ހަނދުން މޫންކުއޭކެއްގެ ނިޝާންތަކެއް ފާހަގަވެއްޖެ: އިންޑިއާ

އަޙްމަދު ދާއޫދު 11 ސެޕްޓެމްބަރު 2023

އިންޑިއާގެ މޫން ލޭންޑާއިން ހަނދުގެ ސައުތު ޕޯލް ކައިރިން އާދަޔާ ޚިލާފު ހަރަކާތްތަކެއް ދެނެގެންފިކަމަށާއި، މިއީ ގާތްގަނޑަކަށް 50 އަހަރުގެ ތެރޭގައި މޫންކުއޭކެއްގެ ފުރަތަމަ ނިޝާން ކަމަށް ވެދާނެ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) ގެ ސައިންސްވެރިން ބުނެފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާއިން ތާރީޚީ ރެކޯޑެއް ހެދީ، ހަނދުގެ ސައުތު ޕޯލް ކައިރީގައި، އެ ގައުމުގެ ޖައްވީ އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށް ވުމާއެކީގައެވެ.

މިހާރު ލޭންޑާގައި ހުރި ގިނަ އާލާތްތަކާއި އޭގެ ހިތްގައިމު ޕްރަގްޔާން މޫން ރޯވާގެ ސަބަބުން ހަނދުގެ ސައުތު ޕޯލް ސަރަހައްދު ކުރިން އޮތް ވަރަށް ވުރެ ރަނގަޅަށް ދެނެގަތުމަށް ސައިންސްވެރިންނަށް އެހީތެރިވެދެ އެވެ.

ޕްރަގްޔާން ދާދި ފަހުން ވަނީ އެ ސަރަހައްދުގައި ސަލްފަރ ހުރިކަން ކަށަވަރުކޮށްދީފައެވެ. އަދި ވިކްރަމް އަށް މޫންކުއޭކެއްގެ ހެއްކަކަށް ވެދާނެ ކަމަށް ބެލެވޭ ފަދަ އާދަޔާޚިލާފު ހަރަކާތްތަކެއް ހަނދުން ފާހަގަކުރެވިފައި ކަމަށް ލައިވް ސައިންސް އިން ބުނެއެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހަނދަށް ޖެއްސިތާ ތިން ދުވަސް ފަހުން އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ވިކްރަމްގެ އިންސްޓްރޫމެންޓް ފޯ ލޫނާ ސިސްމިކް އެކްޓިވިޓީ (އައިއެލްއެސްއޭ) ޕެލޯޑުން "އިވެންޓެއް" ފެނިފައިވާ ކަމަށެވެ.

އައިއެލްއެސްއޭ ފަރުމާކޮށްފައިވަނީ ގުދުރަތީ ބިންހެލުމާއި އަސަރުތަކާއި އާޓިފިޝަލް ހާދިސާތަކުގެ ސަބަބުން ހަނދުގެ ސަރަޙައްދުގައި އުފެދޭ ވައިބްރޭޝަންތައް ނެގުމަށެވެ.

މި "އިވެންޓް" އަކީ އައިއެލްއެސްއޭ އިން ކައިރީގައި ހުރި ޕްރަގްޔާން ރޯވަރުގެ ހަރަކާތުން ފެނުނު ވައިބްރޭޝަންތަކަށް ވުރެ މާ ބާރުގަދަ ހަރަކާތެއް ކަމަށް އިސްރޯ އިން ބުނެ އެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ބަލަމުން،" އިސްރޯގެ ބަޔާނުގައި ވެ އެވެ.

މި ހާދިސާއަކީ މޫންކުއޭކެއްކަން ކަށަވަރުވެއްޖެނަމަ، މިއީ 1970 ގެ އަހަރުތަކަށްފަހު ހަނދުގެ ސަރަޙައްދުން ފެނުނު ފުރަތަމަ ހާދިސާއެވެ- ނާސާގެ އެޕޯލޯ މިޝަންތަކުން އެންމެ ފުރަތަމަ ހަނދުގެ ސިސްމިކް އެކްޓިވިޓީ ދިރާސާކޮށް، މޫންކުއޭކްތައް ދެނެގަތެވެ.


މޫންކުއޭކަކުން އަންގައިދޭނީ ހަނދަކީ ހަމައެކަނި ބޮޑު، ތޮއްޖެހިފައިވާ ޖައްވީ ހިލައެއް ނޫން ކަމެވެ. ހަގީގަތުގައި ހަމައެކަނި ލޮލަށް ފެންނަ ވަރަށް ވުރެ ބޮޑަށް ހަނދުގައި ތަފާތު ހަރަކާތްތައް ހިނގަމުންދާ ކަމެވެ.

އިރުގެ އަލިން ދުއްވާ ވިކްރަމް ލޭންޑާ އާއި އޭގެ ރޯވާ 14 ދުވަހުގެ މުއްދަތަށް ސްލީޕް މޯޑަށް ގޮސްފައިވަނީ ހަނދުގެ ސަތަހައިގައި އޮވެ ކަމަށް އިސްރޯއިން ބުނެއެވެ.

ނަމަވެސް މި މަހުގެ ފަހުކޮޅު ކާމިޔާބު ކަމާއެކު ވިކްރަމް ލޭންޑާ އާއި އޭގެ ރޯވާ އޮން ވުމުން ތާރީހީ މިޝަން އަލުން ފަށާނެ ކަމަށް އިސްރޯ އިން އެކްސްގައި ލިޔެފައިވެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.