ގިނަ ސްކޫލްތަކުގައްޔާއި ކޮލެޖްތަކުގައި އުނގަންނައިދިނުމަށާއި އުނގެނުމަށް ޗެޓް ޖީޕީޓީ އާއި އެހެނިހެން އާޓިފިޝަލް އިންޓަލިޖަންސްގެ ބޭނުން ހިފަމުންދާތީވެ، މި ދާއިރާގައި އޭ.އައިގެ ނަޒާހަތްތެރިކަމަށް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެން ފަށައިފިއެވެ.
އޭ.އައި ކުރިއަށް އޮތް މުސްތަޤުބަލަށް މުހިންމު ޓެކްނޮލޮޖީއެއް ކަމުގައި ދައްކައި، އިތުރަށް އުޖާލާކަމަށް ދައްކައިދެނީ މިހާރު ޓިއުޓާއިން ގޮތަށް ނުވަތަ މުދައްރިސުންނަށް އެހީވެވޭ ފަދަ އެސިސްޓަންޓެއް ގޮތުގައި އޭ.އައި ބޭނުން ކުރެވެމުންދާތީވެއެވެ.
ނަމަވެސް، އެތަކެއް ދިރާސާތަކުންނާއި އެކި މީހުންގެ ހިންހަމަނުޖެހުންތަކުން ދައްކައިދޭ އެހެން ކަމެއް މި ޓެކްނޮލޮޖީގައި ވަނީ ފާހަގަކުރެވިފައެވެ. އެއީ ނަސްލީ ތަފާތުކުރުން މި ޓެކްނޮލޮޖީއިން ފެންނަ ފެނުމެވެ. މިއީ ކުރިއަށް އޮތް ތާނގައި ބޮޑު ޓެކްނިކަލް ޑިވައިޑްއަކަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ.
ކޮންމެ ޓެކްނޮލޮޖީއެއް ފަދައިން، އުނގެނުމުގެ ވައްޓަފާޅިތަކާއި ކޮންޓެކްޓްތައް އޭ.އައި ޓެކްނޮލޮޖީގައި ހިމެނުމާއި، އޭ.އައި އަކީ އުނގަންނައިދޭ މީހުންނާއި ދަރިވަރުންނަށް ވެސް ހަރުދަނާ ވަސީލަތަކަށް ހެދުމަކީ މުހިންމު ކަމެއް ކަމުގައި ނިކޯލް ޓާނާ ލީ، ބްރޫކިންގްސް އިންސްޓިޓިއުޓްގެ ސެންޓަރ އޮފް ޓެކްނޮލޮޖީގެ ޑިރެކްޓަރ ވިދާޅުވެފައިވެއެވެ.
އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި) ސްކޫލްތަކުގައި މައުޟޫއެއް ގޮތުގައި އާންމު ވެގެންދިޔައީ މިދިޔަ އަހަރު ނޮވެމްބަރު ހިސާބުގައެވެ. ޗެޓްޖީޕީޓީ ކުއްލިއަކަށް ވުޖޫދަށް އައިސް ދެން އިވެން ފެށީ މި ޓޫލް ބޭނުންކޮށްގެން ދަރިވަރުން ޓެސްޓުތަކާއި ފިލާވަޅުތަކަށް މަކަރު ހަދަންފެށި ވާހަކައެވެ. ގިނަ ސްކޫލްތަކުން މި ޓެކްނޮލޮޖީ ބޭނުންކުރުން މަނާކުރިނަމަވެސް މިހާރު އެމީހުންގެ ޕްލެޓްފޯމްތަކުގައި އެކުލަވާލައި އަލުން ބޭނުންކުރުން ވަނީ ފަށާފައެވެ. މިއީ މި ޓެކްނޮލޮޖީގެ މުހިންމުކަން އެނގުމުންނެވެ.
އޭ.އައި އަކީ އުނގަންނައި ދިނުމަށާއި ދަރިވަރުންނަށް އެހީތެރިވެދޭ އެސިސްޓެންޓަކަށް ވެދާނެ އިރު، އޭގެ ސަބަބުން ސްކޫލްތަކުގައި، ވަކިން ހާއްސަކޮށް މައިނޯރިޓީ ދަރިވަރުންނަށް ހަދާ ފިލާވަޅު ޕްލޭންތަކުގައި ނަހަމަކަން އުފެދިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
އެޑްވީކް ރިސާޗް ސެންޓަރގެ 2022 ވަނަ އަހަރުގެ ދިރާސާއަކުން (ޗެޓް ޖީޕީޓީ ވުޖޫދަށް އައުމުގެ ކުރިން ކުރެވުނު ދިރާސާއަކުން) ދައްކާ ގޮތުގައި 34 އިންސައްތަ އުނގަންނައިދޭ މަރުކަޒު ތަކުން އޭ.އައި އާއިމެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި 10 އިންސައްތަ މީހުން މި ޓެކްނޮލޮޖީއާއި ހެދި އަތުވެދާނެ ނަސްލީ ތަފާތުވުމާއި މެދު ކަންބޮޑުވުން ފާޅުކުރިއެވެ.
މީގެ އިތުރުން އެތަކެއް ރިޕޯޓުތަކުންނާއި ދިރާސާތަކުން ދައްކާ ގޮތުގައި ސިއްޙީ ދާއިރާފަދަ ދާއިރާތަކުގައި "ފޭޝަލް ރިކޮގްނިޝަން" ގައި ނަސްލީ ތަފާތުވުން ހުރެއެވެ.
ދެން ފާހަނގަވާ އަނެއް ކަމަކީ މި ޓެކްނޮލޮޖީގައި އެކި ދުރު ހިސާބުތަކާއި ރަށްފުށުގައި ދިރިއުޅޭ ފަގީރު ދަރިވަރުންނަށް ދިމާވާ އުނދަގޫތަކެވެ. މި ކުދިންނަކީ ފަސޭހައިން ޓެކްނޮލޮޖީއަށް އެކްސަސްވެވޭ ކުދިންނަށް ނުވުމުން އުނގަންނައި ދިނުމުގައި މިފަދަ ޓޫލްތައް ބޭނުން ކުރުމުން މިކަމުން މިކުދިން އެކަހެރިވެވެނީއެވެ. މިފަދަ ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މުދައްރިސުން ހޯދުމަކީވެސް ދަތިކަމަކަށް ވަނީ ވެފައެވެ.
އާޓިފިޝަލް އިންޓަލިޖަންސް ދުވަހެއް ދުވަހެއް ކުރިއަރަމުންދާއިރު ފާހަގަ ކުރެވުނު ކަންތައްތަކަކީ އަހަރެމެން އެންމެން ވިސްނައި ކޮންމެވެސް އުސޫލުތަކެއް ކަނޑައެޅެންޖެހޭ ހޯދުންތަކެކެވެ.
އުނގަންނައިދިނުމާއި އުނގެނުން އެހެން ހަރުފަތަކަށް ނެގުމަށް މި ޓެކްނޮލޮޖީގެ އެހީ ހޯދިކަމުގައިވިޔަސް، އެއްވެސް ތަފާތު ކުރުމެއް ނެތިވެ އެންމެން ބައިވެރިކޮށް އެއްވެސް ޑިޖިޓަލް ތަފާތު ކުރުމަކާއި ނުލައި، ނަސްލީ ތަފާތު ކަމެއް ނުލައި މިފަދަ ޓެކްނޮލޮޖީ ބޭނުން ކުރެވުން މުހިންމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.