ސްމާޓްފޯނާ ނުލާ ބެލެނިވެރިކަން ކުރުމަކީ ގޮންޖެހުމެއް: ދިރާސާ

ހިންދު ޢަލީ 08 ނޮވެމްބަރު 2023

ހުރިހާ ކަމެއްގައި ޓެކްނޮލޮޖީ އެކުލެވިފައިވާ މިޒަމާނުގައި ސްމާޓްފޯނަކީ ބެލެނިވެރިންނަށް ވެސް ވަރަށް މުހިއްމު އެއްޗަކަށް ވަނީ ވެފައެވެ. އެއްގޮތަކުން ބަލާއިރު އެއީ ބެލެނިވެރިކަން ކުރުމުގައި އެހީތެރިވެދޭ ޓޫލެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު ސްމާޓްފޯނަކީ ބެލެނިވެރިންނާއި ކުދިންނަށް ގެއްލުން ލިބިދޭ އެއްޗެއްކަމުގައިވެސް ހިމެނެއެވެ.

ގިނަ ބެލެނިވެރިން ގަބޫލުކުރާނޭ ގޮތުގައި ސްމާޓްފޯނާއި ބެލެނިވެރިންނާއި ދެމެދު އޮންނަނީ ވަރަށް ކޮމްޕެލްކްސް ގުޅުމެކެވެ. ބައެއް ފަހަރު ސްމާޓް ފޯނަކީ ބެލެނިވެރިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށާއި، ދަރިންގެ ކިޔެވުމަށާއި ކުރިއެރުމަށް ބޭނުންކުރެވިދާނެ ވަރަށް ގިނަ އެޕްލިކޭޝަން ފޯރުކޮށްދޭ ބެލެނިވެރިންގެ ބައިވެރިއެކެވެ. އަދި ބައެއް ފަހަރު އެއީ އެންމެ އެކަށީގެންވާ ގޮތަށް ބެލެނިވެރިކަން ކުރުމަށް އޮތް ހުރަހަކަށްވެސް ނުވަތަ ދަރިންނާއި ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރުވާފަދަ ޑިވައިސްއަކަށް ވެސް ވެދެއެވެ.

ދާދި ފަހުން ޔޫކޭގެ ވަންޕޯލް.ކޮމް ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މިޒަމާނުގެ ބެލެނިވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ސްމާޓް ޑިވައިސްތަކާއި ނުލައި އެމީހުންގެ ދަރިން ބޮޑުކުރުން ވަނީ ބޮޑު ގޮންޖެހުމަކަށެވެ. ސްމާޓްފޯނު އީޖާދުކުރުމުގެ ކުރިން މީހުން ދަރިން ތަރުބިއްޔަތު ކުރީ ކިހިނެތް ކަމެއް "ހިޔާލަށް ވެސް ނުގެނެވޭ" ކަމަށް މިބެލެނިވެރިން ބުނެއެވެ.

6 އަހަރުން ދަށުގެ ކުދިން ތިބި 1000 މަންމައިންނާއި ބައްޕައިން ހިމެނޭ މިދިރާސާއިގެ ބައިވެރިންގެ ތެރެއިން %61 މީހުން ބުނާގޮތުގައި ބެލެނިވެރިކަން ކުރުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްޗަކީ އެމީހުންގެ ސްމާޓް ޑިވައިސްތަކެވެ. މިބެލެނިވެރިން ހަފްތާއަކު އެވެރެޖްކޮށް އެމީހުންގެ ދަރިންގެ 23 ފޮޓޯ ނަގާކަމަށާއި، ބެލެނިވެރިކަން ކުރުމާބެހޭގޮތުން އެހީތެރިކަން ނުވަތަ ލަފާ ހޯދުމަށް ހަފްތާއަކު 77 ފަހަރު އިންޓަނެޓް ސަރޗް އިންޖީނެއް ބޭނުންކުރާކަމަށް ވެސް މިދިރާސާއިން އިތުރަށް ދައްކައެވެ.

މިދިރާސާއިން ދައްކާ ގޮތުގައި ބެލެނިވެރިން ކުދިންނާއި ގުޅޭ އެކިއެކި ކަންކަމުގައި ފޯނު ބޭނުންކުރެއެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން %61 މީހުން ކުދިންނަށް ބޭނުންވާ ތަކެތި (ހެދުން، ކުޅޭތަކެތި، ކާބޯތަކެތި، ފަދަ) ގަތުމަށް ފޯނު ބޭނުންކުރެއެވެ. %59 މީހުން ފޯނު މެދުވެރިކޮށް ޕޭރެންޓިންގ އެޑްވައިސް ހޯދައެވެ. އަދި %58 ބެލެނިވެރިން ކުދިން ބެލުމަށް ބޭނުންވާ އެކިއެކި ކޮންޓެންޓް ސްޓްރީމް ކުރުމަށާއި ޑައުންލޯޑް ކުރުމަށް ފޯނު ބޭނުންކުރެއެވެ. ކުދިންގެ ވީޑިއޯއާއި ފޮޓޯ ފަދަ ތަކެތި ނަގަން ފޯނު ބޭނުންކުރާކަމަށް %57 ބެލެނިވެރިން ބުނެއެވެ. އަދި ކުދިން ބަލަން ހަވާލުވެ ތިބޭ މީހުންނާއި (ބޭބީ ސިޓަރސް، ޑޭކެއަރ މަސައްކަތްތެރިން، ފަދަ) ކުދިންގެ ސްކޫލްގެ ޓީޗަރުންނަށް މެސެޖުކުރާކަމަށް ރެކޯޑު ކުރެވިފައިވަނީ %55 ބެލެނިވެރިންނެވެ.

އާންމުކޮށް މީހުން ހިޔާލުފާޅު ކުރާ ގޮތަށް ބަލައިލައިފިނަމަ ބެލެނިވެރިކަން ކުރުމުގައި ސްމާޓްފޯނު ބޭނުންކުރުން ނަގަނީ ނެގަޓިވް ގޮތަކަށެވެ. އެހެން ނަމަވެސް ބައެއް ބެލެނިވެރިން މިޑިވައިސްތައް ބޭނުންކުރަނީ ޕޮޒިޓިވްކޮށް އެމީހުންގެ މަސައްކަތުގައި އެހީތެރިވެދޭނެ ބައިވެރިއެއްގެ ގޮތުގައެވެ. އަދި ދަރިންނަށާއި އެމީހުންނަށް އަމިއްލައަށް ތަރައްގީވެ ކުރިއަރާ، މައުލޫމާތު މުއްސަނދި ކުރެވޭނެ އެހީތެރިއެއްގެ ގޮތުގައެވެ. ސްމާޓްފޯނަކީ މިދެންނެވުނު ފަދައިން ބެލެނިވެރިކަން ކުރުމާއި ދެ ގޮތަށް ވެސް ގުޅިފައިވާ އެއްޗެއްކަމަށް ވާތީ މިކަން އިތުރަށް ދިރާސާކޮށް މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެކެވެ.


ސްމާޓް ޑިވައިސްތަކުން ލިބިދާނެ ފައިދާތައް

1. ދަރިންގެ އުނގެނުމަށާއި ތައުލީމަށް ސްމާޓް ޑިވައިސްތައް ބޭނުންކުރުން

މިޒަމާނުގައި ފޯނު ބޭނުންކުރެވެނީ ހަމައެކަނި މުއާސަލާތީ ބޭނުންތަކަކަށް ނޫނެވެ. މިފަދަ ޑިވައިސްތަކަކީ ކިޔަވައިދިނުމަށާއި، ކުދިންގެ ތައުލީމަށް އެތަށް ކުރިއެރުމެއް ގެނެސްދޭނެ ތަކެއްޗެވެ. މިކަމަށްޓަކައި އެކި އެކި އެޑިޔުކޭޝަނަލް އެޕްތައް މެދުވެރިވެ ކުޑަކުދިންގެ ސިކުޑި ތަރައްގީކުރުމަށާއި ކުދިންގެ ބޮޑުވަމުންދާ މިންވަރު ދައްކުވައިދޭ އެކި ލަނޑުދަނޑިތަކަށް ވާސިލް ވުމަށް އެހީތެރިވެދެއެވެ. ސްމާޓް ފޯނުގެ އެހީގައި ކުރިން ނުފެންނަ ފަދަ އައު ގޮތްގޮތަށް، ކުދިންގެ ޝައުގުވެރިކަން އިތުރުކުރާ ފަދަ ގޭމްތަކާއި އިނޮވޭޓިވް ގޮތްތައް މެދުވެރިވެ ކުދިންގެ މައުލޫމާތު އިތުރުކުރެވެއެވެ.

އެކި އުމުރުފުރައިގެ ކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޅުމާއި އަމިއްލަ ހޯދުންތަކުގެ ތެރެއިން އުނގެނެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންތައް މެދުވެރިވެ ކުދިންގެ ކިޔެވުން ވަނީ އެކީގައި ބަދަލުކޮށްލާފައެވެ. މިފަދަ އެޕްލިކޭޝަންތައް މިހާރު ސްކޫލްތަކުގެ ރަސްމީ ކަރިކިއުލަމް ތެރޭގައި ވެސް ހިމަނިފައިވެއެވެ.

މީގެ އިތުރުން ބައެއް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެކުލެވިފައިވާ މައުލޫމާތަކީ ކުޑަކުދިންގެ ކިޔެވުމުގެ ބޭރުންވެސް އެތަށް ހުނަރަކާއި އައު ކަންތައްތަކެއް ދަސްކޮށްދެވިދާނެ ތަކެއްޗެވެ. ފޮތްފޮތުން އެކަނި ލިބޭ މިންވަރަށް ވުރެ އެތަށް ގުނައެއް އިތުރު މައުލޫމާތު މިފަދަ ޑިޖިޓަލް ޓޫލްތައް މެދުވެރިވެ އެކުދިންނަށް ލިބިދެއެވެ. ސައިންސާއި، ހިސްޓްރީ ފަދަ މާއްދާތައް އިންޓަރެކްޓިވް ގޮތަކަށް ފޯރުކޮށްދޭ އެޕްލިކޭޝަންތަކުގެ ސަބަބުން ކުދިންނަށް އެފަދަ މާއްދާތައް ފަސޭހައިން ދަސްވެއެވެ. ހުރިތަނުގައި ހުރެގެނެ މުޅި ދުނިޔެ އޮކްސްޕްލޯރކޮށްލެވޭ ފަދަ އެޕްލިކޭޝަންތައް މިހާރު ފަސޭހައިން ލިބެންހުރެއެވެ. މިފަދަ އެތަށް އެޕްލިކޭޝަން ތަކެއް މެދުވެރިވެ، ފޮތުގެ ގަނޑުތަކުން ބޭރަށް އޭގައި ލިޔެފައިވާ އެއްޗެހި އަމިއްލައަށް އިހުސާސް ކުރެވި މައުލޫމާތު އެތަށް ގުނައަކަށް އިތުރުކޮށްދެއެވެ.

ސްމާޓް ޑިވައިސްތަކާއި އޭގައި ހިމެނޭ އެކިއެކި އިންސްޓްރަކްޝަނަލް އެޕްތަކުގެ ސަބަބުން ކުދިންގެ ކިޔެވުން ހުންނަ ޝައުގުވެރިކަން އިތުރުވެއެވެ. ފްލޮރިޑާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި އިންޓަރެކްޓިވް އެޑިޔުކޭޝަނަލް އެޕްތަކަކީ ޅައުމުރުގެ ކުދިންނަށް (3 އަހަރާއި 8 އަހަރާއި ދެމެދުގެ) އުނގެނުމުގައި އެހީތެރިވެދޭ ވަސީލަތްތަކެކެވެ. މިފަދަ އެޕްތައް ބޭނުންކުރުމުގައި ކުދިންނާއި އެކު ބެލެނިވެރިން ބައިވެރިވުން މުހިއްމުކަމަށް މިދިރާސާގައި އިތުރަށް ފާހަގަކުރެއެވެ.

އާންމުކޮށް މިހާރު ވެސް ކުދިންނަށް ކަނޑައަޅާފައިވާ ސްކްރީން ޓައިމްގައި، އެކުދިންގެ ސިކުނޑިތައް ތަރައްގީކުރުމަށް އެކަށޭނެ އެޕްލިކޭޝަންތަކަކަށް ބަދަލުކޮށްލުން ވަރަށް މުހިއްމެވެ.

2. ޑިޖިޓަލް ދުނިޔޭގައި އާއިލާތަކުގެ ގުޅުން ބަދަހިކުރުން

އަހަރެމެންގެ ބިޒީ ދިރިއުޅުމުގައި އާއިލާތައް އެކިތަންތަނުގައި ތިބި ނަމަވެސް އާއިލީ މެންބަރުންގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމުގައި ސްމާޓް ޑިވައިސްތަކުގެ ދައުރު ވަރަށް ބޮޑެވެ. މިފަދަ ޑިވައިސްތައް މެދުވެރިވެ، ލޯބިވާ މީހުންނާއި ވާހަކަ ދެއްކުމާއި ވީޑިއޯ ކޯލް މެދުވެރިކޮށް އެކަކު އަނެކަކު ފެނުމާއި އުފާވެރިކަމާއި ހިތާމަވެރި ކަންކަންވެސް ހިއްސާކޮށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެެއެވެ. މިފަދަ ޑިވައިސްތައް ނެތް ޒަމާނުގައި މިގޮތަށް ގުޅުން ބަދަހި ކުރުމަކީ ދަތި އުނދަގޫ ކަމެކެވެ. އަދި މިކަމަށްޓަކައި ގިނަ ހަރަދުތަކެއް ވެސް ކުރަންޖެހެއެވެ.

މިހާރު ޖީބުގައި އޮންނަ ކުޑަ ޑިވައިސްއަކުން ކުޑަ ހިނދުކޮޅެއްގެ އާއިލާގެ މީހުންނަށް ކަނެކްޓްކޮށްލެވެއެވެ. ކޮވިޑް ޕެންޑެމިކް ތެރޭގައިވެސް މިފަދަ ޑިވައިސްތައް ވަނީ ވަކިވަކިން ތިބި އާއިލާތަކުގެ ގުޅުން ބަދަހިކޮށްދީފައެވެ.

ސްމާޓް ޑިވައިސްތަކުގެ ސަބަބުން އާއިލާއާއެކު ކަންކަން ރޭވުމަށް ވެސް ފަސޭހަވެގެންދެއެވެ. ފޯނުތަކުގައި ޝެއަރޑް ކެލެންޑަރ އާއި ލިސްޓްތައް ބޭނުންކޮށްގެން ހަފްތާ ބަންދުގެ ދަތުރުތައް ރާވާލެވެއެވެ. މަންމައާއި ބައްޕައަށް ފަސޭހައިން ކުދިންގެ ސްކޫލްގެ ވަގުތުތައް ރާވާލާ، ސްކޫލަށް ކުދިން ބަލާ ދިޔުމާއި ކިޔަވައިދިނުމުގެ ކަންތައްތައް ޕްލޭންކުރުމުގައި ފޯނުތައް ދަނީ ބޮޑު ހިއްސާއެއް އަދާކުރަމުންނެވެ. ފެމިލީ ޗެޓް ގްރޫޕްތައް ހަދާ، އާއިލާގެ މެންބަރުގެ ހަބަރުތަކާއި މުހިއްމު ވަގުތުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރުމަށް ފަސޭހަކޮށްދެއެވެ.

އަދި މީގެ އިތުރުން ތިމާ ގެންގުޅޭ ފޯނަކީ މިހާރު ދަރިންގެ މުހިއްމު ވަގުތުތައް ރެކޯޑް ކުރެވޭ އަލްބަމެވެ. އުފަންދުވަހުގެ ޕާޓީތަކާއި، ދަރިފުޅުގެ ފުރަތަމަ ބަސް ބުނި ވަގުތާއި ފުރަތަމަ ފިޔަވަޅު އެޅި ވަގުތުތައް ފަދަ ހުރިހާ ހާއްސަ ވަގުތުތަކެއް ރައްކާކުރާ ތަނެކެވެ. ސްމާޓްފޯނަކީ އުފާވެރި ވަގުތުތައް ހަނދާންކޮށް ފާހަގަކުރުމަށް އެހީތެރިވެދޭ ޑިޖިޓަލް ސްކްރެޕްބުކްއެއް ފަދަ އެއްޗެކެވެ.

3. ބެލެނިވެރިކަން ކުރުމަށް ލިބޭ ސަޕޯޓް

ކުދިން ބެލުމާއި ބެލެނިވެރިކަން ކުރުމަށްވެސް ސްމާޓް ފޯނު ވަރަށް ބޮޑަށް އެހީތެރިވެއެވެ. އާންމުކޮށް ބެލެނިވެރިންނަށް ވުމުން އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން އެކަން ކުރުމަށް ބޭނުންވާނޭ ޓިޕްސްތަކާއި ލަފާ ލިބެއެވެ. މީގެ އިތުރުން ޕްރޮފެޝަނަލް ފަރާތްތަކުގެ އެހީ އާއި ލަފާ ހޯދުމަށް ސްމާޓް ފޯނު އެޕްލިކޭޝަން ބޭނުންކުރެވިދާނެއެވެ. ހާއްސަކޮށް އައު ބެލެނިވެރިންނަށް ބޭނުންވާ ގިނަ މައުލޫމާތު ހިމެނޭ އެޕްލިކޭޝަންތަކަށް މިހާރު ފަސޭހައިން އެކްސެސް ވެވެއެވެ. ބެލެނިވެރިންނަށް އާންމުކޮށް ކުރިމަތިވާ ކަންތައްތަކުގައި އަމަލު ކުރަންވީ ގޮތުގެ ގައިޑަކަށް ބައެއް ފަހަރު މިއެޕްތައް ވެއެވެ. އަދި މިއެޕްތައް މެދުވެރިވެ އެއްކަހަލަ މައްސަލަތައް ދިމާވާ އެހެން ބެލެނިވެރިންނާއި ވާހަކަ ދައްކާ އެހީ ހޯދުމަށް ވެސް ފަސޭހަވެއެވެ.


ސްމާޓް ޑިވައިސްތަކުން ލިބިދާނެ ގެއްލުންތައް

ސްމާޓް ފޯނުގެ ސަބަބުން ބެލެނިވެރިކަން ކުރުމަށް ބައެއް ފަހަރު ހުރަހަކަށް ވެސް ވެއެވެ. ކުރިން ދެންނެވުނު ދިރާސާގެ ނަތީޖާއިން ވެސް ދައްކަނީ ކޮންމެވެސް ވަރަކަށް ކަންބޮޑު ވާންޖެހޭ ގޮންޖެހެމެކެވެ. އެއީ ސްމާޓްފޯނާ ނުލާ ކުދިން ތަރުބިއްޔަތު ކުރުމަށް ދަތިވާ ބެލެނިވެރިންގެ ޕަސެންޓޭޖް ބޮޑުވުމެވެ.

ކުޑަ ކުދިން ސްމާޓް ޑިވައިސް ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ގޯސްކަމެކޭ ނުދަންނަވަމެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ގިނައިން ފެންނަ މަންޒަރަކީ ދަރިފުޅު ކާގަޑީގައި ފޯނުން ކޮންމެވެސް ވީޑިއޯ އެއް ދައްކައިގެން ނޫނީ ނުކެއުމާއި، ކުދިން ފޫހިވެގެން އުޅޭ ވަގުތުގައި ހަމައެކަނީ ފޯނުން ކޮންމެވެސް ގޭމެއް ނުވަތަ ވީޑިއޯ އެއް އަޅުވައިގެން ނޫނީ މުނިފޫހި ނުފިލުވުމާއި، ކުދިން ދެރަވާ ވަގުތު ނުވަތަ ރުޅިއަންނަ ވަގުތު ހިތްހަމަޖެއްސުމަށް ފޯނުން ކޮންމެވެސް އެއްޗެއް ދައްކާ މަންޒަރެވެ. ކުދިންގެ ހުރިހާ ކަމެއް ކުރުމުގައިވެސް ފޯނު ބޭނުންކުރުމާއި، ކުދިންނާ އެކުގައިވާ ހުރިހާ ވަގުތެއްގައި ފޯނުން އަރައިނުގަނެވިގެން އުޅެން ޖެހުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

ފޯނުގެ ފައިދާތައް ގިނަ ނަމަވެސް މުހިއްމު ކަމަކީ މިކަމުގައި ކޮންޓްރޯލްތަކެއް ހިފެހެއްޓުމެވެ. ފާހަގަ ކުރެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ސްކްރީންތަކުގެ ބަދަލުގައި ބޭނުންކުރާނޭ އެހެން އޮޕްޝަންތަކެއް ހޯދާފައި ނެތުމެވެ. ކުދިން ފޫހިވުމުން ނުވަތަ ދެރަވުމުން ނުވަތަ ރުޅި ގަދަވުމުން، ރުއްސުމަށް ފޯނުގެ ބަދަލުގައި ބޭނުންކުރާނެ އެހެން އެއްޗެއް ހޯދުމަކީ މިކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަމެކެވެ. ސްކްރީންތަކާއި ނުލާ ވަގުތު ހޭދަކުރެވޭނެ އަދި މަޖާކުރެވޭނެ ގޮތްތަކެއް ހޯދުން މުހިއްމެވެ.

އަދި މީގެ އިތުރުން ފާހަގަވާ އަނެއް ކަމަކީ ކުދިން ބެލެނިވެރިންނާއި ވާހަދައްކަން ނުވަތަ ބެލެނިވެރިންގެ އެޓެންޝަން ހޯދުމަށް މަސައްކަތް ކުރާ ވަގުތުތަކުގައި ބެލެނިވެރިން ފޯނު ނަގައިގެން އަބަދު ތިބޭ ކަމެވެ. އާއިލާ އެކުގައި އެންމެން ބޭރުގައި ވަގުތު ހޭދަ ކުރާ ވަގުތުވެސް މައިންބަފައިންގެ އެޓެންޝަން ބައެއް ފަހަރަށް ކުދިންނަށް ވުރެ ގިނައިން ފޯނަށް ދެވޭކަމެވެ. މިފަދަ މަންޒަރު ފެނުމުން ބައެއް ފަހަރު ކުދިންނަށް ނަގައިގަނެވޭނީ ހިތްދަތިކަމެއްގެ ގޮތުގައެވެ. ދެން ކުދިން ބޮޑުވެގެން އަންނަ އިރު އެކުދިން ފަރާތުންވެސް ފެންނަނީ މިފަދަ މަންޒަރެވެ. ކުދިންނާއި އެކުގައި ހޭދަކުރާ ވަގުތުތަކުގައި ބެލެނިވެރިން ފޯނު ބޭނުންކުރުމުގެ ސަބަބުން ދަރިންނަށް ވަރަށް ނޭދެވޭ އަސަރުކުރާކަމަށް ދިރާސާތަކުން ދައްކައެވެ. ބެލެނިވެރިންގެ މިއާދައިގެ ސަބަބުން ކުދިންނަށް އެކަށީގެންވާ ވަރަށް ބަސް ދަސްނުވުމާއި، ރުޅިއައުމާއި ބޮޑާހޭކުމާއި ބަސްނޭހުން ގިނަވެ، އެކުދިންގެ ސިކުނޑި ހެދިބޮޑުވުމަށް އަސަރުކުރެއެވެ. (ދިރާސާ)

މިކަމުގެ ދިރާސާ ކުރާ މާހިރުން ބުނާ ގޮތުގައި މީގެ ހައްލެއްގެ ގޮތުގައި އެންމެ މުހިއްމުކަމަކީ ޑިވައިސްތައް ބޭނުންކުރުމުގައި ބެލެންސެއް ގެންގުޅުމެވެ. ކުދިން ވެސް އަދި ބެލެނިވެރިންވެސް މިގޮތަށް އަމަލު ކުރުން މުހިއްމުކަމުގައި އެފަރާތްތަކުން ފާހަގަ ކުރެއެވެ. އެމީހުން ލަފާދެނީ ހާއްސަކޮށް އެންމެ ޅައުމުރުގައި ކުދިން ޑިވައިސް ބޭނުންކުރާނަމަ، ބެލެނިވެރިންގެ ބައިވެރިވުމާއެކުގައި ބޭނުންކުރުމެވެ. އަދި އެކަމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައި ބެހެއްޓުމެވެ. ދެން "ސްކްރީން ފްރީ" ވަގުތުތަކުގައި ދެބައި މީހުންވެސް ބައިވެރިވެގެން ކުރެވޭނެ ފަދަ ކަންތައްތަކެއް ރާވާލައިގެން ކުރުމެވެ. މިސާލަކަށް ކުރެހުން، ޕަޒްލްއެއް ހެދުން، ބޯޑް ގޭމެއް ކުޅެލުން، އެކުގައި ތިބެގެން ކޮންމެވެސް އެއްޗެއް ކެއްކުން، ނުވަތަ ޕާކަކަށް ގޮސްލުން ކަހަލަ ކަންތައްތައް ކުރެވިދާނެއެވެ. މިވަގުތުތަކުގައި ބެލެނިވެރިންވެސް ފޯނުން ބްރޭކެއް ނެގުން މުހިއްމު ކަމަށް މާހިރުން ބުނެއެވެ.

މިފަދައިން ޑިވައިސް ބޭނުންކުރާ އަދި ބޭނުންނުކުރާ ވަގުތުތައް ބެލެންސް ކުރެވިގެން ބެލެނިވެރިކަން ކުރެވިއްޖެނަމަ މުޅި އާއިލާއަށް ވެސް ދުޅަހެޔޮކަން ލިބޭނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.