ލޭގެޕްރެޝަރު މޮނީޓާކުރާ ޚަރަދުކުޑަ ސްމާޓްފޯން އެޓޭޗްމަންޓެއް

އަޝްނާ ރަޝީދު 01 ނޮވެމްބަރު 2023

ލޭމައްޗަށް ދިއުމަކީ މުޅި ދުނިޔޭގައި ވެސް ދިމާވެފައިވާ ވަރަށް ބޮޑު ސިއްހީ މައްސަލައެކެވެ. މިމައްސަލަޔަކީ އެތައް މިލިއަން ބަޔަކަށް އަސަރުކުރާ އަދި އެހެން ހިތުގެ ބަލިތައް ފަދަ އެހެން ސިއްހީ މައްސަލަތަކަށް އަސަރުކުރާ ކަމެކެވެ. މިކަމުގެ ނުރައްކާތައް ކުޑަކުރުމުގައި ލޭގެ ޕްރެޝަރު ބެލެހެއްޓުމަކީ މުހިންމު ކަމެއްކަމުގައިވީ ނަމަވެސް މިކަން މޮނީޓަރުކުރުމަށް އާންމުކޮށް ބޭނުންކުރާ އުކުޅުތައް އެހާ އަގުހެވެއްނޫނެވެ. ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯގެ އިންޖިނިއަރުންތަކެއް ވަނީ ލޭގެ ޕްރެޝަރު މޮނިޓަރ ކުރުމަށް އަގުހެޔޮ ހައްލެއް އީޖާދުކޮށްފައެވެ. މި އީޖާދު ބިނާވެފައިވަނީ ހަމައެކަނި އެމީހުންގެ އެޕްއަޅާފައި ހުރި ސްމާޓްފޯނަކާއި 3ޑީ ޕްރިންޓްކޮށްފައިވާ އެޓޭޗްމަންޓެކެވެ.

މި އާ ނިޒާމަށް ބީޕީކްލިޕްގެ ނަން ދީފައިވެއެވެ. މި ނިޒާމުގައި ހިމެނެނީ ސްމާޓްފޯނެއްގައި ޖައްސާލެވޭ އަގުހެޔޮ ޕްލާސްޓިކް ކްލިޕެކެވެ. މި ކްލިޕުން އާންމުކޮށް ބޭނުންކުރަމުންދާ ޑިވައިސްތައް ލޭގެ ޕްރެޝަރު މޮނިޓަރެވޭ އެއްޗަކަށް ބަދަލުކުރެވެއެވެ. އެމީހުން ބުނާ ގޮތުގައި މި އެޓޭޗްމަންޓަކީ ވަރަށް ކުޑަ އަގެއްގައި އުފައްދާލެވޭ އެއްޗެއް ކަމަށާއި ގާތްގަނޑަކަށް ހުރިހާ ސްމާޓްފޯނަކާއެކުވެސް ބޭނުންކުރެވޭނެވެ.


ބީޕީކްލިޕްގައި ލޭގެ ޕްރެޝަރު ބެލުމަށް އޮސިލޮމެޓްރީ ބޭނުންކުރެއެވެ. މިއީ އެމެރިކާގައި މިހާރު އޮޓޮމެޓިކް އަދި އިލެކްޓްރޯނިކް ބްލަޑް ޕްރެޝަރ މޮނިޓަރިންގ ޑިވައިސްތަކުގައި އާންމުކޮށް ބޭނުންކުރާ އަދި އެންމެ މަޤުބޫލު އެއްގޮތެވެ. މި ނިޒާމުން ސްމާޓްފޯނުގެ ކެމެރާ މެދުވެރިކޮށް ޕިންހޯލް ޕްރޮޖެކްޝަން ޓެކްނިކެއް ބޭނުންކޮށްގެން އިނގިލި ކުރިން ފެންނަ ޕަލްމާ އާރކް އާޓާރީގައި ލޭ ދައުރުވާއިރު ކެމަރާއިން ފެންނަ އިންޓެންސިޓީ ފްލަކްޗުއޭޝަންތައް ބޭނުންކޮށްގެން ޕްރެޝަރު ހޯދައެވެ.

ބީޕީކްލިޕަކީ ބޭނުންކުރަން ފަސޭހަ އެއްޗަކަށް ވާއިރު، ކުރީގެ ދިރާސާތައް ދައްކާފައިވާ ގޮތުގައި މިއީ ތަފާތު ނަސްލުގެ މީހުންނަށް ބޭނުންކުރެވޭނެ އެއްޗެކެވެ. އޭގެ ފުރަތަމަ އަލިކަން އެއްވަކުރާ ސްޓެޕުގެ ސަބަބުން ތަފާތު ހަމުގެ ކުލަތަކުގެ ފަރުދުންނަށް ވެސް ރަނގަޅު ރީޑިންގްސް ލިބޭނެވެ. ނަމަވެސް މިވަގުތު ލޭދައުރުވުން ދަށް ނުވަތަ އިނގިލީގެ ކުރީގައި ބައެއްކަހަލަ ހާލަތްތަކެއް ހުންނަ ފަރާތްތަކަށް މީގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނުލިބިދާނެވެ.

މިއީ މިކަމަށް ކޮންމެހެން ބޭނުންވާނެ އެއްޗެއްތޯ؟ މީގެ ކުރިން ސެމްސަންގު ގެ ފޯނުތަކުން އެއްވެސް އެޓޭޗުމަންޓަކާއި ނުލައި މިކަން ބެލޭގޮތް ވަނީ ހަދާފައެވެ. ނަމަވެސް މިއީ އެހެން ފޯނުތަކައް ކުރެވޭ ކަމެއް ނޫނެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް ވިސްނަންޖެހޭ ކަމަކީ ހަމައެކަނި ލޭގެ ޕްރެޝަރު މޮނިޓަރު ކުރުމަކުން މި މައްސަލަ ހައްލެއް ނުކުރެވޭނެވެ. މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ހަމައެކަނި ލޭގެ ޕްރެޝަރު މޮނިޓަރ ކުރުމުން ބަލިމީހުންގެ ލޭގެ ޕްރެޝަރު ކޮންޓްރޯލެއް ނުކުރެވެއެވެ. ނަމަވެސް މިކަން ކްލިނިކަލް ސަޕޯޓު ފަދަ ކޯ-އިންޓަރވެންޝަންތަކާ ގުޅުވައިލުމުން ބަލިމީހުންނަށް މިކަމުގެ ފައިދާ މާ ފުރިހަމަގޮތެއްގައި ލިބިގެން ދެއެވެ. އަދި އެފަރާތްތަކުންނަށް މާ ޞައްޙަ ޑައިގްނޯސްތަކެއް ލިބި ލޭގެ ޕްރެޝަރު ރަނގަޅަށް ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެން ދެއެވެ. މި ސްމާޓްފޯން އެޓޭޗްމަންޓް ފަދަ އީޖާދުތައް ރަނގަޅަށް ބޭނުން ކުރުމުން މި ފަދަ ބަލިތައް މުޖުތަމައުން މަދުކޮށް އާންމު ސިއްހަތު ރަނގަޅު ކުރުމަށް އެހީތެރިކަމެއް ފޯރުކޮށްދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.