އޮފީހުގެ މަސައްކަތްތަކާއި ގޭތެރޭގައި ކުރަންހުރި ކަންތައްތައް ނިންމާލާ، ކުދިން ނިދިއިރު ރޭގަނޑު 11 ޖަހައިފިއެވެ. ދުވަސް ނިމޭ އިރު ކޮންމެ ދުވަހަކުވެސް ހުންނަނީ ވަރުބަލިވެފައެވެ. އެހެން ކަމުން އަވަހަށް ނިދަން ވިސްނައިގެން ނިދަން ތައްޔާރުވެލައިފީމެވެ. ކޮޓަރި އަނދިރިކޮށްލައި، ނިދަން އޮށޯވެ ކައިރީގައި ހުރި މޭޒުމަތީގައި ފޯނު ބާއްވާލިތާ އިރުކޮޅެއް ނުވެ ފޯނު ވައިބްރޭޓްވެލައިފިއެވެ. ނޮޓިފިކޭޝަނަކާއެކު އިވޭ ބަޒްއަޑާއި އެކު ސްްކްރީން ދިއްލިއްޖެއެވެ.
"ކޮން މެސެޖެއްތޯ ބަލާލާފައި އަވަހަށް ބާއްވާނީއެވެ. ހަމައެކަނި މިމެސެޖު އެކަންޏެވެ." މިހެން ހިތަށްއަރާ ފޯނު ނެގީމެވެ. ލިބުނީ ޓްވިޓަރ ނޮޓިފިކޭޝަނެކެވެ. ނޮޓިފިކޭޝަނަށް ފިތާލުމުން ޓްވިޓަރ އެޕް ހުޅުވުނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައާއި ބެހޭ އެކި އެކި ޓްވީޓްތަކެވެ. އެއް ޓްވީޓް ކިޔާލުމަށް ފަހު އޭގެ ކޮމެންޓްތައް ކިޔާލީމެވެ. މީހުންގެ ކޮމެންޓްތައް ފެނިފައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންތައްތައް ވާގޮތާމެދު ރުޅިގަދަވިއެވެ. މިހާހިސާބުން މިޖެހެވުނީ މަޅިއެއްގައެވެ. ޓްވީޓަކަށް ފަހު ޓްވީޓެކެވެ. ހަބަރަކަށް ފަހު ހަބަރަކެވެ.
ދުނިޔޭގެ ހަބަރުތަކުން އިޒްރޭލުން ފަލަސްތީނަށްދޭ ހަމަލާތަކުގެ ހިތާމަވެރި ހަބަރުތަކެވެ. އަނެއްކާ އެހެން ޓްވީޓެކެވެ. ހަމަލާތަކުގައި ކުޑަކުދިންނަށް އަނިޔާވެފައިވާ ހަބަރުތަކާއި ވީޑިއޯތަކެވެ. މިހެން ގޮސް ޓްވީޓަކަށް ފަހު ޓްވީޓެކެވެ. އަތުގެ ބޮޑުވާ އިނގި ސިކުންތަކުން ސިކުންތަކުން ފޯނުގެ ސްކްރީނު ތިރިން މައްޗަށް ތިރިން މައްޗަށް އުދުހޭ ދޫންޏެއް ފަދައެވެ. ނޭގިހުއްޓާ ކަންބޮޑުވާ ފަދަ އެތަށް ޓްވީޓަކާއި ހަބަރުތަކަކެވެ. ދެރަވާ ފަދަ އެތަށް ވީޑިއޯތަކެކެވެ. މިއީ ނިމުމެއް ނެތް ކަމެކެވެ.
އެންމެ ނޮޓިފިކޭޝަނަކުން، އެންމެ މެސެޖެއް ބަލާލާނަމޭ ހީކުރި މީހާ މިހާރު މީނީ އަހަރެންގެ އަތުގައި އިން ފޯނުގެ ސްކްރީނުން ދައްކާ ދުނިޔެއަށް ގެއްލި ހުސްވެފައެވެ. ވަކި ވަކި މިނެޓު ހިނގަމުން ހިނގަމުން ގަޑިއިރުތަކަކަށް ބަދަލުވެއްޖެއެވެ. އަތުގެ ބޮޑުވާ އިނގިލިން ކުރާ ކޮންމެ ސްކްރޯލްއަކާއި އެކު އަހަރެންގެ ނާރުތަކަށް އެޑިކްޓިވް ވިހައެއް ވަދެގެންދާ ފަދައެވެ. ގަޑިން ވީއިރެއް ރޭކާލީ ފޯނުގައި 5 ޖަހާއިރަށް ސެޓްކޮށްފައިވާ އެލާމް ޖެހުމުންނެވެ. އަހަރެން ފޯނުނަގައިގެން މިހެން ސްކްރޯލް ކުރަން އޮންނަތާ މިހާރު 5 ގަޑިއިރަށް ވުރެ ގިނައިރުވީއެވެ. ސްކްރޯލްކޮށްކޮށް އޮއްވާ ނިދިވެސް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ.
މިއީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ތަޖުރިބާ ކުރެވިފައިވާ ކަމެއްކަން ޔަގީނެވެ. މިއީ ޑޫމްސްކްރޯލިންގއެވެ.
ޑޫމްސްކްރޯލިންގ (ނުވަތަ ޑޫމްސަރފިންގ) އަކީ މާގިނައިން އިންޓަރނެޓުގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނެގެޓިވް ހަބަރުތަކާއި ކޮންޓެންޓްތައް ސްކްރޯލްކޮށް، ބަލާ އަދި ކިޔުމުގެ އާދައަށް ކިޔާ ނަމެކެވެ. މިގޮތަށް އާންމުކޮށް ބަލައި ކިޔާ ހަދާނީ ނެގަޓިވް ނުވަތަ ދެރަވާ، އަހަރުމެންނަށް ރުޅިވެރިކަމާއި ނުތަނަވަސްކަން އިހުސާސްކުރުވާ ފަދަ ކޮންޓެންޓްތަކެވެ.
ނަފްސާނީ ސިއްހަތާއި ބެހޭ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި މިއީ 1970 ގެ އަހަރުތަކުގައި ފެށުނު "މީން ވޯލްޑް ސިންޑްރޯމް" އާއި އެއްފަދަ ކަމެކެވެ. މިސިންޑްރޯމްގައި ވާގޮތުން އަނިޔާވެރިކަމާއި ބިރުވެރިކަން ތަހައްމަލު ކުރާ މިންވަރު ގިނަވާ މިންވަރަކަށް އަހަރުމެންގެ ދުނިޔޭއަކީ ނުރައްކާތެރިތަނެއް ކަމަށް އަހަރުމެންނަށް ގަބޫލުކުރެއެވެ. އަދި އޭގެ ސަބަބުން ކަންބޮޑުވެ، އެފަދަ ބިރުވެރި ހަބަރުތައް ހޯދާ، ކިޔާ އަދި ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް އަހަރުމެންނަށް ވަދެވެއެވެ.
ބަހުގެ ބައިތަކަށް ބަލާލައިފިނަމަ، "ޑޫމް" މިބަހުން ދޭހަކޮށްދެނީ މަރާއި، ހަލާކާއި، އެހެން ބިރުވެރިކަންތައްތަކެވެ. އެންމެ ކުރިން މިބަސް ބޭނުންކުރި "ސަރފިންގ" މިބަހާއިއެކުގައެވެ. މީގެ މާނަ އަކީ އިންޓަރނެޓުގައި އެކިއެކި މައުލޫމާތާއި ކޮންޓެންޓް ހޯދުމެވެ. "ސްކްރޯލިންގ" ބޭނުންކުރެވެން ފެށީ ޑިވައިސްތަކުގައި އަހަރުމެން އެންމެންވެސް ތަޖުރިބާކޮށްވައިވާ ކޮންޓެންޓް ހޯދުމަށް މައުސް ނުވަތަ އިނގިލީގެ ހަރަކާތަށް ބިނާކޮށެވެ.
ޑިކްޝަނަރީ.ކޮމްގައި ބުނެފައިވާ ގޮތުން ޑޫމްސްކްރޯލިންގ މިބަސް ފުރަތަމަ ރެކޯޑު ކުރެވިފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި މިއީ 2020 ގެ އޮގަސްޓް މަހުގެ ތެރޭގައި އެންމެ މަގުބޫލު ބަހެވެ. މެކުއަރީ ޑިކްޝަނަރީއިން ވަނީ 2020 ވަނަ އަހަރުގެ ބަސްތަކުގެ ތެރޭގައި ވެސް މިބަސް ހިމަނާފައެވެ.
މިބަސް މަޝްހޫރުވާން ފެށީ 2020ގެ ކުރީކޮޅުގައެވެ. މިކަމުގެ ފަހަތުގައި އެދުވަސްކޮޅު ހިނގާފައިވާ އެތަށް ކަންތައްތަކެއް ހިމެނެއެވެ. އެއް ކަމަކީ ކޮވިޑް-19 ޕެންޑަމިކްއެވެ. ކޮވިޑްއާއި ގުޅިގެން ފެތުރޭ ނެގަޓިވް ހަބަރުތަކާއި، ފޭކް ހަބަރުތަކުގެ ސަބަބުން މިކަން އިތުރުވެގެން ދިޔަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ކޯވިޑް-19 ގެ ދުވަސްވަރު ޓްވިޓަރ ބޭނުންކުރާ މީހުންގެ މެދުގައި ޑޫމްސްކްރޯލިންގ ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ. މީގެ އިތުރުން 2020 ގެ އެމެރިކާގެ ރިޔާސީ އިންތިހާބު، 2020ގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި ޖޯޖް ފްލޮއިޑް މުޒާހިރާތަކުގެ ސަބަބުން ވެސް ޑޫމްސްކްރޯލިންގ އިތުރުވިކަމަށް ރިކޯޑް ކުރެވިފައިވެއެވެ. (އޭބީސީ ނިއުސް އަދި ޔުނިވަރސިޓީ އޮފް ފްލޮރިޑާ ނިއުސް)
އެންމެ ފަހުގެ ހަބަރުތަކުގެ ތެރޭގައި 2022 އިން ފެށިގެން ރަޝިޔާއިން ޔޫކްރޭނަށް ދޭ ހަމަލާތަކާއި، 2023 ގައި އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ހަބަރުތަކާއި ގުޅިގެން ޑޫމްސްކްރޯލިން ވަނީ އިތުރުވެފައެވެ. (ދަ ގާޑިއަން އަދި ދަ އެޓްލާންޓިކް ނިއުސް). މޫސުމަށް އަންނަ ބަދަލާ ގުޅޭ ހަބަރުތަކަކީ ވެސް މިފަދައިން ނުތަވަސްކަން ގެނުވާ ހަބަރުތައްކަމަށް ނެދަރލޭންސްގެ ޔުނިވަރސިޓީއެއްގައި ކޮށްފައިވާ ދިރާސާއަކުން ހާމަވެއެވެ.
2019 ވަނަ އަހަރު ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސްއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ޑޫމްސްކްރޯލިންގގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު އަސަރުކުރުމުގެ ޗާންސް ވަރަށް ބޮޑެވެ.
މިއާދައިގެ ސަބަބުން އެއް ޕޯސްޓުން އަނެއްޕޯސްޓަށް، އެއް ހަބަރުން އަނެއް ހަބަރަށް ކްލިކްކޮށް، ނިމުމެއްނެތް އަނދަވަޅަކަށް އަހަރުމެން ވެއްޓިދެއެވެ. އެއް ޕޯސްޓް ކިޔުމަށް ފަހު އަނެއްކާ އެހަބަރާއި ބެހޭ އެހެން މައުލޫމާތު ހޯދާނަމޭ ހިތަށްއަރާ އިތުރު އެހެން ހަބަރުތައް ކިޔައެވެ. "އަދި އެންމެ ހަބަރެއް" ބަލާލާނަމޭ ހިތުލައި، އެއް ހަބަރުން ކުރިފަޅައި އަނެއް ހަބަރަށް ގޮސް، ފުންމިން ނޭގޭ ކަނޑަކަށް ފީނާ ފަދައިން އެހަބަރުތަކުގެ ތެރެއަށް ވަދެ ވަގުތާއި ކުރަންހުރި ކަންތައްތަކާއި ކަންކަން ވަގުތީގޮތުން ހަނދާންނެތޭ ހިސާބަށް ދެއެވެ.
މިގޮތަށް އެއް ހަބަރުން އަނެއް ހަބަރަށް ދިޔުމުގެ ތެރޭގައި އަހަރުމެންގެ ނުތަނަވަސްކަން އިތުރުވެ، މޫޑު ސަކަރާތްވެއެވެ. މީހަކު ހާލަކުން ފަހަރަކު ނުވަތަ ދުވާލަކު އެއް ފަހަރު މިފަދަ ހަބަރެއް ކިޔާލި ނަމަވެސް ގެއްލުމެއް ނެތްތާއޭ ހިތަށް އަރާފާނެއެވެ. އެހެން ނަމަވެސް ފޯނާއި ނުވަތަ އިންޓަރނެޓާއި ދުރަށްގޮސް ބްރޭކެއް ނެގިނަމަވެސް އެކަންތަކާމެދު ވިސްނާ، ދެވަނަ ފަހަރަށް، ތިންވަނަ ފަހަރަށް ވެސް އަނެއްކާ އިންޓަރނެޓަށް އަރާ އެކަމާއި ބެހޭގޮތުން ހޯދާ ކިޔާ ހިސާބަށްވެސް ދެއެވެ. މިއީ ފަހުގެ ހަބަރުތަކަށް އަހުލުވެރިވެ މައުލޫމާތު މުއްސަނދިވުމެއް ނޫނެވެ. މިއީ ނަފްސާނީގޮތުން އަހަރުމެންނަށް ކުރިމަތިވާ އެޑިކްޝަނެކެވެ. އެކި ދުވަސް މަތިން ފެންނަ އެކި ކޮންޓެންޓް ތަފާތު ވިނަމަވެސް ކޮންމެ ހަބަރަކާއި އެކު އަހަރުމެންގެ ޖަޒުބާތުތަކަށް އެއްގޮތަކަށް އަސަރުކުރެއެވެ.
2022 ގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް މީހަކު ދުވާލަކު 3 ގަޑިއިރާއި 15 މިނެޓު ޑޫމްސްކޯލްކުރުމަށް ހޭދަކުރެއެވެ. ހާވަރޑް މެޑިކަލް ސްކޫލްގެ ސައިކިއޭޓްރިކް ޕްރޮފެސަރ ޑރ. ޖޯން ރޭޓީ ހާމަކުރާގޮތުގައި ޑޫމްސްކްރޯލިންގއަކީ ދެވިހިފާ ބާވަތުގެ އާދައެއްކަމަށްވާތީ، އޭގެ ސަބަބުން ގެއްލެނީ ހަމައެކަނި ވަގުތެއް ނޫނެވެ. މީހާ ނަފްސާނީ ގޮތުން ނުރަނގަޅު އަސަރު ކުރުވާ، ހާސްކަން އިތުރުވާ ގޮތްވެސް ވެއެވެ."
ގިނަ އަދަދަކަށް ނެގަޓިވް ހަބަރު ކިޔާ ފަރާތްތަކަށް، ޑިޕްރެޝަން، ހާސްވުން، އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ (އޯސީޑީ)، ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ފަދަ ނަފްސާނީ އުނދަގޫތައް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ.
އަހަރުމެން ޑޫމްސްކްރޯލްކުރާ އެތަށް ސަބަބުތަކެއް އެބަހުރިއެވެ.
މަޝްހޫރު ސައިކޯތެރަޕިސްޓެއްކަމަށްވާ ޑރ. ހިލްޑާ ބަރކް ބުނާގޮތުން، އަހަރުމެން ކާނާއަށް ދަހިވެތިވާ ފަދައިން އަހަރުމެންގެ ސިކުނޑި މައުލޫމާތަށް ވެސް ދަހިވެތިވެއެވެ. އޭނާ ބުނާގޮތުން މިއީ އެތަށް އަހަރުތަކަކުން އިންސާނުން ތަރައްގީވެގެން އަންނަމުންދާ ގޮތް ދިރާސާކުރާ ސައިންސްގެ ދާއިރާއެއްކަމަށްވާ އިވޮލޫޝަނަރީ ސައިންސުން ފެންނަ ހަގީގަތެކެވެ.
ފޯނުތަކުގައި ސްކްރޯލް ކުރުމުން އަހަރުމެންގެ ސިކުނޑީތައް ޑޯޕަމީން ރަޝްއެއް ތަޖުރިބާ ކުރެއެވެ. އާންމުކޮށް ހަބަރުތަކާއި ސޯޝަލް މީޑިއާ ޕޯސްތައް ހުންނަނީ މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ގޮތްތަކަށެވެ. ހަބަރުތަކުގެ ސުރުހީތައް ނުވަތަ ޕޯސްޓްތަކުގެ އެންމެ ފުރަތަމަ ފެންނަން ހުންނަ ޓެކްސްޓް ނުވަތަ ފޮޓޯތައް ހުންނަނީ ސަމާލުކަން ހޯދާ ނުވަތަ ޝައުގުވެރިކަން އުފެދޭ ގޮތަށެވެ.
ދެން އިންސާނުންގެ ސިކުނޑި އުފެދިފައިވާ ގޮތުން އަހަރެމެން ޕޮޒިޓިވްއަށް ވުރެ ނެގެޓިވް މައުލޫމާތަށްދޭ ސަމާލުކަން ބޮޑެވެ. ކުރިން ޑރ. ބަރކް ބުނެފައިވާ ފަދައިން އަހަރުމެން އުފެދުމުގައި (އިވޮލޫޝަން) ނުރައްކަލަށް ސަމާލުވުމަށް ވަނީ ދަސްވެފައެވެ. އިނގިރޭސިން ބުނާނަމަ އެއީ އިންސާނުންގެ "ސަވައިވަލް އިންސްޓިކްޓް"އެވެ. މިހާރު އަހަރުމެނަށް ކެނޑިނޭޅި ފެންނަމުންދާ ނެގަޓިވް ހަބަރުތަކުގެ ސަބަބުން އަހަރުމެންގެ މިއިންސްޓިކްޓް އަހަރުމެންގެ މައުލޫމާތު ހޯދުމުގެ ޝައުވެރިކަމުގެ މަޅީގައި ޖައްސައެވެ. އޭގެ ސަބަބުން ގެއްލުން ލިބޭކަން އެނގޭ ހާލުގައެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގެ އެލްގޮރިދަމްތައް ހުންނަނީ އެއް ބާވަތުގެ ހަބަރު ނުވަތަ ޕޯސްޓް ބަލައިފި މީހަކަށް އޭގެ އެތަށް ހަބަރުތަކެއް ފެންނަގޮތަށް ތައްޔާރުކޮށްފައެވެ. މީގެ ސަބަބުން އަދި ކުރިން ނުފެންނަ މައުލޫމާތެއް ހުރެދާނެކަމަށް ތަކުރާރުކޮށް އެއް ހަބަރުތަކެއް ބަލައެވެ. ދެން އެކަމެއްގެ ތެރެއަށް ވަދެވި އަހަރުމެންގެ ޖަޖުބާތުތަކަށް އަސަރުކުރުވާ، އެކަމުން ދުރަށް ދާން ނުވަތަ ވަކިވާން އުނދަގޫވެއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން އަހަރުމެންގެ ތެރެއިން ގިނަ ބައެއް މައްޗަށް އެންމެ ފަހުގެ ހަބަރުތައް އެނގުން މަޖުބޫރު ކުރުވައެވެ. އެއީ އެންމެ އާދައިގެ ބޭކާރު ގޮސިޕާއި ޑްރާމާކަމަށް ވިޔަސް ނުވަތަ ސީރިއަސް ހަބަރުތައް ވިޔަސް، އަހަރުމެން އެނގެން ބޭނުންވެއެވެ. މިގޮތަށް ކަންތައްތަކަށް ނޭގުމުގެ ބިރެއް (ފިއަރ އޮފް މިސިންގ އައުޓް (FOMO)) މިހާރު އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ތަޖުރިބާ ކުރެއެވެ. ކިތަންމެ ނެގަޓިވް ހަބަރެއް ފެނުނު ނަމަވެސް ގިނަ ބަޔަކު ސްކްރޯލް ކުރަނީ މިބިރުވެރިކަމާއި ހެދިއެވެ.
މީގެ އިތުރުން އަހަރުމެންގެ ޑިވައިސްތަކުގެ ސެޓިންތައް ހެދިފައިވާ ގޮތުން ނޮޓިފިކޭޝަންތަކާއި އެލަރޓްތައް އަންނަ ގޮތަށް ސެޓްކޮށްފައި ހުރުމަކީވެސް މިކަން ގިނައިން ކުރުމަށް މަގުފަހިވާކަމެކެވެ. އަހަރެމެންގެ ފޯނުތަކުގެ މެދުނުކެނޑި އިވޭ ޕިންގްތަކާއި ބަޒް އަޑުތަކުގެ ސަބަބުން ކޮންމެ ކަމަކީ ވެސް އަވަސް އަވަހަށް ބަލަން ޖެހޭ ކަމެއް ގޮތަށް އިހުސާސް ކުރުވައެވެ. އެއީ ކިތައްމެ ނެގަޓިވް ކަމެއް ވިނަމަވެހެވެ.
ފުރަތަމަ ކަމަކަށް އަހަރުމެންގެ ފޯނުން އެލަރޓްތަކާއި ނޮޓިފިކޭޝަންތައް އަންނަ ގޮތަށް ހުރި ސެޓިންގތައް ބަދަލުކުރާށެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ނޮޓިފިކޭޝަންއެވެ. ކިތަންމެ ޝައުގުވެރި އަދި ކިތަންމެ މުހިއްމު ހަބަރެއް ވި ނަމަވެސް އެހަބަރު ފަހުން ކިޔުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. ބްރޭކިންގ ގަޑީގައި ހަބަރު ކިޔުމަށް ވުރެ، ހުރިހާ މައުލޫމާތެއް ލިބޭނެ ފަދަ މުއްދަތެއް ފަހުން އެހަބަރު ކިޔުން މާ ފައިދާ ބޮޑެވެ. އެއީ އެހާ ހިސާބުން ހަބަރުގެ ހުރިހާ ކަމެއް އޮންނާނީ ތަފްސީލުތައް އެނގޭ ހިސާބުގައެވެ. އަދި ނޭގޭ ކަންތައްތައް އޮޅުން ފިލުވާ ހުރިހާ ސުވާލުތަކަށް އޮންނާނީ ޖަވާބު ލިބިފައެވެެ. އެންމެ ތަނަކުން އެހަބަރު ކިޔައިގެން ފުދޭނެއެވެ.
ދެން ހަބަރު އަދި ސޯޝަލް މީޑިއާ ޗެކްކުރުމަށް ވަކި ގަޑިތަކެއް ކަނޑައަޅާށެވެ. މިހެން ބުނި ނަމަވެސް މާގިނަ ވަގުތުތަކެއް ނޫނެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައާއި މީހާ ވަރުބަލިވެފައިވާ ވަގުތުތަކުގައި ހަބަރު ޗެކްކުރުމުން ދުރުހެލިވާށެވެ. އެއީ ހާއްސަކޮށް އަހަރުމެންނަށް އަރާމާއި ރެސްޓް ބޭނުންވާ ވަގުތުތަކުގައި ނެގަޓިވް ކަންތައްތަކާއި ވީހާވެސް ދުރުގައި ހުރުމުން މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާނެއެވެ.
ކޮންމެހެން ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން އެދޭނަމަ އެއެޕްތަކުގެ އަލްގޮރިދަމްތަކަށް ތިމާގެ ރަނގަޅު ހަބަރުތަކާއި އުފާވެރިކަން ގެނެސްދޭ މައުލޫމާތު ފެންނަ ގޮތް ހަދާށެވެ. ކުރާ ހިތްވާ، އުފާވާ ކަމެއް ނުވަތަ ހޮބީއެއްގެ ޕޯސްޓްތައް ހޯދާށެވެ. އަދި ރަގަޅު ހަބަރުތައް ސަރޗްކުރާށެވެ. އޭރުން ދެން ގިނައިން ފެންނާނީ ޝައުގުވެރި ރިލެކްސް ވާފަދަ ޕޯސްޓަތަކާއި އުފާވެރި ހަބަރުތަކެވެ.
ދުނިޔޭގައި ހިނގާ ކަންތައްތަކަށް ހޭލުންތެރިވުމަކީ، (އެއީ ރަނގަޅު ކަންކަމަށް ވިނަމަވެސް އަދި ނުރަނގަޅު ކަންކަމަށް ވިނަމަވެސް) އަހަރުމެން އެންމެންނަށްވެސް މުހިއްމު، ދިރިއުޅުމުގެ ބޮޑު ބައެކެވެ. އެހެންނަމަވެސް އެކަމުގައި ބެލެންސެއް ހޯދުމަކީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ދެން ޑޫމްސްކްރޯލިންގ ސްޕައިރަލްއެއްގައި ޖެހިއްޖެނަމަ، ވިސްނާލާށެވެ. އަދި ޑިވައިސްއިން ކުރަން ހުރި ކަމެއް ހުއްޓާލާ، ދުރަށް ޖެހިލާށެވެ. އަދި އަމިއްލަ ނަފްސަށް ސުވާލުކޮށްލާށެވެ. "އަހަރެން އަސްލު މިހޯދަނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި މިކަމުން އަހަރެންނަށް ލިބޭނީ ފައިދާ ހެއްޔެވެ؟ ނޫނީ ގެއްލުން ހެއްޔެވެ؟" މިކަމާ ވިސްނާލައިފިނަމަ، މި ގެއްލުން ދެނިވި އާދަ ކެނޑުވިދާނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް