އާޓިފިޝަލް އިންޓެލިޖެންސް އަކީ މި ގަރުނުގެ އެންމެ މުހިންމު އެއް ޓެކްނޮލޮޖީއެވެ. އެހެންކަމުން މި ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ހޮންކޮންގުން މަސައްކަތް ކުރަމުންއެބަދެއެވެ. މިގޮތުން ގައުމީ މަންހަޖުގައި ޕްރައިމަރީ އަދި ސެކަންޑަރީ ދަރިވަރުން އޭއައި ދަސްކޮށްދޭން ފަށާފައިވެއެވެ. މިއީ ޓެކު ދާއިރާގެ މައުލޫތައް ހޮންކޮންގުން މަންހަޖުގައި އެކުލަވާލެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުން ފެށިގެން ކޯޑިން ތައުލީމު، ކޮމްޕިއުޓޭޝަނަލް ތިންކިން ބާރުލާފައި ވަނީ މަންހަޖުގެ އެކުލަވާލާފައެވެ. މި އެންރިޗްޑް ކަރިކިއުލަމްގެ މަގުސަދަކީ ސްކްރެޗް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދަރިވަރުންގެ ކޯޑުކުރަން ދަސްކޮށްދިނުމެވެ.
އެޑިއުކޭޝަން ބިއުރޯއިން ތަންފީޒުކުރާ މި މަންހަޖުގައި އޭއައިއާ ގުޅުންހުރި ގިނަ މައުޟޫތަކެއް ހިމެނާފައިވެއެވެ. މީގެ ތެރޭގައި ޗެޓްޖީޕީޓީ، ކޮމްޕިއުޓަރ ވިޝަނާއި، ރޮބޮޓިކް ތިންކިންގާއި، އެތިކްސް އަދި އޭއައިން މުޖުތަމަޢަށް ކުރާ އަސަރު ހިމެނިފައިވެއެވެ. މި މަންހަޖު 450 އަށް ވުރެ ގިނަ ޕަބްލިކް ސެކަންޑަރީ ސްކޫލަތަކަށް ބަހާފައިވެއެވެ. އަދި މި މަންހަޖުގައި ސެޕްޓެމްބަރު މަހުން ފެށިގެން ފޯމް 1ކަކުން 3ގައި ކިޔަވާ ދަރިވަރުންނަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) މާއްދާގެ ދަށުން ގާތްގަނޑަކަށް 10 އާއި 14 ގަޑިއިރުގެ އޭއައި ތައުލީމު ދޭން ނިންމާފައިވެއެވެ. މިގޮތުން އޭއައި ދަސްކޮށްދޭން ތައްޔާރުކުރުމަށްޓަކައި 1،000 އަށް ވުރެ ގިނަ ސެކަންޑަރީ ޓީޗަރުންނަށް ހާއްސަ ތަމްރީނު ވޯކްޝޮޕްތަކެއް ބާވަމުން އެބަދެއެވެ. މިޕްރޮގްރާމްގައި ސަރުކާރުން އިސްކަންދީފައިވަނީ ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ އޭއައިއާއި ބެހޭ މައުލޫމާތެވެ.
އޭއައިގެ މަންހަޖުގެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭއައިގެ އެތިކްސް ހިމަނާފައިވާ ކަމެވެ. މަންހަޖުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އެކުލަވާލެވިފައިވަނީ އޭއައިގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު ދަރިވަރުންނަށް ވިސްނައިދޭ ފަދަ މައުލޫތަކެވެ. މިގޮތުން ޕްރައިވެސީއާއި، އޭއައިއަށް ހޭލުންތެރިވުމާއި، އޭއައިގެ ނުބައި ބޭނުން މީހުން ހިފާގޮތްތައްފަދަ މައުލޫތައް ހިމެނެއެވެ. މިފަދަ މައުލޫތަކުގެ ސަބަބުން އޭއައި ބޭނުންކުރަން ދަސްވެ، އެންމެ ރަނގަޅުގޮތުގައި ބޭނުންހިފަން ދަސްވެގެން ދާނެއެވެ.
މިއީ ހޮންކޮންގުގައި އޭއައިގެ ތައުލީމު ކުރިއަށް ގެންދިއުމަށް ކުރި ހަމައެކަނި މަސައްކަތެއް ނޫނެވެ. ހޮންކޮންގެ އެޗްކޭޔޫއެސްޓީ ބިޒްނަސް ސްކޫލުން 2019 ވަނަ އަހަރުގައި ވަނީ އޭއައި އަށް ހާއްސަކޮށްފައިވާ އިލެކްޓިވެއް އެމީހުންގެ އެމްބީއޭ ޕްރޮގްރާމުގައި ތައާރަފްކޮށްފައެވެ. މިއީ މައިކްރޮސޮފްޓްއާ ގުޅިގެން މުސްތަޤުބަލުގެ ބިޒްނަސް ލީޑަރުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ތައާރަފުކޮށްފައިވާ އިލެކްޓިވެކެވެ. މި މޮޑިއުލްގެ މަޤްޞަދަކީ 4 ވަނަ ސިނާޢީ އިންޤިލާބަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ.
މައިކްރޮސޮފްޓުންވަނީ ހޮންކޮންގުގައި އެއައި ތައުލީމީ ކުރިއެރުމަށް އެހެން މަސައްކަތްތަކެއް ވެސް ކޮށްފައެވެ. މިގޮތުން ހޮންކޮންގެ ތައުލީމީ މުއައްސަސާތަކާ ގުޅިގެން މައިކްރޮސޮފްޓް #AI4Good ސްކޫލްސާއި، އޭއައި ޕައިލެޓް ސްކޫލްސް އަދި އޭއައި އިނޮވޭޝަން ލެބް ފަދަ ކަންކަން ތައާރަފްކޮށްފައެވެ. މި ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ K-12 ސްކޫލްތަކަށްބޭނުންވާ އެކިއެކި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދީ، އޭއައި ކިޔަވައިދިނުމާއި އުނގެނުމަށް އެހީތެރިކަންފޯރުކޮށްދިނުމެވެ.
އޭއައިގެ ތައުލީމީ ކުރިއެރުވުމަށް ޝައުގުވެރިކަން އުފެދިފައިވާއިރު، ބައެއް ތައުލީމީ ލީޑަރުން ވަނީ މިކަމާ މެދު ބައެއް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. ޕްރިންސިޕަލްސް ފޯރަމްގައި ސެކްރެޓަރީ ފޯ އެޑިއުކޭޝަން ކްރިސްޓީން ޗޮއި ޔޫކް-ލިން ވަނީ އޭއައިގެ ސަބަބުން ޕްލެޖަރިޒަމް އިތުރުވުމާއި ކްރިޓިކަލް ތިންކިން ސްކިލްސް ދަށްވުން ފަދަ މައްސަލަތަކާމެދު އަލިއަޅުވާލައްވާފައެވެ. އެކަމަނާ ވަނީ އޭއައި ޓޫލްސް އުނގެނުމުގެ މާހައުލުގައި ބޭނުންކުރުމުގައި މުދައްރިސުން ވިސްނަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އޭއައި އަކީ ރަނގަޅު ގޮތުގައި ބޭނުންކުރުމުން ދަރިވަރުން ދަސްކުރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވޭނެ އެއްޗަކަށް ވީއިރު، ނުރަނގަޅު ގޮތުގައި ބޭނުންކުރުމުން މީގެން ގިނަ ބިރުތަކެއް އުފެދިފައިވެއެވެ.
ހޮންކޮންގުން އޭއައި ތައުލީމުގައި އެކުލަވާލެވުމުގައި މަސައްކަތްކުރަމުން ދާއިރު މިކަމުން ދުނިޔޭގެ އެހެން ޤައުމުތަކުން ވިސްނަންޖެހޭ ކަންތަކެއް އެބަވެއެވެ. އޭއައި ފަދަ ޓެކްނޮލަޖީތަކުގައި ކުރިއެރުމަށް ޤައުމުތައް ވާދަކުރަމުންދާ ދަނޑިވަޅެއްގައި މިއައު ޓެކްނޮލަޖީއަށް އަންނަން އޮތް ޖީލުތައް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރާއްޖޭގައި ތައުލީމީ މަންހަޖާއި ދަރިވަރުންނަށް ދަސްކޮށްދޭނެ މައުލޫތަކާއި މެދު ވިސްނަމުން ދާއިރު މިފަދަ މިސާލުތަކުން އިބުރަތް ހާސިލުކުރުމަކީ ބުއްދިވެރިކަމަކަށް ވެދާނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.