އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ ސީރީޒް 9 އަދި އަލްޓްރާ 2 ސްމާޓްވޮޗް މޮޑެލްތަކުން ބްލަޑް އޮކްސިޖަން މެނޭޖްމަންޓް ފީޗާ އުނިކުރަން ނިންމައިފިއެވެ. އެޕަލް އިން މިގޮތަށް ނިންމާފައި މިވަނީ މިހާރު ހިނގަމުންދާ ގާނޫނީ މައްސަލައެއްގައި އެ ޑިވައިސްތައް އެމެރިކާއަށް އިމްޕޯޓް ކުރުން މަނާކުރުމުން ސަލާމަތްވުމަށް އެޕަލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ) އިން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މި މަނާކުރީ އެޕަލް ވޮޗުން ޕަލްސް އޮކްސިމެޓްރީ ޓެކްނޮލޮޖީ ބޭނުންކުރުމަކީ މެޑިކަލް ޑިވައިސް އުފައްދާ ކުންފުނި މަސިމޯގެ އަތުގައި ހުރި ޕެޓެންޓްތަކާ ހިލާފު ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް އޭގެ ފަހުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން ވަނީ ލޭގެ އޮކްސިޖަން ކެޕޭސިޓީ ނެތި އަލަށް ޑިޒައިންކޮށްފައިވާ އެޕަލް ވޮޗްތަކަށް ހުއްދަ ދީފައެވެ.
އެޕަލް އިން އަލުން ޑިޒައިންކޮށްފައިވާ ގަޑިތަކުގެ ސީބީޕީ ކްލިއަރެންސް ހާމަކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މަސިމޯ އިން ނެރުނު ބަޔާނެއްގައެވެ. އައިޓީސީ ޑިވައިސް މަނާކުރި މައްސަލަ އެޕަލް އިން އަދިވެސް ފެޑެރަލް ކޯޓުގައި އިސްތިއުނާފު ކުރަމުން އަންނައިރު، ބްލަޑް އޮކްސިޖަން އެޕް ނައްތާލުމަކީ އެޕަލް ވޮޗް ވިއްކާ ފިހާރަތަކުގެ ވަތްގަނޑު ތަކުން އެގަޑިތައް ނުނެގުމަށް ކުރެވެން އޮތް ހަމައެކަނި މަސައްކަތެވެ.
މިއީ އެޕަލްގެ ކަސްޓަމަރުންނަށް އަމިއްލައަށް ސިއްހީ ދުޅަހެޔޮކަން ޓެސްޓްކޮށްލުމަށް ލިބުނު އިތުބާރުހުރި ފުރުޞަތެއް ތައާރަފްކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބުނު ހައިރާންކުރުވަނިވި ގެއްލުމެވެ. ނަމަވެސް އެޕަލްގެ އޮޕަރޭޝަން ޓީމުތަކުން ރިޓެއިލް ލޮކޭޝަންތަކަށް ފޮނުވުމަށް ބްލަޑް އޮކްސިޖަން އެޕް އާ ނުލައި ސްޓޮކް ތައްޔާރުކުރަމުން އަންނައިރު، އެޕަލް އިން އުންމީދުކުރަނީ އެމައްސަލަ އިސްތިއުނާފްގެ މަރުޙަލާއިން އެޕަލްއަށް ކާމިޔާބުވާނެކަމަށެވެ.
ނަމަވެސް އެމެރިކާއިން ބޭރުގައި ވިއްކާ މޮޑެލްތަކުން ވެސް މި ފީޗާ ލިބެން ހުންނާނެ ކަމަށާއި މީގެ ކުރިން ގަނެފައިވާ ގަޑިތަކުން ވެސް ލޭގެ އޮކްސިޖަން ލެވެލް ބެލުމުގެ ގާބިލްކަން ދަމަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފިޓްނަސްއަށް ޝައުގުވެރިވާ ފަރާތްތަކަށާއި ސިއްހަތަށް ހޭލުންތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެޕަލްއިން އިތުރުކުރި މިފީޗާ އެޕަލް ވޮޗްތަކުން ނަގައިފިނަމަ ޑިވައިސްގެ ވެލިއު ޕްރޮޕޯޒަލަށް ގެއްލުމެއް ލިބޭނެކަން ޔަގީނެވެ. ނަމަވެސް އެޕަލް އިން އެންމެ ފަހުން އިސްކަން ދިނީ ސަޕްލައި އާއި ސޭލްސް އަށް ދިމާވި ހުރަސްތަކުން ދުރުހެލިވުމަށެވެ.
އޮކްސިޖަން މޮނިޓަރިން އެޕްލިކޭޝަން އަލުން އިއާދަ ކުރުމުގެ އުއްމީދުގައި އެ ކުންފުނިން ދަނީ ޕެޓެންޓް ހިލާފުވުމުގެ ނިންމުމާ ދެކޮޅަށް ގާނޫނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.