ޣައްޒާގައި އިންސާނީހިދުމަތްދޭ ޖަމިއްޔާތަކަށް ސްޓާލިންކް ދޭނެ - މަސްކް

ހުސެއިން އާރިފް 28 އޮކްޓޯބަރު 2023

ޣައްޒާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ އިންސާނީ ހިދުމަތްދޭ ޖަމިއްޔާތަކަށް ސްޓާލިންކް މެދުވެރިކޮށް އިންޓަނެޓް ހިދުމަތް ދޭނެ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެއެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މުވާސަލާތީ ހިދުމަތްތަކަށް އަމާޒުކޮށް ހުކުރު ދުވަހު ދިން ހަރުކަށިހަމާލާތަކަށް ފަހު މިވަގުތު ވެސް ޣައްޒާއިން މުޅިންހެން އިންޓަނެޓް އަދި ފޯނު ހިދުމަތް ވަނީ ކެނޑިފައެވެ.

އެކްސް މަންސާގައި މައުލޫމާތު ހިއްސާ ކުރަމުން ސްޓާލިންކްގެ ހިދުމަތްދޭ ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ ސަރަހައްދު ތަކަށްވެސް ސްޓާލިންކް މެދުވެރިކޮށް ގުޅުވާލަދެވޭނެ ނަމަވެސް އަދި އެފަދަ ކަނެކްޝަން ރިކުއެސްޓް އެއް ލިބިފައި ނުވާކަމަށެވެ. "ބައިނަލް އަޤްވާމީގޮތުން ބަލައިގަންނަ އެހީދޭ ޖަމިއްޔާތަކަށް މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމަށް ސްޕޭސްއެކްސް އިން އެހީތެރިކަން ދޭނެ" ކަމަށް މަސްކް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.

މަސްކް ތަކުރާރުކޮށް މިހެން ބުނި ނަމަވެސް މިގޮތަށް ހިދުމަތްދިނުމަށް ގޮންޖެހުންތައް އެބަހުއްޓެވެ. މިގޮތުން ގްރައުންޑް ޓާމިނަލްތައް އަދި ލިންކް ތައް އޮޕަރޭޓްކުރާނީ ކޮންބަޔެއްކަން އަދި ސާފުވެފައި ނެތްނަމަވެސް އެފަދަ ރިކުއެސްޓް އެއް ލިބުމުން އެކަން ކުރެވެން އޮތްގޮތް ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް މަސްކް ބުނެފައިވެއެވެ.

ސްޓާލިންކް ގެ ހިދުމަތުގެ އެހީގައި އިންޓަނެޓް ހިދުމަތްދޭ އިންފްރާސްޓްރަކްޗަރ ހަލާކުވުން ނުވަތަ ބޮލްކުރުމުންވެސް ގުޅުން ގާއިމްކޮށްދީފައި ވެއެވެ. މިގޮތުން މިފަހުން އިރާން ގައި ކުރިއަށް ދިޔަ އިހުތިޖާޖުތައް އަދި ޔޫކްރެއިން ގައި މިފަދައިން އެކުންފުނިން ހިދުމަތް ފޯރުކޮށްދީފައި ވެއެވެ.

ޣައްޒާއަށް ހުކުރުދުވަހު ދިން ވަރުގަދަ ހަމަލާތަކަށްފަހު މުވާސަލާތީ ގުޅުން ކެނޑިފައިވުމުން ސްޓާލިންކްފޯޢައްޒާ ނަމުގައި މީސްމީޑިއާ ކެމްޕެއިންއެއްވެސް ދަނީ ހިންގަމުންނެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.