އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އިންޑޮނޭޝިއާގެ އެންމެ އާ އަދި އެންމެ ބޮޑު ފްލޯޓިން ސޯލާ ޕްލާންޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ. 250 ހެކްޓަރު (2.5 ކިލޯމީޓަރު) އަށް ވުރެ ބޮޑު ސަރަހައްދެއް ހިމެނޭ މި އާ ޕްލާންޓަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕްލާންޓެވެ. ހުޅަނގު ޖާވާ ޕްރޮވިންސްގެ ސިރާޓާ ރިޒާވަޔަރގައި ހުންނަ މި ތަނަކީ 50،000 ގެއަށް ކަރަންޓު ދެވޭ ވަރަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ.
އިއާދަކުރަނިވި ހަކަތަ އުފެއްދުން
"މިއަދަކީ ތާރީޚީ ދުވަހެއް، އިޔާދަކުރަނިވި ހަކަތައިގެ ބޮޑު ޕްލާންޓެއް އެޅުމުގެ ބޮޑު ހުވަފެން އެންމެ ފަހުން ހާސިލްވާތީ. ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕްލާންޓް އަދި ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ޕްލާންޓް އެޅުމުގެ މަސައްކަތް އަޅުގަނޑުމެންނަށް މި ކުރެވުނީ،" ހުޅުވުމުގެ ރަސްމިއްޔާތުގައި ވިޑޯޑޯ ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ސިރާޓާ ފްލޯޓިން ސޯލާ ޕެނަލަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް، އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޕެނަލް،" އޭނާ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް އަކީ ޗައިނާގެ ޕަވާޗައިނާ ހުއާޑޮންގް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުން އިންޑޮނޭޝިޔާގެ ސްޓޭޓް އިލެކްޓްރިސިޓީ ކޯޕަރޭޝަން ޕީއެލްއެން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހަކަތަ ކުންފުނި މަސްދާރާ އެކު ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އިންވެސްޓްމަންޓަކީ 145 މިލިއަން ޑޮލަރެވެ. 340،000 އަށް ވުރެ ގިނަ ސޯލާ ޕެނަލް ރިޒާވަރ ސަރފޭސް ކަވަރުކޮށް، އަހަރަކު 192 މެގަވޮޓްގެ ކަރަންޓު އުފައްދައި، އެތަނުގައި މިހާރު ހުރި ހައިޑްރޯޕަވާ ހަކަތަ އުފައްދާ ނިޒާމަށް ކޮމްޕްލިމެންޓް ކޮށްދެއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް ފެށުމުގެ ކުރިން އެ މަޝްރޫއުގައި ބޮޑެތި ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި މަސައްކަތް ނިންމާލެވިފައި މިވަނީ މިމަހުގެ ފަހުކޮޅު (ނޮވެމްބަރު 2023) ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް28) ގެ މޫސުމީ ބައްދަލުވުންތަކުގެ ކުރިން ނެވެ. ބެލެވޭ ގޮތުގައި ވިޑޯޑޯ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑޮނީޝިއާގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ޖުލައި މަހު ނެރުއްވި ބަޔާނެއްގައި ވާގޮތުން އިންޑޮނޭޝިއާގައި ޖުމްލަ 80 ގިގަވޮޓަށް ވުރެ ގިނަ އިން ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރި އިރު، އޭގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ހިއްސާކުރަނީ އެންމެ 15 އިންސައްތައެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ނިޔަލަށް މި އިންސައްތަ 23 އިންސައްތައަށް އިތުރުކުރުމަށް އެ ޤައުމުން ވަނީ އަމާޒު ހިފާފައެވެ. މިހާރު އިންޑޮނޭޝިއާގެ ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ ކޯލް އިންނެވެ.
270 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އެ ޤައުމުގެ އަމާޒަކީ 2010 ވަނަ އަހަރާ އަޅާބަލާއިރު ކާބަން ބޭރުކުރާ މިންވަރު 43.2 އިންސައްތަ ދަށްކުރުމެވެ. އަދި ބައިނަލްއަގްވާމީ އެހީއާއިއެކު 2060 ނުވަތަ 2050 ވަނަ އަހަރު ނެޓް ޒީރޯ އެމިޝަން ހާސިލްކުރުމަށް ވަނީ އަމާޒުހިފާފައެވެ.
ސިރާޓާ ޕްލާންޓަކީ އިންޑޮނޭޝިއާއަށް އަހަރަކު ގާތްގަނޑަކަށް 214،000 ޓަނުން ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެހީތެރިވެދޭނެ މި ޕްލޭންގެ މުހިންމު ބައެކެވެ. ޕީއެލްއެން އާއި މަސްޑަރއިން ދަނީ އެ ތަން ފުޅާކޮށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 500 މެގަވޮޓަށް އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. މި ޕްލާންޓްގައި ޑޭމްގެ ރިޒާވަރ ސަރފޭސްގެ އެންމެ 4 އިންސައްތަ ހިމެނޭއިރު، އިންޑޮނޭޝިއާ ސަރުކާރުން ބުނާގޮތުގައި ސޯލާ ޕެނަލްތަކުން ފަޅެއް ނުވަތަ ޑޭމެއްގެ ސަރަޙައްދުގެ 20 އިންސައްތަ ހިފެހެއްޓޭނެކަމަށާއި، މިއީ ޖާގައިގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފޭނެ ޕްލާންޓެއް ކަމަށެވެ.
އިންޑޮނޭޝިއާއިން މި ޕްލާންޓް ތައާރަފްކޮށްފައި މިވަނީ، "ޖަސްޓް އެނާޖީ ޓްރާންސިޝަން ޕާޓްނާޝިޕް" (ޖެޓީޕީ)ގެ ދަށުން އިއާދަކުރަނިވި ހަކަތަ ހޯދުމާއި ކޯލް ޕަވާ ފޭސްޑައުން ހަލުވިކުރުމަށް އިންޑޮނޭޝިއާއިން އެކުލަވާލި ކޮމްޕްރެހެންސިވް އިންވެސްޓްމަންޓާއި ޕޮލިސީ ޕްލޭންގެ ފުރަތަމަ ޑްރާފްޓް ނިންމާލިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އިންޑޮނޭޝިއާގެ ސާފު ހަކަތައަށް ބަދަލުވުމަށް އެހީތެރިވުމުގެ ގޮތުން ތަރައްގީވެފައިވާ ގައުމުތަކުން މިދިޔަ އަހަރު ވައުދުވި ފައިނޭންސިންގެ ގޮތުގައި 20 ބިލިއަން ޑޮލަރު ދޫކުރުން ހަލުވިވެގެންދާނެ ކަމަށް އުއްމީދު ކުރެވެ އެވެ. މިހާތަނަށް މި ޕްރޮޖެކްޓް އަށް އަމާޒުކުރި އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ.
2060 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ
"އިންވެސްޓްމަންޓާއި ގުޅިގެން މަސައްކަތް ކުރުމަށް ފަހި އިކޯސިސްޓަމް އަޅުގަނޑުމެން ފަރުމާކުރީ. އެގޮތުން ޓެކްނޮލޮޖީ އިނޮވޭޝަން، އިންވެސްޓްމަންޓް [އަދި] އޮޕަރޭޝަންގެ ދާއިރާއިން ގުޅިގެން އަޅުގަނޑުމެން ކުރިއަށް ދާނަން، އަދި މަސްޑަރ އާއިއެކު ޕީއެލްއެން ގުޅިގެން ކުރިއަށް ދާތީ އަޅުގަނޑު ވަރަށް ފަޚުރުވެރިވަން،" ޕީއެލްއެންގެ ސީއީއޯ ދަރްމަވަން ޕްރަސޯދްޖޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.