ސައިބަރ ސެކިޔުރިޓީއަށް އަަހަންމިއްޔަތުކަން ދޭކަށް ނުވޭތަ؟

ހިންދު ޢަލީ 07 ޖެނުއަރީ 2024

6 ޖެނުއަރީ 2024 ވީ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި ޓުއަރިޒަމް މިނިސްޓްރީ ހިމެނޭހެން ސަރުކާރުގެ ބައެއް ވެބްސައިޓްތައް ވަނީ އާންމުންނަށް އެކްސެސް ނުވެވޭހެން ޑައުންވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފިޝަލް އެކްސް އެކައުންޓުން މިއަދު ހެނދުނުގެ ވަގުތެއްގައި ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން އެއޮފީހުގެ ރަސްމީ ވެބްސައިޓްއަށް ވަނުމުގައި ދަތިތަކެއް އުޅޭކަމަށް ފާހަގަ ކުރާކަމަށާއި، އަދި އެންސީއައިޓީއާއި ކަމާބެހޭ އެހެން އިދާރާތަކުގެ އެހީގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރަމުން ދާކަމަށް ވަނީ އިއުލާނުކޮށްފައެވެ.

އެތަށް ގަޑިއިރުތަކަކަށް ސައިޓްތައް ޑައުންވެފައި ހުރިނަމަވެސް، މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފޮރިން މިނިސްޓްރީ އަދި ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް ވަދެވެއެވެ. އެހެންނަމަވެސް މިހަބަރު ލިޔުނުއިރު ގަވް.އެމްވީ ވެބްސައިޓަކަށް ނުވަދެވެއެވެ. ޑައުންވި ވެބްސައިޓްތައް ވަނީ މިހާރު ކްލައުޑް ފްލެއަރ ސަރވިސް ބޭނުންކޮށްގެން ރައްކާތެރިކަމުގެ ފިޔަވަޅުއަޅާފައެވެ. ކްލައުޑް ފްލެއަރ އަކީ ޑިސްޓްރިބިޔުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާތަކުން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއް ކަމުން މިއީ ސައިބާ ހަމަލާއެއްގެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.

އެހެން ނަމަވެސް މިކަން ހިނގައިދިޔަ ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. މިހާދިސާ ހިނގައި މިދިޔައީ އިންޑިޔާއާއި ރާއްޖޭގެ ޓުއަރިޒަމް ސެކްޓަރ އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ވަގުތެއްގައެވެ.

މިއަދުގެ ޑިޖިޓަލް ޒަމާނުގައި ސައިބަރ ސެކިޔުރިޓީ މައްސަލަތަކަކީ ހަމައެކަނި ޓެކްނިކަލް މައްސަލައެއް ނޫނެވެ. މިއީ ގައުމުގެ ސެކިޔުރިޓީއާވެސް ގުޅިފައިވާ ކަމެކެވެ. މިފަދަ ހަމަލާތަކުން ރާއްޖެ ރައްކާތެރި ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މީގެ ކުރީ ސަރުކާރުންވެސް މިދާއިރާގައި މަސައްކަތްތަކެއް ކުރުމަށް ރާވާ، އެހެން ނަމަވެސް ނުކުރެވިފައިވާކަން މިދަނޑިވަޅުގައި ފާހަގަކުރަމެވެ. މިގޮތުން ސައިބަރ ހަމަލާތަކާއި ގުޅިގެން އަމަލު ކުރަންޖެހޭ ގާނޫނާއި ގަވާއިދުތައް އެކުލަވާލާފާ ނެތުމާއި، ގައުމީ ސައިބަރސެކިޔުރިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމް (CERT) އެކުލަވާލުމަށް ރާވާފައިވާ މަސައްކަތްތައް ވެސް އަދި ނުކުރެވެއެވެ.

މިފަދަ ހަމަލާތަކަށް ވަގުތީ ހައްލު ހޯދައިގެން ކަމާ އަޅާ ނުލާ ތިބުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. މިކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ގައުމުގައި ހަރުދަނާ ސައިބަރ ޑިފެންސްތައް ބިނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޓެކް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. މިފަދަ ހަމަލާތަކަކީ ވެބްސައިޓްތަކަށް އެކަނި އޮތް ނުރައްކަލެއް ނޫނެވެ. ސަރުކާރުގެ އޮންލައިން ހިދުމަތްތައް ދެވޭ ޕްލެޓްފޯމްތަކާއި އަހަރުމެންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށްވެސް އޮތް ނުރައްކަލެކެވެ.

އެންމެ ޒަމާނީ ސެކިއުރިޓީ ޓޫލްތަކަށް އިންވެސްޓްކޮށް، ސައިބަރ ޑިފެންސް ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ ހަމަލާތަކުން ރާއްޖޭގެ ވެބްސައިޓްތައް އަދި އަހަރުމެންގެ ޑޭޓާ ރައްކާތެރިކުރުމަށާއި ސަރުކާރުން ސާފު ޕްލޭންތަކެއް އެކުލަވާލަން ޖެހެއެވެ. އަދި އެޔަށްވުރެވެސް މުހިއްމީ އެކުލަވާލާ ޕްލޭންތައް ތަންފީޒުކުރުމެވެ. ހަމައެކަނި ޕްލޭންތަކެއްގެ ގޮތުގައި އޮވެގެން ކުރެވޭނޭ ކަމެއް ނެތެވެ. މިހާރު ދިމާވެގެން މިއުޅޭ ހާދިސާއަކީ މިކަމުގައި އަހަރުމެން ހޭއަރަން ވެއްޖެކަން އަންގައިދޭ ކަމެކެވެ. މިއީ މިފަދަ ހާދިސާތައް މުސްތަގްބަލުގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަންވީ ވަގުތެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.