ކުކީއަކީ ކޮމްޕިއުޓަރަށް ނުވަތަ ސްމާޓްފޯނަކަށް ޑައުންލޯޑްވާ ކުޑަ ފައިލެކެވެ. މިއީ ވެބްސައިޓްތަކަށް ވަންނަ އިރު، އެ ވެބްސައިޓަށް ވަންނަ މީހާ ނުވަތަ ޔޫޒާގެ ޑިވައިސް ދެނެގަތުމަށް ރައްކާކުރާ ފައިލެކެވެ. މީގައި ޔޫޒާ ވެބްސައިޓް ބޭނުންކުރާ ގޮތާއި ކުރިން ބޭނުންކޮށްފައިވާ ގޮތްވެސް ރައްކާކުރެވެއެވެ.
ކޮންމެ ވެބްސައިޓަކުންވެސް އެ ވެބްސައިޓަށް ވަންނަ މީހުންނަށް އަންގައިދޭންޖެހޭ ކަންތައްތަކެއް މިކަމުގައި ހިމެނިފައިވެއެވެ. އެއީ، ވެބްސައިޓްގައި ކުކީސް ހިމަނާފައިވާކަމާއި، މިއީ ކީއްކުރާ ކުކީސްއެއް ކަމާއި، ކުކީސް ޔޫޒާގެ ޑިވައިސްގައި ރައްކާކުރުމަށް އިގްރާރު ވާން އަހަންޖެހެއެވެ.
ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީ.ޑީ.ޕީ.އާރު) ގައި ކުކީސްއާއި ބެހޭގޮތުން ބުނެފައިވަނީ މިއީ ޔޫޒާ އަކީ ކާކުކަން ނުވަތަ ކޮންތާކުން ވެބްސައިޓަށް ވަންނަ މީހެއްކަން އަންގައިދޭ އެއްޗެކެވެ. ނަމަވެސް މިއީ ހަމައެކަނި އެކަމަށް އެއްބަސްވާ މީހުންނަށެވެ.
2002 ގައި ފާސް ކުރެވި 2009 ގައި އިތުރު ބަދަލުތަކެއް ގެނެސްފައިވާ އީ-ޕްރައިވެސީ ޑިރެކްޓިވް އަކީ "ކުކީ އުސޫލު" ކަމުގައި ގިނަ ބަޔަކު ބަލައިގަނެފައިވާ އުސޫލެކެވެ. މި އުސޫލުގެ ފަހުން ކޮންމެ ބަޔަކަށްވެސް އެމީހުންގެ ވެބްސައިޓްތަކަށް ވަންނަ މީހުން ގާތުގައި ކުކީސް އެކްސެޕްޓް ކުރުމަށް އެހުމަށް ލާޒިމް ކުރެވުނެވެ.
އަދި ކުކީސްއަކީ އެ ވެބްސައިޓުގައި ކޮން ބޭނުމަކަށް ބޭނުންކުރާ އެެއްޗެއްތޯ ވަންނަ މީހުންނަށް ދެއްކުމަށްވެސް ލާޒިމް ކުރެވުނެވެ.
ވެބްސައިޓެއް ކުކީ ޤާނޫނުތަކަށް ތަބާވާކަން ދެނެގަނެވޭނީ ކިހިނެއް؟
ޖީ.ޑީ.ޕީ.އާރު އަދި އީ-ޕްރައިވެސީ ޑިރެކްޓިވްގެ ދަށުން ވެބްސައިޓްތައް ކުކީ ޤާނޫނުތަކަށް ތަބާވާކަން ދެނެގަނެވޭނެ ގޮތްތަކެއް ވެއެވެ. މިއީ:
- ވެބްސައިޓަށް ވަންނަ މީހާ ނުވަތަ ޔޫޒާގެ އެއްބަސްވުން ކުކީސް ނެގުމުގެ ކުރިން ހޯދުން. މީގެ ތެރޭގައި ވެބްސައިޓް ރަން ކުރުމަށް ބޭނުންވާ ކޮންމެހެން މުހިންމު ކުކީ ނުހިމެނެއެވެ.
- ޔޫޒާގެ އެއްބަސްވުމުގެ ކުރިއަށް، އޭނަ އެއްބަސްވާ ކުކީ އަކީ ކީއްވެގެން ރައްކާކުރެވޭ އެއްޗެއްތޯ ރަނގަޅަށް އާދައިގެ މީހަކަށް އިނގޭ ގޮތަށް ލިޔުމަކުން ދައްކަން ޖެހޭނެއެވެ.
- ކޮންމެ މީހެއްގެ އަތުން ވެބްސައިޓްތަކުން އަތުލާ އެއްބަސްވުން ލިއުމެއްގައި ރައްކާކުރެވިފައި ހުންނަން ޖެހޭނެއެވެ.
- ކުކީ ގަބޫލު ނުކުރިޔަސް ވެބްސައިޓަށް ވަންނަ މީހުންނަށް ވެބްސައިޓް ބޭނުން ކުރެވެން ޖެހޭނެއެވެ.
- ކުކީ ދިނުމަށް އެއްބަސްވެފައިވާ މީހަކަށް އޭނާގެ އެއްބަސްވުން ފަސޭހަކޮށް އަނބުރާ ގެނައުމަށް ވެބްސައިޓުން ގޮތެއް ދައްކަން ޖެހޭނެއެވެ.
މި ޤާނޫނު މިހެން އޮތް އިރު، އިތުރަށް ޤާނޫނު ރަނގަޅުކުރުމަށްޓަކައި އީ-ޕްރައިވެސީ ރެގިއުލޭޝަނެއް ގެނައުމަށް މަސައްކަތް ކުރެވެމުން ދެއެވެ. މިއީ 2018 ވަނަ އަހަރުގައި ފެށިފައިވާ މަސައްކަތެކެވެ.
ޖީ.ޑީ.ޕީ.އާރު އިން ހާމަކުރާ ގޮތުގައި މިއީ އީޔޫ އަށް ފަހަތަށް ޖައްސާލެވިފައިވާ މަސައްކަތަކަށް ވީނަމަވެސް، މިއަހަރު ތެރޭގައި ޑްރާފްޓް ކުރެވިފައިވާ ލިޔުންތަކާއި އެކު ކުކީގެ އުސޫލު އިތުރަށް ރަނގަޅުކޮށް ފާސްކުރުމަށް މަސައްކަތް ކުރެވެމުން އެބަދެއެވެ.
ކުކީޒް ރެގިއުލޭޓް ކުރާނެ އުސޫލެއް އަދިވެސް ކަނޑައަޅަމުން އަންނަ އިރު، މިހާރު ކުކީ ޕޮލިސީއެއް ދެމެހެއްޓުމަކީ ދެމެހެއްޓެނިވި މަސައްކަތަކަށް ވާނެ އެވެ.
އެހެންނަމަވެސް، ސައިޓުން ބޭނުންކުރާ ކުކީޒްތަކުގެ މައުލޫމާތު ރަނގަޅަށް ބޭނުންކުރާ ފަރާތްތަކަށް ދިނުމާއި، ބޭނުންވެއްޖެ ހިނދެއްގައި، އެފަރާތްތަކުގެ ރުހުން ލިބުމަކީ، ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ހިންހަމަޖެހުން ހިފެހެއްޓި، ޖީ.ޑީ.ޕީ.އާރު އަށް ކޮމްޕްލަޔަންޓް ވެފައިވާކަން ކަށަވަރު ކޮށްދޭނެ ކަމެކެވެ.
ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީ.ޑީ.ޕީ.އާރް) އަކީ ދުނިޔޭގެ އެންމެ ހަރުކަށި ޕްރައިވެސީ އެންޑް ސެކިއުރިޓީ ގާނޫނެވެ. ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން ޑްރާފްޓްކޮށް ފާސްކުރި ނަމަވެސް، އީޔޫގައި ތިބި މީހުންނާ ގުޅުންހުރި ޑޭޓާތައް ޓާގެޓްކުރާހާ ހިނދަކު ނުވަތަ އެއްކުރާހާ ހިނދަކު ކޮންމެ ތަނެއްގައި ވެސް ޖަމިއްޔާތަކުގެ މައްޗަށް ޒިންމާތައް ނަގަ އެވެ.
މި ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.