އެންވީޑިއާއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނަގަނީތޯ؟

އަޝްނާ ރަޝީދު 05 ޑިސެމްބަރު 2023

އެންވީޑިއާ އަނެއްކާވެސް ޖެހިފައިވަނީ ކޯޕަރޭޓް ޖާސޫސީކަމުގެ ދައުވާތަކާ ދެކޮޅަށް ގާނޫނީ ހަނގުރާމައިގަ އެވެ. މިފަހަރު ފްރާންސްގެ އޮޓޯމޯޓިވް ޓެކްނޮލޮޖީ ކުންފުނި ވެލިއޯ އިން އެމީހުން ގެންދަނީ ވިޔަފާރީގެ ސިއްރު ވައްކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. ދެ ކުންފުނި ބައިވެރިކޮށްގެން ބޭއްވި ވާޗުއަލް ބައްދަލުވުމަކަށް ފަހު، ވެލިއޯގެ ކުރީގެ މުވައްޒަފު މުހައްމަދު މޮނިރުއްޒާމާން އެންވީޑިއާއާ ގުޅުމުގެ ކުރިން އެ ކުންފުނީގެ ސޯސް ކޯޑް ވަގަށް ނަގާފައިވާކަން ހާމަވި އެވެ. މިކަން ހާމަވީ ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ސްކްރީންޝެއާ ކުރަމުން ދަނިކޮށް އެކްސިޑެންޓްވެގެންނެވެ.

ފަހުގެ ބައެއް ލިޔުންތަކުގައި ރިޕޯޓްކޮށްފައިވާ މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރު އެންވީޑިއާ އާއި ވެލިއޯ ގުޅިގެން ކުރި ވީޑިއޯ ކޯލެއްގެ ތެރެއިންނެވެ. ވެލިއޯ ބުނާ ގޮތުގައި ކުންފުނިން ވަކިވުމުގެ ކުރިން މޮނިރުއްޒާމަން ވަނީ ހުއްދަ ނެތި "ދިހަހާސް ފައިލް" އާއި އެޑްވާންސް ޕާކިން އަދި ޑްރައިވިން އެސިސްޓެންސް ސިސްޓަމްތަކާ ގުޅުން ހުރި 6ޖީބީގެ ސޯސް ކޯޑް ޑައުންލޯޑްކޮށްފަ އެވެ.

100 އަހަރަށް ވުރެ ގިނަ ދުވަހު އޮޓޯމޯޓިވް ޓެކްނޮލޮޖީއަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ވެލިއޯ ބުނާ ގޮތުގައި މޮނިރުއްޒާމަންގެ އަމަލުތަކަކީ ވެލިއޯގެ ޕްރޮޕްރިއޭޓަރީ ޓެކްނޮލޮޖީތަކަށް އެކްސެސް ހޯދައިދީ އެންވީޑިއާއަށް ފައިދާ ހޯދުމަށް ގަސްތުގައި ކުރި މަސައްކަތެކެވެ. ދައުވާގައި ބުނެފައި ވަނީ މޮނިރުއްޒާމަން ވަނީ ވެލިއޯގެ ސިސްޓަމްތަކަށް ހުއްދަ ނެތި ވަދެވޭނެ ގޮތް ހަދައި، ވޯޑް ޑޮކިއުމަންޓްތަކާއި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތަކާއި ޕީޑީއެފް އަދި އެކްސެލް ސްޕްރެޑްޝީޓް ފަދަ މުހިންމު ފައިލްތައް ވަގަށް ނަގާފައެވެ.

ގާނޫނީ ޝަރީއަތުގެ މަޖިލީހުން ވެލިއޯ އާއި އެންވީޑިއާ ގުޅިގެން ހިންގި މަޝްރޫއުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، އެ މަޝްރޫއުގައި ދެ ކުންފުނިން ވެސް ގުޅިގެން ދިޔައީ ނަން ނުޖެހޭ ކާރު އުފައްދާ ކުންފުންޏަކަށް ޕާކިން އަދި ޑްރައިވިން އެސިސްޓެންސްގެ ޒަމާނީ ޓެކްނޮލޮޖީއެއް އުފެއްދުމަށެވެ. މި މަޝްރޫއުގެ ސޮފްޓްވެއާ ޑިވެލޮޕް ކުރުމުގެ ކޮންޓްރެކްޓް އެންވީޑިއާ އިން ހޯދާފައިވާއިރު، ވެލިއޯ އިން ހަވާލުވީ އަލްޓްރާސޮނިކް ސެންސަރު ހާޑްވެއާ ފޯރުކޮށްދިނުމެވެ.

ދައުވާއިން އިތުރަށް ހާމަވާ ގޮތުގައި ވީޑިއޯ ކޯލްގެ ތެރޭގައި މޮނިރުއްޒާމަންގެ ސްކްރީންޝެއަރިން ބްލަންޑަރ އިން ވަގަށް ނަގާފައިވާ ސޯސް ކޯޑް ހާމަވެ، ވެލިއޯގެ މުވައްޒަފުންނަށް އެ ގޯސް ރަނގަޅު ކުރުމުގެ ކުރިން ސްކްރީންޝޮޓް ނަގަން ޖެހުނެވެ. ވެލެއޯ އިން އިންޓަރނަލް އޮޑިޓެއް ހަދައި، މޮނިރުއްޒާމާން ނެގި ކަމަށް ބުނާ މައުލޫމާތުގެ މިންވަރު ހޯދި އެވެ.

މޮނިރޫޒާމަންގެ މައްޗަށް މިހާރު ޖަރުމަނުގައި ވެލިއޯގެ ވިޔަފާރީގެ ސިއްރުތަކާ ހިލާފުވުމުގެ ކުށް ސާބިތުވެ، 14،400 ޔޫރޯއިން ޖޫރިމަނާ ކުރެވޭނެ އެވެ. ޖަރުމަނު ފުލުހުން، ރޭޑުއެއްގެ ތެރޭގައި، މޮނިރޫޒާމަންގެ ހޯމް އޮފީހުން ވެލިއޯގެ ލިޔެކިޔުންތައް ފެނުމުން، ހުއްދަ ނެތި ވަދެވޭނެ ގޮތާއި ވައްކަން ކުރި ކަމަށް ބުނާ ވާހަކަތައް އިތުރަށް ވަރުގަދަވި އެވެ.

އެންވީޑިއާ އިން ޖަވާބުގައި ބުނަނީ ވެލިއޯގެ ކޯޑުގައި ނުވަތަ ތުހުމަތު ކުރެވޭ ވިޔަފާރީގެ ސިއްރުތަކުގައި އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ވެލިއޯގެ ހައްގުތައް ހިމާޔަތް ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ނަމަވެސް ވެލިއޯ އިން ބުނާ ގޮތުގައި ވަގަށް ނަގާފައިވާ ވިޔަފާރީގެ ސިއްރުތައް ލީވަރކޮށްގެން އެންވީޑިއާ އިން "ޑިވެލޮޕްމަންޓް ހަރަދުގެ އެތައް މިލިއަން، ފަހަރެއްގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް" ސަލާމަތް ކުރެވިދާނެ އެވެ.


މިއީ އެންވިޑިއާ އައިޕީ ވަގަށްނެގިކަމުގެ ދައުވާގައި ކޯޓަށް ގެންދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން އެކްސްޕީރިއާ ކޯޕު ވަނީ އެފަރާތްތަކުގެ ޕޭޓެންޓުކޮށްފައިވާ ބައެއް ޓެކްނޮލަޖީ ބޭނުންކޮށްފައިވާ ކަމަށް ދައުވާކޮށްފައެވެ. އަދި އޭ.އެމް.ޑީގެ ވިޔަފާރި ސިއްރުތައް އެތަނުގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކުން މެދުވެރިކޮށްފައި ވަގަށް ނަގާފައިވެއެވެ. މިޔަކީ މި ސިނާއަތުގައި އާންމުކަމަކަށް ވީއިރު، މިފަހަރުވެސް މިކަމުގައި ބައިވެރިވާ ކުންފުނިތަކުން އަޅާނެ ފިޔަވަޅުތަކަކަށް މާކަބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.