ގޫގަލްގެ އައު ޖެނެރެޓިވް އޭއައި މޮޑެލް "ޖެމިނާއި"

ހިންދު ޢަލީ 12 ޑިސެމްބަރު 2023

ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ގޫގަލްގެ ޖެނެރެޓިވް އޭއައި މޮޑެލް "ޖެމިނާއި" ޑިސެމްބަރު 6 ވީ ބުދަ ދުވަހު ގޫގަލްއިން ވަނީ ތައާރަފްކޮށްފައެވެ. ގޫގަލްއިން ބުނާގޮތުގައި މިމޮޑެލް އޯޕަން އޭއައިގެ ޗެޓްޖީޕީޓީ-4 އަށް ވުރެ ވަރުގަދަ ވާނެއެވެ.

ގޫގަލްގެ އޭއައި ލެބް، ޑީޕްމައިންޑްގެ ފައުންޑަރ އަދި ސީއީއޯ، ޑެމީސް ހަސާބީސް ބުނި ގޮތުގައި "އަހަރުމެންގެ ވަށައިގެންވާ ދުނިޔެ އަހަރުމެންނަށް ފަހުމްވާ ފަދައިން ޖެމިނާއިއަށް ވެސް ފަހުމްވާނެއެވެ." މީގެ އިތުރުން މިހާރު ފެންނަން ހުރި ހުރިހާ ޖެނެރެޓިވް މޮޑެލްތަކުގެ ތެރެއިން އެންމެ ރަނގަޅު މޮޑެލްއަކީ ޖެމިނާއި ކަމަށް އޭނާ ފާހަގަކުރެއެވެ.

ޑީޕްމައިންޑްގެ ފައުންޑަރ އަދި ސީއީއޯ ޑެމީސް ހަސާބީސް

ގޫގަލްއިން ފާހަގަ ކުރިގޮތުގައި ޗެޓްޖީޕީޓީ-4 އަށް ވުރެ 5 ގުނަ އިތުރު ކޮމްޕިޔުޓޭޝަނަލް ބާރު ޖެމިނާއިގައި ހިމެނެއެވެ. މީގެ ސަބަބުން މިމޮޑެލް ތަމްރީނުކުރުން އަވަސްވެ، މޮޑެލްގެ ސައިޒުވެސް ބޮޑުވާނެއެވެ. ޖެމިނާއި އަކީ އެމްއެމްއެލްޔޫ (މެސިވް މަލްޓިޓާސްކް ލެންގުއޭޖް އަންޑަސްޓޭންޑިންގ) އިން އިންސާނީ ތަޖުރިބާކާރުންނަށް ވުރެ މޮޅު ފުރަތަމަ މޮޑެލް ކަމަށް ވެސް ގޫގުލްއިން ބުނެފައިވެއެވެ. އެމްއެމްއެލްޔޫއަކީ އޭއައި މޮޑެލްތަކުގެ ނޮލެޖާއި މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ޓެސްޓްކުރުމަށް ބޭނުންކުރާ އެންމެ މަގްބޫލު ގޮތެވެ.

މީގެ އިތުރުން ޖެމިނާއި އަކީ މަލްޓި-މޯޑަލް މައުލޫމާތު ޕްރޮސެސް ކުރެވޭނެ މޮޑެލްއެކެވެ. މީގެ މާނައަކީ ޖެމިނާއިއިން މިފަދަ ގިނަ މޮޑެލްތަކުން ޕްރޮސެސް ކުރެވޭ ޓެކްސްޓްގެ އިތުރުން ކޯޑު، އޯޑިއޯ، އިމޭޖް، އަދި ވީޑިއޯ ފޯމެޓުގެ މައުލޫމާތު ވެސް ޕްރޮސެސް ކުރެވޭނެއެވެ.

ހަބަރު ލިބޭ ގޮތުގައި ޑިސެމްބަރު 13 އިން ފެށިގެން ގޫގަލް ކްލައުޑްގެ އެޕީއައި މެދުވެރިކޮށް ޑިވެލޮޕަރުންނަށް މިމޮޑެލް ބޭނުންކުރެވޭނެއެވެ. އަދި އިތުރު ޓްރަސްޓް ޗެކްތަކާއި ސޭފްޓީ ޗެކްތައް ކުރިއަށް ގެންދިއުމަށް ފަހު މިހާރުގެ މޮޑެލްއަށް ވުރެ ބާރުގަދަ ވަރޝަންއެއް 2024 ގައި ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖެމިނާއިގެ 3 ސައިޒެއްގެ މޮޑެލެއް ވަނީ ތައާރަފްކުރެވިފައެވެ. މިމޮޑެލްތަކުން ޑޭޓާ ސެންޓަރުތަކުން ފެށިގެން މޯބައިލް ޑިވައިސްތަކުގައި ވެސް ވަރަށް ފުރިހަމައަށް މަސައްކަތް ކުރާނެކަމަށް ވެއެވެ. އަދި މި 3 މޮޑެލްގައި ވެސް ޓެކްސްޓާއި ކޯޑާއި އޯޑިއޯއާއި އިމޭޖް އަދި ވީޑިއޯ ފަދަ ތަފާތު ވައްތަރުގެ މައުލޫމާތު ޕްރޮސެސް ކުރެވޭނެއެވެ.

ޖެމިނާއިގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މޮޑެލް ކަމަށްވާ ޖެމިނީ އަލްޓްރާ އަކީ ވަރަށް ކޮމްޕްލެކްސް މަސައްކަތްތައް ބެލެހެއްޓުމަށް ބޭނުންކުރާ ފުލް ޕަވަރ ވަރޝަން އެވެ. ދެވަނަ މޮޑެލް، ޖެމިނީ ޕްރޯއަކީ ޖެމިނާއިގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ މޮޑެލްއެވެ. މިއީ ގިނަ ބާވަތުގެ ޓާސްކުތަކެއް ފުރިހަމަ ކުރުމަށް ބޭނުންކުރެވޭނެ، ފުޅާ ދާއިރާއެއްގައި ސްކޭލް ކުރުމަށް އެކަށީގެންވާ މޮޑެލްއެކެވެ. ޖެމިނާއިގެ ތިން ވަނަ މޮޑެލް، ޖެމިނާއި ނެނޯ އަކީ ވަކި ޑިވައިސްތަކުގައި ފުރިހަމަކުރަން ބޭނުންވާ ޓާސްކްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.

ޖެމިނާއި ނެނޯ އަދި ޕްރޯ ޑިވެލޮޕަރުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމުން، ޑިވެލޮޕަރުން އިތުރަށް ބާރުވެރިވެގެން ދާނެއެވެ. އެއީ މީގެ ކުރިން ނުފެންނަ އައު އިނޮވޭޓިވް އުފެއްދުންތަކެއް އުދެއްދުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށް، ރިއަލް-ޓައިމްކޮށް މީހުން ކަނެޓްކޮށްދޭ އެޕްލިކޭޝަންތައް އުފައްދާ ކުންފުންޏެއް ކަމަށްވާ، އަގޯރާގެ ޑައިރެކްޓަރ އޮފް ސޭލްސް ވަޔަޓް އޯރެން ފާހަގަކުރެއެވެ. ޖެމިނާއިގެ އޭޕީއައި މެދުވެރިވެ ހަލުވިކަމާއެކު އެކިއެކި ޕްރޮޓޮޓައިޕްތައް އުފެއްދުމަށާއި، އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމަށް އެހީތެރިވެދޭނެއެވެ. އަދީ މީގައި ހިމެނޭ ގިނަ ބާވަތުގެ ކޮންޓެންޓް ޕްރޮސެސް ކުރެވުމުގެ ބާރަކީ ޑިވެލޮޕަރުންނަށް ހާއްސަކޮށް ފައިދާތަކެއް ލިބޭނެ ކަމެކެވެ.

މަލްޓި-މޯޑަލް އޭއައި މޮޑެލްތައް އުފެއްދުމުގައި އާންމުކޮށް ބޭނުންކުރާ އެޕްރޯޗަކީ އެކި ބާވަތްތަކުގެ މައުލޫމާތަށް ވަކި ކޮމްޕޯނެންޓްތައް ތަމްރީނު ކުރުމެވެ. ނަމަވެސް ޖެމިނާއި އުފެއްދުމުގައިވެސް ފަރުމާކޮށްފައިވަނީ ގިނަ ބާވަތުގެ މައުލޫމާތަށް އެއްފަހަރާއި ޓްރެއިންކޮށްގެންނެވެ. އެހެން ކަމުން ހުރިހާ ބާވަތެއްގެ މައުލޫމާތެއް އެއްފަހަރާ ޕްރޮސެސް ކުރެވުމުގެ ބާރު މިމޮޑެލްގައި ހިމެނެއެވެ. މިޑިޒައިންގެ ސަބަބުން ޖެމިނާއި އަކީ މިހާރު ޑިވެލޮޕްކޮށްފައިވާ މަލްޓި-މޯޑަލް އެހެން މޮޑެލްތަކަށް ވުރެ ރަނގަޅު ގިނަ ބާވަތުގެ މައުލޫމާތު ފަހުމްވާ މޮޑެލްއެކެވެ. މިމޮޑެލްގެ މިޑިޒައިންގެ ސަބަބުން ހިސާބާއި ފިޒިކްސް ފަދަ އުނދަގޫ މާއްދާތަކުގައި އެކުލެވޭ ޓާސްކުތައް ވެސް ފަސޭހަކަމާއެކު ދެނެގަނެ، އެނަލައިޒްކޮށް، އޭގައި ހިމެނޭ މައުލޫމާތު ބަސްދޭހަ ކުރެވެއެވެ.

ޖެމިނާއިގައި ހިމެނޭ ޓެކްސްޓް އަދި ވިޝުއަލް މައުލޫމާތު ބަސްދޭހަ ކުރުމުގެ ބާރު ލިބިދެނީ އެމޮޑެލް ޓްރެއިންކުރަން ބޭނުންކޮށްފައިވާ ގިނަ މައުލޫތަކެއްގެ މައްޗަށް އެކުލެވޭ އެތައް ލައްކަ ޑޮކިޔުމަންޓްތަކުގެ އެހީގައެވެ.

ދުނިޔޭގައި މިހާރު ބޭނުންކުރާ ބައެއް މަގުބޫލު ޕްރޮގްރާމިންގ ލޭންގުއޭޖްތައް ކަމަށްވާ ޕައިތަން، ޖާވާ، ސީ++، އަދި ގޯ ފަދަ ޕްރޮގްރާމިންގ ލޭންގުއޭޖްތައް ފަހުމްވެ، އެ ލެންގުއޭޖްތަކުން ރަނގަޅު ފެންވަރުގެ ކޯޑު ޖެނެރޭޓްކުރުމުގެ ގާބިލްކަން ޖެމިނީއަށް ލިބިގެންވެއެވެ. މިމޮޑެލްއަކީ ކޯޑިންގކުރެވޭ މިފަދަ އެހެން މޮޑެލްތަކާއި އަޅާބަލާފައި ފައުންޑޭޝަން ލެވެލްގައި ކުރީގައި ހިމެނޭ މޮޑެލްއެކެވެ.

ގޫގަލް އިން ބުނާ ގޮތުގައި ޖެމިނާއިގެ މަލްޓި-މޯޑަލް ފީޗަރސްތައް އިތުރަށް ރައްކާތެރި ކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. އެއީ މިމޮޑެލް ޑިވެލޮޕްކުރުމުގެ ކޮންމެ މަރުހަލާއެއްގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ވިސްނާފައި މޮޑެލް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރާ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ގޫގަލްގެ ގިނަ ޕްރޮޑަކްޓްތަކާއި ޕްލެޓްފޯމްތަކުގައި މިހާރު ދަނީ ޖެމިނާއި ތައާރަފްކޮށް ރޯލްއައުޓް ކުރަމުންނެވެ. މިސާލަކަށް ގޫގުލްގެ ޗެޓްބޮޓް، ބާޑްއިން ބޭނުންކުރާނީ ޖެމިނާއި ޕްރޯގެ ވަރޝަނެކެވެ. މިވަރޝަނުން ބާޑަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ގޫގަލްއިން ހާމަކުރާ ގޮތުގައި ޖެމިނާއިގެ މަލްޓި-މޯޑަލް ޓާސްކުތަކުގެ ޓެސްޓުތަކުން ދައްކާ ނަތީޖާ ފެންނަނީ ވަރަށް އުންމީދީކޮށެވެ. ގޫގުލްއިން ވަނީ މިމޮޑެލް ރިލީޒްކުރުމާއި އެކު އޭގައި ހިމެނޭ ފީޗަސްތައް ދައްކާލާ ވީޑިއޯއެއްވެސް ރިލީޒްކޮށްފައެވެ.

ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީ އަކީ މިހާރު ވަރަށް ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޓެކްނޮލޮޖީއެކެވެ. އެކި ކުންފުނިތަކުން އުފައްދަމުންދާ ޖެނެރެޓިވް އޭއައި މޮޑެލްތައް ދުވަހެއް ދުވަހަކަށް ދަނީ ކުރިއަރަމުންނެވެ. މިކަމުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުގެ މެދުގައި ވަރަށް ވާދަވެރިކަން ބޮޑުވެފައިވާ މިދުވަސްވަރު، ގޫގުލްއިން ލޯންޗުކުރި ޖެމިނާއިގެ ސަބަބުން ވާދަވެރިކަމުގެ ރޭހުގައި ގޫގުލް އިތުރު ހަރުފަތަކަށް މައްޗަށް ޖެހިލީއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.