ސްމާޓްފޯނުގެ ޖަރާސީމު މަދުކޮށްލުމަށް ޑީޕް ކްލީން ކޮށްލައްވާ!

އަޝްނާ ރަޝީދު 25 ޖެނުއަރީ 2024

އަޅުގަނޑުމެން މިޒަމާނުގައި އަބަދުވެސް ފޯނު ބޭނުންކުރަމުން ދަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ފޯނުތައް ސާފުކުރަނީ ކިހާ ގިނައިންތޯ؟ 2017 ސުކޫލުކުދިންގެ މެދުގައި ކުރި ދިރާސާއެއް ދައްކައިދޭ ގޮތުގައި ސްމާޓު ފޯނުގެ ސްކްރީނުތަކުގައި އީ.ކޮލައި އާއި ސްޓެފިލޮކޮކަސް އޯރިއަސް ފަދަ ނުރައްކާތެރި ޖަރާސީން ފެނިފައިވެއެވެ. ފާއިތުވެގެން ދިޔަ ކޮރޯނާ ވައިރަސާއި އާންމުވެފައިވާ ރޯގާތަކާމެދު ވިސްނާއިރުގައި މިގޮތައް ފޯނުތަކުގައި ޖަރާސީން އެއްވުމަކީ ސިއްހީގޮތުން ވަރަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ފޯނުގައި ޖަރާސީން އެއްވުމަކީ ހާސްވާންޖެހޭ ކަމެއް ނޫނެވެ. މިކަމަކީ ވަރަށް ފަސޭހަ ހައްލެއް އޮތްކަމެކެވެ. ގަވައިދުން ފޯނު ރަނގަޅަށް ސާފުކުރުމުން، ނުވަތަ "ޑީޕް ކްލީން"ކުރުމުން އަޅުގަނޑުމެންގެ ފޯނުތަކުގައި އެއްވެފައިވާ ޖަރާސީމުގެ އަދަދު ކުޑަކުރެވޭނެއެވެ. މިގޮތުން ފޯނު ސާފުކުރުމަށް ކުރެވިދާނެ ބައެއް ކަންތައް ބަލާލަމާތޯއެވެ.

ފޯނު ނިއްވާލަން ހަނދާންކޮށްލައްވާ

ފޯނު ސާފުކުރަން ފެށުމުގެ ކުރިން ފޯނު ނިއްވާލަން ހަނދާން ކޮށްލައްވާށެވެ. މިހެން ހަދަން މުހިންމުވާ ސަބަބަކީ އެހެންނޫނިއްޔާ ފޯނަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށެވެ. ފޯނުގައި ލައްވާފައިވާ ކަވަރާއި އެހެން އެފަދަ ސާމާނުވެސް ނައްޓަން ހަނދާން ކޮށްލައްވައްޗެވެ.

މައިކްރޯފައިބަރ ފޮތިކޮޅެއް ބޭނުންކުރައްވާ

ފޯނުގެ ބޭރު ސާފުކުރުމަށްޓަކައި މައިކްރޯފައިބަރ ފޮތިކޮޅަކުން މަޑުމަޑުން ސާފުކޮށްލައްވާށެވެ. މި ފޮތިގަނޑު ބޭނުންކުރުމުން ބޭރުގައި ހޭކިފައި ހުރި ކިލާތައް ފޯނުން ކޫރުން ނޭޅޭގޮތަކަށް ސާފުކުރެވޭނެއެވެ. އާދައިގެ ފޮތްޗާއި ޓިޝޫފަދަ ތަކެތި ބޭނުންކުރުމުން ފޯނުގެ ބިއްލޫރިއަށް ކޫރުން އެޅި، ހަލާކުވުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިފުރުން މައިކްރޯފައިބަރއިން އާދައިގެ ފޮތިގަނޑުތަކާއި ޓިޝޫ ފަދަ ތަކެއްޗާއި އަޅާ ބަލާއިރު ފޯނުގެ ބޭރުގައި ތައްލަވާފައިހުރި ޖަރާސީމު ފަސޭހައިން ނެގި، ކިލާ ނެގި، އަދި ގްރީސް ފަދަ ތަކެތިވެސް ނެގިގެންދެއެވެ.

ސާފުކުރަން ބޭނުންކުރާ ލިކުއިޑާއި މެދު ސަމާލުވެލައްވާ

ފޯނުގެ ބޭރުގަނޑު ސާފުކުރުމަށް ބްލީޗާއި އެހެނިހެން ވަރުގަދަ މާއްދާތައް ބޭނުން ނުކުރުމަށް މާހިރުން އިރުޝާދު ދެއެވެ. މިކަމުގެ ސަބަބަކީ މިފަދަ މާއްދާތަކުން ފޯނުގެ ބިއްލޫރިތަކާއި ސެންސަރތަކަށް ގެއްލުން ލިބިދާނެތީއެވެ. މީގެ ބަދަލުގައި އެހާ ތޫނު ނޫން އަދި އެހާ ބާރު ގަދަ ނޫން، 'މައިލްޑު' ލިކުއިޑުތައް ބޭނުންކުރުމެވެ. ނަމަވެސް މި މާއްދާތައް ސީދާ ފޯނަށް ޖެއްސުމުގެ ބަދަލުގައި ފޮތިކޮޅު ތެއްކޮށްލައްވާފައި ފޮތިކޮޅުން ފޮހުން ވަރަށް މުހިންމެވެ. މިގޮތުން ފެން، ނުވަތަ އަލްކަހޯލާއިފެނުން ހަދާފައި ހުރި ބައެއް މާދާތަކަކީ ފޯނު ހަލާކުނުވެ ބޭނުންކުރެވިދާނެ މާއްދާތަކެއްކަމަށް ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން ފެނާއި ސައިބޯނި ބޭނުންކުރުމަށް ނަސޭހަތްދެއެވެ.

ޔޫވީ ސެނަޓައިޒަރއެއް ބޭނުން

ފޯނަށް ގެއްލުން ނުވާ ފަދަ ޔޫވީ ސެނިޓައިޒަރެއްވެސަ ބޭނުން ކުރެވިދާނެއެވެ. މިފަދަ ތަކެތި ބޭނުންކުރުމުގެ ތެރޭގައި ފޯނާއި އޭގެ ކޭސް ވަކިން ސާފުކުރުން މުހިންމެވެ.

ކްލޮރޮކްސް ވައިޕްސް ބޭނުންކުރުމަށް ސަމާލުވެލައްވާ

ފޯނު ސާފުކުރުމަށް އައިސޯޕްރޮޕައިލް އަލްކޮހޯލް–ބޭސްޑް ކްލީނިންގ ވައިޕްސް ބޭނުންކުރުމަށް އެޕަލް، ގޫގަލް އަދި ސެމްސަންގް އިފުޝާދު ދީފައިވެއެވެ. މިދިޔަ ކޮރޯނާ ވައިރަސް ޕެންޑެމިކުގެ ތެރޭގައި އެޕަލްއުން %75 އެތައިލް އަލްކޮހޯލް ވައިޕްސްވެސް ފޯނަށް ގެއްލުން ނުލިބި ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ސެމްސަންގްއުން 50- އާއި 80- ޕީޕީއެމް އާއި ދެމެދުގެ ހައިޕޮކްލޮރަސް އެސިޑް އަށް ބިނާކޮށްފައިވާ ސޮލިއުޝަންތައް ވެސް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ކޮމްޕްރެސްޑް އެއާ ބޭނުން ނުކުރައްވާ

ފޯނު އުފައްދާ ގިނަ ފަރާތްތަކުން ފޯނު ސާފުކުރުމުގައި ކޮމްޕްރެސްޑް އެއާ ބޭނުން ނުކުރުމަށް ނަސޭހަތްލާދެއެވެ. އެއީ މިކަމުގެ ސަބަބުން ފޯނުގެ ޕޯޓުތަކުގެ ތެރޭގައި ހަރުލާފައި ހުރި ކިލާތައް މީގެ ސަބަބުން ފޯނުގެ އެތެރެއަށް ދިއުމުންފޯނަށް ގެއްލުން ލިބިދާނެތީއެވެ.

ފޯނުގެ ޕޯޓުތައްވެސް ސާފުކޮށްލައްވާ

ޗާޖިން ޕޯޓްތަކާއި ހެޑްފޯން ޖެކްތަކާއި ބަޓަންތައް ސާފުކުރުން ވެސް ވަރަށް މުހިންމު ވާނެވެ. މިކަމަށް ހާއްސަ ޓޫލްސް، ލަކުޑި ޓުތުޕިކް، ނުވަތަ ޓިޝޫއާއި ފޮތި ފަދަ ތަކެތި ބޭނުން ކުރެވިދާނެވެ. ނަމަވެސް ދަގަނޑު ޕިން ފަދަތަކެތި ބޭނުންކުރުމުން ދުރުހެލިވާންޖެހޭނެއެވެ. މިހެންމި ބުނާ ސަބަބަކީ ދަގަނޑުން ހަދާފައިވާ ތަކެތި މިކަމަށް ބޭނުން ކުރުމުން ކަރަންޓު ދައުރުވުމުގެ ސަބަބުން ފޯނަށް ގެއްލުމެއ ލިބިދާނެތީއެވެ. ފޯނު ސާފުކުރުން އުޅުމުގެ ތެރޭގައި މަޑުމަޑުން ބޭރު ސާފުކޮށް، މާ އެތެރެއަށް ނުލެއްވުން މުހިންމެވެ. އެއީ އޭގެ ސަބަބުން ކިލާ އެތެރެއަށް ގޮސްދާނެތީއެވެ.

ގަވައިދުން ފޯނު ސާފުކޮށްލަން ހަނދާންކޮށްލައްވާ

ފޯނު ސާފުކޮށް އުޅުމުގެ ތެރޭގައި ހަނދާންކުރަން އެންމެ މުހިންމު އެއްކަމަކީ މިކަން ގަވައިދުން ކުރުމެވެ. މީގެ އިތުރުން، ފޯނުކޭހެއް ގެންގުޅޭނަމަ، އެވެސް ގަވައިދުން ސާފުކުރުން ވަރަށް މުހިންމެވެ. އެފޯނުކޭހެއގެ ގޮތުން އޭތި ސާނުކުރުމަށް ބޭނުންކުރާތަކެއްޗާއިމެދު ސަމާލުވުން މުހިންމެވެ. އެކޭހެއްހަދާފައި ހުންނަ އެއްޗަކާއި ގުޅޭގޮތުން އެކޭސް ވެސް ގަވާއިދުން ސާފުކުރަން ވާނެއެވެ.





އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.