ގައުމުތަކުގައި އެކި އެކި މަދަނީ ހަމަނުޖެހުންތަކާއި ސިޔާސީ މައްސަލަތައް ހިނގާ ދުވަސްވަރުގައި އިސްފަރާތްތަކުގެ ނުފޫޒުން ގައުމުގައި ބޭނުންކުރާ އިންޓަނެޓް ހިދުމަތް ކަނޑާލުމަކީ ވަރަށް ގިނައިން ކުރާކަމެކެވެ. މީގެ ބޭނުމަކީ އެތެރޭގެ މައުލޫމާތު ދައުރުވުން ހުއްޓުވުމާއި މުވާސަލާތީ ހިދުމަތްތަކަށް ބާރު ފޯރުވާ ގައުމުގެ މީހުންގެ މައްޗަށް ކޮންޓްރޯލް ފޯރުވުމެވެ.
ފެބްރުއަރީ 2021 މިޔަންމާގައި އަދި އޮކްޓޯބަރ 2021 ގައި ސޫދާންގައި ކަންތައް ހިނގާ ދިޔައީ މިގޮތަށެވެ. މިދެގައުމުގައި ވެސް އަސްކަރީ ސިފައިން ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރިއިރު އެދެގައުމުގެ އިންޓަނެޓް ހިދުމަތް މެދުކަނޑާލިއެވެ. އަދި 2022 ގައި އިރާނުގައި ވެސް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަހްސާ އަމީނީ މަރުވުމާއި ގުޅިގެން އެގައުމުގައި ހިނގި މުޒާހިރާތައް ކޮންޓްރޯލް ކުރުމަށްޓަކައި މިފަދައިން އިންޓަނެޓް ކަނޑާލިއެވެ.
ދުނިޔޭގެ ޑިޖިޓަލް ހައްގުތައް ރައްކާތެރިކުރަން ގޮވާލާ ޖަމާއަތްތަކުން ބުނާގޮތުގައި މިފަދައިން ރައްޔިތުންގެ ހައްގު ގެއްލުވާލަން އެންމެ ގިނައިން މަސައްކަތް ކުރާ އެއް ގައުމަކީ އިންޑިއާއެވެ.
300 އަށް ވުރެ ގިނަ ޑިޖިޓަލް ރައިޓްސް ގްރޫޕް ހިމެނޭ ބައިނަލްއަގްވަމީ ކޯލިޝަންއެއް ކަމަށްވާ އެކްސެސް ނައު އިން ހާމަކޮށްފައިވާ ގޮތުގައި، 2016 ވަނަ އަހަރުން 2023 ގެ މެއި މަހުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑްކުރި މިފަދަ ހުރިހާ އިންޓަރނެޓް ޝަޓްޑައުންތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ހާދިސާ ހިނގާފާވަނީ އިންޑިއާގައެވެ. މިދެންނެވުނު މިމުއްދަތުގެ ތެރޭގައި އިންޑިއާގައި 680 އަށް ވުރެ ގިނަ ފަހަރު މިގޮތަށް އިންޓަރނެޓް ޝަޓްޑައުން ކޮށްފައިވެއެވެ. އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެގައުމުގައި ހަރަކާތްތެރިވާ މުވާސަލާތީ ކުންފުނިތަކުގެ ސެލް ޓަވަރުތަކުން މޯބައިލް ޑޭޓާ ޓްރާންސްމިޝަން ހުއްޓާލުމަށް ނުވަތަ ބްރޯޑްބޭންޑް ހިދުމަތްތައް މެދުކަޑާލުމަށް ގާނޫނީ އަމުރުނެރެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމަށް އައީ މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިންނެވެ. ވެރިކަމަށް އައި ފަހުން މޯދީ ވަނީ ތަކުރާރުކޮށް އެގައުމުގެ ހިންދޫންގެ އަޣުލަބިއްޔަތާއި މުސްލިމުންގެ މައިނޯރިޓީއާއި އޮތް ހިޔާލު ތަފާތުވުންތައް ބޭނުންކޮށްގެން އޭނާއާއި އޭނާގެ ޕާޓީ ބާރުގަދަ ކުރުމަށް އެތަށް މަސައްކަތެއް ކޮށްފައެވެ.
1947 ވަނަ އަހަރު އިންޑިއާގައި މިނިވަންކަން ލިބުނު އިރުއްސުރެވެސް އިންޑިއާގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ދީނީ ތަފާތުތަކާއި ގުޅުވައިގެން ހަމަނުޖެހުންތައް ހިނގައެވެ. އަދި މޯދީގެ ވެރިކަމުގައި އޭނާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އިން ހިންދޫންގެ ސަޕޯޓު ހޯދުމަށް މުސްލިމުންނަށް އަމާޒުކޮށް ދެކޮޅުވެރި ވާހަކަތަކާއި އަނިޔާވެރިކަން ދަނީ ފަތުރަމުންނެވެ.
18 އޮކްޓޯބަރ 2023 ގައި ދަ ވޮޝިންގްޓަން ޕޯސްޓްގައި ލިޔެފައިވާ ހަބަރެއްގައި ވާގޮތުން ބީޖޭޕީއާއި އެޕާޓީއާއި ގުޅުންހުރި ޖަމާއަތްތަކަކީ އިންޓަނެޓް މެދުވެރިވެ، އެގައުމުގައި އުޅޭ އެކި އެކި ދީންތަކާއި ސަގާފަތްތަކުގެ މީހުންގެ މެދުގައި އޮންނަ ހަމަހަމަކަމަށް ނުރައްކާވާ ފަދަ އެކި ހަރަކާތްތަކާއި ހިންގާ އަދި އެޕާޓީގެ ސިޔާސީ ފިކުރުތައް ފެތުރުމުގައި އެންމެ ކުރީގައި އުޅޭ ޕާޓީއެވެ. މިގޮތުން އިންޑިއާއަކީ ދޮގު މައުލޫމާތު ފެތުރުމަށާއި، ވަކިފަރާތަކަށް ފައިދާވާނޭގޮތަށް އުފައްދާފައިވާ އޮންލައިން ޕޯސްޓްތަކާއި ވީޑިއޯތައް އެންމެ ޢާންމު އެއް ގައުމެވެ.
އިންޑިއާގައި ސަރުކާރަށް ފާޑުކިޔުން ހުއްޓުވުމާއި ސެންސަރުކުރުންވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކާއި އެގައުމުގެ ބޮޑެތި ޓެކް ކުންފުނިތަކުންވެސް މާކެޓުގައި އެމީހުންގެ މަގާމު ހިމާޔަތްކުރުމުގެ ގޮތުން މޯދީގެ ސަރުކާރުން އެދޭގޮތަށް އަމަލުކޮށް އެގައުމަށް ޑިޖިޓަލް ބްލެކްއައުޓް ގެނައުމުގައި ހިއްސާވެއެވެ.
އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި މިގޮތަށް ފިޔަވަޅުތައް އަޅަނީ އޮންލައިންކޮށް ދޮގު މައުލޫމާތު ފެތުރުނަ ނުދިނުމަށެވެ. އަދި ގައުމުގައި ހަމަޖެހުން ނެގެހެއްޓުމަށެވެ. އެހެން ނަމަވެސް ފާޑުކިޔާ މީހުން ބުނާ ގޮތުގައި، ޑިޖިޓަލް ބްލެކްއައުޓް ތަންފީޒު ކުރުމުން، ސަރުކާރުން އަމަލުކުރާ ގޮތްތަކާމެދު ޚިޔާލުތަފާތުވާ މީހުންގެ އަޑު ނައްތާލުމަށާއި، ބާރުގައި ތިބި މީހުން ކުރާ އަނިޔާތައް ފޮރުވުމަށް ބާރުލިބެއެވެ. އަދި ހަމަނުޖެހުންތައް ހިނގާ ވަގުތުތަކުގައި ރަސްމީ އެކައުންޓްތަކުން މިނިވަންކަމާއެކު ތެދު ޚަބަރު ފެތުރުމަށްވެސް ހުރަސްއެޅެއެވެ. މިފަދަ އަމަލުތަކުން ވިޔަފާރިއާއި މަސައްކަތާއި ތައުލީމަށް ބުރޫއަރާ، އިގްތިސާދީ ގޮތުން ވެސް ރައްޔިތުންނަށް ގެއްލުން ލިބެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ އިންޓަނެޓް ޝަޓްޑައުންގެ ހަރަކާތްތައް ދިރާސާކޮށް ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން މިގޮތަށް އިންޓަރނެޓްގެ ހިދުމަތްތައް ހުއްޓުވުމަކީ ޚިޔާލުފާޅުކުރުމުގެ އަސާސީ ހައްޤަށް އަރައިގަންނަ ކަމެއް ކަމަށާއި މިކަމުން ގައުމުތަކުގައި ހަމަނުޖެހުން ހިނގާ ވަގުތުތަކުގައި ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމަށެވެ.
އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން އަނިޔާވެރި އަމަލުތައް ހިންގާ ވަގުތުތަކުގައި އެކަންތައް ޑޮކިޔުމެންޓް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ނުލިބުމަކީ އެއަނިޔާވެރިކަން އިތުރަށް ފެތުރުމަށް މަގުފަހިވާކަމެކެވެ. އަދި މީގެ ބައެއް ހާދިސާތަކަކީ އިންސާނީ ހައްގުތަކާއި ދެކޮޅަށް ކުރާ ކަންކަން ގަސްތުގައި ފޮރުވަން ހިންގާ ޖަރީމާތަކެކެވެ.
އެކްސެސް ނައު އިން ބުނާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އިންޓަނެޓް ޝަޓްޑައުން ކުރުމަށް އަމުރު ކުރުމުގައި އިންޑިއާ އުޅެނީ ދެވަނަ އާއި ތިން ވަނަގައި ހިމެނޭ އީރާނާއި މިޔަންމާއަޅާބަލާފައި އެތަށްތަނެއް ކުރީގައެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް އޮންނަނީ މީހުން ދިރިއުޅޭ ތަނުގެ ސައިޒަކަށް ބެލުމެއް ނެތި ވަރަށް ފަސޭހައިން މިކަން ކުރެވޭގޮތަށެވެ. އެއީ ބޮޑު ސްޓޭޓެއްކަމުގައި ނުވަތަ ކުޑަކުޑަ ޑިސްޓްރިކްޓެއް ކަމަށް ވިޔަސް ތަފާތެއް ނެތެވެ. މިފަދަ އިންޓަރނެޓް ބްލެކްއައުޓް ބައެއް ފަހަރަށް މަދު ދުވަސް ކޮޅަކަށް އަނެއްބައިފަހަރު މަސްތަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.
ބޭނުން ވެއްޖެނަމަ ކޮންމެ ސަބަބަކާ ހުރެވެސް އިންޑިއާގައި އިންޓަނެޓް ކަނޑާލަފާނެއެވެ. މިދިޔަ އޯގަސްޓް މަހު ހަރްޔާނާ ސްޓޭޓްގައި ހިނގި ސިޔާސީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މުޅި ސްޓޭޓުން އިންޓަނެޓް ޝަޓްޑައުން ކުރިއެވެ. މިއަހަރުގެ މާޗްމަހު ޕަންޖާބް ސްޓޭޓްގައި ފިލައިގެން އުޅުނު ކުށްވެރިންތަކެއް ހައްޔަރުކުރުމަށްޓަކައި މުޅި ސްޓޭޓުގެ އިންޓަނެޓް ކަނޑާލިއެވެ. މިކަމުގެ ސަބަބުން 27 މިލިއަން މީހުންނަށް އަސަރުކުރިއެވެ. އަދި ފެބްރުއަރީ މަހު އިމްތިހާނެއްގައި މަކަރުހެދުން ހުއްޓުމަށް ރާޖަސްތާން ސްޓޭޓްގެ 11 ސިޓީއެއްގައި އިންޓަރނެޓް ބްލޮކްކުރިއެވެ.
އިންޑިއާގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް އިންޓަނެޓް ކަނޑާލެވުނު ކަމަށް ރެކޯޑް ކުރެވިފައިވާ ހާދިސާ ހިނގާ ދިޔައީ ޖަންމު ކަޝްމީރު ސްޓޭޓްގައެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 18 މަސް ދުވަހަށް ދެމިގެން ދިޔަ މިހާދިސާއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މިސަރަހައްދުގައި އޮތް ސްޓޭޓް ކޮންޓްރޯލް ބާތިލުކޮށް ސީދާ ނިއުދިއްލީގެ ކޮންޓްރޯލްގެ ދަށަށް އެސްޓޭޓް ގެނައުމަށް، އިންޑިއާގެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރޭގައި ކުރިއަށް ދިޔަ މުޒާހިރާތަކާއި ގުޅިގެން ގެނައި ޝަޓްޑައުންއެކެވެ. ސަރުކާރުން ބުނަމުން ދިޔައީ މިކަމާއި ގުޅިގެން ފޯނު ލައިންތަކާއި އިންޓަރނެޓް އެކީގައި ކަނޑާލީ ޕާކިސްތާނުން ފަތުރާ ދޮގު މައުލޫމާތު ހުއްޓުވުމަށްޓަކައެވެ. އެދުވަސްވަރު ކަޝްމީރު ޓައިމްސް ނޫހުގެ އެގްޒެކެޓިވް އެޑިޓަރ އަނޫރާދާ ބާސިން ބުނިގޮތުގައި މި ދެންނެވުނު ޝަޓްޑައުންގެ ސަބަބުން މިސްޓޭޓްގެ 7 މިލިއަން މީހުން ތިބީ "ދަގަނޑު" ފަރުދާއެއްގެ ފަހަތުގައި ހައްޔަރުވެފައިކަމަށެވެ. މިޝަޓްޑައުންގެ ބޭނުމަކީ މުހިއްމު ޚަބަރުތައް ފެތުރުން ހުއްޓުވުންކަމަށް ވެސް އޭނާ ބުންޏެވެ.
އިންޓަނެޓް ހިދުމަތަކީ މިޒަމާނުގައި ޒަރޫރީ ބޭނުމަކަށް ނުވަތަ އަސާސީ ހިދުމަތެއްގެ ގޮތުގައި ހިމެނޭ އެއްޗަކަށް ވީހިނދު، މިކަމާއި ގުޅިގެން ހުއްޓުނީ ހަމައެކަނި މުވާސަލާތީ ގުޅުންތަކެއް ނޫނެވެ. އާންމު ދިރިއުޅުމުގެ ގިނަ ހިދުމަތްތަކަކަށްވެސް މީގެ އަސަރު ކުރިއެވެ. ހޮސްޕިޓަލުތަކުގައި ދޭ ހިދުމަތްތަކަށް ބުރޫއަރާ، އޮންލައިން ޕޭމަންޓް ސިސްޓަމްތައް މެދުކެނޑި ވިޔަފާރި ތަކާއި އާންމުންނަށް އެތަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ބްލޫމްބަރގްއިން ޝާއިއުކޮށްފައިވާ ޚަބަރެއްގައި ވާގޮތުން އިންޓަނެޓް ޝަޓްޑައުންގެ ސަބަބުން 2020 ވަނަ އަހަރު އެކަނިވެސް އިންޑިޔާއަށް 2.8 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.
މިއަހަރުގެ މޭ މަހު އިންޑިއާގެ އިރުއުތުރު މަނިޕޫރު ސްޓޭޓުގައި ނަސްލީ ތަފާތުތަކާއި ގުޅިގެން ލޭ އޮހޮރުވުންތައް ހިނގި ދުވަސްވަރު މިފަދަ ބްލެކްއައުޓްއެއް ހިންގިއެވެ. އެކަމާއި ގުޅިގެން ބީޖޭޕީއިން ކޮންޓްރޯލްކުރާ އެސްޓޭޓްގެ ސަރުކާރުން ވަނީ އެސަހަރައްދުގެ 3 މިލިއަން މީހުންނަށް ލިބެމުން ދިޔަ އިންޓަނެޓް ހިދުމަތް ހަރުކަށި ކަމާއެކު ހުއްޓުވާފައެވެ. 2023ގެ މެއި މަހުން ފެށިގެން 142 ދުވަހަށް ކުރިއަށް ދިޔަ މިބްލެކްއައުޓް ނިމުމަކަށް ގެނައީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިހާދިސާގައި އެސްޓޭޓްގައި އުޅޭ 2 ނަސްލެއްގެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހިންގި އަނިޔާވެރި އަމަލުތަކެެއް ހިންގިއެވެ. މިހާދިސާގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
މީގެ އިތުރުން އިންޓަރނެޓް ޝަޓްޑައުންނާއި ހެދި މަނިޕޫރުގައި ހިނގި ހަމަނުޖެހުންތައް އިތުރަށް ފުޅާވުމުގެ ޗާންސް ލިބުނެވެ. ހަމަނުޖެހުން ހިނގި 2 ނަސްލުގެ ތެރެއިން މެޖޯރިޓީގައި ހިމެނޭ ނަސްލުގެ މީހުންނަށް އެހާދިސާގެ ޚަބަރުތަކުގެ ކޮންޓްރޯލް ނަގާ އާންމުންގެ މެދުގައި ދޮގު މައުލޫމާތު ފެތުރުމަށް އިތުރު ބާރެއް ލިބުނެވެ. އަދި މައިނޯރިޓީ ނަސްލުގެ މީހުންނަށް އެމީހުންގެ މެސެޖު ފެތުރުމާއި އެމީހުންނާއި މެދު ކުރެވުނު އިންސާނީ ހައްގުތަކާއި ޚިލާފު އަމަލުތަކުގެ ފޮޓޯއާއި ވީޑިއޯ ހެކިތައް ފެތުރުމުގެ މަސައްކަތަށް ހުރަސްއެޅި ކަމެކެވެ. ގައުމުގެ ފެޑެރަލް ސަރުކާރަށް ވެސް އެނގުމެއް ނެތި އެސްޓޭޓްގައި ހިނގި ލާއިންސާނީ އަމަލުތައް ފަރުދާގެ ފަހަތުގައި ފޮރުވުމުގެ ފުރުސަތު ލިބުނެވެ.
މަނިޕޫރުގައި ހިނގި ހަދިސާގެ މިސާލުން ފާހަގަކުރެވުނީ ފާއިތުވި 10 އަހަރު ތެރޭގައި މިފަދަ ހާދިސާތައް އިތުރަށް ފުޅާވަމުންދާ މިންވަރެވެ. ބީޖޭޕީގެ ސަރުކާރުން ސިޔާސީގޮތުން ބާރުގައި ތިބުމަށާއި، ހިންދޫ ދީނުގެ ފިކުރު ފެތުރުމަށް ވަކިފަރާތަކަށް ފައިދާ ވާގޮތަށް ދައްކާ ވާހަކަ ފެތުރުމަށާއި، ގައުމުގައި ދީނީ އަދި ނަސްލީ ބައިބައިވުންތައް ޕްރޮމޯޓްކުރަން ޕްރޮޕެގެންޑާ ހިންގުމުގެ މަސައްކަތްތަކަށް ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގެ ކޮންޓްރޯލް ނެގުމުގެ ނުވަތަ އެއްކޮށް ހުއްޓުވާލުމުގެ ބޮޑު މައްސަލައެވެ.
މަނިޕޫރުގައި ހިނގާ ދިޔަ ހަަމަނުޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް އައީ މައިނޯރިޓީ ނަސްލުގެ އަންހެނުން ބަރަހަނާކޮށް ޖިންސީ އަނިޔާ ކުރާ ވީޑިއޯއެއް އިންޓަނެޓަުގައި ދައުރުވާން ފެށި ހިސާބުންނެވެ. ވީޑިއޯ އިން ފެނިގެން ދިޔަ އަނިޔާވެރިކަމާއި ދުނިޔެ ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން އެސްޓޭޓްގެ ސަރުކާރުން ތުހުމަތުކުރަމުން ދިޔައީ އެއީ މީޑިއާއިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން އެމީހުންނާއި ދެކޮޅަށް ފެތުރި ފޭކް ޚަބަރުތަކެއްކަމަށެވެ.
މިދެންނެވުނު ވީޑިއޯތައް އާންމުކުރުމަށާއި ފަރުދާގެ ފުރަގަހުގައި ހިނގާ ދިޔަ ކަންތައްތައް ހާމަކުރުމުގައި ހަރަކާތްތެރިވީ މައިނޯރިޓީ ނަސްލުގެ އެކްޓިވިސްޓުންނާއި ކިޔަވާކުދިންނެވެ. ކެމެރާތަކާއި މައިކްތައް ހިފައިގެން އެމީހުން ވަނީ އެކިއެކި ތަންތަނަށް ގޮސް މީހުންނާއި އިންޓަރވިއުކޮށް ހެކިބަސް ނަގާ ހާދިސާ ޑޮކިޔުމެންޓްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ބައެއް ފަރާތްތަކުން އެ ހާލަތުގައިވެސް އެކި ގޮތްގޮތުން އިންޓަރނެޓްގެ ހިދުމަތް ލިބެންހުރި ގޮތްތައް ދެނެގަނެ އެމީހުންގެ ރައްޔިތުންގެ ހާލުގެ ޚަބަރުތައް ސްޓޭޓުން ބޭރަށް ފޮނުވޭތޯ މަސައްކަތް ކުރިއެވެ. އެސްޓޭޓާއި ޖެހިގެން ހުރި ސްޓޭޓްތަކުގެ ކޮލެޖް ކޭމްޕަސްތަކުގެ އިންޓަރނެޓަށް ވަގަށް ކަނެކްޓްކޮށްގެންނާއި ސްޓޭޓްގެ ބޯޑަރު ކައިރިއަށް ދަތުރުކޮށް އެހެން ސްޓޭޓްތަކުގެ ސެލްފޯނު ސިގްނަލްތައް މެދުވެރިކޮށް ޚަބަރު ފެތުރުމުގެ މަސައްކަތްކުރިއެވެ. އަދި އެމީހުން ރެކޯޑްކުރި ވީޑިއޯތަކާއި އިންޓަރވިއުތައް ބްލޫޓޫތާއި ޔޫއެސްބީ ޑްރައިވްތައް މެދުވެރިކޮށް ސްޓޭޓުން ބޭރަށް ޓްރާންސްފަރ ކުރިއެވެ. ސިއްރުން ކަނެކްޓެކުރި އިންޓަރނެޓް ލައިންތައް މެދުވެރިކޮށް ހިއުމަންސް އޮފް ބޮމްބޭގެ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓް ހިންގާ ފަރާތްތަކުގެ އެހީގައި ހާދިސާގެ މައުލޫމާތު ހިއްސާކުރިއެވެ. މިހާދިސާގައި ހަމަނުޖެހުންތައް ބޮޑުވެގެން ދިޔަ ވަގުތު އިންޑިއާގެ ސަރުކާރުން ބޭރުގެ ނޫސްވެރިން ވެސް މަނިޕޫރަށް ވަނުން މަނާކުރިއެވެ.
ކުރިންވެސް ދެންނެވުނު ފަދައިން މިފަދަ ޝަޓްޑައުންތަކުން ހުއްޓެނީ ހަމަ އެކަނި މައުލޫމާތެއް ނޫނެވެ. އެހެން ހުރިހާ ހިދުމަތަކަށް ވެސް މީގެން އަސަރުކުރެއެވެ. މިފަދަ ހާދިސާ ހިނގާފައިވާ ބައެއް ސްޓޭޓްތަކުގައި ހުރި ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ހިޔާލު ފާޅުކުރިގޮތުގައި އެދުވަސްތަކަކީ ކޮވިޑް ލޮކްޑައުން ދުވަސްވަރަށް ވުރެވެސް އުނދަގޫ ދުވަސްވަރަކެވެ. އެއީ ކޮވިޑް ހާދިސާ ތެރޭގައިވެސް އިންޓަރނެޓް ލިބޭކަމަށާއި، އެއްކޮށް ދުނިޔެއާއި ވަކިވެ އިންޓަރނެޓް ނެތް ކުރީގެ "ޑާކް އޭޖް"އަށް ރުޖޫއަވީ ފަދަ އިހުސާސް ކުރެވުނުކަމަށް ބުންޏެވެ.
އެދުވަސްތަކުގައި ޑިޖިޓަލް ޕޭމަންޓްތައް ހުއްޓި އޭޓީއެމްތައް ކައިރީގައި ދިގު ކިޔުތައް ފެނިގެން ދިޔައެވެ. އީކޮމާސް ހުއްޓި ކާތަކެއްޗާއި ޕެކޭޖުތައް ޑިލިވަރ ކުރުން ހުއްޓުނެވެ. އިންޓަރނެޓް ނުލިބުމުގެ ސަބަބުން އޮފީސްތަކުގެ މަސައްކަތް ހުއްޓި ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. ބައެއް ބެލެނިވެރިންނަށް، އިންޑިއާ އިން ބޭރުގައި މަސައްކަތް ކުރާ އެމީހުންގެ ދަރިންނާއި ގުޅުން ކެނޑި ޚަބަރެއް ނުލިބި އެތައް ދުވަހެއް ހޭދަކުރަން ޖެހުނެވެ. ކަޝްމީރުގައި އިންޓަނެޓް ޝަޓްޑައުންކޮށްފައިވާ ހުރި ދުވަސްވަރު އީމެއިލް ޗެކްކުރުމަށް އެހެން ސްޓޭޓްތަކަށް ދިގު ދަތުރުކުރާކަމަށް އެސްޓޭޓްގައި ދިރިއުޅޭ ބައެއް ނޫސްވެރިން ބުނެއެވެ.
މިފަދަ ހާދިސާތަކުގައި ދެން ދިމާވާ ބޮޑު އެއް މައްސަލައަކީ އަނިޔާވެރިކަން ހިންގި ފަރާތްތަކާއި ދެކޮޅަށް އެއްވެސް ހެއްކެއް ލިބެން ނެތުމުން އަނިޔާވި ފަރާތްތަކުގެ ހައްގުތައް ގެއްލިގެން ދިއުމެވެ. އަންހެނުންނަށް ޖިންސީ އަނިޔާ ކުރުމާއި، މީހުން މެރުން ފަދަ ހާދިސާތައް ހިނގާފައި ހުރި ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތި ގޮތް ހުސްވުމެވެ. ގައުމުގެ ސަރުކާރުންނާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ވެސް މިފަދަ ހާދިސާތަކުގައި އެފަރާތްތަކަށް މާބޮޑު އެހީއެއް ފޯރުކޮށް ނުދެއެވެ. ފިޔަވަޅެއްވެސް ނޭޅި އެހީތެރިކަމެއްވެސް ފޯރުކޮށް ނުދެވި ކޮންމެ ހާދިސާއެއްވެސް ކުށްވެރިކޮށްލުމާ ހަމައިން ނިންމާލަނީއެވެ. ހާދިސާތަކުގައި އަސަރުކުރި އާންމު މީހަކު ނުވެސް ނެތްފަދައެވެ.
އިންޓަރނެޓް ކަނޑާލުމުގެ ހާދިސާތަކުގައި ތެލުގައި އަލިފާން ހިފާ އަނެއް ސަބަބަކީ އަނިޔާވެރިވާ ފަރާތްތަކުގެ ވާހަކަތައް އެކަނި ފެތުރުމެވެ. އަދި ދޮގު މައުލޫމާތު ފެތުރުމާއި ބާރުގަދަ ފަރާތްތަކަށް ފައިދާވާ ގޮތަށް ވާހަކަތައް އަނބުރާ ބަދަލުކޮށް ޚަބަރުތައް ފަތުރަމުން ދިޔުމެވެ. ވީޑިއޯތަކާއި ޚަބަރުތައް އެފަރާތްތަކަށް ފައިދާވާގޮތަށް ބަދަލުކޮށް ތޯތޯވާހަކައާއި ދޮގު ވާހަކަތައް އިތުރުވުމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް