ނިރުބަވެރިން ނުވަތަ ދެކޮޅު ވެރި ގައުމުތަކުން ބޮން އެޅުމަށާއި ޕްރޮޕެގެންޑާ ފެތުރުމަށް ނުވަތަ އިންތިޚާބަށް ހުރަސް އެޅުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފާނެ ކަމަށް އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި5 އާއި އެމެރިކާގެ އެފްބީއައިގެ އިސްވެރިން ބުނެއެވެ.
އެމްއައި5 ގެ ޑިރެކްޓަރު ޖެނެރަލް ކެން މެކަލަމް އާއި އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފަރ ވްރޭ ވިދާޅުވީ އެ އެޖެންސީތަކުން މިފަދަ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް ޕްރައިވެޓް ސެކްޓާގެ ތަޖުރިބާކާރުންނާ އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
އެމްއައި5 ގެ ޗީފް ވިދާޅުވީ އޭއައި ޑިވެލޮޕަރުން ވަނީ ބޮމެއް ހަދާނެ ގޮތް ފަދަ ނުރައްކާތެރި ކަންކަމާމެދު މެދު އޭއައި ބޭނުންކުރާމީހުންނާއި މުޖްތަމައު ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް އެފަދަ ކޮންޓްރޯލްތައް "ޖޭލްބްރޭކް" ކުރެވޭނެ ކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ.
މެކަލަމް ވިދާޅުވީ ސެކިއުރިޓީގެ ތަޖުރިބާ ލިބިފައިވާ ނަމަ މި ކޮންޓްރޯލްތަކަށް ބަރޯސާވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. "އެހެންވީމަ އޭގެ ތެރެއިން ބައެއް ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކުރެވިދާނެ ކަމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެ ނިޒާމުތައް އުފައްދާ ފަރާތްތަކުން އުއްމީދު ނުކުރާ ގޮތަށް ބޭނުން ކުރެވިދާނެ."
ވްރޭ ވިދާޅުވީ ނިރުބަވެރި ޖަމާއަތްތަކުން "އޭއައި ބޭނުންކޮށްގެން އޭއައި އިންފްރާސްޓްރަކްޗާގެ ބައެއް ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރަސް އެޅުމުން ބޮމެއް ހަދާނެ ގޮތް ހޯދަން، ނިރުބަވެރިންނަށް ފަސޭހަ ކަމަށް ވެދާނެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ޢަދާވާތްތެރިން މަސައްކަތް ކުރި ހަމައެކަނި މިސާލަކީ އެއީ ނޫން ކަމަށް ވެސް ވްރޭ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ފެނުނީ އޭއައި އާއި އުކު ނިރުބަވެރިކަމުގެ ޕްރޮޕެގެންޑާ ފެތުރުން އިތުރަށް ފުޅާވެގެން ދިއުން،" އަދި ތަރުޖަމާގެ ވަސީލަތްތައް ބޭނުންކޮށްގެން "ސަޕޯޓަރުންގެ މެދުގައި މިހާރަށް ވުރެ ހަރުދަނާ އަދި އިތުބާރު ކުރެވޭ" ގޮތްތަކަށް އެއްޗިހި ހެދުމަށް ފުރުސަތު ލިބިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ވްރޭ އާއި މެކަލަމް މިހެން ވިދާޅުވީ އަންގާރަ ދުވަހު ކެލިފޯނިއާގެ ސްޓެންފޯޑް ޔުނިވާސިޓީގައި އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒީލެންޑްގެ ޑޮމެސްޓިކް އިންޓެލިޖެންސް އެޖެންސީތަކުގެ އިސްވެރިންނާއެކު ބޭއްވި ފައިވް އައިޒް އިންޓެލިޖެންސް ސަމިޓެއްގައެވެ.
މެކަލަމް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅުން ހުރި ބައެއް ސަލާމަތީ ނުރައްކާތަކާ ބެހޭ ގޮތުން ނޮވެމްބަރު މަހުގެ ކުރީކޮޅު އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްގެ ގްލޯބަލް އެއައި ސަމިޓުގައި މަޝްވަރާ ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެއީ އެއްވެސް ފަރާތެއްގެ ވިސްނުމުގެ މޮނޮޕޮލީއެއް ނެތް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ތަފާތު ވައްތަރެއް ގެނައުމަށާއި އެންމެ މުހިންމު ކަމަކީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކެއް ބާއްވަން މަސައްކަތް ކުރުން،" އެމްއައި5 ގެ ވެރިޔާ އިތުރަށް ވިދާޅުވިއެވެ.
އެ ދެ އެޖެންސީގެ އިސްވެރިން ވެސް ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތުގައި ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ރަޝިއާ ފަދަ ދެކޮޅުވެރި ގައުމުތަކުން ސިޔާސީ ނުފޫޒު ފޯރުވުމަށް އޭއައި އިން ކުރާ މަސައްކަތްތައް ބަލަމުން އަންނަ ކަމަށެވެ.
"އޭއައި ބޭނުން ކުރުމަކީ ވަރުގަދަ ޑީޕް ފޭކްސް އުފެއްދުމަށް ފުދޭވަރަކަށް ސޮފިސްޓިކޭޓެޑް ކަމެއް ނަމަ، މީގެ ކުރިން ދިމާވެފައި ނުވާ މިންވަރަށް ނުރައްކާ ބޮޑުވާނެ ކަމެއް،" ވްރޭ ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް ހައްޔަރުކުރާ ކަމުގެ ފޭކް ފޮޓޯތައް މި އަހަރު އުފެއްދީ އިންވެސްޓިގޭޓިވް ޖާނަލިޒަމް ސައިޓް ބެލިންގްކެޓްގެ އެލިއަޓް ހިގިންސް، އޭއައި ފޮޓޯ ޖެނެރޭޝަން ސޮފްޓްވެއާއެއް ބޭނުންކޮށްގެން، ޓެކްނޮލޮޖީގެ ގާބިލުކަން ދައްކުވައިދޭ ގޮތަށެވެ.
ލިވަޕޫލްގައި ބޭއްވި އެ ޕާޓީގެ ކޮންފަރެންސް ފެށުމާއެކު ލޭބާ ޕާޓީގެ ލީޑަރު ކީރް ސްޓާމަރ އޭނާގެ ސްޓާފުންނަށް ބުލީކުރާ ކަމަށް ބުނާ ފޭކް އޯޑިއޯތަކެއް މި މަހު ވަނީ އޮންލައިންކޮށް އާންމުކޮށްފައެވެ. ދޮގު ނަމަވެސް އެއީ ގިނައިން ދައުރުވި އެއްޗެއް ކަމަށާއި، ތަޖުރިބާކާރުން ބުނީ އެއީ އޭނާގެ ސްޕީޗް ތަކުގެ އޯޑިއޯއަށް ބަލައިގެން އޭއައި ސޮފްޓްވެއާ އިން އުފެއްދި އެއްޗެއް ކަމަށް ވެދާނެ ކަމަށެވެ.
މެކަލަމް ވިދާޅުވީ ދޮގު މަޢުލޫމާތު މޮނިޓާ ކުރުމަކީ އެމްއައި5ގެ މައިގަނޑު މަސައްކަތެއް ނޫން ކަމަށާއި ނަމަވެސް އިނގިރޭސި ވިލާތުގެ ޚަބަރުތައް އޮޅުވާލަން ޢަދާވާތްތެރިން މަސައްކަތް ކުރާތީ އެކަމަށް ސަމާލުވާ ކަމަށާއި އެނަލިސްޓުން ވޮޗިން ބްރީފް އެއް ދަމަހައްޓަމުންދާ ކަމުގެ އިޝާރާތް ކުރި ކަމަށެވެ.
ކެލިފޯނިއާގައި މީގެ ކުރިން ބޭއްވި މި ހަރަކާތުގައި އިޒްރޭލާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޓެރަރިޒަމްގެ ނުރައްކާތައް އިތުރުވެދާނެ ކަމުގެ އިންޒާރުތަކާއި ޗައިނާގެ ސިނާއީ ޖާސޫސީ ދާއިރާގެ އިންޒާރުތައް ވަނީ ދީފައެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް