ގޫގަލް ޕިކްސެލް 8 ޕްރޯއާއެކު ސްމާޓްފޯނު އޭއައި އަށް ބަދަލެއް

ޝުޖާޢަތު ރަޝީދު 04 ޑިސެމްބަރު 2023

ނިމިގެން މިދިޔަ އޮކްޓޯބަރު މަހުގައި ގޫގަލްއިން އެމީހުންގެ ޕިކްސެލް ފޯނުގެ އާ ފޯނު "ޕިކްސެލް ޕްރޯ 8" ވަނީ މާކެޓަށް ނެރެފައެވެ.

ޕިކްސެލް ފޯނަކީ އެތަކެއް ޑިޒައިން ބަދަލަކާއި އެކު މިހާތަނަށް ގެނެވިފައިވާ ފޯނެކެވެ. އެންމެ ބޮޑު ބަދަލަކަށް ފާހަގަވަނީ ގޫގަލްއިން ކުއަލްކޮމް ސްނެޕްޑްރެގަންއިން ސިސްޓަމް-އޮން-ޗިޕްސް ޑިޒައިންއިންއަކަށް އެމީހުންގެ އަމިއްލަ ޑިޒައިނަކަށް ބަދަލުވުމެވެ.

ޓެންސާ ޗިޕްސެޓް ފަރުމާކޮށްފައިވަނީ ކޮމްޕިއުޓޭޝަނަލް ރޫޓިންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

މިއީ އޭ.އައި (އާޓިފިޝަލް އިންޓަލިޖަންސް) އާއި މެޝިން ލާނިންގް މި ޑިވައިސްތަކުގައި ބޭނުން ކުރުމަށް ތަންދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މިފަދަ ސިސްޓަމް-އޮން-ޗިޕްސް ޑިޒައިންގައި ސްމާޓްފޯން އީކޯސިސްޓަމްގައި ޑިވައިސްތައް މަދުކަން ފާހަގަކުރެވޭއިރު، މިއީ ގޫގަލްއިން އެހެން މެނުފެކްޗަރުންނަށް ދޭ މެސެޖެއް ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސްމާޓްފޯން ހާޑްވެއާ ޑެވެލޮޕްމަންޓް ބަހައްޓަންވީ މި ރޮނގުންކަމަށް ގޫގަލްއިން ދައްކައިދެއެވެ.

ޕިކްސެލް 8 އާއި ޕިކްސެލް 8 ޕްރޯ ފޯނުގައި ޓެންސާ ޖީ-3 އެކުލަވާލައި ފަރުމާކޮށް ގޫގަލްއިން ނެރެފައިމިވަނީ އޭ.އައި އާއި އެމް.އެލްގެ މުހިންމުކަމާއި ފައިދާތައް ކޮންސިއުމަރުންނަށް ދެއްކުމަށް ކަމަށް ބެލެވެއެވެ.

ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯ ވެގެންދާނީ އެންޑްރޮއިޑް 14 އައުޓް އޮފް ދަ ބޮކްސްއިން ލޯންޗްކުރާ ފުރަތަމަ ފޯނުތަކަށެވެ. އެހެން އުފެއްދުންތެރިން ވެސް ކުރު މުއްދަތެއްގައި އަވަސްވެގަންނާނީ އެންޑްރޮއިޑް ވާޝަން 14 އަށް ކަމަށް ބެލެވެއެވެ.

އެންޑްރޮއިޑް އޯޕަން ސޯސް ޕްރޮޖެކްޓްގެ ވާޝަން 14 ވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ.

ގޫގަލް ޕިކްސެލް 8 ޕްރޯގައި މެޖިކް އިރޭޒާގައްޔާއި ކެމެރާގައި ފޮޓޯ އަންބްލާރ ކުރުމުގައްޔާއި ގޫގަލް އެސިސްޓަންޓްގައި އޭ.އައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ގޫގަލް މެޕްސްގައި އިމާރސިވް ވިއު އަކުން ދާން ބޭނުންވާ މަގުތައް ބަލާލައި އެހިސާބަކަށް ދިއުމަށް އެންމެ ޓްރެފިކް މަދު ވަގުތާއި މޫސުން ރަނގަޅު ވަގުތުވެސް ބަލާލެވެއެވެ. މިއީ ފޮޓޯރިއަލިސްޓިކް 3ޑީ ވިއުއަކުން އޭ.އައި މެދުވެރިކޮށް ދައްކާ ކޮމްޕިއުޓަރ ވިޝަންއެކެވެ.

އީމެއިލް ލިޔުމަށް އެހީއާއި، ފޮތެއް ހޯދުމަށް ހިޔާލު ހޯދާލުމަށް ނުވަތަ ކުރާ ފޯންކޯލެއްގެ އޯޑިއޯ ރަނގަޅަށް ސާފު ކޮށްލުމަށް މި ފޯނުގައި އޭ.އައިގެ އެހީ ބޭނުންކުރެއެވެ.

ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯ އަކީ ކޮންސިއުމާ ފޯކަސްޑް މެޝިންތަކެއްގެ ގޮތުގައި ފެންނާނެ ކަމަށް ބެލެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.