ގޫގަލް ޕްރައިވަސީ ސޭންޑްބޮކްސްއިން ކުކީސް އުވާލަނީ

އަޝްނާ ރަޝީދު 25 ޖެނުއަރީ 2024

ގޫގަލްއިން 4 ޖެނުއަރީ 2024 އިން ފެށިގެން އެމީހުންގެ ބައެއް ކްރޯމް ޔޫޒަރުންނަށް އެހެން ފަރާތްތަކުގެ ކުކީޒް ޑިސްއޭބަލް ކުރަން ފަށާފައެވެ. މި ބަދަލުގެ ސަބަބުން ގާތްގަނޑަކަށް 30 މިލިއަން ކްރޯމް ޔޫޒަރުންނަށް އަސަރު ކުރާނެކަމަށް ގޫގަލްއުން ހާއްމަކޮށްފައިވެއެވެ.ގޫގަލް ގެ ޕްރައިވެސީ އިނިޝިއޭޓިވްގެ ދަށުން އަޅާފައިވާ މި ފިޔަވަޅުގެ ސަބަބުން ކްރޯމް ބޭނުންކުރާ ފަރާތްތަކުގެ 1 އެކެއް އިންސައްތަ މީހުންނަށް އަސަރުކުރާނެއެވެ. ޕްރައިވެސީ ސޭންޑްބޮކްސް މަސައްކަތް ކުރަނީ ޔޫޒަރުގެ ޕްރައިވެސީ ރައްކާތެރިކުރުމުގެ ގޮތުން ކުކީސް ބޭނުންކުރާ ގޮތައް ބަދަލެއް ގެނުމަށެވެ.

މި ގޮތުން އިފްތިތާހު ކޮށްފައިވާ ޓްރެކިން ޕްރޮޓެކްޝަން ފީޗާރ އަކީ މި ލަނޑުދަނޑި ހާސިލުކުރުމުގެ ގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. އެއީ މުޅި ވެބްގައި ޔޫޒަރުން ޓްރެކް ކުރުމަށް އެހެން ފަރާތެއްގެ ކުކީޒް ބޭނުންކުރުމަށް ސައިޓްތަކަށް ހުރަސްއަޅާ އައު ފީޗަރެކެވެ. މިއީ ޔޫޒަރުންގެ ޕްރައިވެސީ ރަނގަޅުކުރުމުގެ އިތުރުން، އިޝްތިހާރު ކުރާ ފަރާތްތަކަށް ޓާގެޓްޑް އިޝްތިހާރުތައް ދިނުމުގެ އިތުރު ފަސޭހަކަމެއް ލިބިފައިވާ ކަމެކެވެ. އާދައިގެ ކުކީސްތަކާ ހިލާފަށް، ގޫގަލްގެ މި އައު ނިޒާމުން ޔޫޒަރުން ޝައުގުވެރިކަން ހުންނަ އެއްޗިއްސަށް ބަލާފައި ގްރޫޕްކުރެވެއެވެ. މި ގްރޫޕުތައް އުފެދިގެންދަނީ އެ ޔޫޒަރެއް އެންމެ ފަހުން ބްރައުޒް ކޮށްފައިވާ އެއްޗަކަށް ބަލާފައެވެ. މި މައުލޫމާތު ރައްކާކޮށް އަދި ޕްރޮސެސްކޮށްފައި ހުންނަނީ އެ ޔޫޒަރެއްގެ ޑިވައިސްގައެވެ. އަދި މި މައުލޫމާތު ރަފެއްކާކުރެވެނީ އެންމެ ތިން ހަފްތާ ދުވަހަށެވެ.

މި ބަދަލުގެ އަސަރު ބޭނުންކުރާ ޔޫޒަރސްއަށް ފެންނާނީ ބްރައުޒާ ހުޅުވާލުމުން ޓްރެކިން ޕްރޮޓެކްޝަން އެންމެ ފުރަތަމަ ޔޫޒަރުންގެ ތެރޭގައި ހިމެނިފައިވާކަން އަންގައިދޭ ނޯޓިފިކޭޝަނެއް ފެނިގެން ދާނެއެވެ.

ގޫގަލްގެ އަމާޒަކީ 2024 ވަނަ އަހަރުގެ މެދުތެރޭގައި އެމީހުންގެ ހުރިހާ ކްރޯމް ޔޫޒަރުން އެހެން ފަރާތެއްގެ ކުކީޒްތަކާ ދުރަށް ގެންދިއުމެވެ. އެމީހުންގެ ވެބް ބްރައުޒާ ކްރޯމް އަކީ ދުނިޔޭގެ ބްރައުޒާ މާކެޓް ހިއްސާގެ ދެބައިކުޅަ އެއްބައި ކަމަށް ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް މި ބަދަލުން އަސަރުކުރާނެކަމަށް ލަފާކުރެވެއެވެ.

މި ބަދަލަށް ތައްޔާރުނުވާ ވެބްސައިޓްތަކަށް މި ބަދަލުން އަސަރުކޮށްފާނެތީ ގޫގަލްއިން ވަނީ އެހެން ފަރާތެއްގެ ކުކީޒް އަށް ވަގުތީ ގޮތުން އަލުން ބޭނުންކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައެވެ.ޔޫޒަރުންނަށް މި ފީޗާރ ބޭނުންކޮށްގެން ކޮމްޕެޓިބިލިޓީ މައްސަލަތައް ކުރިމަތިވާ ސައިޓްތަކުގައި އެއްވެސް ބުރޫއެރުމަކާއި ނުލައި ބޭނުންކުރެވެމުން ދެވިދާނެއެވެ.

މި ބަދަލުތަކާއި މެދު ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރެގިއުލޭޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވަނީ މިކަމުގެ ސަބަބުން ގޫގުލްގެ ނުފޫޒު އިތުރަށް ވަރުގަދަ ވުމެވެ. އެހެން ފަރާތްތަކުން މި ބަދަލުތައް ސައިޓުތަކުގައި ތަންފީޒުކުރުމަށް އުނދަގޫ ވެދާނެ ކަމުގެ ބިރު ހިއްސާކޮށްފައިވެއެވެ. މިކަމުގެ ރައްދުގައި ގޫގަލުން ވަނީ ގިނަ ފަރާތްތަކުގެ ކަނބޮޑުވުންތަކަށް ޖަވާބުދީ މި މައްސަލަތަކަށް ހައްލެއް ހުށްހަޅާފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.