޓް ވެކިއުމް ކްލީނަރުތައް ވިއްކަންފެށިތާ 20 ވުރެ ގިނަ އަހަރު ވެފައިވާއިރު، ފާއިތުވި ދިޔަ އަހަރުތަކުގައި މިފަދަ ރޮބޮޓުތައް ވަނީ ގިނަގެތަކުގައި ފެންނަމުންނެވެ. ލޯން ކޮށުމާއި، ކެއްކުމާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުން ފަދަގޭތެރޭގެ ވަކި މަސައްކަތްތައް ރޮބޮޓްތައް މިހާރު ވަނީ އީޖާދުކޮށްފައެވެ. ނުވިތާކު، ގޭތެރޭގައި ބޭނުންކުރާ މިފަދަ ރޮބޮޓުތަކަކީ މީހުންނަށް ބޭނުންކުރަން އެންމެ މަގުބޫލު ވައްތަރުގެ ރޮބޮޓެވެ.

އޮޗަނޮމިޒޫ ޔުނިވާސިޓީ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިކަންތައް އަންނަން އޮތް 10 އަހަރު ތެރޭގައި ހަގީގަތަކަށް ވެގެން ދިއުން އެކަށީގެންވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި، 2033، ވަނަ އަހަރު ވާންވާއިރު، ގޭތެރޭގެ މަސައްކަތުގެ 39% ރޮބޮޓަށް އަދާކުރެވޭނެވެ. މިކަމުގެ ސަބަބުން ގޭތެރޭގެ މަސައްކަތުގައި އަޅުގަނޑުމެން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެފައި، ޢަމްދަނީ ހޯދަން މަސައްކަތް ކުރަން ލިބޭވަގުތު ގިނަވާނެވެ.

މިހާރުވެސް ކުދި އަދި ބޮޑެތި ކުންފުނިތައް ދަނީ މިކަންތައް ހަޤީގަތަކަށް ހެދޭތޯ މަސައްކަތް ކުރަމުންނެވެ. ޑައިސަންނާއި، ޓެސްލާ އަދި އެމޭޒަން މިކަމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ބައިވަރު ފަރާތްތަކުން ވަނީ މިކަހަލަ މަސައްކަތްކުރެވޭ ރޮބޮޓުތަކުގެ ޕްރޮޓޯޓައިޕް ހަދަމުންނެވެ.

މިގޮތުން ފާހަގަކުރެވޭ އެއް ރޮބޮޓަކީ ސެންކްޗުއަރީ އޭ.އައިގެ ފީނިކްސެވެ. މި ރޮބޮޓުން ވަނީ ފިހާރަތަކުގައި ކުރާ 110 މަސައްކަތްތައް މި އަހަރުގެ މާޗު މަހުގައި ކުރި ޕައިލެޓެއްގައި ކޮށްފައެވެ. މީގެތެރޭގައި ފިހާރަސާފުކުރުމާއި ތަކެތި ނަގާ، ޕެކްކޮށް ލޭބަލްކުރުން ހިމެނެއެވެ. ސެންކްޗުއަރީ އޭ.އައިގެ ސީ.އީ.އޯ މި ރޯބޯޓުގޭގޭގައި މަސައްކަތްތައް ކުރަން ފެށޭނެ ދުވަހެއް ބުނަން ޖެހިލުން ވީނަމަވެސް، މިކަކުގައި އުޅޭ އެހެން ފަރާތްތަކުން ލަފާ ކުރާގޮތުގައި މިކަން 10 އަހަރު ތެރޭގައި ހާސިލުވެދާނެވެ.

ރޮބޮޓުބޭނުންކޮށްގެން އަޅުގަނޑުމެންނަށް ލުއިފަސޭހަތަކެއް ގޭތެރޭގައި ލިބިގެން ދިއުމުގެ އުންމީދު ވަރަށް ބޮޑެވެ. ނަމަވެސް މިކަންތައް ހަގީގަތަކަށް ހެދުމަށް ވަރަށް ބައިވަރު ހުރަސްތަކެއްވެއެވެ.

މިކަމަށް އޮންނަ އެންމެ ބޮޑު ހުރަހަކަށް ވެގެން ދަނީ ރޮބޯޓުތަކަށް ކަންތައް ކުރާގޮތް ކިޔާދިނުމަށް ދިމާވާ ދަތިތަކެވެ. އިންސާނުންނަށް ނުކިޔައިދީ އެނގޭ ބައިވަރުކަންތަކަކީ ރޮބޮޓުތަކަށް ނޭންގޭ ކަންތަކެވެ. މީގެ މާނައަކީ މިވަގުތު ރޮބޮޓްތަކަށް ވަކި މިންގަނޑުތަކަކުން ކަނޑައަޅާފައިވަ މާހައުލުތަކުން ބޭރުގައި މަސައްކަތް ނުކުރެވޭނެވެ. އެ ރޮބޮޓަކަށް ކަންތައް ކުރަން ނުކިޔައިދޭ ހާލަތެއް ދިމާވުމުން އެ ރޮބޮޓު ނުރައްކާތެރި ގޮތްގޮތައް އެ ހާލަތްތަކުގައި ކަންތައްކުރުމުގެ ބިރު ވަރަށް ބޮޑެވެ. މީގެ އިތުރުން، އިން ސާނުން ކުރާ ބައިވަރު ކުދިކުދި ކަންތަކަކީ މިފަދަ ރޮބޮޓުތަކަށް ކުރުން އުނދަގޫ ކަންތަކެވެ. އެއްޗެހި ފަތްޖަހާ އަދި އެއްޗެހި ދަބަހަކަށް ލުން ފަދަ ކަންތަކަކީ ރޮބޮޓުތަކަށް ދަސްކޮށްދޭން އުނދަގޫ އަދި އިންސާނުންނަށް ވުރެ ގިނައިރު ނަގާކަންތަކެވެ.

މި މައްސަލަތައް ހައްލުކުރެވުނުކަމުގައި ވިޔަސް، މީހުން އާންމުކޮށް މިފަދަ ރޮބޮޓުތައް ގަންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. މިގެތުން، މިފަދަ ރޮބޮޓުތައް ވަރަށް އަގުބޮޑިވުން އެކަށީގެން ވެއެވެ. ނަމަވެސް ޓެކްނޮލަޖީ ދަނީ އަހަރަކަށް ފަހު އަހަރަކު ވަރަށް ބާރުމިނެއްގައި ކުރިއަރަމުންނެވެ. ފަހަރެއްގައި މުސްތަގުބަލުގައި އަގުހެޔޮ، މީހުންގެ ގޭތެރޭގެ މަސައްކަތްތަކުގައި ބޭނުންކުރެވޭ ވަރުގެ ގާބިލުކަން ހުރި ރޮބޮޓުތައް އުފެދިދާނެވެ. ނަމަވެސް މިވަގުތު މިކަންތައް ހާސިލުކުރުމުގެ ކުރީގައި ބޭނުންވާ ބައިވަރު އެހެން ޓެކްނޮލަޖީގެ ކުރިއެރުންތަކެއްވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.