ސައިންސްގެ ދާއިރާގެ އައު ހޯދުންތައް ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސް ޓޫލްއެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިޓޫލް އުފައްދަނީ ޗެޓްޖީޕީޓީގައި ބިނާވެފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މިމަސައްކަތް ކުރަނީ ކެމްބްރިޖް އާއި ޕްރިންސްޓަން ފަދަ ނަން މަޝްހޫރު ބައެއް ޔުނިވަރސިޓީ ވެސް ހިމެނިގެން އެކުލެވޭ ބައިނަލްއަގްވާމީ ސައިންސްވެރިންގެ ޓީމަކުންނެވެ.
ޗެޓްޖީޕީޓީއިން މުއާމަލާތް ކުރަނީ ބަސްތަކާއި ޖުމްލަތަކުންނެވެ. މިޕްރޮޖެކްޓް ޓީމުން އުފައްދާ އޭއައި ޓޫލްއަށް ފީޑްކުރަނީ ސައިންޓިފިކް އެކި އެކި ދާއިރާތަކުގެ ނިއުމެރިކަލް ޑޭޓާ އާއި ސިމިއުލޭޝަންތަކެވެ. އަދި އެ މައުލޫމާތުން ދަސްކޮށްގެން އެޓޫލްއިން ސުޕަރޖަޔަންޓް ތަރިތަކުން ފެށިގެން ދުނިޔޭގެ މޫސުމާއި ގުޅޭ އެކި އެކި ކަންތައްތައް ހިމެނޭ ހެން އެތަށް ބައިވަރު ސައިޓިފިކް ކަންތައްތަކެއް މޮޑެލްކުރުމަށް އެހީތެރިވެދޭނެއެވެ.
މިޓީމުން ވަނީ މިދިޔަ އޮކްޓޯބަރު މަސްތެރޭގައި ޕޮލިމެތިކް.އެއައިގެ ނަމުގައި މިޓޫލް އިފްތިތާހުކޮށްފައެވެ. މިއާއި އެކު މިކަމާއި ގުޅުންހުރި ދިރާސާ ޕޭޕަރުތަކެއް ވެސް ވަނީ ޝާއިއުކޮށްފައެވެ. (ޕޭޕަރ 1، ޕޭޕަރ 2، ޕޭޕަރ 3)
މިޓޫލްގެ ސަބަބުން ސައިންސް ދާއިރާގައި އޭއައި އާއި މެޝިން ލަރނިންގ ބޭނުންކުރާ ގޮތް މުޅިން ބަދަލުކޮށްލާނެ ކަމަށް ޓީމްގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރު ޝަރލީ ހޯ ފާހަގަކުރެއެވެ. އޭނާއަކީ ނިއުޔޯކް ސިޓީގެ ފްލެޓަޔަން އިންސްޓިޓިއުޓްގެ ސެންޓަރ ފޯ ކޮމްޕިއުޓޭޝަނަލް އެސްޓްރޯފިޒިކްސް އިދާރާގައި މަސައްކަތް ކުރާ އެސްޓްރޯ ފިޒިސިސްޓް އަދި މެޝިން ލަރނިން ތަޖުރިބާކާރެކެވެ.
ޝަރލީ ބުނާ ގޮތުގައި ފަސް ބާވަތުގެ ބަހުން މިހާރުވެސް ވާހަކަ ދައްކަން އިގޭ ފަރާތަކަށް އައު ބަހެއް ދަސްކުރަން ފަސޭހަވާ ފަދައިން މިޓޫލްއަށް ވެސް ސައިންޓިފިކް ޑޭޓާ ވަރަށް ފަސޭހައިން ދަސްވާނެކެމަށެވެ. މިޓޫލްއިން ފަށައިގަންނާނީ ވެސް ކުރިން ޓްރެއިންކޮށްފައިވާ ފައުންޑޭޝަން މޮޑެލްއެއްގެ މައްޗަށެވެ. އެއްވެސް ގޮތަކަށް ޑޭޓާ ނެތް ޓޫލްއެއް އަލަށް ސައިންޓިފިކް ޑޭޓާއިން ޓްރެއިން ކުރުމަށްވުރެ، ފައުންޑޭޝަނެއް އެކުލެވޭ މޮޑެލްއަކަށް އައު ސައިންޓިފިކް ޑޭޓާ ފީޑް ކުރުމުން އުފައްދާ މޮޑެލް އަވަސްވެފައި އަދި ސައްހަވުމުގެ ޗާންސްބޮޑުކަމަށް ޝަރލީ ފާހަގަކުރެއެވެ. އެއީ ފައުންޑޭޝަން މޮޑެލްގައި ބޭނުންކުރެވިފައިވަނީ ހައްލުކުރަން އުޅޭ މައްސަލައާއި ގުޅުމެއް ނެތް ޑޭޓާކަމަށް ވިޔަސް މެއެވެ.
މިޓީމްގެ އެހެން އިންވެސްޓިގޭޓަރެއް ކަމަށްވާ މައިލްސް ކްރޭންމަރ ފާހަގަކުރާ ގޮތުގައި އެކަޑަމިކް ރިސަރޗްކުރުމަށް މިފަދަ ފުލްސްކޭލް މޮޑެލް ބޭނުންކުރުމަކީ އާންމުކޮށް ވަރަށް ދަތިކަމެކެވެ. އެއީ މިފަދަ މޮޑެލްތައް ރަން ކުރުމަށް ވަރަށް ބާރުގަދަ ކޮމްޕިޔުޓަރ ބޭނުންވާތީއެވެ. ކްރޭންމަރ އަކީ ކޭމްބްރިޖް ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އެޕްލައިޑް މެތަމެޓިކްސް އެންޑް ތިއޮރެޓިކަލް ފިޒިކްސް އަދި އިންސްޓިޓިއުޓް އޮފް އެސްޓްރޮނޮމީގައި މަސައްކަތްކުރާ ޑޭޓާ އިންޓެންސިވް ސައިންސަސް ދާއިރާގެ ޕްރޮފެސަރެކެވެ.
އޭނާ ބުނާގޮތުން މިޕްރޮޖެކްޓްގައި ބައިވެރިވާ ސައިމަންސް ފައުންޑޭޝަނުން ބޭސިކް ސައިންސްއަށް ބޭނުންކުރެވޭ ރިސޯސަސް ލިބިފައިވާކަމަށާއި އެތަކެތި ބޭނުންކޮށްގެން ޕްރޮޓޮޓައިޕްތަކެއް މިހާރު ވަނީ އުފައްދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިބި ސައިންސްވެރިންނަށް ސައިންސްގެ އެކި ދާއިރާތަކަށް ބޭނުންވާ މޮޑެލް އުފެއްދުމަށް މިޕްރޮޓޮޓައިޕްތައް ބޭނުންކުރެވޭނެކަމަށް ކްރޭންމަރ ފާހަގަކުރިއެވެ.
ޕޮލިމެތިކް އޭއައި ބޭނުންކޮށްގެން ސައިންސްގެ އެކި ދާއިރާތަކުގެ މެދުގައި ހުރި އެއްގޮތް ކަންތައްތަކާއި ތަފާތުތައް ފަސޭހައިން ފާހަގަކުރެވޭނެކަމަށް މިޓީމުން ބުނެއެވެ. އެއީ މީގެ ކުރިން އިންސާނުންނަށް ފާހަގަ ކުރެވިފައިވާ ނުވާ ކަންތައްތަކަށް ވެސް ވެދާނެއެވެ.
މީގެ ކުރީ ގަރުނުތަކުގައި އެންމެ ނުފޫޒު ގަދަ ސައިންސްވެރިންނަކީ "ޕޮލިމެތުން"ކަމަށް މިޓީމުގެ އިންވެސްޓިގޭޓަރެއް ކަމުގައިވާ ސިއަވަޝް ގޮލްކަރ ފާހަގަކުރިއެވެ. ޕޮލިމެތުންނަކީ އެތައް ބައިވަރު ގިނަ ދާއިރާތަކަކުން ފުޅާ މިންވަރަކަށް މައުލޫމާތު ލިބިފައިވާ އަދި އެދާއިރާތަކުން ތަޖުރިބާކާރު މީހުންނަށް ނިސްބަތްކޮށް ބުނާ ނަމެކެވެ. މިފަދަ މީހުންނަކީ ހާއްސަކޮށް ތޫނިފިލި ("ޖީނިއަސް" އޭ ބުނާ ލެވެލްގެ) އަދި އެފަރާތްތަކުގެ މައުލޫމާތު ބޭނުންކޮށްގެން ކޮމްޕްލެކްސް މައްސަލަތައް ހައްލުކުރެވޭނެ ފަރާތްތަކެވެ.
މި ޓޫލް އުފެއްދުމުގައި އިންސްޕަޔަރ ވީ މިފަދަ ޕޮލިމެތުންގެ މަސައްކަތްތަކުން ކަމަށް ޓީމުން ބުނެއެވެ. ސައިންސްގެ ދާއިރާތައް ގިނަވެ، ގިނަ ސައިންސްވެރިން ހާއްސަވަނީ ވަކި ދާއިރާތަކަށް ކަމަށާއި، އަދި ގިނަ ދާއިރާތަކަކަށް ހާއްސަވުމަކީ މިދާއިރާގައި ދަތިކަމެއްކަމަށް ވެސް ފާހަގަކުރިއެވެ. އެހެން ކަމުން މިޓޫލް ވެގެންދާނީ ސައިންސްގެ ގިނަ ދާއިރާތަކެއް އެއްކޮށްދޭނެ އެއްޗަކަށެވެ. އަދި އޭއައި ބޭނުންކޮށްގެން މިކަން ކުރުމަށް މަގުފަހި ކޮށްދެވޭނެ އެއްޗަކަށެވެ. މިޓޫލްގެ ނަން މިގޮތަށް ހިމެނިފައިވަނީ ވެސް މިސަބަބަށްޓަކައެވެ.
ޕޮލިމެތިކް އޭއައި ޓީމުގައި ހިމެނެނީ ސައިމަންސް ފައިންޑޭޝަނާއި، އެ ފައުންޑޭޝަނުން ހިންގާ ފްލެޓަޔަން އިންސްޓިޓިއުޓް، ނިއުޔޯކް ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ކެމްބްރިޖް، ޕްރިންސްޓަން ޔުނިވަރސިޓީ އަދި ލޯރެންސް ބަރކްލީ ނޭޝަނަލް ލެބޯރަޓްރީގެ ދިރާސާވެރިންނެވެ. މީގެ ތެރޭގައި ފިޒިކްސް، އެސްޓްރޯފިޒިކްސް، ހިސާބު، އާޓިފިޝަލް އިންޓެލިޖެންސް އަދި ނިއުރޯސައިންސްގެ މާހިރުން ހިމެނެއެވެ.
މީގެ ކުރިން ވެސް ސައިންސްވެރިން ވަނީ ސައިންސްގެ އެކި މައްސަލަތައް ހައްލުކުރުމަށް އޭއައި ޓޫލްސް ބޭނުންކޮށްފައެވެ. ނަމަވެސް އެޓޫލްތަކަކީ ވަކި ހާއްސަ އެއް ބޭނުމަކަށް ހަމައެކަނި އެކަމާއި ގުޅޭ ޑޭޓާ ބޭނުންކޮށްގެން އުފައްދާފައިވާ ޓޫލްތަކެކެވެ. މީގެ ސަބަބުން ވަނީ ކޮންމެ ވަކި ދާއިރާއަކަށް އުފައްދާފައިވާ ޓޫލްތަކާއި އެތަކެއްޗަށް ބޭނުންކުރާ ޑޭޓާތައް ވަކި އިމަކަށް ފެތިފައެވެ. އަދި އެކޮންމެ ޓޫލެއް ބޭނުން ކުރެވެނީ ވަކިވަކިންނެވެ. އެކަތި އަނެކައްޗަކާއި ގުޅުމެއް ނެތެވެ. އަދި އެއް ދާއިރާއާއި އަނެއް ދާއިރާއާއި އޮންނަނީ ވަކި ވަކިންނެވެ. އެއް ދާއިރާއަކަށް، ޓޫލްތަކުން ނުވަތަ އޭއައި ޓެކްނޮލޮޖީއިން ލިބިދޭ ފައިދާ ތަކެއް އަނެއް ދާއިރާއަކަށް ނުލިބެއެވެ. އަދި އެކި ދާއިރާއަށް ބޭނުންކުރާ މައުލޫމާތުތައް ހުންނަނީ އެކި ފޯމެޓަށެވެ.
ޕޮލިމެތިކް އޭއައި ޕްރޮޖެކްޓުގައި ތަފާތު މަސްދަރުތަކުން ލިބޭ ޑޭޓާ ބޭނުންކޮށްގެން ދަސްކޮށް، ގިނަ ދާއިރާތަކެއް ހިމެނޭ ކޮމްޕްލެކްސް މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެއެވެ. އެންމެ ފުރަތަމަ ފިޒިކްސް އާއި އެސްޓްރޯފިޒިކްސް އަދި ފަހުން ކެމިސްޓްރީ އާއި ޖީނޮމިކްސް ފަދަ ދާއިރާތަކުގެ މައުލޫމާތުވެސް ބޭނުންކުރެވޭނެ ކަމަށް ޕްރޮޖެކްޓްގެ ޓީމުން ބުނެއެވެ. ޕްރޮޖެކްޓްގެ އެއް މެންބަރު އަދި ލޯރެންސް ބަރކްލީ ނޭޝަނަލް ލެބޯޓްރީގެ ޕޯސްޓްޑޮކްޓޯރަލް ރިސާޗަރ، މެރިއެލް ޕެޓީ ފާހަގަކުރި ގޮތުގައި މި ޕްރޮޖެކްޓްގެ ސަބަބުން ސައިންސްގެ ތަފާތު ގިނަ ސަބްފީލްޑްތައް ގުޅުވާލަދޭނެއެވެ. އަދި ވަކި ވަކިން ބައިތައް އެއްކޮށްލައިގެން ލިބޭ ނަތީޖާއަށް ވުރެ ބޮޑު އިތުރު ފައިދާ ކުރަނިވި އެއްޗެއް އުފައްދައިދޭނެއެވެ.
ޗެޓްޖީޕީޓީގައި އެކިއުރެސީ އަށް ބަލާއިރު ބައެއް މައްސަލަތައް ހުރެއެވެ. (މިސާލަކަށް ހިސާބު އަދަދުތައް، 2023 އާއި 1234 ގުނަ ކުރަން ބުނުމުން ޗެޓްޖީޕީޓީ ދޭނީ ރަނގަޅު ޖަވާބެއް ނޫނެވެ). ޕޮލިމެތިކް އޭއައި ޓޫލް އިން މިފަދަ މައްސަލަތައް މަދުކުރުމަށް ހިސާބު އަދަދުތައް ބަލައިގަންނާނީ ނަންބަރުތަކެއްގެ ގޮތުގައި ކަމަށާއި އިނގިރޭސި އަކުރުތަކާއި، ކެރެކްޓަރތަކާއި، ޕަންކްޗުއޭޝަން މާކްތައް ތަފާތު ކުރާނެކަމަށް ވެއެވެ. އެއީ ސައިންސްޓިފިކް ދާއިރާތަކުގައި ނަންބަރުތައް މުހިއްމު ވާނެތީއެވެ. އަދި މޮޑެލް ޓްރެއިން ކުރުމަށް ބޭނުންކުރާނީ ހަގީގީ ސައިންޓިފިކް ޑޭޓާސެޓްތައް ކަމަށް ވެސް ޓީމުން ބުނެއެވެ.
މިޕްރޮޖެކްޓްގައި އެންމެ މުހިއްމު ކަމެއް ދޭނީ ހާމަކަން ބޮޑު ގޮތެއްގައި ގިނަ ފަރާތްތަކަކަށް ބައިވެރިވެވޭނެ ގޮތަށް ކަންކަން ކުރުމަށް ކަމަށް ޓީމު މެންބަރުން ފާހަގަކުރިއެވެ. އަދި ފުޅާ ދާއިރާއެއްގައި ސައިންޓިފިކް ތަހުލީލުކުރާ ކޮމިޔުނިޓީތަކަށް މިމަސައްކަތުގެ ފައިދާ އަވަހަށް ލިބޭނެ ގޮތް ހެދުމަށްޓަކައި ޓްރެއިންކޮށްފައިވާ މޮޑެލްތައް ވީހާވެސް އަވަހަށް ހިއްސާކުރާނޭ ކަމަށްވެސް ބުނެއެވެ. އެއީ އެމޮޑެލްތައް ބޭނުންކޮށްގެން ސައިންސްގެ ތަފާތު ދާއިރާތަކުގެ ބޮޑެތި، ގިނަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް