އޭއައި ބޭނުންކޮށްގެން ޕާކިންސަންފަދަ ބަލިތައް ދެނެގަތުން

މަރިޔަމް އިޝްރާޤް ވަޙީދު 24 ސެޕްޓެމްބަރު 2023

ފުރަތަމަ ފަހަރަށް ރެޓިނަލް ފޮޓޯ ބޭނުންކޮށްގެން ހާޓް އެޓޭކް އަދި ޕާކިންސަންސް ފަދަ ނުރައްކާތެރި ބަލިތައް ދެނެގަނެވޭނެ އޭއައި ސިސްޓަމްއެއްވަނީ އުފައްދައިފައެވެ.

ރެޓިނާ އަކީ ކުދި ލޭހޮޅިތަކުން ހަދާފައިވާ ލޮލުގެ ފުރަގަހުގައި ހުންނަ ޓިޝޫގެ ލައިޓް ސެންސިޓިވް ލޭޔަރެކެވެ. ނާރުތަކުގެ ނިޒާމާއި ކެޕިލަރީ ނެޓްވޯކަށް ނޮން-އިންވޭސިވް "ވިންޑޯ" އެއް ފޯރުކޮށްދިނުމުގެ އިތުރުން، މިއީ ސިކުނޑި، ހިތާއި ކިޑްނީ ފަދަ ގުނަވަންތަކުގެ މަސައްކަތަށް ވަރަށް މުހިންމު އެއްޗެކެވެ.

"އާރްއީޓީފައުންޑް" (RETFound) ގެ ނަމުން ނަން ދީފައިވާ މި އޭއައި މޮޑެލަކީ ސިއްހީ ދާއިރާގައި ބޭނުންކުރުމަށް ހެދުނު އެންމެ ފުރަތަމަ އޭއައި ފައުންޑޭޝަން މޮޑެލްސްގެ ތެރޭގައި ހިމެނޭ މޮޑެލްއެކެވެ. އަދި މިއީ ލޮލުގެ ބަލިތަކަށް ފަރުވާ ދޭ ފުރަތަމަ މޮޑެލްއެވެ. މިއީ ލޮލުގެ އެންމެ ބޮޑެތި ބަލިތައް ދެނެގަތުމާއި ލޮލުގެ އިތުރުން، އިންސާނާއަށްޖެހޭ ތަފާތު ހާލަތްތައް ހޯދުމަށް ތައްޔާރު ކުރެވިފައިވާ މޮޑެލްއެކެވެ. މިއީ ހެލްތު ޑޭޓާ ރިސާޗް ހަބް ފޯ އައި ހެލްތް، އިންސައިޓް (INSIGHT) އިން ހަދާފައިވާ މޮޑެލްއެކެވެ.

ފައުންޑޭޝަން މޮޑެލަކީ ވަރަށް ބޮޑު، ކޮމްޕްލެކްސް އޭއައި ސިސްޓަމެކެވެ. މިއީ ލޭބަލް ނުކުރާ ގިނަ އަދަދެއްގެ ޑޭޓާއިން ތަމްރީނުކުރެވި، ތަފާތު މަސައްކަތްތަކަށް ފައިން ޓިއުން ކުރެވިދާނެ އެއްޗެކެވެ. ނޭޗާ ޖޯނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބަޔާންކުރެވިފައިވާ ގޮތުގައި މި ދިރާސާގެ ސައިންސްވެރިން ވަނީ މޫރްފީލްޑްސް އައި ހޮސްޕިޓަލްގެ 1.6 މިލިއަން ރެޓިނަލް ސްކޭން ފޮޓޯގެ ޑޭޓާސެޓެއް ބޭނުންކޮށްގެން އާރްއީޓީފައުންޑް ތަމްރީނުކޮށްފަ އެވެ.

އެގޮތުން، މި އާ "ޓްރާންސްފޯމޭޓިވް" ޓެކްނޮލޮޖީގެ ސަބަބުން ސްޓްރޯކާއި ހާޓް އެޓޭކް އަދި ޕާކިންސަންސް ޑިޒީޒް ފަދަ ސިއްހީ މައްސަލަތައް އަވަހަށް ދެނެގަނެވޭނެއެވެ. އަދި ރެޓިނަލް އިމޭޖިން އެނަލައިޒްކޮށް ލޭބަލް ކުރުމުގައި އިންސާނީ މާހިރުންގެ ވޯކްލޯޑް ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ.

މީގެ އިތުރުން، ހެދުނު ކޮމްޕްލެކްސް ކްލިނިކަލް ޓާސްކްތަކުން ދައްކާފައިވާ ގޮތުގައި އާރްއީޓީފައުންޑްގެ ޕާފޯމަންސް ލިމިޓެޑް ވިކަމުގައިވިޔަސް، އެ ސިސްޓަމްވަނީ މިހާރު ހުރި އެންމެ ޒަމާނީ އޭއައި ސިސްޓަމްތަކަށް ވުރެ ކުރި ހޯދާއި، އެތަކެއްޗަށް ވުރެ ރަނގަޅަށް ނަތީޖާ ނެރެފައެވެ. މިހާރު ހުރި ގިނަ ސިސްޓަމްތަކެއްގައިވާ މުހިންމު އުނިކަމެއް ހައްލުކޮށް، މި އޭއައި ސިސްޓަމްއިން ތަފާތު އާބާދީތަކުގައި އަދި އާންމުކޮށް ނުފެންނަ ބަލިތައް ހޯދުމަށް އެހީތެރިވެދެއެވެ.

ދީރާސާގެ ސީނިއަރ ސައިންސްވެރިޔާ، ޑައިރެކްޓަރ އޮފް އިންސައިޓް، ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ އޮފް އާޓިފިޝަލް މެޑިކަލް އިންޓެލިޖެންސް އަދި މޫރްފީލްޑްސް އައި ހޮސްޕިޓަލްގެ ކޮންސަލްޓެންޓް އޮޕްތަލްމޮލޮޖިސްޓް ޕްރޮފެސަރ ޕިއަރސޭ ކީން ވިދާޅުވެފައިވާގޮތުގައި މިއީ އިނގިރޭސިވިލާތާއި ދުނިޔޭގެ ފެންވަރުގައި ވެސް، 21 ވަނަ ގަރުނުގައި އޭއައި ބޭނުންކޮށްގެން ލޮލުގެ ތަހުލީލުތައްކުރުން އަލުން އީޖާދު ކުރުމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ. އާރްއީޓީފައުންޑް ބޭނުންކުރެވިދާނެ އެތައް ނަމޫނާ ޙާލަތްތައް އެބޭފުޅުން ދައްކާފައިވާއިރު، އެ ބޭފުޅުން ވިދާޅުވެފައިވާގޮތުގައި އަދި ހޯދިފައި ނުވާ ލޮލުގެ ފެނުމަށް ނުރައްކާވާ އެހެން އެތައް ސަތޭކަ ބަލިތަށް ދެނެގަތުމަށް މި ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމުގެ ޤާބިލްކަން އެބައޮތެވެ.

ދިރާސާގެ އިތުރު ސައިންވެރިއެއްކަމަށްވާ، ޔޫސީއެލް ސެންޓާ ފޯ މެޑިކަލް އިމޭޖް ކޮމްޕިއުޓިން، ޔޫސީއެލް މެޑިކަލް ފިޒިކްސް އެންޑް ބަޔޯމެޑިކަލް އިންޖިނިއަރިން އަދި މޫރްފީލްޑްސް އައި ހޮސްޕިޓަލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ޕީއެޗްޑީ ދަރިވަރު ޔުކުން ޒޫ ވިދާޅުވި ގޮތުގައި "ލަންޑަނުގެ ނަސްލީ ތަފާތުކަން ރަމްޒުކޮށްދޭ ޑޭޓާސެޓްތަކާ އެކު އާރްއީޓީފައުންޑް ތަމްރީނުކޮށްގެން އަޅުގަނޑުމެން މިވަނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ދިރާސާކުރާ ފަރާތްތަކަށް އޯކިއުލާ ޑިޒީޒް ޑައިގްނޯސިސް އަދި ސިސްޓަމިކް ޑިޒީޒް ޕްރެޑިކްޝަން ފަދަ ސިއްހީ އެޕްލިކޭޝަންތައް ކުރުމަށް، އަގުހުރި ބޭސްއެއް ތަރައްޤީކޮށްފައި" އެވެ.

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.