އޯޕަންއޭއައިގެ ލީޑަރޝިޕަށް ކުއްލި ބަދަލުތަކެއް ގެނެސްފި

ހިންދު ޢަލީ 18 ނޮވެމްބަރު 2023

އޯޕަންއޭއައިގެ ލީޑަރޝިޕަށް ބަދަލުތަކެއް ގެނެސް އެކަން އެކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. 17 ނޮވެމްބަރ 2023 ގައި ޝާއިއުކޮށްފައިވާ އޯޕަންއޭއާއިގެ ބްލޮގް ޕޯސްޓެއްގައި ވާގޮތުން ސީއީއޯގެ މަގާމުގައި ހުރި ސޭމް އޯލްޓްމަން އެމަގާމުން އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިހާރު ވަކިކޮށްފައެވެ. އަދި އެކުންފުނީގެ ސީޓީއޯގެ މަގާމުގައި ހުރި މީރާ މުރާތީ ވަނީ ސީއީއޯގެ ރޯލަށް ވަގުތީގޮތުން އައްޔަންކޮށްފައެވެ.

މިބްލޮގް ޕޯސްޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި މީރާ ވަނީ އޯޕަންއޭއައިގެ ލީޑަރޝިޕް ޓީމުގެ މެންބަރެއްގެ ގޮތުގައި 5 އަހަރު ވަންދެން ހިދުމަތްކޮށްފައެވެ. އޯޕަންއޭއައި އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގެ ގްލޯބަލް ލީޑިންގ ކުންފުންޏަކަށް ބަދަލު ކުރުމުގައި މީރާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާއަކީ ކުންފުނީގެ އޮޕްރޭޝަންސްއާއި ރިސަރޗް މަސައްކަތްތަކުގައި ލީޑް ރޯލެއް އަދާކޮށްފައިވާ ފަރާތެއް ކަމަށާއި، އޭއައި ގަވަރނަންސް އަދި ޕޮލިސީގެ ތަޖުރިބާ ހުރި ކުންފުނީގެ ހުރިހާ ދާއިރާއެއް ރަނގަޅަށް އެނގޭ ފަރާތެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެކުންފުނިން މިހާރު ދަނީ ދާއިމީ ސީއީއޯ ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އޯލްޓްމަން ވަކިކުރި ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ ކުންފުނީގެ ބޯޑުން ރިވިއުއެއް ކުރުމަށްފަހު، އޭނާ ބޯޑާއެކު މުއާމަލާތްކުރުމުގައި އިހްލާސްތެރިކަން ކުޑަވުމާއެކު އޭނާގެ ޒިންމާތައް އަދާކުރުމުގެ ގާބިލްކަމަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އޯޕަންއޭއައިގެ ލީޑަރޝިޕްގައި އޯލްޓްމަން ދެމިހުރުމުގެ ގާބިލްކަން ގެއްލިފައިވާ ކަމަށާއި ބޯޑުން އޭނާގެ މައްޗަށް އޮތް އިތުބާރެއް ގެއްލިފައިވާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެކުންފުނިން ނެރުނު ބަޔާނުގައި ކުންފުނި އުފެއްދުމަށާއި ކުރިއެރުވުމަށް އޯލްޓްމަން ކޮށްދިން މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުންފުނި ކުރިއަށް ގެންދިޔުމަށް އައު ލީޑަރޝިޕެއް ގެނެސް ކުރިއަށް ދާންޖެހޭކަމަށް ވެސް ބުނެފައިވެއެވެ.

މިޓްރާންސިޝަންގެ ތެރެއިން ބޯޑުގެ ޗެއަރމަން، ގްރެގް ބްރޮކްމަން ވެސް އެރޯލުން ވަނީ ވަކި ކޮށްފައެވެ. އަދި އޭނާ ކުންފުނީގެ ރައީސް މަގާމުގައި ދެމިހުންނާނެ ކަމަށާއި ރިޕޯޓް ކުރާނީ ސީއީއޯއަށް ކަމަށް ވަނީ އަންގާފައެވެ. އެހެން ނަމަވެސް މީގެ އިރުކޮޅެއް ކުރިން ބްރޮކްމަން ވަނީ އޭނާ ކުންފުނިން އިސްތިއުފާ ދީފިކަމަށް އަންގާ ކުރި މެސެޖު ޓްވީޓް ކޮށްފައެވެ.

ނޮވެމްބަރު މަހުގެ ކުރީ ކޮޅު އޯޕަންއޭއާއި އިން ކުރިއަށް ގެންދިޔަ ޑިވެލޮޕަރ ކޮންފަރެންސްގައި އޯލްޓްމަން ވަނީ އޯޕަންއޭއައިއިން އަލަށް ރިލީޒްކުރަން ޕްލޭން ކުރާ ބައެއް އަޕްޑޭޓްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އޭގެތެރޭގައި ޗެޓްޖީޕީޓީ-4 ގެ "ޓަރބޯ" ވަރޝަން ހިމެނެއެވެ. މިވަރޝަންގައި ޗެޓްޖީޕީޓީ ޕްރޮމްޕްޓްތަކުން އެއްފަހަރާ 300 ޕޭޖުގެ ޓެކްސް ޕްރޮސެސް ކުރެވޭނެކަމަށް ވެއެވެ.

މީގެ އިތުރުން މިއިވެންޓްގައި ވަރަށް ގިނަ ޑިވެލޮޕަރުންގެ ޝައުގުވެރިކަން ލިބުނު މިއަށް ވުުރެވެސް ބޮޑު އަޕްޑޭޓްއެއް ހިމެނުނެވެ. އެއީ ކަސްޓަމައިޒްޑް ޖީޕީޓީ އަމިއްލައަށް އުފެއްދޭނެ އަޕްޑޭޓެކެވެ. "ބިލްޑް-ޔޯ-އޯން ޗެޓްޖީޕީއެއް" ކަމަށް ސިފަ ކުރެވުނު މިއަޕްޑޭޓްގެ ބޭނުންކޮށްގެން ޑިވެލޮޕަރުން އަމިއްލައަށް ބޭނުންވާ މައުލޫއަކަށް ޗެޓްޕީޓީ އުފެއްދުމުގެ އިހްތިޔާރު ލިބެއެވެ. މިސާލަކަށް ކަސްޓަމް ޖީޕީޓީ ބޭނުންކޮށްގެން ހަމައެކަނި ޕޭރެންޓިންގ އެޑްވައިސްދޭ ޗެޓްޖީޕީޓީއެއް ނުވަތަ ސިއްހަތާއި ބެހޭ މައުލޫމާތަށް އެކަނި ފޯކަސްކުރާ ޗެޓްޖީޕީޓީއެއް އުފެއްދިދާނެއެވެ. މިއަޕްޑޭޓްގެ ސަބަބުން ކުންފުންޏައް އިތުރު ބޮޑު ކުރިއެރުންތަކެއް ލިބޭނެކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ.

މިފަދަ ބޮޑެތި ކުރިއެރުންތަކެއް ޕްލޭންކުރެވެމުންދާ ވަގުތެއްގައި އެކަމުގެ އެއްވެސް އަސަރެއް ވެސް ނުވެ ކުއްލިއަކަށް އޯލްޓްމަން ކުންފުނިން ވަކިކުރުން ވެގެން ދިޔައީ ގިނަބަޔަކު ސިއްސުވާލި ހަބަރަކަށެވެ. މިގޮތަށް ކުއްލިއަކަށް އޯލްޓްމަން މަގާމުން ވަކިކުރުމުން ގިނަ ބަޔަކު ފާހަގަ ކުރަމުންދަނީ އޭގެ ފަހަތުގައި އެހެން ކަންތައްތަކެއް ހިމެނޭ ކަމެއްގެ ގޮތުގައެވެ. އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި، އޯޕަންއޭއައިގެ މިނިންމުމުގެ ފަހަތުގައިވާ ސަބަބުތަކާމެދު ހިޔާލު ފާޅުކުރަމުންނެވެ.

އެއްބަޔަކު ފާހަގަކުރާ ގޮތުގައި ޗެޓްޖީޕީޓީގެ އައު ރިލީޒްގައި ސީރިއަސް ސެކިޔުރިޓީ މައްސަލަތައް އުޅުމާއި އޯލްޓްމަން ވަކިކުރުމާއި ގުޅުމެއް އެބައޮތެވެ. މިރިލީޒްގެ ސަބަބުން ޔޫސަރސްގެ ބައިވަރު ޑޭޓާތަކެއް ލީކުވެފައިވާކަމަށާއި ޔޫސަރުންގެ ސިއްރު ޗެޓްތައް ފެންނަންނުވާ ބަޔަކަށް ފެންނަކަމާމެދު ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ދާދި ފަހުން ޗެޓްޖީޕީޓީއަށް އައި ޑީޑޮސް އެޓޭކްތަކަކީ ވެސް މިކަމާއި ގުޅުން ހުރި ކަމެއްކަމަށް ވާހަކަ ދެކެވެއެވެ.

އަނެއް ބަޔަކު ފާހަގަ ކުރާ ގޮތުގައި މީގެ 2 އަހަރު ކުރިން އޯލްޓްމަންގެ އަންހެން ކޮއްކޮ އޭނާގެ މައްޗަށް ކުރާ ޖިންސީ އަނިޔާގެ ތުހުމަތުތަކާއި އޯލްޓްމަން ވަކިކުުރުމާއި ގުޅިފައިވުމުގެ ޗާންސެއްވެސް އެބައޮތެވެ.

މިއީ އެހެން ނަމަވެސް ކުރެވޭ ޝައްކުތަކެކެވެ. އޯޕަން އޭއައި އިން ނެރިފައިވާ ބަޔާނުގައި ވަނީ ކުރިން ދެންނެވުނު ފަދައިން އޯލްޓްމަން ވަކިކުރީ އޭނާއާއި މެދު ބޯޑުގެ އިތުބާރު ގެއްލިފައިވާތީއެވެ. މިކަމުގެ ފަހަތުގައި އިތުރު ސަބަބުތަކެއް ވާނަ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަވެގެން ދާނެކަމަށް ލަފާކުރެވެއެވެ.

އޯލްޓްމަން ވެސް މިހާރު ވަނީ އޭނާ އޯޕަންއޭއައިއިން ވަކިވެފައިވާކަމަށް ދޭހަވާ ޓްވީޓެއްކޮށްފައެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.