ގޫގަލް ގައި ޕާސްވޯޑުގެ ބަދަލުގައި ޕާސްކީ

އަޝްނާ ރަޝީދު 26 އޮކްޓޯބަރު 2023

ގޫގަލްއިން ރައްކާތެރި އަދި ޔޫޒަރ-ފްރެންޑްލީ މުސްތަގުބަލަކަށް ގާއިމުކުރުމަށްޓަކައި ޕާސްކީ ޑިފޮލްޓު ސައިން އިން މެތޮޑަށް ހަދާ، ގޫގަލްގެ ޕާސްވާޑު މެނޭޖަރުން އިތުރާށް ބާރުއަޅާފިއެވެ. ގޫގަލް އިން ބުނާ ގޮތުގައި މިއީ އާންމުކޮށް ބޭނުންކޮށް އުޅޭ ޕާސްވޯޑްތަކުގެ ނިމުމުގެ ފެށުމެވެ. މި ބަދަލުގެ ސަބަބުން ސެކިއުރިޓީ އިތުރުވެ، ބޭނުންކުރުމަށް ފަސޭހަވެ، ސައިން-އިން ތަޖުރިބާ އަވަސްވެ، ސެކިއުރިޓީ ބްރީޗްތަކުން ޔޫޒަރުން ރައްކާތެރިވެގެންދާނެވެ.

މިކަމުގެ މަގްސަދަކީ އާންމުކޮށް ބޭނުންކުރަމުންދާ ޔޫޒަރނޭމް-ޕާސްވޯޑްތަކުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުމެވެ. ޕާސްކީއިން "ފިޝިންނަށް" ކުރާ މަސައްކަތްތަކާއި، ކްރެޑެންޝަލް ސްޓަފިން އެޓޭކްތަކާއި، ކީލޮގަރ މެލްވޭއާ އާއި، ޕާސްވޯޑް ހަނދާން ނަތުމުގެ އާންމު މައްސަލަތަކަށް ހައްލެއް ލިބިގެންދެއެވެ.

ޕާސްކީތައް މަސައްކަތް ކުރަނީ ދެ ސިސްޓަމުގައި ރައްކާ ކުރެވިފައިވާ ބައިތަކުގެ މައްޗަށެވެ. އެއް ބައި ވަނީ އެޕް ނުވަތަ ވެބްސައިޓްގެ ސަރވަރގައެވެ. ދެވަނަ ބައި ޔޫޒަރުގެ ޑިވައިސްގައެވެ. މިހެން ހެދުމުގެ ސަބަބުން ޔޫޒަރުންނަކީ އެކައުންޓުގެ ވެރިފަރާތްކަން ފަސޭހައިން ކަށަވަރުކޮށްދެވޭނެއެވެ. މިކަމުގެ މުހިންމު ކަމަކީ، މީގެ ސަބަބުން ސާވަރ ބްރީޗް ވެއްޖެ ހާލަތެއްގައި ވެސް، ޔޫޒަރުގެ ޑިވައިސްއަށް އަތުގައި ނެތްހާހިނދު، ހެކަރުންނަށް އެކައުންޓަކަށް ރިމޯޓްކޮށް އެކްސެސް ވާން އުނދަގޫވާނެވެ.

ގޫގަލްއިން ޕާސްކީއަށް ހިތްވަރު މި ދެނީ އަލަކަށް ނޫނެވެ. ގޫގަލްއިން ވަނީ މީގެ ކުރިން 2022 ވަނަ އަހަރުގެ މެއި މަހުގައި ޕާސްވޯޑް އަލްޓަނޭޓިވް އަށް ސަޕޯޓް ދޭނެ ކަމަށް ވައުދުވެފައެވެ. މި ގޮތުން އެމީހުން ވަނީ އެންޑްރޮއިޑް އަދި ކްރޯމުގައި ވެސް ޕާސްކީ ބޭނުންކުރެވޭގޮތް ހަދާފައެވެ. މީގެ އިތުރުން، އެމީހުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޫގަލް އެކައުންޓުގެ ވެރިފަރާތްތަކަށް ޕާސްކީ ލިބެން ފަށާފައެވެ. ގޫގަލް ދެކެނީ ޑިފޯލްޓް އޮތެންޓިކޭޝަން މެތޯޑަކަށް ޕާސްކީ ހެދުމަކީ ޕާސްވޯޑްތައް ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ގެ ގޮތަށެވެ.

ގޫގަލް ޕާސްކީއަށް ބަދަލުވަމުންދިއުމުން ޔޫޒަރުންނަށް ރައްކާތެރިކަމާއެކު އެކައުންޓަށް ވަންނަން ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެން ދެއެވެ. މި ޓެކްނޮލޮޖީ ފަރުމާކޮށްފައިވަނީ ބަޔޮމެޓްރިކްސް، ޕިން، ނުވަތަ ފިޒިކަލް ސެކިއުރިޓީ ކީސް ފަދަ މިހާރު ވެސް ފޯނު ނުވަތަ ކޮމްޕިއުޓަރު ހުޅުވުމަށް ބޭނުންކުރަމުންދާ ނިޒާމުތަކާއެކު ބޭނުންކުރުމަށެވެ.

ގޫގަލް އިން ބުނާ ގޮތުގައި ޔޫޒަރުންގެ 64% އަށް އެހެން ނިޒާމުތަކާއި އަޅާ ބަލާއިރު ޕާސްކީ ބޭނުންކުރަން ފަސޭހަވެއެވެ. އަދި އެހެން ނިޒާމު ތަކާއި އަޅާ ބަލާއިރު ޕާސްކީ 40% އަވަސް ވެސް ވާކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން ޕާސްކީގެ ސަބަބުން ޔޫޒަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެކައުންޓުތައް ވެރިފައިކުރުމަށް ބާރެއްލިބިގެންދެއެވެ.

ޕާސްކީއަށް އެއްބާރުންލުން ދެނީ ހަމައެކަނި ގޫގަލެއެއް ނޫނެވެ. މެޓާ، އޫބަރ، ޓިކްޓޮކް، އެމޭޒަން، މައިކްރޮސޮފްޓް، ޕޭޕަލް އަދި ނިންޓެންޑޯ އިން ވެސް ޕާސްކީ ބޭނުންކޮށްގެން ސައިން-އިން ކުރެވެއެވެ. އެހެނަސް، ޕާސްކީ އާންމު ވެގެން ދިއުމަށް އަދި އެތައް އަހަރެއް ހިނގައި ގޮސްދާނެވެ. އެހެން ބޮޑެތި ކުންފުނިތައް މި ކަމަށް އެއްބާރުންލުންދީ ޕާސްކީ ބޭނުންކުރަން ފެށުމިން، ފަހަރެއްގައިމު މިކަން އަވަސްވެ، އެހެން ކުންފުނިތަކުންވެސް ޕާސްކީ ބުންކުރަން ފަށައިގެން ގޮސްފާނެވެ.

ޕާސްކީ އެހެން ގޮތްތަކަށް ވުރެ ރައްކާތެރި ކަމަށް ބެވެއެވެ. ނަމަވެސް މީގެ މާނައެކީ ޕާސްކީ އަކީ ހެކްނުކުރެވޭ ނިޒާމެއްތޯއެވެ؟ މީގެ ކުރިން ސައިބަރ ސެކިއުރިޓީ މާހިރުން ތައާރަފުކުރި މޮޅެތި ނިޒާމުތައް – ޕާސްވާޑު މެނޭޖަރުތައް، ބަޔޮމެޓްރިކްސް، ޕާސްވާޑުތައް ފަދަ ނިޒާމުތައް - ވަނީ ހެކު ކުރެވިފައެވެ. މިވަގުތު ޕާސްކީ އަކީ އެންމެ ރައްކާތެރި އެއް ނިޒާމަށް ވާ ސަބަބަކީ ޕާސްކީ ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ހެކުކުރެވޭނެ ގޮތްތައް މަދުވެގެން ދާތީއެވެ. ނަމަވެސް ކިތަންމެ މޮޅު ނިޒާމެއް ބޭނުންކުރިއަސް ރައްކާތެރިވުމަކީ ބޭނުންކުރާމީހުންގެ މަސްހޫލިއްޔަތެކެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.