ޔޫޓިއުބް މިއުޒިކުން އޭއައިގެ އައު އީޖާދުތަކެއް

އަޝްނާ ރަޝީދު 02 ނޮވެމްބަރު 2023

ތާރީޚު ދައްކައިދޭ ގޮތުން ޓެކުނޮލަޖީއަށް އަންނަ ބްދަލުތަކުން ލަވަޔާއި މިއުޒިކު އުފައްދާ މީހުންނަށް އަސަރު ކުރާނެވެ. ސީޑި ފަދަ މީޑިޔާތަކުން ލަވަޔާއި މިއުޒިކު ވިއްކޭނެ އިތުރު ގޮތްތަކެއް ހުޅުވާލެވިގެން ދިޔައެވެ. އިންޓަނެޓް މަޤުބޫލުވެ ޔޫޓިއުބު ފަދަ ސްޓްރީމުކުރާ ވަސީލަތްތަކުން ލަވަޔާއި މިއުޒިކު ފެތުރި، ޑިސްޓްރިބިއުޝަން ރައިޓްސްގެ މައްސަލަޔާއި މެދު މި ސިނާއަތުގެ މީހުން ސުވާލުކުރަން ފަށައިފިއެވެ. އާޓިފިޝަލް އިންޓެލިޖަންސް މި ސިނާއަތައް ތައާރަފުވުމާއެކު އައު ފުރުސަތުތަކާއި މައްސަލަތަކެއް އުފެދިގެން އަންނަތަން މިހާރު އެބަ ފެންނަމުން ދެއެވެ. ކުރީގައި އައިސްފައިވާ ބަދަލުތަކެކާއި އެއްފަދައިން، މިކަމަކީ ހުއްޓޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިއުޒިކަށް އަންނަ އާޓިފިޝަލް އިންޓަލިޖެންސްގެ ރާޅުގައި ބައިވެރިވުމަށް ޔޫޓިއުބުން ފަންނާނުވެރިންނާއި މިސިނާއަތުގައި އުޅޭ އެކިއެކި ފަރާތްތަކާއެކު މަސައްކަތްކުރަން ފަށައިފިއެވެ.

މިގޮތުން ޔޫޓިއުބުން ހުށަހަޅާފައިވާ އާ އޭއައި ފީޗާރތަކާއިއެކު މިއުޒިކީ ސިނާއަތައް ބޮޑެތި ބަދަލުތަކެއް އެބަގެނެސްދެއެވެ. ބްލޫމްބާގުން ބުނާގޮތުގައި ޔޫޓިއުބުން މަސައްކަތް ކުރަމުންދާ އެއް ފީޗަރކީ މަޝްހޫރު މިއުޒީޝަނުންގެ އަޑާއި އުފައްދާ އޭއައިއެއް އުފެއްދުމަށެވެ. މި ޓޫލްގެ ސަބަބުން އުފެއްދުންތެރިންނަށް މިއުޒީޝަނުންގެ އަޑު ބޭނުންކޮށްގެން އަމިއްލަ އޯޑިއޯ ރެކޯޑް އުފެއްދޭނެއެވެ. މިކަމަކީ މިއުޒިކް އިންޑަސްޓްރީގެ ތެރޭގައި ތިބި މީހުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމެކެވެ.

ގްރައިމްސް އާއި ހޮލީ ފަދަ ބައެއް ފަންނާނުންވަނީ މީގެކުރިންވެސް އޭނާގެ އަޑު ބޭނުންކުރާ އޭއައި މެދުވެރިކޮށް ލަވަހެދުމަށް ހުޅުވާލާފައެވެ. މިޔާހިލާފަށް، މިއަހަރުގެ ކުރީކޮޅުގައި ވީކެންޑާއި ޑްރޭކުގެ އަޑުން ހުއްދަޔާއި ނުލައި ލަވައެއް މީހުކު ޓިކްޓުން ނެރުމުން ވަނީ ޔުނިވާސަލް މިއުޒިކް ގްރޫޕް މިކަމާ ދެކޮޅައް ފިޔަވަޅު އަޅާފައެވެ.

ޔޫޓިއުބުގެ އައު މަޝްރޫއުގެ ދަށުން ފަންނާނުންގެ ހައްގުތަކާމެދު ވިސްނާގޮތަކަށް އޭއައި ބޭނުންކޮށްގެން މިއުޒިކުގެ ދާއިރާ ކުރިއަރުވާނެ މަގެއް ހުޅުވިގެން ދެއެވެ. މިކަންތައް ހާސިލުކުރުމަށްޓަކައި ޔޫޓިއުބުން ދަނީ ސޮނީ މިއުޒިކް އެންޓަޓެއިންމަންޓާއި، ޔުނިވާސަލް މިއުޒިކް ގްރޫޕް އަދި ވާނަރ މިއުޒިކް ގްރޫޕް ފަދަ ބޮޑެތި ރެކޯޑިން ލޭބަލްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަޝްވަރާތަކުގެ އަމާޒަކަށްވެފައިވީ އޭއައި ޓޫލް ތަމްރީނު ކުރުމަށް ލަވަތަކުގެ ހައްގުތައް ހޯދުމެވެ. މި މަޝްވަރާތަކުގައި މޮނެޓައިޒޭޝަން، އާޓިސްޓުންގެ ބަދަލު ދިނުމާއި، އޭއައިއިން އުފައްދާ ކޮންޓެންޓްގެ އެތިކްސް ބެލުން ފަދަ މުހިންމު މައްސަލަތައް ހިމެނިފައިވެއެވެ. މި މަޝްވަރާތަކުގައި ނަތީޖާވަނީ މިހާރު ޔޫޓިއުބުން ނެރެފައިވާ އައު އެކްސްޕެރިމަންޓުތަކުން ފެންނަމުންނެވެ.


މިގޮތުން ޔޫޓިއުބުން ތާއާރަފުކުރި 'ޑްރީމް ޓްރެކްސް'އުން ފަންނާނުންގެ ހުއްދަޔާއެކު ޔޫޓިއުބު ޝޯޓްސްގައި އެފަންނާނުންގެ އަޑުތައް ބޭނުންކޮށްގެން އަމިއްލަ ރާގުތައް އުފެދެއެވެ. ފަންނާނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ޔޫޓިއުބުން ޖެނަރޭޓިބް އޭއައި ބޭނުންކޮށްގެން ހަދާފައި ހުންނަ ލަވަތައް ފާހަގަކުރަން ޖެހެއެވެ.

މީގެއިތުރުން ފަންނާނުންނަށް ލަވަޔާއި ރާގުހެދުމަށް އެހީތެރިވާ 'މިއުޒިކް އޭއައި ޓުލްސް' ވެސް ވަނީ ޔޫޓިއުބުން ތައާރަފުކޮށްފައެވެ. މި އޭއައިގެ އެހީގައި ލަވައެއް އަޑުގެ ދަށުން ކިޔުމުން ފުރިހަމަ ލަވައެއް ހެދުމާއި، އޭއައި ބޭނުންކޮށްގެން ލަވައިގެ ޖަންރާ ބަދަލުކުރުން ފަދަކަންކަން ހިމުނެއެވެ.

އޭއައި އަކީ އުފެއްދުންތެރިކަމުގެ ސިނާއަތުގައި ހުއްޓޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މިކަމުން ފަންނާނުނާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެދާނެ ގެއްލުން ކުޑަކުރެވިދާނެއެވެ. ޔޫޓިއުބުން މިކަމާ މެދު އިސްނަގައިގެން މިގެންދިޔަ ފިޔަވަޅުތަކަކީ މި ސިނާއަތުގައި އުޅޭ މީހުންގެ ހައްޤުތައް ރައްކާތެރިކުރިމަށް އެޅިގެން ދެވުނު ވަރަށް މުހިންމު އެއް ފިޔަވަޅެކެވެ. މިސްތަޤުބަލުގައި މިކަންކަން ޤާނޫނުގައި ލިޔެވިގެން ދިއުމަކީ ވަރަށް މުހިންމު ކަމެކވެ. ޖެނަރޭޓިވް އޭއައިގެ ސަބަބުން ކޮޕީރައިޓް ފަދަ ކަންކަމާގުޅިގެން އަންނަ މައްސަލަތައް ހައްލުކުރުމަށް މިކަންތައް ވެގެން ދާނީ ވަރަށް މުހިންމު ކަމަކަށެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.