އެޕަލް ފޯނުތަކުގެ ދުވެލި މަޑު ކުރާ މައްސަލަ ކޯޓަށް

ހުސެއިން އާރިފް 02 ޑިސެމްބަރު 2020

އެޕަލް ފޯނު ސީރީސްގެ އައު ފޯނެއް ނެރުމާއި އެކު ކުރީގެ ފޯނު ތަކުގެ ދުވެލި ލަސްވެ، ބެޓެރި އަވަހަށް ހުސްވެ، ސްޓަކް ވުން ފަދަ ކަން ކަން މެދުވެރިވާ ކަމުގެ ޝަކުވާ އަކީ އާ ވާހަކަ އެއް ނޫނެވެ. މި ޝަކުވާ މަދުން ނަމަވެސް ސަމަސަންގް ފޯން ތަކާއި ވިއްދައިގެން އިވުނު ކަމުގައި ވިޔަސް މި ޝަކުވާ އެންމެ ބާރަށް އިވެނީ އައި ފޯން ސީރީޒް ތަކުގެ އައު އަޕްޑޭޓް ތަކާއި އެކު ކަން ގިނަ މީހުންނަށް ތަޖްރިބާ ކުރެވިފައި ވެއެވެ. މި ކަމުގައި ފަހަތުގައި އެއީ އައު އައިފޯން ވިއްކުމަށް އެކުންފުނިން ގެންގުޅެ ވިޔަފާރީ އުކުޅެއް ކަމުގެ ކޮންސްޕިރަސީތައް ވަރަށް ގިނަ އެވެ.

އެޕަލް ކުންފުނިން ގަސްތުގައި ކުރީގެ އައި ފޯނު ތަކުގެ ދުވެލި މަޑު ކުރާ މައްސަލަ ޔޫރަޕުގެ ކޯޓް ތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި މައްސަލަ ކޯޓަށް ވައްދާފައިވާ އެޑްވޮކެސީ ގްރޫޕް އެއް ކަމުގައިވާ ޔޫރޯކޮންސިއުމަރސް އިން ބުނާގޮތުން 2 މިލިއަން ރުފިޔާގެ މި ކޯޓް ކޭސްގައި ސްޕެއިން، ބެލްޖިއަމް، އިޓަލީ އަދި ޕޯޗުގަލް ގައި ވިއްކާފައިވާ އައިފޯން 6، 6ޕްލަސް، 6އެސް، އަދި 6އެސް ޕްލަސް ފޯން ތައް ހިމެނެއެވެ.

މިފަދަ ކޯޓް ކޭސް އެއް އެޕަލް ކުންފުންޏަށް ކުރިމަތިލާން ޖެހިފައި މިވަނީ އަލަކަށް ނޫނެވެ. އެޕަލް ފޯން ތަކުގެ ބެޓެރި ހަލާކު ވުން ކުޑަ ކުރުމަށް އެޕަލް ކުންފުނިން ބޭނުން ކުރި ސޮފްޓްވެއަރ އަކާއި ގުޅިގެން ފޯނުތައް ސްލޯވާ ކަމަށް އެޕަލް އިން 2017 ވަނަ އަހަރު ބުނުމާއި ގުޅިގެން ފާޑުކިއުން ބޮޑުވެ، އެދުވަސް ވަރު ވެސް މިފަދަ ކޯޓް ކޭސްތަކާއި އެޕަލް އިން ކުރިމަތި ލާން ޖެހުނެވެ. އެމެރިކާގެ ކޯޓް ތަކުގައި ކުރިޔަށް ދިޔަ މިފަދަ ކޭސް އަކާއި ގުޅިގެން ސެޓްލްމަންޓް އެއް ގޮތުގައި 500 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ހުށަހަޅާފައި ވެއެވެ. މި މައްސަލަ އާއި ގުޅިގެން މިދިޔަ މަހު އެކުންފުނިން ވަނީ 113 މިލިއަން ޑޮލަރު މިހާރުވެސް ދީފައެވެ.

ޔޫރޯކޮންސިއުމަރސް އިން ފަށާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް އެޑްވޮކެސީ ގްރޫޕް އިން ބުނެފައިވެއެވެ. މިކޭސް އެޕަލް އާއި ދެކޮޅަށް ނިމިއްޖެނަމަ ޔޫރަޕް ގެ ބައެއް ގައުމުތަކުގައި އެޕަލް އިން ވިއްކާފައިވާ ކޮންމެ ފޯން އަކައި ގާތްގަނޑަކަށް 60 އެމެރިކާ ޑޮލަރުގެ ބަދަލެއް ދޭން ޖެހޭނެއެވެ. އެއީ ޔޫރޯކޮންސިއުމަރސް އިން އަންދާޒާކުރާ ގޮތުންނަމަ 217 މިލިއަން އެމެރިކާ ޑޮލަރާއި ގާތް ކުރާ އަދަދެކެވެ.

އެޕަލް ކަސަޓަމަރުންނަކީ އެ ބްރޭންޑް އަށް ނުހަނު ލޯޔަލް ކަސަޓަމަރުތަކަށް ވީނަމަވެސް ކޮންސިއުމަރ ޙައްޤުތައް ހިމާޔަތް ކޮށްދިނުން މުހިންމު ކަމުގައި އެޑްވޮކެސީ ގްރޫޕް ތަކުން ދެކެއެވެ. މިހާރު ޔޫރަޕް ގެ ކޯޓް ގައި ކުރިއަށް މިދާ މައްސަލައިގާވެސް އެންމެ ބޮޑަށް އެޕަލް ކުންފުންޏާ ދެކޮޅަށް ބޭނުން ކުރާ ހަތިޔާރަކީ ކަސްޓަމަރުންނަށް ހަޤީގަތް ހާމަނުކޮށް އަދި އޮޅިވާލައިގެން ސޮފްޓްވެއަރ އަޕްޑޭޓް ތައް އިންސްޓޯލް ކުރުމަށް މަޖްބޫރު ކުރުވުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބުނުބަދަލުގެ އަގު އަދާކުރުމެވެ. ގިނަ ކަސަޓަމަރުންގެ ޝަކުވާ އަކީ ކުޑަ ދުވަސްކޮޅެއް ތެރޭގައި އައު ފޯން ބާޒާރަށް ނުކުމެ ކުރިން ބޭނުން ކުރި ފޯނު އަވަހަށް ބޭނުން ނުކުރެވުމުން އަނެއްކާވެސް ފޯން ގަންނަން ޖެހުމުގެ ޝަކުވާއެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، އުނދަގޫތަކަށް ކަސްޓަމަރުން ނުރުހެއެވެ.

މިފަދައިން ފޯން ތަކުގެ ދުވެލި މަޑު ކުރުމަކީ އެޕަލް އިން ގަސްތުގައި ކުރާ ކަމެއް ނޫން ކަމުގައި ތަކުރާރުކޮށް އެކުންފުނިން ބުނެއެވެ. މިހާތަނަށް އަދި ކުރިއަށް އޮތް ތަނުގައި ވެސް ގަސްތުގައި އެއްވެސް އެޕަލް ފޯން އެއްގެ ޕާރފޯމަންސް ދަށް ކުރުން ނުވަތަ އުމުރު ކުރުވެދާނެފަދަ އެއްވެސް ކަމެއް އެކުންފުނިން ނުކުރަނެ ކަމުގެ ޔަގީންކަން ޔޫރޯކޮންސިއުމާސް ގެ ކޯޓް ކޭސް އާއި ގުޅިގެން އެޕަލް ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.