ނޭޕާލުގައި ޓިކްޓޮކް ބޭނުންކުރުން މަނާ ކޮށްފިއެވެ. އެގައުމުގައި ޓިކްޓޮކް މަނާކުރީ އޭގެ ކޮންޓެންޓަކީ "އިޖުތިމާއީ އެއްބައިވަންތަކަމަށް ގެއްލުންދޭ ކޮންޓެންޓެއް" ކަމަށް ބުނެ އެވެ. އެ ގައުމުން މިގޮތަށް ނިންމާފައި މިވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެގައުމުގައި ލިއޭޒަން އޮފީސްތައް ގާއިމުކުރަން ޖެހޭ ގޮތަށް އާ އުސޫލެއް ތައާރަފްކޮށްފައި ވަނިކޮށެވެ.
މަހަކު ގާތްގަނޑަކަށް ބިލިއަން މީހުން ބޭނުންކުރާ ޓިކްޓޮކް އިންޑިއާ ފަދަ ގިނަ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ. މި އަހަރުގެ ކުރީކޮޅު މޮންޓާނާ ވެފައިވަނީ އެމެރިކާގައި ޓިކްޓޮކް މަނާކުރި ފުރަތަމަ ސްޓޭޓް އަށެވެ. މީގޭއިތުރުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ އެ ގައުމުގެ ނެޓްވޯކުން ޓިކްޓޮކް މަނާކޮށްފައެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވެފައިވަނޛ ޓިކްޓޮކްއިން ހަގީގަތާ ހިލާފު ކޮންޓެންޓް ފަތުރާ ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ "މި މަނާކުރުމަށް މިހާރުން މިހާރަށް އަމަލުކުރަން ފަށާނެ ކަމަށާއި ޓެލެކޮމް އޮތޯރިޓީތަކަށް އެ ނިންމުން ތަންފީޒު ކުރުމަށް އަންގާފައިވާނެ" ކަމަށެވެ.
ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި ހިމެނޭ ނޭޕާލް ކޮންގްރެސްގެ އިސް ލީޑަރެއް ކަމަށްވާ ގަގަން ތާޕާ ވަނީ ޓިކްޓޮކް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށާއި ޕްލެޓްފޯމް ރެގިއުލޭޓް ކުރުމަށް އޮފިޝަލުން ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ޓިކްޓޮކް އައިސްފައިވަނީ ޗައިނާ ސަރުކާރަށް ޑޭޓާ ތައް ފޯރުކޮށްދެވިދާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ޓިކްޓޮކް ގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން މީގެ ކުރިން ވެސް ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
ފޭސްބުކާއި އިންސްޓަގްރާމް ފަދަ ކުންފުނިތަކަށް ވުރެ ޓިކްޓޮކް ފަހަތަށް ޖެހުނު ނަމަވެސް ޒުވާނުންގެ މެދުގައި ޓިކްޓޮކް ގެ މަޤްބޫލުކަން ވާދަވެރިންނަށް ވުރެ މާ ބޮޑެވެ.
ނޭޕާލަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޓިކްޓޮކާ ގުޅުން ހުރި 1600 އަށް ވުރެ ގިނަ ސައިބާ ކްރައިމް މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ. ނޭޕާލްގައި މީޑިއާ ބޭނުންކުރުމާ ބެހޭ ގޮތުން ބީބީސީ މީޑިއާ އެކްޝަންގެ ރިޕޯޓުގައިވާ ގޮތުން ޓިކްޓޮކަކީ ގައުމީ ފެންވަރުގައި ތިން ވަނައަށް އެންމެ ގިނައިން ބޭނުންކުރާ ޕްލެޓްފޯމެވެ.
ޔޫޓިއުބާއި ފޭސްބުކަކީ ހުރިހާ އުމުރުފުރައެއްގެ އިންޓަނެޓް ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު ދެ މަންސައަށް ވާއިރު، ޓިކްޓޮކަކީ ޒުވާން އުމުރުފުރާތަކުގެ މެދުގައި ވަރަށް މަގުބޫލު ޕްލެޓްފޯމެއް ކަމަށާއި 16 އަހަރާއި 24 އަހަރާ ދެމެދުގެ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ ތެރެއިން 80 އިންސައްތަ އަށް ވުރެ ގިނަ މީހުން މި ޕްލެޓްފޯމް ބޭނުންކުރެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޕާކިސްތާނުން ވަނީ މަދުވެގެން ހަތަރު ފަހަރެއްގެ މަތިން މި އެޕް ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.