ކައިރޯސް ޕަވަރގެ 'ހަރމިސް' ނޮން ޕަވަރ ޓެސްޓް ރިއެކްޓަރ ހެދުމަށް އެމެރިކާގެ ނިއުކްލިއާ ރެގިއުލޭޓަރީ ކޮމިޝަން (އެންއާރުސީ) އިން ހުއްދަ ދީފައިވެއެވެ. މިއީ މޮލްޓެން-ސޯލްޓް ރިއެކްޓަރެއް ބިނާކުރުމަށް 50 އަށްވުރެ ގިނަ އަހަރަށްފަހު ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
ހަރމިސް ރިއެކްޓަރަކީ ކައިރޯސް ޕަވަރގެ އެޑްވާންސްޑް ރިއެކްޓަރ ޑެމޮންސްޓްރޭޝަން ޕްރޮގްރާމްގެ ދަށުން ބިނާކުރެވޭ ރިއެކްޓަރެކެވެ. މީގެ މަޤުސަދަކީ ނިއުކްލިއާ ޓެކްނޮލޮޖީ ހެދުމަށް އައު ނިޒާމެއް ޓެސްޓުކޮށް އޭގެން މުސްތަޤުބަލުގައި ލާރިހޯދުމަށް މަގެއް ހޯދުމެވެ.
އާންމު ރިއެކްޓަރުތަކާ ހިލާފަށް ހަރްމީސް ބޭނުންކުރަނީ ލިތިއަމް ފްލޫރައިޑް (LiF) އާއި ބެރިލިއަމް ފްލޫރައިޑް (BeF2)، އާންމު ބަހުރުވައިބްނަމަ، FLiBe، އިން ހަދާފައިވާ މޮލްޓެން ސޯލްޓް ކޫލަންޓެކެވެ. މި ކޫލަންޓަކީ ސަލާމަތީ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ނިއުކްލިއާ ކަރަންޓް އުފެއްދުމަށް އިތުރު ލުއިފަސޭހައެއް ގެނެސްދޭ އެއްޗެކެވެ.
އާންމު ގޮތުގައި ނިއުކްލިއާ ރިއެކްޓަރުތަކުގައި ޕްރައިމަރީ ކޫލަންޓަކަށް ބޭނުންކުރަނީ ފެނެވެ. ވަރަށް ހޫނު ފިނިހޫނުމިންތަކުގައި ފެން ކައްކައިގެން ދިއުން ހުއްޓުމަށްޓަކައި ފެނުގެ ޕްރެޝަރު ވަރަށް މަތި ކުރަންޖެހެއެވެ. މީގެ ބަދަލުފައި މޮލްޓެން-ސޯލްޓް ބޭނުންކުރުމުން މިގޮތަށް ޕްރެޝަރު މަތިކުރަން ޖެހުމުގެ މައްސަލަ ހައްލުވެގެންދެއެވެ. މިކަމުގެ ސަބަބުން އާދައިގެމަތިން ބޭނުންކުރަންޖެހޭ ޕްރެޝަރ ވެސެލްތަކާއި ނުލާ މި ރިއެކްޓަރު މަސައްކަތްކިރެއެވެ. މިކަމުގެ ސަބަބުން ރިއެކްޓަރ ޑިޒައިންތައް އިތުރަށް ކުޑަވެ، ދުރު ސަރަހައްދުތަކާއި ކަނޑުގެ އުޅަނދުތައް ހިމެނޭ ގޮތަށް ތަފާތު ތަންތަނުގައި ބޭނުން ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދެއެވެ.
މި ޓެސްޓް ރިއެކްޓަރ އަޅަން ހަމަޖެހިފައިވަނީ އޯކް ރިޖްގައި ހުންނަ އީސްޓް ޓެނެސީ ޓެކްނޮލޮޖީ ޕާކް ހެރިޓޭޖް ސެންޓަރ ސައިޓްގައެވެ. އޯކް ރިޖްއަކީ މެންހެޓެން ޕްރޮޖެކްޓާ ގުޅުން ހުރި ތަނަކަށް ވާއިރު، ދުނިޔޭގެ ފުރަތަމަ މެދުކެނޑުމެއްނެތި ހިންގާ ނިއުކްލިއާ ރިއެކްޓަރ އުފެދުނު ތަނެވެ. އޯކް ރިޖް ނޭޝަނަލް ލެބޯޓްރީ (އޯއާރުއެންއެލް) އިން ކައިރޯސް ޕަވަރ އާއި ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދެ އެވެ.
100 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ބޭނުމަކީ މި ޓެކްނޮލޮޖީގެ ވަޔަބިލިޓީ ދައްކުވައިދިނުމެވެ. 35 މެގަވޮޓްގެ ހޫނުން ހަކަތަ އުފައްދާ މި ރިއެކްޓަރުގައި ބޭނުންކުރާނީ މޮލްޓެން-ސޯލްޓް ކޫލަންޓާއި ޓްރިސޯ ޕާޓިކަލް ފިއުލް ކަމަށެވެ. މި ފިއުލް އެންމެ ފުރަތަމަ ފެނުނީ އޯއާރުއެންއެލް އިން ކަމަށްވީއިރު، މި ފިއުލް މިވަގުތު އުފައްދާނީ ކައިރޯސް ޕަވަރ އާއި ލޮސް އަލަމޯސް ނޭޝަނަލް ލެބޯޓްރީއާއި ގުޅިގެންނެވެ. މި ބޭނުންކުރާ ޓެކްނޮލޮޖީއަކީ އާންމު ނިއުކްލިއާ ޓެކްނޮލޮޖީއާ އަޅާބަލާއިރު ރައްކާތެރި، އަގުހެޔޮ އަދި ސްކޭލް ކުރެވޭނެ ޓެކްނޮލޮޖީއަކަށް ވާނެ ކަމަށް ބެލެވެ އެވެ.
އާވައްތަރު ތަކުގެ ނިއުކްލިއާ ރިއެކްޓަރު ބިނާކުރުމަށް ވަރަށް ގިނަ ބަޔަކު މީގެ ކުރިންވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މިކަމުގެ ހަރަދާއި ލިބިދާނެ އާމްދަނީ އާއި އަޅާ ބަލާފައި ހަމަނުޖެހުމުގެ ސަބަބުން ހުއްޓާލާފައިވެއެވެ. މި ރިއެކްޓަރަކީ މިފަދަ ޕްރޮޖެކްޓަކަށްތޯ ނުވަތަ ނިއުކްލިއާ އެނާޖީގެ ކާމިޔާބު މިސާލެއްތޯ އަދި އެނގިފައި ނުވެއެވެ. ނަމަވެސް ކައިރޯސް ޕަވަރގެ އުންމީދަކީ މީގެން އެހެން ޕްރޮޖެކްޓުތަކަށް އެއްބާރުންލުން ލިބުމެވެ. މުސްތަޤުބަލުގައި މި ޓެސްޓުގެ ނަތީޖާއާއި ބިނާކޮށްފައި 'ހަރމިސް 2'ގެ ދަށުން ހަކަތަ ވިއްކުމަށް އެހެން ރިއެކްޓަރެއް ބިނާކުރުމަށް ރާވާފައިވެއެވެ. މިކަމަށް ހުއްދަ ހޯދުމަށް މިވަގުތު އެމީހުން މަސައްކަތްކުރަމުން އެބަދެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.