ސްމާޓްފޯން ގެންގުޅެން ފަށަން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

ހިންދު ޢަލީ 16 ޑިސެމްބަރު 2023

ކުޑަކުދިން ސްމާޓްފޯނު ގެންގުޅުމަކީ މިހާރު ޓްރެންޑަކަށް ވަނީ ވެފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 11 އަހަރުގެ ކުދިންގެ ތެރެއިން %91، މިހާރު ސްމާޓްފޯނު ގެންގުޅެއެވެ. މިމައުލޫއުގައި ވިސްނާލަންވީ 2 ކަމެއް އެބައޮތެވެ. ފޯނު އޮތުމުން ކުދިންނަށް އާދަޔާހިލާފު ފައިދާތަކެއް އެބައޮތް ހެއްޔެވެ؟ ފޯނެއް ނެތިގެން ކުދިންނަށް ކަންތައްތަކެއް ގެއްލޭ ހެއްޔެވެ؟

މިއީ ހަގީގަތުގައި މިއަދުގެ ޑިޖިޓަލް ޒަމާނުގެ މައްސަލައެކެވެ. ރަނގަޅު ގޮތަކީ އަހަރުމެންގެ ދަރިންނަށް އުމުރެއް ބަލާލުމެއް ނެތި ސްމާޓްފޯނު ހަވާލުކުރުން ހެއްޔެވެ؟ ނޫނީ ވީހާ ވެސް ގިނަ ދުވަހަކަށް އެކުދިން ޑިވައިސްތަކާއި ދުރުގައި ބައިތިއްބަންވީ ހެއްޔެވެ؟

އެއް ނަޒަރަކުން ބަލައިފިނަމަ ސްމާޓްފޯނަކީ ދުނިޔޭގައި ލެއްވިހާ ނުރަނޅުކަމަކާއި ނުބައި އާދަތަކެއް އަހަރުމެންގެ މައުސޫމު ކުދިންނަށް ހުޅުވައިދޭ ތައާރަފްކޮށްދޭ ހަތިޔާރެކެވެ. މިގޮތަށް ވިސްނާ މައިންބަފައިންގެ ވިސްނުން ރަނގަޅެވެ. ކުޑަކުދިން ފޯނާއި ސޯޝަލް މީޑިއާ ބޭނުންކުރުމުން ކުރިމަތިވާ ބޮޑެތި މައްސަލަތަކާއި އޭގެން ކުދިންނަށް ކުރާ އަސަރުތަކާއި ގުޅޭ އެކިއެކި ހަބަރުތައް ކިޔާފައި ބެލެނިވެރިން ބިރު ނުގަންނަ ވަރެއް ނޫނެވެ. ބެލެނިވެރިންގެ ހައިސިއްޔަތުން އަހަރުމެން އެންމެން މިތިބީ ހަމަ އެއް ގަލެއްގައެވެ.

އެހެން ނަމަވެސް މިކަމުގައި އޮތީ ހަމައެކަނި މިހިޔާލެއް ނޫނެވެ. އަނެއް ނަޒަރުން ބަލައިފިނަމަ ސްމާޓްފޯނަކީ މިއަދުގެ އަހަރުމެންގެ ދިރިއުޅުމަށް ބޭނުންތެރި މުހިއްމު ވަސީލަތެކެވެ. އެކަކު އަނެކަކާއި ގުޅުވައިދިނުމުގެ އިތުރުން ވަޒީފާއާއި ސްކޫލާއި ގޭތެރޭގެ އެކި އެކި މަސައްކަތްތައް އެތަށް ގުނައެއް ހަލުވިކޮށް ފަސޭހަކޮށްދޭ ޓޫލެކެވެ. މިއީ ވެސް ގިނަ ބެލެނިވެރިން ވިސްނާނޭ ގޮތެކެވެ. މިގޮތަށް ވިސްނާ މައިންބަފައިންގެ ވިސްނުން ވެސް ހަމަ ރަނގަޅެވެ. ދަރިފުޅުގެ ކުލާސް ކުދިންނާއި ރައްޓެހި ހުރިހާ ކުދިން ފޯނު ބޭނުންކުރާއިރު އަހަރެންގެ ދަރިފުޅުއަތުގައި ފޯނެއް ނެތިގެން އޭނާއަށް ލިބެން އޮތް ފުރުސަތުތަކެއް ގެއްލިދާނެ ހެއްޔެވެ؟

ސްމާޓްފޯނާއި ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ދިގު މުއްދަތަކަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އަދިވެސް ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް މިހާރު ކުރެވިފައިވާ ދިރާސާތަކުން އެތަކެތީގެ މައިގަނޑު ނުރައްކަލާއި ފައިދާތަކާއި ބެހޭ ބައެއް ހެކިތައް ލިބެއެވެ.

ހަމަ އެއާއެކު، ސްމާޓްފޯނު ގެންގުޅުމުގެ ސަބަބުން ނުވަތަ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން އާންމުކޮށް ހުރިހާ ކުދިންގެ ސިއްހީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް ބުނެވޭނެ ހެއްކެއް ނެތެވެ. އެހެން ނަމަވެސް މިހެން އެކަނި ބުނުމުން ވާހަކަ ފުރިހަމައެއް ނުވެއެވެ. މިހާތަނަށް ކުރެވުނު ގިނަ ދިރާސާތައް ފޯކަސް ކުރަނީ ފުރާވަރު އުމުރުގެ ކުދިންނަށެވެ. އެއަށްވުރެ ކުޑަކުދިންނަށް ހާއްސަކުރެވޭ ދިރާސާ މަދެވެ. ސްމާޓްފޯނުގެ ނޭދެވޭ އަސަރުތަކުގެ ނުރައްކާ ބޮޑު އުމުރެއް ނުވަތަ މަރުހަލާއެއް ހާމަވާކަމުގެ ހެކި މިހާރު ބައެއް ދިރާސާތަކުން ފެނެއެވެ.

އުމުރުން 8 އަހަރުން ދަށުގެ ކުޑަކުދިން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ ގޮތްތަށް ދެނެގަތުމަށް ޔޫރަޕުގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން މި އުމުރުފުރައިގައި ކުދިންނަށް އިންޓަނެޓުން އަދި ސްމާޓްފޯނުން ދިމާވެދާނެ ނުރައްކާތަކާއި ރިސްކުތައް ފަހުމް ވަނީ ވަރަށް ކުޑަ މިންވަރަކަށެވެ.

އިނގިރޭސިވިލާތުގެ މުވާސަލާތީ ކަންތައްތައް ރެގިއުލޭޓް ކުރާ އޮފްކޮމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ ގިނަ ކުޑަކުދިން އުމުރުން 11 އަހަރު ފުރޭއިރު އެކުދިންގެ އަތުގައި ސްމާޓްފޯނެއް އޮވެއެވެ. ދިރާސާގެ ނަންބަރުތައް ދައްކާ ގޮތުން އުމުރުން 9 އަހަރުގެ ކުދިންގެ %48 ކުދިންގެ އަތުގައި ފޯނުއޮވެއެވެ. އަދި 11 އަހަރުގެ ކުދިންގެ %91 ކުދިން އަމިއްލަ ފޯނު ގެންގުޅެއެވެ.

އެމެރިކާގައި ކޮށްފައިވާ ދިރާސާއަކުން ހާމަވާގޮތުގައި 9 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންގެ ބެލެނިވެރިންގެ ތެރެއިން %37 ބެލެނިވެރިން ބުނާގޮތުގައި އެމީހުންގެ ދަރިންގެ އަމިއްލަ ފޯނެއް އޮވެއެވެ.

އަދި ޔޫރަޕްގެ 19 ގައުމެއް ހިމެނޭހެން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 9 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން %80 ކުދިން ކޮންމެ ދުވަހަކުވެސް އެކިއެކި ބޭނުމުގައި ސްމާޓްފޯނު މެދުވެރިވެ އޮންލައިންވެއެވެ.

ފުރާވަރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް %90 ކުދިން އަތުގައި މިހާރު ފޯނު އޮންނަ ކަމަށް އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ސައިކޮލޮޖީ ޕްރޮފެސަރ ކެންޑިސް އޮޖާސް ލަފާކުރެއެވެ. އޮޖާސްއަކީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅިގެން ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހޮޔެކަމަށް ކުރާ އަސަރު ދިރާސާކުރާ ދިރާސާވެރިއެކެވެ. އޭނާ ވަނީ މިމައުލޫއާއި ގުޅުވައިގެން ކުރެވިފައިވާ އެތަކެއް ބޮޑެތި ދިރާސާތަކެއް ތަފްސީލްކޮށް އެނަލައިޒްކޮށްފައެވެ. މިއެނަލިސިސްއިން، ފުރާވަރުގެ ކުދިން ޓެކްނޮލޮޖީ ބޭނުންކުރުމުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުގެ ނަތީޖާއި މެދު އެންމެން އެއްބަސްވެވޭ މިންވަރަކަށް ނިންމޭ ނިންމުމެއް ނެތްކަމަށް އޭނާ ފާހަގަކުރެއެވެ.

"ގިނަ ދިރާސާތަކުން ސޯޝަލް މީޑިއާ ބޭނުންކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ދެމެދު ގުޅުމެއް އޮތްކަމަށް ފާހަގަވާކަށް ނެތް،" އޮޖާސް ބުންޏެވެ. މިފަދަ ގުޅުމެއް އޮތްތޯ ބެލުމަށް ކޮށްފައިވާ މަދު ދިރާސާއެއްގައި ވެސް ފާހަގަ ކުރަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުން ލިބޭ ފައިދާތައް މަދުކަމަށެވެ. އަދި އޭގެން ކުރާ ނޭދެވޭ އަސަރު ވެސް ކުޑަކަމަށެވެ. މިދިރާސާތަކުން ފާހަގަ ކުރެވުނު އެންމެ ބޮޑު އެއްޗަކީ ދިރާސާގެ ބައިވެރިން، ހާއްސަކޮށް ފުރާވަރުގެ ކުދިން މިކަމާމެދު ގަބޫލުކުރާގޮތާއި އަސްލު މިކަމަކަށް ލިބެން އޮތް ހެކިތަކުން ފާހަގަވާ ނަތީޖާ ދެމެދުގައި އޮތް ފަރަގު ބޮޑުކަމެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖްގައި ސައިކޮލޮޖީގެ ދާއިރާއިން ދިރާސާކުރާ އޭމީ އޯބެން ވެސް ފާހަގަ ކުރާ ގޮތުގައި މިކަމާމެދު ކޮށްފައިވާ އެކި އެކި ދިރާސާތަކުގެ ނަތީޖާއިން އެއްވެސް ގޮތަކަށް ކޮންކްލޫސިވް ނަތީޖާއެއް އަދި ނުފެނެއެވެ. އޯބެން ބުނާގޮތުގައި ބައެއް ދިރާސާތަކުން ކުޑަކުޑަކޮށް ސްމާޓް ފޯނުން ނޭދެވޭ އަސަރު ކުރާކަމަށް ފާހަގަވި ނަމަވެސް އެއީ ހަމަ އެކަނި ފޯނުން ކުރާ އަސަރުކަމެއް ޔަގީނެއް ނުކުރެވެއެވެ. ދިރާސާގައި ބައިވެރިވާ ކުދިންނަށް ނަފްސާނީ ގޮތުން އަސަރު ކުރާ އެހެނިހެން ކަންތައްތައް ކޮންޓްރޯލްކޮށް މިދިރާސާތަކުގައި ބެލިފައެއް ނެތެވެ. އެހެންކަމުން ގިނަ ދިރާސާތަކަކީ މާނަހުރި ނަތީޖާތަކެއް ނެރެވޭ ފަދަ ފެންވަރު ރަނގަޅު ދިރާސާތަކެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއެވެ.

އޯބެން ފާހަގަކުރާގޮތުގައި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އަދި އެކުއްޖަކު ސްމާޓްފޯން ތަޖުރިބާ ކުރާގޮތް ބިނާވަނީ އެކުއްޖާގެ އަމިއްލަ ޒާތީ ހާލަތުގެ މައްޗަށެވެ. އަދި ފޯނުގެ ސަބަބުން އެކި އުމުރުފުރައިގެ ކުދިންނަށް އަސަރުކުރާނީ އެކި މިންވަރަށެވެ. މީގެ ފަހަތުގައި ހިމެނޭ ސަބަބުތަކުގެ ތެރޭގައި އެކުދިންގެ ދިރިއުޅުމުގެ ހާލަތާއި އެކި ކުދިން ހެދިބޮޑުވުމުގެ ދަރަޖައާއި އެކި ކުދިން ފޯނު ކުރާ ބޭނުންތައް ހިމެނެއެވެ. ކޮންމެ ގޮތެއް ވިޔަސް އެންމެ ބޮޑަށް އެކުދިންނަށް ކުރާ އަސަރު ދެނެގަނެވޭނީ އެކުއްޖެއްގެ އެންމެ ގާތް މީހުންނަށެވެ.

މީގެ މާނައަކީ އެކި ދިރާސާތަކުން އެކި ނަތީޖާ ދެއްކި ނަމަވެސް އެކި ކުދިންނަށް އެކި މިންވަރަށް މިކަމުގެ ނޭދެވޭ އަސަރު ކޮށްފާނެކަމެވެ. އެންމެ މުހިއްމު ކަމަކީ ކުދިން ސްމާޓްފޯނު ބޭނުންކުރާ ގޮތާމެދު ބެލެނިވެރިން ސަމާލުވުމެވެ. އަދި އެކުދިންނަށް ކުރިމަތިވާ ދަތިކަމެއްގައި އެކުދިންނަށް ސަޕޯޓް ދިނުމެވެ.

ބައެއް ޒުވާނުންގެ ނަޒަރުގައި ސްމާޓްފޯނަކީ އެމީހުންގެ 'ލައިފްލައިން' އެކެވެ. އައު މައުލޫމާތު ހޯދުމަށާއި އެކަކު އަނެކަކަށް ގުޅުވައިދޭނެ ތަނެކެވެ. އަދި ހާއްސަކޮށް އެމީހުންގެ ސިއްހަތާއި ގުޅުން ހުރި އެކި އެކި މައުލޫމާތު ފޯރުކޮށްދޭ ވަސީލަތެކެވެ.

ކުޑަކުދިން ބޭރުގައި ހޭދަކުރާ ވަގުތު މަދުވާ ކަމަށް ޝަކުވާ ކުރާފަރާތްތަކުން އެކަމުގެ މަތި އަޅުވަނީ ސްމާޓްފޯނަށެވެ. އެހެން ނަމަވެސް ޑެންމާކުގައި 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ބައިވެރިވި ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުގައި އެކުދިންނަށް ސްމާޓްފޯނުގެ ސަބަބުން މިނިވަންކަމާއި އެކު އެކަނި ބޭރުގައި އުޅުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން އެކުދިން އަމިއްލައަށް ބޭރުގައި އުޅުމުގައި ބާރުވެރިކަން އިހްސާސްވެއެވެ. އަދި ބެލެނިވެރިން ވެސް ކުދިންގެ އަތުގައި ފޯނު އޮތުމުގެ ސަބަބުން އެކުދިން އެކަނި ބޭރުގައި އުޅޭއިރު ރައްކާތެރިކަމާމެދު އޮންނަ އިތުބާރު ބޮޑުވެއެވެ. އެކުދިން ބުނާގޮތުގައި ފޯނުތަކުގެ ސަބަބުން އެމީހުން ބޭރުގައި އުޅޭ ވަގުތުތަކުގައި އިތުރަށް އުފާވެރިކަން އިހުސާސްކުރެވެއެވެ. އެއީ މިއުޒިކް އަޑުއެހުމަށާއި ރައްޓެހިންނާއި މައިންބަފައިންނާއި ގުޅުން ބަދަހިކުރުމަށާއި ފަސޭހަވާތީއެވެ.

ކުދިންނަށް ފޯނު ހޯދާދޭން ވިސްނާނަމަ، ބެލެނިވެރިންނަށް މިދެންނެވުނު ފަދަ އެކި ދިރާސާތައް ބަލާ މައުލޫމާތު މުއްސަނދި ކުރެވިދާނެއެވެ. އަދި ކޮންމެ ބެލެނިވެރިއެއް ވެސް އަމިއްލަ ދަރިފުޅުގެ ވިސްނުން ހުރި ގޮތާއި ހާލަތަށް ބަލާފައި އަމިއްލައަށް ނިންމުންތަކެއް ނިންމިދާނެއެވެ. ކޮންމެއަކަށް އެއްވެސް ދިރާސާއަކުން "ކުދިންނަށް ފޯނު ހޯދައިދޭން އެންމެ ރަނގަޅީ ކޮން އުމުރެއްގައިތޯ؟" މިސުވާލަކަށް ޖަވާބެއް ލިބޭކަށް ނެތެވެ.

މިކަމަކީ އެހާ ފަސޭހައިން ޖަވާބެއް ހޯދޭނެ ކަމެއް ނޫނެވެ. މިސުވާލުގެ ޖަވާބު ހޯދުމުގެ މަސްއޫލިއްޔަތު އެޅެނީ ބެލެނިވެރިންގެ ބޮލުގައެވެ. މިއީ އެހާ ގޯސްކަމެއްގެ ގޮތުގައި ބެލެނިވެރިން ހީނުކުރަށްޗެވެ. މީގެ ސަބަބަކީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް ކަމެއްވާތީއެވެ. ކޮންމެ ބެލެނިވެރިއެއްވެސް މިސުވާލަށް ޖަވާބު ހޯދުމުގައި އިތުރު ސުވާލުތަކެއް އަމިއްލައަށް ކޮށްލާށެވެ. އަމިއްލަ ދަރިފުޅު އެނގޭނީ ބެލެނިވެރިންނަށެވެ. އެކުދިންގެ ދިރިއުޅުމުގައި ފޯނު ފިޓްވާނީ ކިހިނެއްތޯއެވެ؟ މުޅި އާއިލާއަށް ފޯނު ފިޓްވާނީ ކިހިނެއްތޯއެވެ؟ މިކަމަށް ގޮތެއް ނިންމާއިރު މައިންބަފައިން ވިސްނަންވީ އެންމެ މުހިއްމު އެއް ކަމަކީ ދަރިފުޅުގެ އަތުގައި ސްމާޓްފޯނެއް އޮތުމުން ތިމާ އަމިއްލައަށް އިހުސާސް ވަނީ ކިހިނެއްތޯއެވެ؟ އޭގެން ތިމާއަށް އިހުސާސްކުރެވެނީ ހިތްހަމަޖެހުންތޯއެވެ؟ ނުވަތަ ނުތަނަވަސް ކަންތޯއެވެ؟

ފޯނެއް ހަމަ އޮތުމަކީ އަދި އެކުދިންނަށް ހުރިހާ އެޕްތަކަށާއި ގޭމްތަކަށް އެކްސެސް ލިބޭނެ ސަބަބެއް ނޫނެވެ. ކުދިންގެ އުމުރާއި އަޅާ ބަލާފައި އެކުދިންނަށް ބޭނުން ކުރެވިދާނެ އެޕްލިކޭޝަންތައް ބަލާށެވެ. ކުދިން ބޭނުންވާ އެޕްލިކޭޝަންތައް ދަސްކޮށް، ރަނގަޅު ނުރަނގަޅު ބަލާ، އެކަމާމެދު ކުދިންނާއި ވާހަކަ ދައްކާށެވެ. އަދި އެޕްތައް އިންސްޓޯލްކުރުމުގައާއި ބޭނުންކުރުމުގައި ދެފަރާތުން އެއްބަސްވާ ގޮތްތަކެއް ކުރީބައިގައި ކަނޑައަޅާށެވެ. ދޭތެރެއަކުން ކުދިންނާއި އެކު އެއެޕްތައް ބޭނުންކުރާގޮތް ދަސްކުރާށެވެ. ކުދިންނާއި އެކު ފޯނުގައި ހުރި ގޭމްތައް ކުޅެލާށެވެ. އަދި ފޯނުގައި ހުރި ގޭމްތަކުގެ ރައްކާތެރިކަމާމެދު އެކުދިންނާއި ވާހަކަ ދައްކާށެވެ.

އަދި ސްމާޓްފޯން ބޭނުންކުރުމަށް ދެފަރާތުން އެކީގައި ތިބެގެން ގަވާއިދުތައް ކަނޑައަޅާށެވެ. މިސާލަކަށް ވަކި ގަޑިތަކެއްގައި ފޯނު ބޭނުންނުކުރުން އަދި އެންމެ ގިނަ އިރު ބޭނުންކުރެވޭނެ ވަގުތުތަކެއް ކަނޑައެޅުން، ނިދާ ގަޑީގައި ފޯނު ދުރުގައި ބޭއްވުން ފަދަ ކަންތައްތަކެއް އެކުގައި ތިބެގެން އެއްބަސްވެވިދާނެއެވެ. އަދި މައިންބަފައިން އަމިއްލަ ސްމާޓްފޯން ބޭނުންކުރުމުގައި ވެސް މިފަދަ ގަވާއިދުތަކަށް ތެދުވެރިކަމާއެކު ތަބާވުން މުހިއްމެވެ. ކުދިން އެންމެ ގާތުން ބަލާނީ ބެލެނިވެރިން އަމަލު ކުރާ ގޮތަށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.