ގަދީމީ ކަހަނބު ފޮސިލިން ޑީއެންއޭ ފެނިއްޖެ

އަޝްނާ ރަޝީދު 10 އޮކްޓޯބަރު 2023

ޑީއެންއޭ އެނގޭނެފަދަ ހާލަތަކަށް ހުންނާނީ ކިތައް އަހަރަށް ހެއްޔެވެ؟ ރަނގަޅު ހާލަތްތަކުގައި، މި ސުވާލު ޖެވާބަކީ އެތައް މިލިއަން އަހަރެކަމަށްވެދާނެވެ. ދިރާސާވެރިންނަށް ވަނީ ދާދިފަހުން ފެނިގެންގޮސްފައިވާ ކަހަނބު ފޮސިލަކުންމިކަން ހާމަވެފައެވެ. މި 6 މިލިއަން އަހަރު ވެފައިވާ ކަހަނބު ފޮސިލުގެ ދެމިގެންހުރި ކަށީގެ ސެލްތަކުގައި ޑީއެންއޭ ރައްކާވެފައިވާ ހުރިކަމަށް ބެލެވެއެވެ. މި ހޯދުން ހޯދާފައިވަނީ ޔުނިވާސިޓީ ޑެލް ރޮސާރިއޯ، ޔުނިވާސިޓީ ނޭޝަނަލް ޑި ކޮލަމްބިއާ، ސްމިތުސޮނިއަން ޓްރޮޕިކަލް ރިސާޗް އިންސްޓިޓިއުޓް، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހީސްޓްރީ އަދި ޔުނިވާސިޓީ އޮފް ވިއެނާގެ ދިރާސާވެރިން ގުޅިގެން ކޮށްފައިވާ މަސައްކަތުންނެވެ.

ކަނޑުގައި ކަހަނބު އުޅޭތާ 110 މިލިއަނަށް ވުރެ ގިނަ އަހަރު ވެފައިވީ ނަމަވެސް، މި ކަހަނބުތަކާ ބެހޭގޮތުން މާކަގިނަ ތާރީޚީ މައުލޫމާތު ލިބިފައިނުވެއެވެ. މި ހޯދި ފޮސިލަކީ ލެޕިޑޯޗެލިސްގެ ހޯދިފައިވާ އެންމެ މުސްކުޅި ރެކޯޑް ކަމަށް ބެލެވިފައިވެއެވެ. މިހާރު ދުނިޔޭގައި ނުފެންނަ މި ކަހަނބަކީ މިވަގުތު ދުނިޔޭގައި ބާކީ ހުރި ހަތް ކަނޑު ކަހަނބުގެ ވައްތަރުތަކުގެ ތެރެއިން ދެ ވައްތަރާއި އެއް ޖީނަސެވެ.

ޕިނާ ބީޗުން ފެނުނު 6 މިލިއަން އަހަރު ދުވަހުގެ ކަހަނބު ފޮސިލް. ކާލޯސް ޑި ގްރެސިއާ، ޔުނިވާސިޓީ އޮފް ވިއެނާ އަދި އެސްޓީއާރުއައި އެވެ

މި ފޮސިލްއަކީ ލެޕިޑޯޗެލިސް ޖިންސަށް ނިސްބަތްވާ އެންމެ ދުވަސްވީ ކަހަނބު ފޮސިލް ކަމަށް ފާހަގަކުރެވުނެވެ. މި ފޮސިލް އެންމެ ފުރަތަމަ ފެނިފައިވަނީ 2015 ވަނަ އަހަރު ޕެނަމާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ ޕިނާ ބީޗުންނެވެ. މި ސަރަހައްދަކީ މި ކަހަނބު ދުނިޔޭގައި އުޅުނު ދުވަސްވަރަށް ފަހު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ފެންނަ ފޮސިލްތަކަކީ އެޒަމާނުގައި ބިންގަނޑަށް އައި ބަދަލުން ބަޔޯޑައިވަރސިޓީއަށް ކުރި އަސަރު ދެނެގަތުމަށް ވަރަށް މުހިންމު އެއްޗެކެވެ.

ދިރާސާވެރިންނަށް ޑީއެންއޭގެ އަސަރުތައް މި ފޮސިލުން ހޯދިފައިވެއެވެ. އެޑްވިން ކެޑޭނާ، ޔުނިވާސިޓީ ޑެލް ރޮސާރިއޯ އަދި އެސްޓީއާރުއައިއެވެ

މިގޮތުން ޑީއެންއޭ ހޯދާފައިވަނީ އެ ކަހަނބު ގެ ބާކީއިން ހޯދިފައިވާ ކަށީގެ ސެލްތައް (އޮސްޓިއޯސައިޓްސް) ޑީއޭޕީއައި ކިޔާ ސޮލިއުޝަނަކުން ޓެސްޓް ކުރުމުންނެވެ. މި ޓެސްޓް ބޭނުންކޮށްގެން ސެލްތަކުގެ ރަނގަޅަށް ރައްކާތެރިވެފައިވާ ބައެއް ނިއުކްލިއަސްތަކުގައި ޑީއެންއޭ ހުރިކަން ހާމަވެފައިވެއެވެ.

މީގެ ކުރިން ޓީ-ރެކްސާއި ހެޑްރޯސޯއެއްގެ ފޮސިލިން އޮސްޓިއޯސައިޓްސް ފެނިފައިވެއެވެ. އަދި 120 މިލިއަން އަހަރު ވެފައިވާ ކޮޑިޕްޓެރިކްސްގެ ފެނިފައިވާ ކާޓިލޭޖަކުން ބަޔޯމޮލިކިއުލްތަކެއްވެސް ފެނިފައިވާ މީހުން އިޙތިލާފުވާ ރިޕޯޓެއް ވެސް ވާކަމަށްވެއެވެ.

އޮސްޓިއޯސައިޓްތަކުގައި ޑީއޭޕީއައި ސްޓޭން އާއި އަޅާބަލާއިރު ސްޓޭން އެއް ނެތެވެ. ކެޑެނާ އެޓް އަލް، 2023.

މި ޓެސްޓުގެ ސަބަބުން ޑީއެންއޭ ފެނިފައިވާ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، މިއީ ޑީއެންނޭ ހުރިމަށް ކަނޑައެޅިގެންވާ ހެއްކެއް ނޫނެވެ. ޑީއެންއޭ ހުރިކަމަށް ކަށަވަރުކުރެވޭނީ އެ ޑީއެންއޭ ދެނެގަނެ ސީކުވެންސުކޮށްގެންނެވެ. މިކަމަކީ ފަހަރެއްގައިމު މި ފެސިލުން ކުރެވިދާނެކަމަކަށް ނުވާނެވެ. މިއީ މީގެ ކުރިން އެންމެން އެއްބަސްވާ ގޮތުގައި ފެނިފައިވާ ޑީއެންއޭ ސާމްޕަލާއި އަޅާބަލާއިރު އެތައް ގުނައެއް މުސްކުޅި، އަދި ޑީއެންއޭ ރައްކާކުރުމަށް މާ ސަކަރާތް ހާހލަތެއްގައި ފެނިފައިވާ ސާމްޕަލެކެވެ.

ނަމަވެސް މިއީ މޮލިކިއުލަރ ޕެލިއޮންޓޮލޮޖީއަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ފާއިތުވެގެން ދިޔަ އަހަރުތަކުގައި ކުރިއަރުމުން އަންނަ މުހިންމު ދާއިރާއެކެވެ. މި ދާއިރާއިން ފޮސިލްތަކުން ފެނިފައިވާ ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ލިޕިޑްސް، އަދި ޑީއެންއޭ ފަދަ ބަޔޯމެޓާ ދިރާސާކޮށް، ފެނިފައިވަ މަޙުލޫގުންގެ ސިފަޔަށްވުރެ ގިނަ މައުލޫމާތު ހޯދިގެން ދާނެވެ. މިއީ އެހެން ގޮތްތަކާއި އަޅާ ބަލާއިރު ފޮސިލްތަކުމް ހޯދޭ މާ ގިން މައުލޫމާތެވެ.

މި ހޯދުންތަކުގެ މާނައަކީ ކޮބައިތޯ؟ މި ހޯދުމުން އަޅުގަނޑުމެންނަށް ދަސްވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ފޮސިލުން ޑީއެންއޭ ހުރިކަމަށް ކަށަވަރު ނުވިޔަސް، މި ހޯދުމުގެ ސަބަބުން ބަޔޯމޮލިކިއުލްތައް ރައްކާތެރިކުރެވިފައިވާ ގޮތާމެދު އަޅުގަނޑުމެންނަށް ވިސްނޭ ގޮތާއިމެދު ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ އިތުރުން މި ހޯދުންތަކުގެ އަލީގައި މި ސަރަޙައްދުގެ ކަނޑުގެ ތާރީޚާ ބެހޭގޮތުން އިތުރަށް ދަސްކުރުމަށްވެސް އެހީތެރިކަމެއް ލިބިފައިވެއެވެ. މި ހުރިހާ ކަމަކުން ޕެލިއޮންޓޮލޮޖިސްޓުންނަށް އާ ސުވާލުތަކާއި މުހިންމު މައުލޫމާތުތަކެއް ލިބިގެންދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.