ކޮންމެ އަހަރަކު ނޮވެމްބަރ 25 އިން ޑިސެމްބަރ 10 އާއި ދެމެދު ހިިމެނޭ ދުވަސްތަކަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގާ 16 ދުވަހުގެ އެކްޓިވިޒަމް ކެމްޕޭން ހިންގާ ދުވަސްތަކެވެ. މުޅި ދުނިޔޭގައި ފާހަގަ ކުރާ މިކެމްޕޭންގެ މަގުސަދަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، އެކަން ހުއްޓުވުން މަސައްކަތް ކުރުމެވެ. ޔުނައިޓެޑް ނޭޝަންސް އިން 1991 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރާ މިކެމްޕޭން ނިންމާލާ ޑިސެމްބަރ 10 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ދުވަހެވެ.
މިދުވަސްތައް ފާހަގަކުރަނީ އަންހެނުންނަށް ކުރާ އެކި ބާވަތް ބާވަތުގެ އަނިޔާ ހުއްޓުމާއި ދެކޮޅަށެވެ. ޔޫއެންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުޅި ދުނިޔެގެ ނިސްބަތުން ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކަށް ކޮންމެވެސް ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ކުރިމަތިވެއެވެ. މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، އެކަކު އަނެކަކާއި ފަސޭހަކަމާއި އެކު ގުޅުވައިދޭ ޒަމާނުގައި އިންޓަނެޓްގެ އަނދިރި ފަރާތުން ފެންނަނީ މިފަދަ އެހެން އަނިޔާވެރިކަމެކެވެ. އޮންލައިން އަނިޔާވެރިކަމެވެ. ނިސްބަތުން ބޮޑު މިންވަރަކަށް މިކަމުގެ ޝިކާރައަށް ވަނީ އަންހެނުންނެވެ.
އިންޓަނެޓުގެ ސަބަބުން މުޖުތަމައުތަކުގައި އެކަކު އަނެކަކާ އޮންނަ ގުޅުންތައް ބަދަހިކުރުމަށް އައު ދޮރުތަކެއް ހުޅުވިގެން ދިޔައެވެ. މިއާއެކު ހުޅުވުނު މިދޮރުތަކުން އެތެރެއަށް ދެމިގަތީ އިންސާނީ ހައްގުތަކާއި ހިލާފު ކަންތައްތަކާއި، ތަފާތު ކުރުމާއި، ގަނާކުރުމާއި، ނަފްރަތު އުފެއްދުމުގެ އަމަލުތަކެވެ.
މިކަމުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިން އޮންލައިންކޮށް ހަރަކާތްތެރިވާ މިންވަރަށް އަސަރުކުރެއެވެ. ހާއްސަކޮށް އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާތަކާއި، ތަފާތު ކުރުމާއި އިންސާނީ ހައްގުތަކާއި ބެހޭގޮތުން އަޑުއުފުލާ އަންހެނުން އޮންލައިންކޮށް އުޅޭ މިންވަރު ދަށަށް ދެއެވެ. އެމީހުންގެ އަމިއްލަ ތަޖުރިބާތައް ހިއްސާކޮށް އަޑުއުފުލާ އަންހެނުން ދުވަހެއް ދުވަހަކަށް މަދުވެއެވެ. (ފްރީ ޓު ބީ އޮންލައިން ރިޕޯޓް)
އޮންލައިން ވަސީލަތެއް ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތެއް މެދުވެރިވެ އަންހެނުންނަށް ކުރާ ކޮންމެ އަނިޔާއަކީ އޮންލައިންކޮށް އަންހެނުންނަށް ކުރިމަތިވާ އަނިޔާކަމުގައި ގިންތިކުރެވޭނެ ކަންތަކެވެ. އޭގެ ސަބަބުން އަންހެނުންނަށް ޖިސްމާނީ، ޖިންސީ، ނަފްސާނީ އަދި އިގްތިސާދީ ގެއްލުން ނުވަތަ ތަކުލީފު ލިބޭ ކޮންމެ އަމަލެކެވެ. އެއީ އޮންލައިން ޕްލެޓްފޯމްތަކުގައި އަންހެނުންގެ ޖިންސަށް ނުވަތަ މިންތިއަށް ބިނާކޮށް ތަފާތުކުރުމާއި ބޭއިންސާފުކޮށް އެކިއެކި އަމަލުތައް ހިންގުމެވެ. އަދި އެފަދަ އަމަލުތައް ހިންގާނެކަމުގެ ބިރު ދެއްކުމާއި އިންޒާރު ދިނުމާއި މަޖުބޫރު ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިފަދަ އަމަލުތައް ސިއްރުގައި ނުވަތަ އާންމުކޮށް ކުރިކަމުގައިވީ ނަމަވެސް އަނިޔާވެރިކަމުގެ ގޮތުގައި ހިމެނެއެވެ. (ޔޫއެންވިމެން.އޯގް)
އާންމުކޮށް ފިޒިކަލްކޮށް އަންހެނުންނަށް ކުރިމަތިވާ ހުރިހާ އަނިޔާވެރިކަމަކީ ނުރައްކާތެރި ކަންތައްތަކެވެ. އެހެން ނަމަވެސް އޮންލައިންކޮށް ދިމާވާ އަނިޔާވެރިކަމަކީ އަދި ހާއްސަކޮށް އިތުރަށް ނުރައްކާތެރި ކަންތައްތަކެވެ. އޭގެ ސަބަބަކީ އޮންލައިން ސްޕޭސްތަކުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ގާނޫނާއި ގަވާއިދު މަދުވާތީއެވެ. މިސަބަބަށްޓަކައި އާންމުކޮށް އޮންލައިން ސްޕޭސްތަކުގައި ހިނގާ އަނިޔާވެރިކަމުގެ މައްސަލަތަކުގައި އަންހެނުންނަށް އިންސާފު ލިބޭ މިންވަރު މަދެވެ. އަދި މިއީ އަނިޔާވެރިން އިތުރަށް އަނިޔާވެރިވުމަށް ބާރު ލިބޭ ކަމެކެވެ.
އިންޓަރނެޓްގައި ކުރިމަތިވާ އެކި ބާވަތުގެ އަނިޔާ އަކީ އޮންލައިންކޮށް އުޅޭ ގިނަ ފަރާތްތަކަށް ކުރިމަތިވާ ކަމެއް ނަމަވެސް މިކަން ގިނައިން ކުރިމަތި ވަނީ އަންހެނުންނަށެވެ. މިމައްސަލައަކީ ވަކި ނަސްލަކަށް، ވަކި އުމުރަކަށް ނުވަތަ ވަކި ގައުމަކަށް ހާއްސަވާ ކަމެއް ނޫނެވެ. މިއީ މަޝްހޫރު މީހުންނާއި، 'އެނޯނިމަސް' މީހުންނަށް ވެސް ދިމާވާ މައްސަލައެކެވެ. މިއީ މީހެއްގެ ސޯޝަލް ސްޓޭޓަސް އަކަށް ނުވަތަ ނިސްބަތްވާ ދީނަކަށް ނުވަތަ ވަކި ސަގާފަތެއް ޕްރެކްޓިސް ކުރާ ބަޔަކު ބަލާ ބަލިމަޑުކަމެއް ނޫނެވެ. މިއީ ދުނިޔޭގެ ލެވެލްގައި ބޮޑުވެފައިވާ މައްސަލައެކެވެ.
ޔޫއެން ވިމެން އިން 2022 ގައި ޝާއިއުކޮށްފައިވާ ރިޕޯޓަކުން ދައްކާގޮތުން މުޅިދުނިޔޭގެ އަންހެނުންގެ ތެރެއިން %38 އަންހެނުން، ކޮންމެވެސް ބާވަތެއްގެ އޮންލައިން އަނިޔާއެއް ތަޖުރިބާކޮށްފައިވެއެވެ. އަދި އާންމުގޮތެއްގައި އަންހެން ކުދިންނަށް އޮންލައިން އަނިޔާ ފުރަތަމަ ފަހަރަށް އަމާޒުވަނީ 14 އަހަރާއި 16 އަހަރާއި ދެމެދުގައެވެ.
ހިއުމެނިޓޭރިއަން ޖަމިއްޔާއެއްކަމަށްވާ، ޕްލޭން އިންޓަނޭޝަނަލް އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް އުޅޭ ފަރާތްތަކުގެ ތަޖުރިބާތަކަށް ބިނާކޮށް 2020 ވަނަ އަހަރު ސާވޭތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ހިމެނޭ، 31 ގައުމަކުން 14،000 އަންހެން ކުދިންނާއި އަންހެނުން ބައިވެރިވި ދިރާސާއެއްގެ ނަތީޖާއިން ދައްކާ ގޮތުގައި ދިރާސާގެ ބައިވެރިންގެ ތެރެއިން %58 މީހުންނަށް އެކި ބާވަތުގެ އޮންލައިން އަނިޔާ ކުރިމަތިވެފައިވެއެވެ. އަދި %50 މީހުން ބުނާގޮތުގައި މަގުމަތިން ކުރިމަތިވާ ދިމާކުރުމަށް ވުރެ ގިނައިން އޮންލައިން ހެރެސްމަންޓް ކުރިމަތިވެއެވެ. އަދި މިދިރާސާއިން ހާމަވީ ގޮތުގައި ސިޔާސީ ގޮތުން އޮންލައިންކޮށް ހަރަކާތްތެރިވާ އަންހެނުންނާއި ކަޅު އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އޮންލައިން އަނިޔާ ކުރިމަތިވާ މިންވަރު ބޮޑެވެ.
މިކަން ހާއްސަކޮށް ބޮޑު ވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މައްޗަށެވެ. އެއް ޒަމާނެއްގައި އެކަކު އަނެކަކު ކަނެކްޓްކޮށްދީ ގުޅުން ބަދަހި ކޮށްދޭ މިޕްލެޓްފޯމްތައް މިހާރު ވަނީ އޮންލައިން އަނިޔާގެ ހާއްޔަކަށް ވެފައެވެ. މީހަކު ކުރާ ޕޯސްޓެއްގައި އެމީހަކު ދަށްކޮށްލުމަށް ކުރާ ކޮމެންޓުން ފެށިގެން އަނިޔާވެރިކަމަށް ހިތްވަރުދީ ފަތުރާ މެސެޖުތަކާއި މީހުންގެ އަބުރާ ބެހުމާއި، މިހެން ގޮސް އޮންލައިންކޮށް އަންހެނުންނަށް ދެވޭ އަނިޔާތަކުގެ ބާވަތްތަކަކީ ދަށުދަރަޖައިގެ އަދި ފުޅާވަމުންދާ އަމަލުތަކެކެވެ.
ޕްލޭން އިންޓަނޭޝަނަލް އިން އިނގިރޭސި ވިލާތުގައި ފުރާވަރުގެ އަންހެން ކުދިންނާއި ޒުވާން އަންހެނުން ހިމެނޭގޮތުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ 5 ކުދިން ތެރެއިން 1 ކުއްޖަކަށް އޮންލައިން ޕްލެޓްފޯމްތަކުގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާގެ ބިރުދައްކައެވެ. މިފަދައިން ބިރު ދެއްކުން އެންމެ އާންމުވެފައިވާ ޕްލެޓްފޯމަކީ ފޭސްބުކްއެވެ.
ޑިޖިޓަލް ދުނިޔޭގައި އުޅޭ ފަރާތްތަކަށް ލިބިދޭ ވަކި މީހަކު ދެނެނުގަނެވުމުގެ ސިފައަކީ (ނުވަތަ އެނޮނިމިޓީއަކީ) މިކަން އިތުރަށް ފުޅާކުރުމަށް ލިބޭ ހިތްވަރެކެވެ. އަދި މިގޮތުން ކުރާ އަނިޔާއަށް އެއްވެސް އަދަބެއް ނުލިބޭ މައްސަލައަކީ މީހުންނަށް އުނދަގޫކޮށް، ބިރުދައްކާ، މަލާމާތްކުރުން އިތުރު ދަށު ދަރަޖައަކަށް ގެންދިޔުމަށް ފުރުސަތު ލިބިގެންދާކަމެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމްތައް ގިނަވެފައި އެތަކެތީގައި ހިމެނޭ ޕޯސްޓްތަކުގެ އަދަދު އިންތިހާއަށް ގިނަކަމުން، މައްސަލަ އިތުރަށް ގޯސްވެ، އޮންލައިންކޮށް ކުރާ އަނިޔާ މިހާރު ވަނީ އަތްނުފޯރާފަށަށް ގޮސްފައެވެ.
އެމެރިކާގައި އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ކޮންމެ 10 އަންހެނުންގެ ތެރެއިން 2 އަންހެނުންނަށް އޮންލައިންކޮށް ޖިންސީ ގޯނާކުރިމަތިވެއެވެ. އަދި އޮންލައިންކޮށް އުޅުމުގެ ތެރެއިން %50 އަންހެނުންނަށް އޮންލައިން ޕްލެޓްފޯމްތަކުގައި ދިމާވާ ފަރާތްތަކުން ބަރަހަނާ ފޮޓޯ ފޮނުވައެވެ. (ޔޫއެންވިމެން)
އޮންލައިންކޮށް އަންހެނުންނަށް ކުރިމަތިވާ އަނިޔާގެ ތަފާތު ކެޓަގަރީތައް ހުރެއެވެ. އޭގެ ތެރޭގައި ފާރަލުން، ފުރައްސާރަކުރުން، ގަނާކުރުން، ޓްރޯލްކުރުން، ފޭކް މައުލޫމާތު ފެތުރުން ހިމެނެއެވެ. އެންމެ ފަހުން ތައާރަފްވި ބާވަތަކީ އޭއައި ބޭނުންކޮށްގެން އުފައްދާ ފޭކް ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި (ޑީޕް ފޭކް) އެވެ. ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޭކް ޕޯނޮގްރަފީ އުފެއްދުންވެސް މިހާރު ވަނީ ގިނަވެފައެވެ. މިހުރިހާ ބާވަތެއް ބޭނުންކުރަނީ އަންހެނުންގެ އަގުވައްޓާލުމަށާއި އެމީހުން ލަދުގަންނަވާލުމަށެވެ.
1. ސައިބަރ ގަނާކުރުން (ސައިބަރ ބުލީންގ)
މިއީ އެންމެ އާންމުކޮށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކުރިމަތިވާ އަނިޔާގެ ބާވަތެވެ. ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ވަކިވަކި މީހުން ނިކަމެތިކުރުމާއި، ދިމާކުރުމުގެ އަމަލުތަކަކީ ގަނާކުރުމެވެ. އޮންލައިންކޮށް އުޅޭ އިރު އަންހެނުންނަށް ގިނަ ފަހަރަށް ދަށުދަރަޖައިގެ ކޮމެންޓްތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ދޮގު މައުލޫމާތު ފަތުރުމުގެ މައްސަލަތަކާއި އަބުރު ނަގާލުމުގެ މައްސަލަތަކާއި އާންމުކޮށް އަންހެނުން ކުރިމަތިލައެވެ.
2. އޮންލައިންކޮށް ދިމާކުރުން (އޮންލައިން ހެރެސްމަންޓް)
އޮންލައިންކޮށް ދިމާކުރުމާއި އުނދަގޫ ކުރުމަކީ ކެނޑިނޭޅި ނޭދެވޭ މެސެޖުތައް ފޮނުވުމާއި، އިންޒާރުދިނުމާއި، އޮންލައިންކޮށް ފާރަލުން ފަދަ އަމަލުތަކެވެ. އާންމުކޮށް އަންހެނުންނަށް މިކަމާއި ކުރިމަތި ލާން ޖެހެނީ އޮންލައިންކޮށް އުޅުމުގެ ތެރޭގައި ކުރާ ކަމަކާއި، ބުނާ ބަހަކާއި، ނުވަތަ ކުރާ ޕޯސްޓަކާއި ދެކޮޅަށް ފޮނުވާ މެސެޖުތަކުގެ ސިފައިގައެވެ. މިހެން ދެންނެވި ނަމަވެސް އޮންލައިންކޮށް ނޫޅުނަސް، އާންމު ދިރިއުޅުމުގައި ހަމަ ފެނިގެންވެސް ބައެއް ފަހަރު ކޮންމެވެސް ގޮތަކަށް މީހެއްގެ ނޭދެވޭ މެސެޖުތަކެއް އަންހެނުންނަށް އޮންލައިންކޮށް އަމާޒުވާތަން މިހާރު އާންމުކޮށް ފެނެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އޮންލައިންކޮށް އަދި އޮފްލައިންކޮށް ވެސް އަންހެނުންނަށް ހާސްކަމާއި ބިރުވެރިކަމާއި ކުރިމަތި ލާންޖެހެއެވެ.
3. ސިއްރު މައުލޫމާތު އާންމުކުރުން (ޑޮކްސިންގ)
މިއީ އޮންލައިންކޮށް ގަނާކުރުމުގެ ވަކިން ހާއްސަކޮށް ނުރައްކާތެރި ބާވަތެކެވެ. މީހުންގެ ޒާތީ އަދި އަމިއްލަ މައުލޫމާތު އޮންލައިންކޮށް އާންމުކޮށް، ބިރުވެރިކަން އުފެއްދުމެވެ. އެޑްރެސް، ފޯނު ނަންބަރު، ކްރެޑިޓް ކާޑް ނަންބަރު، ސްކޫލް ނުވަތަ މަސައްކަތް ކުރާ އޮފީހުގެ މައުލޫމާތު ހާމަކުރުމަކީ، ހަމައެކަނި އެމީހެއްގެ ޕްރައިވަސީއަށް ނުރައްކާ ވާކަމެއް ނޫނެވެ. މިފަދައިން މައުލޫމާތު ހާމަކޮށްގެން ބައެއް އަންހެނުންނަށް ވަނީ ޖިސްމާނީ އަނިޔާ ނުވަތަ މަރުގެ އިންޒާރު ދިނުން ފަދަ ބިރުވެރިކަން ވެސް ކުރިމަތިވެފައެވެ.
4. އޮންލައިންކޮށް އިންޒާރު ދިނުން
އަންހެނުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް ދެވޭ އަނިޔާވެރިކަމާއި، ޖިންސީ ގޯނާކުރާނޭކަމުގެ ނުވަތަ މާރާލާނެ ކަމުގެ އިންޒާރު ހާއްސަކޮށް ގިނައެވެ. މިފަދަ އިންޒާރުތަކުގެ ސަބަބުން އަންހެނުންނަށް ލިބެނީ ހަމައެކަނި ޖިސްމާނީ އަނިޔާތަކެއް ނޫނެވެ. އޭގެ އިތުރުން މުޅި އުމުރަށް ނަފްސާނީ އެތައް އުނދަގުލެއްވެސް ކުރިމަތިވެއެވެ.
5. ބަދަލު ހިފުމަށް އޮރިޔާން ކާޑު އުފެއްދުން (ރިވެންޖް ޕޯން)
އާންމުކޮށް ރިވެންޖް ޕޯންގެ ގޮތުން މަޝްހޫރުވެފައިވާ މިއަމަލަކީ އަންހެނުންގެ ރުހުމާއިނުލާ ބަރަހަނާ ފޮޓޯ ނުވަތަ ވީޑިއޯ އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކުރުމެވެ. އާންމުކޮށް މިއަމަލަކީ ކުރީގައި އެކުގައި އުޅުނު ބައިވެރިއަކާއި ގުޅުން ކަނޑާލާ ހިސާބުން ބަދަލުހިފުމަށް ހިންގާ އަމަލެކެވެ. ބައެއް ފަހަރު މިފަދަ ފޮޓޯތަކަކީ އެކުގައި އުޅުނު އިރު ބައިވެރިޔާގެ އަތުގައި ހުރި އެފަދަ ފޮޓޯ ނުވަތަ ވީޑިއޯ ކަމަށްވެސް ވެއެވެ. ނުވަތަ ބައެއް ފަހަރު އެގޮތަށް ރަމްޒުވާގޮތަށް ތައްޔާރުކުރާ ފޭކު ތަކެތި ކަމަށްވެސް ވެއެވެ. މިއީ އަންހެނުންނަށް ނިސްބަތުން ބޮޑު އަސަރެއް ކުރާ ޕްރައިވަސީއާއި ވަރަށް ބޮޑަށް ހިލާފު އަމަލެކެވެ. ބައެއް ހާލަތުގައި މިފަދަ ކޮންޓެންޓްތައް އާންމު ނުކުރިނަމަވެސް، އާންމުކުރާނެ ކަމަށް ބުނެ އަންހެނުން ކޮންޓްރޯލްކޮށް، މަޖުބޫރުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ވެސް ބޭނުންކުރެއެވެ.
އޮންލައިކޮށް އަންހެނުންނަށް ލިބޭ މިފަދަ އަނިޔާތަކުގެ ސަބަބުން ހުރިހާ އަންހެނުންނަށްވެސް އެކި މިންވަރަށް އަސަރުކުރާނެއެވެ. އެހެން ނަމަވެސް ވަކިން ހާއްސަކޮށް ޕަބްލިކްކޮށް އުޅޭ އަންހެނުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހެއެވެ. މިސާލަކަށް ސިޔާސީ މައިދާނުގައި އުޅޭ އަންހެނުންނާއި، ނޫސްވެރިންނާއި، އާންމުންނަށް ގިނައިން ފެންނަ އެކިއެކު ދާއިރާއިން މަޝްހޫރު ފަރާތްތަކެވެ. މިފަދަ ގިނަ އަންހެނުން ހަމައެކަނި އޮންލައިންކޮށް އުޅުމުގެ ސަބަބުންވެސް އަނިޔާވެރި ކޮމެންޓްތަކުގެ އަމާޒަކަށް ވެއެވެ. (ޔޫއެންވިމެން)
އަދި ހަމަ އަންހެނުންނަށް ވީތީ އެކަމާއި ދިމާކުރާލެއްވެސް ވަކި މަދެއް ނޫނެވެ. ބައެއް ފަރާތްތަކުން އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާތީ އެކަނިވެސް އެމީހުން ހެދުން އަޅާ ގޮތާއި، އުޅޭ ގޮތާއި، ކުރާ މަސައްކަތާއި، އެމީހުންގެ ތައުލީމީ ބެކްގްރައުންޑާއި، އާއިލާއާއި ވެސް ބެހެއެވެ. ވަކިން ހާއްސަކޮށް އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއްކަމަކީ ޖިންސީ ބަސްތަކުން ފުރައްސާރަކުރުމާއި، މަލާމަތްކޮށް ލަދުގަންނަވާލުމެވެ. މީގެ ސަބަބުން އަންހެނުންނަށް ހާއްސަކޮށް އުނދަގޫ ކަންތައްތަކާއި ކުރިމަތިލާންޖެހި، އާންމުކޮށް މީހުންނަށް ފެންނަ ފަދަ ރޯލުތަކުގައި އަންހެނުން ހަރަކާތްތެރިވުމަށް ބިރުގަނެއެވެ.
އޮންލައިންކޮށް އަންހެނުންނަށް ކުރާ އަނިޔާގެ ސަބަބުން އެމީހުންގެ އޯފްލައިން ހަޔާތަށްވެސް އަސަރުކުރެއެވެ. އެމީހުންގެ ނަފްސުގެ އިތުބާރު ގެއްލި، އެމީހުން ކުރާ މަސައްކަތްތަކުގައި ވެސް ކަންތައްތަކާއި ކުރިމަތިލާން ނުކެރި ޖެހިލުންވެއެވެ. އަދި އެންމެ ކެރިގެން އާންމު މަގާމުތަކުގައި އުޅޭ ފަރާތްތައް ވެސް އަނގަ ބަންދުކޮށްލާ، އަންހެނުންގެ އަޑު ހިމޭންކޮށްލައެވެ. ޖިސްމާނީ އަދި ނަފްސާނީ ސަލާމަތަށް ބިރުގަނެ ގާބިލު އަންހެނުންގެ ގާބިލުކަމަށްވެސް އަސަރުކުރެއެވެ.
އެކި ގޮތްގޮތުން މާޖިނަލައިޒް ވެފައި ތިބޭ އަންހެނުންނަށް އިތުރު ނިކަމެތިކަން ލިބެއެވެ. މިސާލަކަށް ވަކި ނަސްލަކަށް، ވަކި އުމުރަކަށް، ވަކި ކުލައަކަށް ނިސްބަތްވާ މީހުން، އެކަނިވެރި މައިން، ޔަތީމު އަންހެން ކުދިން، ނުކުޅެދޭ އަންހެނުން، މިފަދަ އެކި އެކި ގޮތްގޮތުން ކުރިން ވެސް ތަފާތު ކުރުމާއި ކުރިމަތިވެފައިވާ ފަރާތްތައް އޮންލައިން އަނިޔާވެރިކަމުގެ ސަބަބުން ދެގުނައަށް ބާކީކޮށްލައެވެ.
އޮންލައިން އަނިޔާގެ ފުޅާ މައްސަލައާއި އަންހެނުން ކުރިމަތިލާއިރު، ދިމާވާ ކަންކަމުން އަރައިގަތުމަށް އޮންނަ ގޮންޖެހުމަކީ އޮންލައިން ޕްލެޓްފޯމްތަކުން ލިބޭ ރައްކާތެރިކަން ދަށްވުމާއި މިފަދަ މައްސަލަތަކަށް ފިޔަވަޅު އަޅާނޭ ގާނޫނީ އޮނިގަނޑެއް ނެތުމެވެ.
އާންމުކޮށް އިންޓަރނެޓް އަދި ހާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދުވަހެއް ދުވަހަކަށް ތަރައްގީވެ ކުރިއަރަމުން ދިޔަނަމަވެސް، މިތަންތަނުގައި އޮންލައިން އަނިޔާވެރިކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ ފީޗަރސްތައް އަދިވެސް ވަރަށް ކަމީނާއެވެ. އަނިޔާ ކުރާމީހުންނަށް އެޕްލެޓްފޯމްތައް އޮންނަނީ ތަށްމިނަށް ހުޅުވިފައެވެ. މިސާލަކަށް ކާކުކަން ނޭގޭގޮތަށް އެކައުންޓްތައް އުފެއްދެއެވެ. އަދި މައްސަލައެއް ދިމާވާ ހާލަތުގައި ހެކިތައް ފަސޭހައިން ނައްތާލެވެއެވެ. ޕްލެޓްފޯމްތަކުގެ ސެކިޔުރިޓީގެ ފަހަތުގައި އެފަދަ ފަރާތްތަކުން ފޮރުވިގެން ތިބެ ފަސޭހައިން އަނިޔާވެރިކަމުގެ އަމަލުތައް ހިންގާ، ނިކަމެތި ފަރާތްތައް ހަލާކުކޮށްލެވެއެވެ. އެހެން ނަމަވެސް އަނިޔާ ލިބޭ ފަރާތަށް އަނިޔާ ލިބުން ހުއްޓުވަން ކުރެވޭނެ ކަންތައްތައް މަދުވެފައި ފެންވަރު ދަށެވެ.
އޮންލައިންކޮށް އަނިޔާލިބޭ ފަރާތްތަކުގެ ހައްގު ރައްކާތެރިކުރުމަށް ގައުމުތަކުގެ ގާނޫނު ގަވާއިދުތައް އެކަށީގެންވާ ފެންވަރަކަށް ނުހުރެއެވެ. ބައެއް ގައުމުތަކުގައި އޮންލައިންކޮށް ކުރާ އަނިޔާތައް ޖިނާއީ ކުށްތަކެއްގެ ގޮތުގައި ގިިންތިއެއް ނުކުރެއެވެ. އެގޮތަށް ގިންތި ކުރެވޭ ފަދަ ގާނޫނުތައް ބައެއް ގައުމުތަކުގައި ހުރި ނަމަވެސް މިޒަމާނުގައި ދިމާވާ ބައެއް ބާވަތުގެ މައްސަލަތައް އެގާނޫނުތަކުގައި ހިމެނިފައެއް ނުހުރެއެވެ. ނުވަތަ ގާނޫނުގައި ހިމެނޭ ކޮންމެވެސް ބާގަނޑަކުން އަނިޔާވެރިންނަށް ފަސޭހައިން ދެމިގަނެ ސަލާމަތްވެވެއެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އެތަށް ދިގު މުއްދަތެއް ހޭދަވެއެވެ. އޮންލައިންކޮށް އުފައްދާ ޕްލެޓްފޯމްތަކާއި އެތަކެތީގެ ސަބަބުން އުފެދޭ އިޖުތިމާއީ އަދި ޖިނާއީ މައްސަލަތައް އިތުރުވާ ހަލުވިމިނާ ބަލާފައި ގާނޫނުތައް އުޅެނީ އެތަށް ތަނެއް ފަހަތުގައެވެ. ގާނޫނުގައި ހިމެނޭ ބާގަނޑުތައް ބައްދަންވެސް އެކަށީގެންވާ މިންވަރަށް މަސައްކަތެއް ނުކުރެވެއެވެ.
އޮންލައިންކޮށް އަންހެނުންނަށް ކުރެވޭ އަނިޔާވެރި އަމަލުތައް މަދުކުރަން އަދި އޭގެ އަސަރުތައް ކުޑަ ކުރަން ގައުމުގެ ސަރުކާރާއި، ޖަމްއިއްޔާތަކާއި، އިންޓަރނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ޓެކްނޮލޮޖީ އުފައްދާ ފަރާތްތަކަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
- އޮންލައިން އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭ އަނިޔާއަށް ހައްލެއް ހޯދުމަށް ހެެކީގެ މައްޗަށް ބިނާކޮށް އަޅާ ފިޔަވަޅުތަކާއި އަންހެނުންނަށް ކުރާ އަނިޔާތައް ހައްލުކުރުމަށް އަމާޒުކޮށްގެން އެކްޝަން ޕްލޭންތައް ތައްޔާރުކުރެވިދާނެއެވެ. ހެކީގެ މައްޗަށް ބިނާކުރުމަށް މައްސަލަތައް ރިޕޯޓްކުރުމާއި ތަހުގީގު ކުރުމުގައި ކަމާބެހޭ ފަރާތްތަކުން މައްސަލައާއި ގުޅޭ ޑޭޓާ ރަނގަޅަށް ރެކޯޑްކޮށް ބެލެހެއްޓުން މުހިއްމެވެ.
- އަންހެނުންނަށް އޮންލައިންކޮށް ކުރެވޭ އަނިޔާއާއި ގުޅޭގޮތުން ފަހުގެ ޓެކްނޮލޮޖީއާއި ފަހުގެ މައްސަލަތައް ހިމެނޭހެން ޤާނޫނު ގަވާއިދު ބަދަލުކޮށް އެކުލަވާލެވިދާނެއެވެ. އަދި މީގެ އިތުރުން އެފަދަ މައްސަލަތައް ބަލައިގަނެ ތަހުގީގުކުރާ ފަރާތްތަކަށް އަމާޒުކޮށް، އެހާލަތްތަކުގައި އަމަލުކުރާނޭ ގޮތުގެ ޕްރޮސީޖަރތައް އެކުލަވާލާ، ހަރުދަނާކޮށް، ތަންފީޒުކުރެވިދާނެއެވެ.
- އޮންލައިންކޮށް އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާކުރުމާއި އަންހެންކުދިންނާއި އަންހެނުންގެ ޕޯންގްރަފީއާއި ގުޅޭ މައްސަލަތަކުގައި އަމަލުކުރާނޭ ގޮތުން އެކުލަވާލާފައިވާ ޕޮލިސީތަކާއި ގަވާއިދުތައް ހާއްސަކަމެއް ދީގެން ބަދަލުކޮށް، ހަރުދަނާކުރުން.
- އޮންލައިންކޮށް އަންހެނުންގެ ރައްކާތެރިކަމަށް ގާނޫނު، ގަވާއިދު، އުސޫލުތައް އެކުލުމަށް މަސައްކަތް ކުރާ އިރު ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި އެމަގުސަދުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުގެ މަޝްވަރާއާއި ލަފާހޯދުން.
- އަނިޔާވެރިކަން ތަހައްމަލުކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ މާހައުލެއް ގާއިމްކުރުން. މިސާލަކަށް ހާދިސާއެއް ދިމާވީމާ އަމަލު ކުރަންވީ ގޮތްތައް އާންމުކޮށް، ހޭލުންތެރިކަން އިތުރުކުރެވިދާނެއެވެ. ނުވަތަ އެހީ ހޯދުމަށް ގުޅޭނޭ ހެލްޕްލައިންތަކާއި ގާނޫނީ ލަފާ ހޯދޭނެ ގޮތްތައް އާންމުކުރެވިދާނެއެވެ.
- އަނިޔާވެރިކަން ދިމާވާ ހާލަތްތަކުގައި ހެކި ރައްކާކުރުމާއި މައްސަލަ ރިޕޯޓްކުރާނޭ ގޮތުގެ މައުލޫމާތު ފޯރުކޮށްދީ، އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުން.
- ޓެކްނޮލޮޖީ އުފައްދާ ފަރަތްތަކުން އަލަށް އުފައްދާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ބާރުއެޅުން. އަދި މިހާރު ބޭނުންކުރާ ޕްލެޓްފޯމްތައް ވެސް އިތުރަށް ރައްކާތެރިކުރުމަށް ޓޫލްފަދަ ތަކެތި އުފެއްދުން.
އޮންލައިން ދުނިޔޭގައި ގިނަ އަންހެނުންނަށް ކުރިމަތިލާން ޖެހިފައިވާ ބިރުވެރިކަމުން ސަލާމަތްވުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތްކޮށް، އޮންލައިން ސްޕޭސްތައް ރައްކާތެރިކޮށް، ގާނޫނު ގަވާއިދުތައް އިސްލާހުކޮށް، އިންޓަނެޓަކީ އެންމެންނަށް ރައްކާތެރި އަދި ބާރުވެރި ތަނަކަށް ހަދަން ޖެހެއެވެ. މިދުވަސްވަރު ފާހަގަ ކުރެވޭ ޖެންޑަރ ބޭސްޑް ވައެލަންސާއި ދެކޮޅަށް ހިންގާ 16 ދުވަހަކީ މިކަންކަން ހަނދާންކޮށްދީ، ހާގީގީ ފިޔަވަޅުތަކެއް އެޅުމަށް ވާހަކަ ދައްކަން މުހިއްމު ވަގުތެކެވެ. ބިރުވެރިކަމާއި ފަސްޖެހުމެއް ނެތި އަންހެނުންނަށް ރައްކާތެރި އޮންލައިން ދުނިޔޭގެ ބައެއްގެ ގޮތުގައި ތިބެވޭނެ މުސްތަގުބަލެއް އުފެއްދުމަށް މަސައްކަތް ކުރަމާ ހިނގާށެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް