'ތިން ކްލައެންޓް' ޑިވައިސްތަކަކީ ކޮމްޕިޔުޓިންގެ މުސްތަގުބަލް

ހިންދު ޢަލީ 31 ޑިސެމްބަރު 2023

މިހާރަކަށް އައިސް އުފައްދާ ބޭނުންކުރަމުންދާ ކޮމްޕިޔުޓަރ ޗިޕްތައް ދަނީ ދުވަހެއް ދުވަހަކަށް ބާރުގަދަ ވަމުންނެވެ. މިހާރު އެޕަލްޓީވީ އަދި ކްރޯމްބޮކްސް ފަދަ ޑިވައިސްތަކުގައި ބޭނުންކުރާ ޗިޕަކީ މީގެ 10 ނޫނީ 20 އަހަރު ކުރިން ޑެސްކްޓޮޕް ކޮމްޕިޔުޓަރެއްގައި ބޭނުންކުރި ޗިޕަށް ވުރެ އެތަށް ގުނައެއް ބާރުގަދަ ޗިޕްތަކެކެވެ.

ފަހުގެ ޓްރެންޑްތަކަށް ބަލާއިރު އެންމެ ވައިގައި ހިފާލާ، ގިނަ ބަޔަކު ގަންނަ ކޮމްޕިޔުޓަރ ސިސްޓަމްތަކަކީ ކްރޯމްބޮކްސްއާއި ތިން ކްލައެންޓް ސިސްޓަމެވެ.

އާންމުކޮށް ކޮމްޕިޔުޓަރެއް ބޭނުންކުރަން ބޭނުންވާ ހުރިހާ އެޕްލިކޭޝަންތަކާއި އެހެނިހެން ރިސޯސަސްތައް ހުންނަނީ އޭގައި ހިމެނޭ ހާޑްޑްރައިވްގައެވެ. އެއާއި ހިލާފަށް ތިން ކްލައެންޓް ސިސްޓަމަކީ މިދެންނެވުނު ރިސޯސަސް ސެންޓްރަލް ސަރވަރެއްގެ ހިމަނައިގެން ބޭނުންކުރާ ކޮމްޕިއުޓަރެކެވެ. ތިން ކްލައިންޓް ސިސްޓަމެއްގައި ޔޫޒަރަށް ބޭނުންވާ ގިނަ އެޕްލިކޭޝަންތަކާއި، މެމޮރީއާއި، އެހެނިހެން ޑޭޓާތައް އެކްސެސް ކުރުމަށް ކަނެކްޓް ކުރާނީ ޑޭޓާ ހޯސްޓްކޮށްފައިވާ ސަރވަރއަކާއެވެ. ތިން ކްލައެންޓް ސިސްޓަމްތައް ކްލައުޑްބޭސްޑް ސަރވަރތަކާވެސް ކަނެޓްކުރެވެއެވެ.

އަހަރު ނިމުނު ދުވަސްކޮޅުގެ ނަންބަރުތަކަށް ދައްކާގޮތުގައި މިބާވަތުގެ ސިސްޓަމްތަކަށް ބޮޑު ކުރިއެރުންތަކެއް ލިބި، ގިނަ ބައެއްގެ ޝައުގުވެރިކަން އިތުރުވާކަން ފާހަގަކުރެއެވެ. 2023ގެ ނޮވެމްބަރު މަސް ތެރޭގައި އެމޭޒަން އިން ވަނީ އެމޭޒަން ވޯރކް ސްޕޭސަސް ތިން ކްލައެންޓް ސިސްޓަމް ރިލީޒްކޮށްފައެވެ. މިއީ ވަރޗުއަލް ޑެސްކްޓޮޕަކާއި ގުޅާލެވޭ އަގުހެޔޮ ސިސްޓަމެކެވެ.

ފާއިތުވި ޑިސެމްބަރު މަހުގެ ކުރީކޮޅު ލެނޯވޯއިން ވެސް ވަނީ ކްރޯމްބޮކްސް މައިކްރޯ ތައާރަފްކޮށްފައެވެ. މިއީ ކްރޯމް އޮޕަރޭޓިން ސިސްޓަމް (ކްރޯމްއޯއެސް) އެކުލެވޭ، އާދައިގެ މޮނީޓަރެއްގެ ފަހަތަށް ފިޓު ވާވަރުގެ ކުޑަކުޑަ ޑެސްކްޓޮޕް ސިސްޓަމެކެވެ.

އެޕަލް ޓީވީ ފަދަ ޑިވައިސްތަކަކީ ވެސް މިދެންނެވުނު ފަދަ ކުޑަ އެހެން ނަމަވެސް ބާރުގަދަ ސިސްޓަމްތަކެވެ. އެޕަލް ޓީވީ ޑިވައިސްތަކަކީ އަދި ތިން ކްލައެންޓް ކެޓަގަރީއަށް ފިޓުވާ ޑިވައިސްއެއް ނޫން ނަމަވެސް ކައިރި މުސްތަގްބަލެއްގައި އެގޮތަށް ބަދަލުވެދާނެ ކަމަށް ލަފާކުރެވެއެވެ.

އެވެރެޖްކޮށް ލުއިކޮށް ކޮމްޕިޔުޓަރ ބޭނުންކުރާ މީހުން އިތުރުވާ މިންވަރަކުން އަދި ތިން ކްލައެންޓާއި އާދައިގެ ބޭނުންތަކަށް ބޭނުންކުރާ އަގުހެޔޮ ކޮމްޕިޔުޓަރ ސިސްޓަމްތަކުގެ ބާރު ގަދަވާ މިންވަރަކުން މިފަދަ ކުދި، އެހެނަސް ބާރުގަދަ އަގުހެޔޮ ސިސްޓަމްތަކުގެ މާކެޓް ދަނީ އިތުރުވަމުންނެވެ. ގިނަ ބައެއް ކޮމްޕިޔުޓަރ ބޭނުންކުރާ އާދަތައް އެގޮތަށް ބަދަލު ވާކަމަށް ވާނަމަ މިފަދަ ޑިވައިސްތަކަކީ ކުރިއަށް އޮތް މުސްތަގުބަލުގައި މަގްބޫލު ޑިވައިސްތަކަކަށް ވުމާއި ގާތެވެ. ތިރީގައި މިދަންނަވަނީ ތިން ކްލައެންޓް ސިސްޓަމްތަކާއި އާދައިގެ ޕީސީތަކުގެ ފައިދާ ބޮޑުވެދާނެ 3 ސަބަބެކެވެ.

1. މިޒަމާނުގައި ކުރާ ގިނަ މަސައްކަތްތަކަކީ ވެބްބޭސްޑް މަސައްކަތްތަކެވެ.

އާންމުގޮތެއްގައި މިހާރު ގިނަ މީހުންގެ މަސައްކަތްތައް ކުރަނީ ވެބް ބްރައުޒަރއެއް މެދުވެއެވެ. މިކަމުގައި އިސްތިސްނާ ވާ ބައެއް ފަރާތްތައް އުޅޭނެކަން ކަށަވަރެވެ. އެހެން ނަމަވެސް ގިނަ މީހުންގެ މަސައްކަތަށް ވެބް ބްރައުޒަރއަކުން ފުދެއެވެ.

ގިނަ މީހުން ކުރަން ޖެހޭ މަސައްކަތްތައް ކުދި ނުވަތަ އާދައިގެ ޕީސީތަކުން ކުރެވޭ އެއް ސަބަބަކީ މަސައްކަތްތައް ވެބް ބޭސްޑް ނުވަތަ އިންޓަރނެޓް މެދުވެރިވެ ކުރެވޭ މަސައްކަތްތަކަކަށް ވެފައިވާތީއެވެ. އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ބަލައިލައިފިނަމަ މިއީ ހަގީގަތެވެ. މަސައްކަތުގައި ލިޔަންޖެހޭ ލިޔުންތައް ތައްޔާރުކުރުމަށާއި، އީމެއިލް ނުވަތަ ސްލެކް ފަދަ އެޕްލިކޭޝަނެއް މެދުވެރިވެ މުއާމަލާތްކުރުމަށާއި، ގޫގުލް މީޓް ބޭނުންކޮށްގެން މީޓިންތައް ކުރިއަށް ގެންދިޔުމަށާއި ފޮޓޯ އެޑިޓްކުރުން ފަދަ ބައެއް މަސައްކަތްތަކަށް ވެސް ބޭނުންކުރަނީ ވެބްބޭސްޑް އެޕްލިކޭޝަންތަކެވެ. ބައެއް ފަރާތްތަކުން އެޕްލިކޭޝަންތަކުގެ ޑެސްކްޓޮޕް ވަރޝަން ބޭނުންކުރަން އިހްތިޔާރު ކުރިނަމަވެސް، މިކަމުގައި މައިގަނޑު ޕޮއިންޓަކީ ވެބް ބޭސްޑް އެޕްލިކޭޝަންތަކުން ގިނަ މަސައްކަތްތަކަށް ފުއްދާލެވޭކަމެވެ. އަދި މިފަދަ ވެބް އެޕްލިކޭޝަންތަކަކީ ބޭނުންކުރަން ފަސޭހަ ތަކެތިކަން އިތުރަށް ފާހަގަކޮށްލަމެވެ.

މިއަދުގެ ހަގީގަތަކީ ގިނަ ބައެއް މަސައްކަތުގައި ބޭނުންކުރާ މުހިއްމު ޓޫލްތަކަކީ ގޫގުލް ޑްރައިވްއާއި މައިކްރޮސޮފްޓް 365 ވެބް އެޕްލިކޭޝަންތަކެވެ. ކުރީ ޒަމާނުގައި ބޭނުންކުރި ފަދައިން މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތައް ޕީސީއަށް ޑައުންލޯޑްކޮށް އިންސްޓޯލްކޮށްގެން ބޭނުންކުރަނީ މަދު ބައެކެވެ.

އެންމެ ފުރަތަމަ ކްރޯމްބޮކްސް ތައާރަފް ކުރެވުނު އިރާ އަޅާބަލާއިރު މިހާރު ކްރޯމްއޯއެސް ވަނީ އެތަށް ތަނެއް ތަރައްގީކޮށް އޭގެ ސަޕޯޓްވެސް ރަނގަޅުކޮށްފައެވެ. އެހެންކަމުން މިއޯއެސް ބޭނުންކުރާ ކްރޯމްބޮކްސް އަދި މިފަދަ އެހެން ތިން ކްލައެންޓް ސިސްޓަމްތައް މިހާރު ވަނީ އަހަރުމެންގެ ކޮމްޕިޔުޓިންގ ބޭނުންތަކަށް އެކަށޭނެ މުހިއްމު ސިސްޓަމްތަކަކަށް ވެފައެވެ.

2. ބާރުގަދަ ބައިވަރު ކޮމްޕިޔުޓަރުތަކެއް މީހުން މިހާރު ބޭނުމެއް ނުވެއެވެ.

މީގެ ކުރީގައި މީހުންގެ އާދައަކީ ގޭގައި ބޭނުންކުރާނޭ މޮޅު ލެޕްޓޮޕަކާއި އޮފީހުގައި ބޭނުންކުރާނޭ އެއަށްވުރެ ބާރުގަދަ ޑެސްކްޓޮޕް ސިސްޓަމެއް ގެންގުޅުމެވެ. މިހާރު ލިބެން ހުރި އެންމެ ރަނގަޅު ލެޕްޓޮޕްތަކަކީ ބާރުގަދަ ޑިވައިސްތަކެކެވެ. ކުރީގެ ލެޕްޓޮޕްތަކަށް ވުރެ އެތަށް ގުނައެއް އިތުރު މެމޮރީ ވެސް އެކުލެވިގެންވެ އެވެ.

މިގޮތަށް ވިސްނާލައިފިނަމަ ބާރުގަދަ ޑެސްކްޓޮޕަކާއި ލެޕްޓޮޕެއް ގެންގުޅުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ބޭކާރު ކަމެކެވެ. މަސައްކަތުގައި ހައި ޕަރފޯމަންސް ސިސްޓަމެއް ބޭނުންވާ ފަރާތްތަކަށް މިއީ ބޭކާރުކަމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ބޮޑު މެޖޯރިޓީއެއްގެ މީހުންނަށް ވަރުގަދަ 2 ސިސްޓަމެއް ބޭނުމެއް ނުވެއެވެ.

އެންމެ ސިސްޓަމަކުން ފުއްދާލުމަށް ބައެއް މީހުން އަމަލުކުރާގޮތަކީ، ވަގުރަދަ ލެޕްޓޮޕެއް ހޯދުމަށްފަހު، ކްލޭމްޝެލް މޯޑުގައި ވަކި މޮނީޓަރަކަށާއި ކީބޯޑާއި މައުސް ފަދަ އެހެން ޑިވައިސްތައް އެއަށް ކަނެކްޓް ކޮށްގެން ބޭނުން ކުރަނީއެވެ. މިއީ ޑެސްކްޓޮޕް ކޮމްޕިޔުޓަރެއްގެ ފީލް ގެނައުމަށް ހަދާގޮތެކެވެ. އެހެންނަމަވެސް ގިނަ ފަހަރުމަތިން މިކަން ކުރަންވީމާ، އުނދަގޫ ކަމަކަށް ވެގެންދެއެވެ. ބައެއް ފަރާތްތަކުން ބާރު ގަދަ ފޯނުވެސް ޑެކްސްޓޮޕަކަށް ބަދަލުކޮށްލައިގެން ބޭނުންކުރެއެވެ. މިސާލަކަށް ސެމްސަންގްގެ ޑެކްސް (DeX) އަކީ މިފަދަ ބާރުގަދަ ޑިވައިސްއެކެވެ.

Samsung DeX

ނަމަވެސް މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވަރުގަދަ ލެޕްޓޮޕަކާއި ތިން ކްލައެންޓް ސިސްޓަމެއް ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ބައްޓަންކުރުމެވެ. މިއީ އަގުހެޔޮ ގޮތެކެވެ. އަދި މިއީ ކޮންމެހެން ބޭނުންކުރަން ޖެހޭ ވެބް ބޭސްޑް އެޕްލިކޭޝަން އެކްސެސް ކުރެވޭނެ އޮޕްޝަނެކެވެ. މީގެ އިތުރުން ބޭނުން ވެއްޖެ ހާލަތުގައި ލެޕްޓޮޕާއި ކަނެކްޓްކޮށްލައިގެން ބާރުގަދަ ސިސްޓަމަކަށް ބަދަލުކޮށްލެވިދާނެ މޮޅު އޮޕްޝަނެކެވެ.


3. ކުދި ޑިވައިސްތަކަކީ ކުރިއަށްވުރެ ބާރުގަދަ ޑިވައިސްތަކެކެވެ.

ތިން ކްލައެންޓް ބޭނުންކުރުމުގެ މިހިޔާލު ގެންގުޅުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ ފަހަކަށް އައިސް އުފައްދާ ކުދި ޑިވައިސްތަކަކީ ވަރަށް ބާރުގަދަ ޑިވައިސްތަކަކަށް ވުމެވެ.

އެޕަލްގެ ސްޓޫޑިއޯ ޑިސްޕްލޭއަކީ އޭގައި A13 ޗިޕްސެޓް ހިމެނޭ އައިއޯއެސް ރަންކުރެވޭ ވަރުގެ ބާރުދަގަ ޑިވައިސްއެކެވެ. މިއީ އެޕަލްގެ މޮނީޓަރެކެވެ. އެޕަލްގެ އެންމެ ފަހުގެ އެޕަލް ޓީވީ A15 ބަޔޮނިކް ޗިޕެއް ހިމަނެއެވެ. މިއީ މެކްއޯއެސް އެކުލެވިފައިވާ މެކްމިނީގައި ހިމެނޭ A12Z ޗިޕަށް ވުރެ ފަހުގެ ބާރުގަދަ އައު ޗިޕެކެވެ.

ބާރުގަދަ ކުދި ޑިވައިސްތައް ލިބެން ހުރީ ހަމައެކަނި އެޕަލްގެ ޕްރޮޑަކްޓްސްތައް އެކަންޏެއް ނޫނެވެ. ދާދި ފަހުން އެމޭޒަން އިން އިއުލާނުކުރި ތިން ކްލައެންޓް، ފަޔަރ ޓީވީ ކިއުބަކީ މިފަދަ ބާރުގަދަ އެހެން ޑިވްއިސްއެކެވެ. މީގެ އިތުރުން ލެނޯވޯގެ ކްރޯމްބޮކްސް މައިކްރޯއަކީ ސްމާޓްފޯނަކަށް ވުރެ ކުޑަ އެހެން ނަމަވެސް އިންޓެލް 4500 ޕްރޮސެސަރ އާއި އެކު 8ޖީބީގެ މެމޮރީއާއި 32 ޖީބީގެ އެމްބެޑެޑް މަލްޓި މީޑިއާ ކާޑް (އީއެމްއެމްސީ) ސްޓޯރޭޖް ހިމެނޭ ބާރުގަދަ ޑިވައިސްއެކެވެ.

މީގެ މާނައަކީ މިއަދުގެ އެންމެ މަގްބޫލު ވީޑިއޯ ސްޓްރީމިންގ ޑިވައިސްތަކަކީ ލައިޓްވެއިޓް އޮޕަރޭޓިންގ ސިސްޓަމްތައް ފަސޭހައިން ބޭނުން ކުރެވޭނެ ޑިވައިސްތަކެއްކަމެވެ. އެޕަލްޓީވީގައި ހަމަގައިމުވެސް މެކްއޯއެސް ބޭނުންކުރެވޭނެއެވެ. މިފަންކްޝަނަލިޓީއަކީ އަދި އައު ކަމެއްވެސް ނޫނެވެ. އެންމެ ފުރަތަމަ ރިލީޒް ކުރި އެޕަލް ޓީވީ ޑިވައިސްތަކަކީ ވެސް މެކްއޯއެސްގެ ކުރީގެ ވަރޝަންތައް ބޭނުންކުރުމުގެ ގާބިލްކަން ހުރި ޑިވައިސްތަކެކެވެ.

އެހެންކަމުން، ކްރޯމްބޮކްސް އާއި ތިން ކްލައިންޓް ޑިވައިސްތައް އިތުރަށް މެއިންސްޓްރީމްވުމުގެ ފުރުސަތު ހަމަގައިމުވެސް އެބައޮތެވެ. ކޮންމެއަކަސް މިހާރު މިޑިވައިސްތަކަކީ ޕަރފޯމަންސްގެ ގޮތުން މާ ގާބިލް، ކުޑަ، އަދި ކުރިއަށްވުރެ އެތަށް ގުނައެއް އަގުހެޔޮ ތަކެއްޗެވެ.


މިފަދަ ޑިވައިސްތަކަކީ އެންމެންގެ ބޭނުންތަކަށް އެކަށޭނެ ޑިވައިސްތަކެއް ނޫންކަން ގަބޫލުކުރަމެވެ. އަދި އެންމެން މިފަދަ ޑިވައިސްތައް ބޭނުންކުރަން އިހްތިޔާރު ނުކުރާނެކަން ވެސް ޔަގީނެވެ. އެހެން ނަމަވެސް ތިން ކްލައެންޓް އަދި ލައިޓްވެއިޓް ސިސްޓަމްތަކަކީ ކުރިއަށް އޮތް މުސްތަގްބަލުގައި މެއިންސްޓްރީމްވުން ގާތް ސިސްޓަމްތަކެކެވެ. މިހެން ބުނާ ސަބަބަކީ މިޑިވައިސްތައް ކުޑަ ވެފައި، ބާރުގަދަ ވެފައި އަގުހެޔޮވުމެވެ. މިސާލަކަށް ބަލައިލަފިނަމަ، ލެނޯވޯގެ ތިންކްސެންޓަރ އެމް60ކިޔު ލިބެނީ ގާތްގަނޑަކަށް 400 ޑޮލަރަށެވެ. އަދި ލެނޯވޯގެ ކްރޯމްބޮކްސް މައިކްރޯގެ އަގު ހުރީ 219 ޑޮލަރުން ފެށިގެންނެވެ. މިއީ އާންމު ބޭނުންތަކަށް އެންމެ އެކަށީގެންވާ ސިސްޓަމްތަކެކެވެ.

ކްރޯމްބޮކްސް އާއި ތިން ކްލައިންޓް ޑިވައިސްތަކަކީ ދުވަހަކުވެސް ޕީސީއަށް ވުރެ ބާރުގަދަ ޑިވައިސްތަކަކަށް ނުވާނެކަން އިނގެއެވެ. އެހެން ނަމަވެސް މިއީ މިހާރު ލިބެން ހުރި ބައެއް އަގުބޮޑު ސެކަންޑަރީ ޑިވައިސްތަކާއި އަޅާބަލާފައި ރަނގަޅު އޮޕްޝަނެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.