ސޫރުދަ ނިޒާމްގެ އެކި ގުރަހަތަކުގައި އަހަރަކީ ކިތައް ދުވަސް؟

އަޝްނާ ރަޝީދު 28 ޖެނުއަރީ 2024

އަޅުގަނޑުމެންގެ ދުނިޔެ އަކީ ސޫރުދަ ނިޒާމްގައި އިރު ވަށައިގެން ދައުރުކުރާ އެއް ގުރަހައެކެވެ. ދުނިޔެ ހާއްސަ ވެފައިވާ މުހިންމު އެއް ސަބަބަކީ އިންސާނުން ދިރިއުޅުމަށް ފުދޭ ފިނިހޫނުމިނާއި އިންސާނުނަންނާއި ގުޅޭ ފަދަ ތިމާވެއްޓެއް ހުންނަކަމަށް ފެނިފައިވާ ހަމައެކަނި ގުރަހަކަށްވުމެވެ. ނަމަވެސް، އަޅުގަނޑުމެންގެ ވަށިގެންވާ އެހެން ގުރަހަތަކާއި މެދު ފަލަކީ އިލްމުވެރިންނާއި ނާސާގައި މަސައްކަތްކުރާ ފަރާތްތަކުން ވިސްނާ ފިކުރުކުަރައެވެ. މިގޮތުން އެ ޕްލެނެޓުތަކާއިމެދު ވިސްނާ އެއްސުވާލަކީ އެ ގުރަހަތަކުގައި އަހަރެއްވަނީ ކިތައް ދުވަސްތޯއެވެ. މިފަދަ ކަންކަން އެނގުމުން އެ ގުރަހަތަކަށް ދަތުރުކޮށް، އިތުރު މައުލޫމާތު ހޯދުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދެއެވެ.

މިގޮތުން، އިރުވަށައިގެން ދައުރުކުރާ ގުރަހަތަކުގެ އަހަރު ބައްޓަން ވެފައިވަނީ އިރާއި އެ ގުރަހައާއި ހުރި ދުރުމިނުގެ މައްޗަށެވެ. މިގޮތުން އިރާއި ކައިރީގައި ދައުރުކުރާ ގުރަހަތައް ދަތުރުކުރަން ޖެހޭ ދުރުމިން ކުރުވުމުން އަހަރު ކުރުވެގެން ދެއެވެ. މީގެ އިތުރުން، އިރާއި ކައިރިވީ ވަރަކަށް އިރުގެ ދަމާ ބާރުގެ ސަބަބުން އެ ގުރަހަ ދައުރުވާ ބާރުމިން ވެސް އަވަސް ވެގެން ދެއެވެ. މިކަމުގެ ސަބަބުން އެ ގުރަހަތަކުގެ މާޚައުލާއި ތިމާވައްޓަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. އަޅުގަނޑުމެންގެ ސޫރުދަ ނިޒާމްގައި ގުރަހަތަކުގެ އަހަރުތަކަށް ބަލާލަމާތޯއެވެ.

އަތާރިދު (މާކަރީ)

އަތާރިދު، ނުވަތަ އެނގަރޭސި ބަހުންނަމަ، މާކަރީ އަކީ އިރާއި އެންމެ ކައިރީގައި ގުރަހައެވެ. މީގެއިތުރުން، އަތާރިދަކީ އަޅުގަނޑުމެންގެ ސޫރުދަ ނިޒާމްގައި ހުންނަ އެންމެ ކުޑަ ގުރަހަ ވެސް މެއެވެ. އިރާއި 35 މިލިތަނު މޭލުގެ ދުރުމިނުގައިވާ މި ގުރަހަ އިރުވަށްއިގެން ދައުރުކުރުމަށް ނަގަނީ އެންމެ 88 ދުނިޔޭގެ ދުވަހެވެ. ނަމަވެސް އަތާރިދުގެ އެނބުރުން ލަސްވުމުގެ ސަބަބުން އަތާރިދުގައި އެނބުރުމަށް ނަގަނީ ދުނިޔޭގެ 59 ދުވަހެވެ. އަތާރިދު އިރުވަށައިގެން ދައުރުކުރާ ބުރުމިނަކީ އިރާއި ހުންނަކައިރި މިނާއި އިރުގެ ގްރެވިޓީއަށް ބިނާވެފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން އަތާރިދުގައި އާދަޔާޙިލާފުކަންކަން ފާހަގަކުރެވެއެވެ. މިގޮތުން ބައެއް ފަހަރާ އެނބުރޭލެއް ބާރުވެއެވެ. އަދި އަތާރިދުގައި ދުވަހެއް ނިމިގެންދާ އިރު ނުވަތަ އިރުއަރާ އޮއްސެން 176 ދުނިޔޭގެ ދުވަސް ނަގައެވެ. މިއީ އަތާރިދު އިރު ވަށައިގެން ދައުރުކުރަން ނަގާއިރަށްވުރެ މާގިނަ އިރެވެ.

ޒުހުރަތު (ވީނަސް)

ޒުހުރަތު، ނުވަތަ އެނގަރޭސި ބަހުންނަމަ، ވީނަސަކީ އަކީ އަޅުގަނޑުމެންގެ ސޫރުދަ ނިޒާމްގައި ހުންނަ އެންމެ ހޫނުގަދަ އަދި އިރާއި ދަވަނަޔަށް އެންމެ ކައިރީގައި ހުންނަ ގުރަހައެވެ. އިރާއި ގާތްގަނޑަކަށް 67 މިލިތަނު މޭލުގެ ދުރުމިނުގައިވާ މި ގުރަހަ އިރުވަށްއިގެން ދައުރުކުރުމަށް ނަގަނީ 225 ދުނިޔޭގެ ދުވަހެވެ. ނަމަވެސް ދުނިޔެއާއި ސޫރުދަ ނިޒާމްގެ އެހެން ގުރަހަ ތަކާއި ހިލާފަށް ޒުހުރަތު އެނބުރެނީ އަނެއްކޮޅަށެވެ. އަދި އެއްފަހަރައި އެނބުރެން 243 ދުވަސް ނަގައެވެ. މީގެ މާނައަކީ ޒުހުރަތުގެ ދުވަހެއް އަހަރަކަށް ވުރެ ގިނަ އިރު ނަގައެވެ. ނަމަވެސް އިރުއަރައި އޮއްސެން ނަގަނީމިއަށްވުރެެ ކުޑައިރުކޮޅެކެވެ. މިގޮތުން ޒުރާހަތުގައި އަހަރެއްގެ މަތިން އެއްދުވަހުގެ ރާސްތާއެއްގެ ތެރޭގައި ގާތްގަނޑަކަށް ދެ ފަހަރު އިރު އަރާ އޮއްސެއެވެ. އެއީ ކޮންމެ 117 ދުނިތޭގެ ދުވަހުގެ މަތިންނެވެ.

ކަރުނު (އަޅުގަނޑުމެން އުޅެމުންދާ ދުނިޔެ)

އަޅުގަނޑުމެންގެ ދުނިޔެ އަކީ އިރާއި ތިންވަނަޔަށް އެންމެ ކައިރި ގުރަހައެވެ. އިރާއި 93 މިލިތަނު މޭލުގެ ދުރުމިނުގައި ހުންނަ މި ދުނިޔެ އަކީ އިންސާނުން ދިރިއުޅުމަށް އެންމެ އެކަށީގެންވާ މާހައުލެއް ހުންނަ އަޅުގަނޑުމެންނަށް އެނގޭ ގުރަހައެވެ. ދުނިޔެ އިރުވަށައިގެން ދައުރުކުރުމަށް 365.25 ދުވަސް ނަގައެވެ. މި 0.25 ދުވަހަށް އެޑްޖަސްޓުކޮށްފައި އަޅުގަނޑުމެން 'ލީޕް އިޔަރު' ހަދާފައިވެއެވެ. ދުނިޔޭގެ ދުވަހަކީ އަދި އެނބުރެން ނަގާ އިރަކީ 23.6 ގަޑިއިރެވެ. އަތާރިދާއި ޒުހުރަތާއި ހިލާފަށް ދުނިޔޭ ވަށައިގެން ހަނދެއް ދައުރު ކުރެއެވެ.

މާރސް

މާރސް، ނުވަތަ "ރަތް ގުރަހަ" އަކީ އިރާއި ދެން އެންމެ ކައިރީގައި ހުންނަ ގުރަހައެވެ. އިރާއި 142 މިލިޔަނު މޭލުގއ ދުރުމިނުގައި ހުންނަ މި ގުރަގަ ދުނިޔެއަށްވުރެ % 53 ކުޑަވީއިރު، އެއްފަހަރާއި އެނބުރެން ކުޑަތަންކޮޅެއް ގިނައިރު ނަގައެވެ. މިގޮތުން މާރސްގެ ދުވަހެއް، ނުވަތަ "ސޮލް" އެއް ނިމެން 24.6 ގަޑިއިރު ނަގައެވެ. އިރުވަށައި ދައުރުކުރަން މާރސް ނަގަނީ 687 ދުނިޔޭގެ ދުވަހެވެ. މިއީ ގައިގަނޑަކަށް ދުނިޔޭގެ ދެއަހަރެވެ.

ޖުޕިޓަރު

ޖުޕިޓަރަކީ ސޫރުދަ ނިޒާމްގެ އެންމެ ބޮޑު ގުރަހައެވެ. އިރާއި 484 މިލިތަނު މޭލުގެ ދުރުމިނުގައިވާ މި ގުރަހަ އިރުވަށްއިގެން ދައުރުކުރުމަށް ނަގަނީ 4333 ދުނިޔޭގެ ދުވަހެވެ. މިޔަކީ ގާތްގަނޑަކަށް ދުނިޔޭގެ 11.8 އަހަރެވެ. ޖުޕޓަރަކީ އިރާއި ފަސްވަނަޔަށް އެންމެ ދުރުގައި ހުންނަ ގުރަހައެވެ. މިކަމުގެ ސަބަބުން އިރުގެ ދޯދިތައް ޖުޕިޓަރާއި ހަމަޔަށް ފޯރަން ގާތްގަނޑަކަށް 43 މިނިޓު ނަގައެވެ. މިޔަކީ ދުނިޔެއާއި ހަމަޔަށް އިރުގެ ދޯދި ފޯރަން ނަގާ 8 މިނިޓާއި އަޅާބަލާފައި ފުދޭވަރަކަށް އިރެވެ. ޖުޕިޓަރުގައި އެއް ދުވަސް ނިމިގެން ދަނީ ދުނިޔޭގެ 10 ގަޑީރުގެ ތެރޭގައެވެ. ޖުޕިޓަރު ވަށައިގެން ދައުރުވާ ކަމަށް ރަސްމީގޮތުން 95 ހަނދު ފާހަގަކޮށްފައިވެއެވެ.

ސެޓާން

ސެޓާނަކީ އިރާއި 6 ވަނަޔަށް އެންމެ ދުރުގައިހުންނަ ގުރަހައެވެ. އިރާއި ގާތްގަނޑަކަށް 887 މިލިތަނު މޭލުގެ ދުރުމިނުގައިވާ މި ގުރަހަ އިރުވަށްއިގެން ދައުރުކުރުމަށް ނަގަނީ 10،759 ދުނިޔޭގެ ދުވަހެވެ. މިޔަކީ ގާތްގަނޑަކަށް ދުނިޔޭގެ 29 އަހަރެވެ. ސެޓާން ފާހަގަކުރެވެނީ އެ ގުރަހަ ވަށައިގެން ފެންނަ އަނގޮށްޓިތަކަށެވެ. މިގޮތުން ސަޓާން ވަށައިގެން 7 މައި އަނގޮށްޓި ފާހަގަކޮށްފައިވެއެވެ. ސަޓާން އެނބުރެނީ °26.7 ގެ އެކްސިއަލް ޓިލްޓެއް ކަމުގައި ވާތީވެ، އަޅުގަނޑުމެންނަށް ދުނިޔެއިން ސެޓާންގެ އަނގޮށޓިތައް ފެންނަގޮތް ބަދަލުވެއެވެ. ޖުޕިޓަރަށް ފަހު، އަޅުގަނޑުމެންގެ ސޫރުދަ ނިޒާމްގެ އެންމެ ކުރު ދުވަސް ފެންނަނީ ސަޓާނުގައެވެ. މިގޮތުން ސަޓާނުގައި އެއް ދުވަސް ނިމިގެން ދަނީ ދުނިޔޭގެ 10.7 ގަޑީރުގެ ތެރޭގައެވެ. ސަޓާން ވަށައިގެން ދައުރުވާ ކަމަށް ރަސްމީގޮތުން 146 ހަނދު ފާހަގަކޮށްފައިވެއެވެ.

ޔުރުނާސް

ސޫރުދަ ނިޒާމްގައި އަޅުގަނޑުމެންނަށް ދެން ފެންނަ ޕްލެނެޓަކީ ޔުރުނަސްއެވެ. މިއީ އިރާއި 7 ވަނަޔަށް އެންމެ ދުރުގައި ހުންނަ ގުރަހައެވެ. ނަމަވެސް ބައެއް ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި، މީގެ ގާތްގަނޑަކަށް 4 ބިލިޔަން އަހަރު ކުރިން، މިއީ އިރާއި 8 ވަނަޔަށް ދުރައް ހުންނަ ގުރަހައެވެ. މި ވަގުތު އިރާއި ގާތްގަނޑަކަށް 1.78 ބިލިޔަނު މޭލުގެ ދުރުމިނުގައިވާ މި ގުރަހަ އިރުވަށްއިގެން ދައުރުކުރުމަށް ނަގަނީ 30,687 ދުނިޔޭގެ ދުވަހެވެ. މިޔަކީ ގާތްގަނޑަކަށް ދުނިޔޭގެ 84 އަހަރެވެ. ޒުރާހަތާއި އެއްފަދައިން، ޔުރުނާސް އެނބުރެނީ އެހެން ގުރަހަތާއި ބަލާއިރު އަނެއްކޮޅަށެވެ. އަދި އެހެން ގުރަހަތަކާއި ހިލާފަށް، ޔުރުނާސް އެނބުރެނީ އެއް އަރިއަކަށެވެ. ޔުރުނާސްގައި އެއް ދުވަސް ނިމިގެން ދަނީ ދުނިޔޭގެ 17 ގަޑީރާއި 14 މިނިޓުގެ ތެރޭގައެވެ. ސެޓާނާއި އެއްފަދައިން ޔުރުނާސް ވަށައިގެން އަނގޮށްޓިވެއެވެ. މިގޮތުން ޔުރުނާސްވަށައިގެން 13 އަނގޮށްޓިވާކަން ފާހަގަކޮށްފައިވެއެވެ. ޔުރުނާސް ވަށައިގެން ދައުރުވާ ކަމަށް ރަސްމީގޮތުން 27 ހަނދު ފާހަގަކޮށްފައިވެއެވެ.

ނެޕްޓޫން

ސޫރުދަ ނިޒާމްގައި ފާހަގަކުރެވޭ އެންމެ ފަހު ގުރަހައަކީ ނެޕްޓޫނެވެ. ކުރިން ބުނެފައިވާ ފަދައިން، މީގެ ގާތްގަނޑަކަށް 4 ބިލިޔަން އަހަރުކުރިން ނެޕްޓޫން ވަނީ ޔުރުނާސްއާއި ތަން ބަދަލުކޮށްފައެވެ. މިހެންކަމުން ނެޕްޓިއުންވެގެން ދަނީ މިވަގުތު އިރާއި 8 ވަނަޔަށް އެންމެ ދުރު ގުރަހައެވެ. މި ވަގުތު އިރާއި ގާތްގަނޑަކަށް 2.8 ބިލިޔަނު މޭލުގެ ދުރުމިނުގައިވާ މި ގުރަހަ އިރުވަށްއިގެން ދައުރުކުރުމަށް ނަގަނީ 60،190 ދުނިޔޭގެ ދުވަހެވެ. މިޔަކީ ގާތްގަނޑަކަށް ދުނިޔޭގެ 165 އަހަރެވެ. ނެޕްޓޫނުގައި އެއް ދުވަސް ނިމިގެން ދަނީ ދުނިޔޭގެ 16 ގަޑީރުގެ ތެރޭގައެވެ. ސެޓާނާއި ޔުރުނާސާއި އެއްފަދައިން ނެޕްޓިއުން ވަށައިގެން އަނގޮށްޓިވެއެވެ. މިގޮތުން ނެޕްޓޫން ވަށައިގެން 6 އަނގޮށްޓިވާކަން ފާހަގަކޮށްފައިވެއެވެ. ނެޕްޓޫން ވަށައިގެން ދައުރުވާ ކަމަށް ރަސްމީގޮތުން 14 ހަނދު ފާހަގަކޮށްފައިވެއެވެ.

ގުރުގުރަހަ

މިވަގުތު ފަލަކީ އިލްމުވެރިން ވަނީ 5 ގުރުގުރަހަ ފަލަކީ އިލްމުވެރިން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި 1930 އިން 2006 ކާއި ހަމަޔަށް ގުރަހައެއްގެ ގޮތުގައި ބަލައިގަނެވުނު ޕްލޫޓޯ ހިމެނެއެވެ.

ޕްލޫޓޯއަކީ ނެޕްޓިއުންގެ ބޭރުގައި ހުންނަ ގުރުގުރަހައެކެވެ. ޕްލޫޓޯގައި އަހަރެއް 248 ދުނިޔޭގެ އަހަރުންނެވެ. އަދި ދުވަހެއް ހިނގަނީ ގާތްގަނޑަކަށް ދުނިޔޭގެ 6 ދުވަހުގެ ތެރޭގައެވެ.

އެރިސް އެއްފަހަރެއްގައި ސޫރުދަ ނިޒާމްގެ 10 ވަނަ ޕްލެނެޓުކަމުގައިވެސް ދެކެވިގެންދިޔައެވެ. ނެޕްޓިއުނާއި ޕްލޫޓޯގެ ބޭރުގައި ހުންނަ މި ގުރަހައެކީ އިރާއި 8.95 ބިލިޔަނު މޭލު ދުރުގައި ހުންނަ ގުރުގުރާހެކެވެ. އެރިސްގައި އަހަރެއް 559 ދުނިޔޭގެ އަހަރުންނެވެ. އަދި ދުވަހެއް ހިނގަނީ ގާތްގަނޑަކަށް ދުނިޔޭގެ 15.78 ދުވަހުގެ ތެރޭގައެވެ. އެރިސް ވަށައިގެން ހަނދެއް ދައުރުވާކަމަށް ފާހަގަކުރެވެއެވެ.

ދެން ފާހަގަކުރެވޭ އެއް ގުރުގުރަހައަކީ ސެރެސްއެވެ. ސެރެސް ހުންނަނީ މާރސްއާއި ޖުޕިޓަރާއި ދެމެދުގައެވެ. ސެރެސްގައި އަހަރެއް 4.6 ދުނިޔޭގެ އަހަރުންނެވެ. އަދި ދުވަހެއް ހިނގަނީ ގާތްގަނޑަކަށް ދުނިޔޭގެ 9 ގަޑީރާއި 4 މިނިޓުގެ ތެރޭގައެވެ.

މޭކްމޭކްއަމީ ނެޕްޓިއުންގެ ބޭރުގައި ހުންނަ ގުރުގުރަހައެކެވެ. މޭކްމޭކްގައި އަހަރެއް 306 ދުނިޔޭގެ އަހަރުންނެވެ. މޭކްމޭކްގެ ދުވަހެއްގެ ދިގުމިނެއް ކަށަވަރެއް ނޫނެވެ. ނަމަވެސް މިއީ 22.83 ދުނިޔޭގެ ގަޑީރުކަމަށް ބައެއް ފަލަކީ އިލމުވެރިން ލަފާކުރެއެވެ.

ފަލަކީ އިލްމުވެރިން ޤަބޫލުކުރާ ސޫރުދަ ނިޒާމްގެ އެންމެ ފަހު ގުރުގުރަހައަކީ ހައުމިއައެވެ. މޭކްމޭކްއާއި އެއްފަދައިން، ހައުމިއައަކީ ނެޕްޓިއުންގެ ބޭރުގައި ހުންނަ ގުރުގުރަހައެކެވެ. ހައުމިއަގެ އަހަރެއް 285 ދުނިޔޭގެ އަހަރުންނެވެ. ހައުމިއަފެ ދުވަހެއްގެ ދިގުމިނަކީ 4 ގަޑީރެވެ.






އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.