އޭ.އައި ހޭލޫސިނޭޝަންސް ހުއްޓަންޖެހުނަސް މީ ވާނެކަމެއްބާ؟

އަޝްނާ ރަޝީދު 05 ސެޕްޓެމްބަރު 2023

ޖެނަރޭޓިވް އޭ.އައި އަކީ ފާއިތުވީ އަހަރު ތެރޭގައި އެންމެ ބޮޑަށް މީހުން ވާހަކަ ދެކެވޭ އެއް އުފެއްދުމެވެ. އޯޕަން އޭ.އައި ގެ ޗެޓް-ޖީޕީޓާއި، ގޫގަލްގެ ބާޑާއި މައިކްރޯސޮފްޓްގެ ބިންގް ވަނީ މި ޓެކްނޮލަޖީ މެދުވެރިކޮށް އިންސާނަކު ވާހަކަ ދައްކާކަހަލަ ގޮތަކަށް ފަސޭހައިން މައުލޫމާތު ހޯދޭކަހަލަ ނިޒާމެއް އުފައްދާފައެވެ. އަދި ވަރަށް ގިނަ މީހުން ބޭނުންކުރަން ވަނީ ފަށާފައެވެ. ނަމަވެސް މި ޓެކްނޮލަޖީ ބޭނުންކުރާއިރު ދިމާވާ މައްސަލައެއްވެއެވެ. އެއީ ހަދަހަދައިގެން މައުލޫމާތު ފޯރުކޮށް ދިނުމެވެ. ނުވަތަ އާންމުކޮށް މިކަމަށް ބުނެވޭ ގޮތުންނަމަ "ހަލޫސަނޭޓް" ކުރުމެވެ. މިކަމާގުޅިގެން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވަމުން ދިޔަޔަސް މިއީ ހައްލުކުރަން ފަސޭހަކަމަކަށް ނުވެދާނެއެވެ. މިއީ ޗެޓްބޮޓާއި ކޮންވާޒޭޝަނަލް އޭ.އައި ފަދަ ޖެނަރޭޓިވް އޭ.އައި އިން ފެންނަ ވަރަށް ބޮޑު މައްސަލައެކެވެ. ގޫގަލާއި މައިކްރޮސޮފްޓު ފަދަ ބޮޑެތި ކުންފުނީގެ ޕްރޮޑަކްޓުތަކުގައި ވެސް ފެންނަމުންދާ މައްސަލައެކެވެ.

ގޫގަލް ބާޑްގެ އިސްތިހާރައިގައި ހަޤީގަތާއި ހިލާފު ބައެއް މައުލޫމާތު ހުރެ "ހަލޫސިނޭޝަންތަކެއް" ފެނުނެވެ.


އޭ.އައި ހެލޫސިނޭޝަންސް ނުވަތަ ކޮންފަބިއުލޭޝަންސް ވަނީ ފާއިތު މަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ވާހަކަ ދެކިވިފައިވާ ކަމެކެވެ. މީގެން ބައެއް ހަލޫސިނޭޝަންތަކަކީ އެއްވެސް މީހަކަށް އަސަރު ނުކުރާ ފަދަ ކުދިކުދި ކަންކަމުގައި ވިޔަސް މީގެން ބައެއް ހަލޫސިނޭޝަންތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ފޯރުވިދާނެވެ. މިގޮތުން މީހުންނާއި ކަންކަމާއި ބެހޭގޮތުން ގަބޫލުކުރެވޭ ގޮތަކަށް ދޮގު މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ހުރިހާ ހޭލޫސިނޭޝަންތަކަކީ އެއްވަރަކަށް ގަބޫލުކުރެވޭ ކަންތައްތަކެއް ނޫނެވެ. ބައެއް ފަހަރު މީގެން ދޭ މައުލޫމާތަކީ ތެދު ނޫން މައުލޫމާތުކަން ވަރަށް ރީއްޗަށް ފާހަގަކުރެވެއެވެ. ހަމަނުޖެހޭ ޖުމުލަޔާއި، ތާކުންތާކުން ނުޖެހޭ ވާހަކަ ވެސް ބައެއްފަހަރު މީގެން ފެނިދާނެވެ. މީގެ އަނެއްކޮޅުން ވަރަށް ފަށުވިކޮށް، މީހުންނަށް ޤަބޫލުކުރެވޭ ކަހަލަ ގޮތަކަށްވެސް މީގެން މުއާމަލާތްކޮށްފާނެވެ. މި ތަފާތުގެ ސަބަބުން މި ފަދަ އޭ.އައި ތަކުގެ ތެދުދޮގު ފުރަތަމަ ނަޒަރުން ފާހަގަ ކުރުމަށް ދަތި ވެދާނެވެ.

މިއީ މި ފަދަ އޭ.އައި ތަކުގެ އުނިސިފައަކަށް ވަކިން ނުވެދާނެވެ. މިފަދަ އޭ.އައިތަކަކީ ލޭންގުއޭޖް ލާނިން މޮޑެލްސް (އެލްއެލްއެމް)ބޭނުންކޮށްގެން ހަދާފަ ހުންނަ އޭ.އައިތަކެކެވެ. މި މޮޑަލް މަސައްކަތް ކުރަނީ އެއަށް ލިބިފައިވާ މައުލޫމާތާއި ތަފާސްހިސާބުގެ އެހީގައި ދެން އަންނާނެ ބަސްތައް އަންދާޒާކޮށް މީހުން ވާހަކަ ދައްކާ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ ޖަވާބެއް ދީގެންނެވެ. މީގެ މާނައަކީ، މި އޭ.އައި ދޭ ޖަވާބުގެ ހަގީގަތެއް އެއަކަށް ނުވިސްނެއެވެ. ކިތަންމެ ފަރިތަކަމާއި ހަމަޖެހޭ ގޮތަކަށް މައުލޫމާތު މީގެން ފޯރުކޮށް ދިނަސް، އޭގެ މާނައެއް މި އެލްއެލްއެމްތަކަކަށް ނުވިސްނޭނެވެ.

މިކަމޮގެ ސަބަބުން ދިމާވާ ވަރަށް ނުރައްކާތެރި ނޭދެވޭ ނަތީޖާއެއްވެއެވެ. އެއީ ދޮގު ހަބަރު ފެތުރުމެވެ. މީގެ ސަބަބުން ފާއިތުވީ މަސްތަކުގެ ތެރޭގައި އެތައް ބަޔަކު ވަނީ އެފަރާތްތަކުގެ އަބުރަށާއި މުޖުތަމުގައި މީހުން ދެކޭގޮތަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން އޮސްޓްރޭލިއާގެ މޭޔަރެއްވަނީ ޗެޓް-ޖީޕީޓީއިން ހަދަހަދައިގެން ކުށަކާއިގުޅިގެން ބަންދުކުރެވުނުކަމުގެ ދޮގު މައުލޫމާތު ފަތުރާފައެވެ. މިކަމާއި ގުޅިގެން އޯޕަން-އޭ.އައިގެ މައްޗަށް ދައުވާކުރުމަށް ވަނީ އިންޒާރުދީފައެވެ. މި މައްސަލަ ކޯޓުން ބޭރުގައި ހައްލުވެގެން ދިޔަނަމަވެސް އެމެރިކާގެ ރޭޑިއޯގައި މަސައްކަތް ކުރާ ފަރާތެއް ވަނީ މިކަހަލަ މައްސަލައެއްގައި ކޯޓަށް އޯޕަން އޭ.އައި ގެންގޮސްފައެވެ.

މިފަދަ އޭ.އައިތަކުން ފެތުރޭ ދޮގު މައޫލާމާތުގެ ސަބަބުން އެހެން ނޭދެވޭ އަސަރުތަކެއްވެސް ކުރެއެވެ. މިގޮތުން މިފަދަ އޭ.އައިތަކުން ދޭ ދޮގު މައުލޫމާތަކީ ހަގީގަތެއް ކަމަށް ހީކޮށް ބޭނުންކުރުމުން ނޭދެވޭ އަސަރުތަކެއް ދިމާވެދާނެވެ. މިކަމުގެ މިސާލަކަށް މައިކްރޮސޮފްޓް ބިންގް ހުށައެޅިއިވެންޓުގައި ފެނިގެން ދިޔަ ކުށް ފާހަގަ ކުރެވިދާނެވެ.

މިގޮތަށް ލިބޭ ދޮގު މައޫލޫމާތުގެ ހަޤީގަތް ނޭންގި ބޭނުންކުރުމުން ގެއްލުން ލިބޭނެކަހަލަ ހާލަތްތައް ދިމާވުން އެކަށީގެން ވެއެވެ. މިގޮތުންް މިއަހަރު ކުރީ ކޮޅު ވަކީލެއް ޗެޓް-ޖީޕީޓީ ބޭނުންކޮށްގެން ލިބުނު ދޮގު މައުލޫމާތު ބޭނުންކުރުމުގެ ސަބަބުން ވަނީ ޖޫރިމަނާ ދައްކަން ޖެހިފައެވެ.

އޭ.އައި ހެލޫސިނޭޝަންސަކީ ސައިބަރ ސެކިއުރިޓީ ނުރައްކަލަކަށް ވެސް ވެދާނެ ކަމަށް މިކަމާގުޅޭ މާހިރުން ބުނެފައިވެއެވެ. މި ހަލޫސިނޭޝަންތައް ބޭނުންކޮށްގެން ކުއްވެރިން މުއައްސަސާތަކުފެ ސައިބަތ ސެކިއުރިޓީއަށް ބުރޫއަރާފަދަ ކަންތައްކުރުމުގެ މަގުވެސް ފަހި ވެގެން ދެއެވެ.

މި މައްސަލަ ހައްލުކުރެވޭނެތޯ؟ ބައެއް ފަރާތްތަކުން މިކަމާ މެދު ސުވާލު އުފައްދާފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ވަނީ މިކަމަށް މަސައްކަތް ކުރަން ފަށާފައެވެ. އޯޕަން އޭ.އައި މިކަން ހައްލުކުރުމަށް އެ މޮޑަލުން ރަނގަޅު ޖަވާބު ހޯދުމަށް ބޭނުންކުރާ ކޮންމެ ބަޔަކަށް އެއްބާރުންލުންދޭ ނިޒާމުތަކެއްވަނީ ޗާޕުކޮށްފައެވެ. އެމްއައިޓީގެ ރިސާޗަރުންވަނީ ގިނަ ޗެޓްބޮޓުތަކެއް ބަހުސްކޮށްގެން ރަނގޅު ޖަވާބެއް ހޯދޭނެގޮތެއް ވެސް ދާދި ފަހުން ދައްކާފައެވެ. ގޮޓް އިޓް އޭ.އައިއާއި ލޯންގްޝޮޓް އޭ.އައިއާއި ގްލީން އޭ.އައި ވަނީ މި ފަދަ އޭ.އައިތަކުގެ މައުލޫމާތުގެ ތެދުކަން ބަލައިދޭ ޓޫލެތަކެއް އުފައްދާފައެވެ. މި ޓޫލްތަކަކީ މުއައްސަސާތަކަށް ހާއްސަކޮށް، އެލްއެލްއެމްތަކާއި އެ މުއައްސަސާތަކުގެ ނޮލެޖުބޭސްތަކާއި އަޅާކިޔާފައި މުއުލޫމާތުގެ ތެދުކަން ކަށަވަރުކޮށްދޭ ޓޫލެކެވެ.

މިފަދަ ހައްލުތަކުން ޖެނަރޭޓިވް އޭ.އައި ހަލޫސިނޭޓް ކުރުމުގެ މައްސަލަ ކުޑަކުރާ ކަމެކެވެ. ނަމަވެސް މިހުރިހާ ނިޒާމްތަކަކީ މި މައްސަލައިގެ ފުރި ހަމަ ހައްލެއް ނޫނެވެ. މައުލޫމާތުގެ ތެދު ދޮގު ބަލާ ޓޫލްތަކުން ހަޤީގަތާއި ދިމާވާ ޖަވާބު ދިނުމަށް އެހީވެއެވެ. ނަމަވެސް މި ދެވޭ ޖަވާބުތައް ވަނީ ހަމައެކަނި އެ އޭ.އައިތަކަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް އަދި ވަކި ބޭނުމަކަށް ހާއްސަވެފައެވެ. މިގޮތުން ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ އޭ.އައިއެއް މިގޮތަކަށް ނެހެދޭނެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި އޭ.އައި ހަލޫސިމޭޝަނަކީ ވަރަށް ގިނަ ދުވަހުންއުނދގުލާއެކު ހައްލުކުރެވޭ މައްސަލައެކެވެ. އަދި އަނެއްބައި މީހުން ބުނާ ގޮތުގައި މިއީ އެއާއި ނުގުޅޭ ގޮތައް ބޭނުންކުރުމުން ދިމާވާ މައްސަލައެކެވެ. މިއީ ފަހަރެއްގައިމު ހައްލު ނުކުރެވިދާނެ މައްސަލައެކެވެ. މިކަމުގެ ހައްލަކީ ހަލޫސިނޭޝަންތައް ހުއްޓަން އުޅުމަކަށް ނުވެދާނެވެ. އޭގެ ބަދަލުގައި މިފަދަ އޭ.އައިތައް އެއާއި ގުޅޭ ބޭނުންތަކަށް ހާއްސަކުރުން ކަމަށްވެސް ވެދާނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.