މިހާރަކަށް އައިސް ގިނަ ބަޔަކަށް ޝައުގުވެރިކަން ބޮޑީ 8 އިން 3އަށް އަދާ ކުރާ ރަސްމީ ވަޒީފާގެ ބަދަލުގައި އާމްދަނީ ހޯދޭނެ އެހެން ގޮތްގޮތް ހޯދުމެވެ. ތިމާގެ ހުރި އުފެއްދުންތެރިކަމުގެ ހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދުމަކީ މިހާރު އުނދަގޫކަމެއް ނޫނެވެ. ބައެއް ފަރާތްތަކުން ހޮބީއެއްގެ ގޮތުގައި މިހާރު ކުރަމުން އަންނަ ކަންތައްތައް އާމްދަނީ ލިބޭނެ ގޮތަށް ފުޅާކޮށްލުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ (ހާއްސަކޮށް ޒުވާނުންގެ) ހުވަފެނެކެވެ.
ތިޔައިގެ ތެރެއިން ކެއްކުމަށް ޝައުގުވެރިވަނީ ކޮން ބޭފުޅުންނެއްތޯއެވެ؟ ކެއްކުމަށް ހުރި ޝައުގުވެރިކަން އިންތިހާއަށް ފައިދާ ހުރި ވިޔަފާރިއަކަށް މިހާރު ބަދަލުކޮށްލެވިދާނެއެވެ. ގޭމުކުޅެން ޝައުވެރިވާ ކުދިން ވަރަށް ގިނަ ވާނެކަން ކަށަވަރެވެ. މިޝައުގުވެރިކަން ލައިވް ސްޓްރީމަރެއްގެ ގޮތުގައި ފައިދާހުރި ކެރިއަރަކަށް ބަދަލުކޮށްލުން ތަސައްވަރު ކޮށްލައްވާށެވެ.
ކްރިއޭޓަރ އިކޮނޮމީ އަކީ މިހާރު ހަލުވި ކަމާއެކު ތަރައްގީވަމުން އަންނަ ހަގީގަތެކެވެ. މިއީ ވަކިވަކި ފަރުދުންގެ ހުނަރާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން މީހުން ޝައުގުވެރިވާ ފަދަ އުފެއްދުންތައް އުފައްދާ، އޭގެން ގިނަ ބަޔަކު މިހާރު ފައިދާ ހޯދަމުން އަންނަ އިގްތިސާދުގެ ބާވަތެކެވެ. މިއީ އަމިއްލަ ދިރިއުޅުން ބިނާކުރުމަށް އެހެން ބަޔަކަށް ބަރޯސާ ނުވެ އަމިއްލައަށް އިހްތިޔާރު ކުރާ ވަގުތުތަކުގައި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވިގެންދާ އާމްދަނީ ހޯދިދާނެ ގޮތެކެވެ.
ފަށައިގަނެގެން ކުރިއަރަމުން އަންނަ މިއުޒިޝަނެއް ކަމުގައި ވިޔަސް، އައު އުފެއްދުންތަކެއް އުފައްދާ އެންޓޮޕްރެނުއަރއެއް ކަމަށް ވިޔަސް، ނުވަތަ ތަފާތު ގޮތަކަށް ވިސްނާ އަމިއްލަ ހިޔާލުތައް އެހެން ބަޔަކާއި ހިއްސާކުރަން ބޭނުންވާ މީހަކު ކަމުގައި ވިޔަސް، ކްރިއޭޓަރ އިކޮނޮމީގައި އެކަން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ވަރަށް ފުޅަލެވެ. އެކަމެއް ބޭނުންވާ ޑެޑިކޭޝަން އާއި ބުރަ މަސައްކަތް ކުރެވޭނެ ކޮންމެ މީހަކަށްވެސް މިފުރުސަތު އެބައޮތެވެ.
ކްރިއޭޓަރ އިކޮނޮމީއަށް ބައެއް ފަހަރު އިންފްލުއެންސަރ އިކޮނޮމީއޭވެސް ކިޔައެވެ. ދިވެހިން ބުނާނަމަ ކްރިއޭޓިވް އިކޮނޮމީއަކީ އުފެއްދުންތެރިކަމުގެ އިގްތިސާދެވެ. ކްރިއޭޓަރ އިކޮނޮމީއަކީ ސޮފްޓްވެއަރ ޕްލެޓްފޯމްތައް މެދުވެރިވެ، ކޮންޓެންޓް އުފައްދާ އޭގެން އާމްދަނީ ހޯދުމަށް އުފެއްދޭ އިގްތިސާދެވެ. ކޮންޓެންޓޭ ބުނުމުން އޭގެ ތެރޭގައި އެކި ބާވަތުގެ އުފެއްދުންތައް ހިމެނެއެވެ. މިސާލަކަށް ވީޑިއޯ، ފޮޓޯ، ލަވަ، އޯޑިއޯ ފަދަ ތަކެތި ހިމެނެއެވެ. ކޮންޓެންޓް އުފައްދާ ހިއްސާ ކުރުމަށް ބޭނުންކުރާ ބައެއް ސޮފްޓްވެއަރ އެޕްލިކޭޝަންތެރޭގައި ޔޫޓިއުބް، ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް، ސްޕޮޓިފައި، އެމޭޒަން، އެޓްސީ އަދި ޕެޓްރިއޯން ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.
ފަހަކަށް އައިސް ކްރިއޭޓިވް ކޮންޓެންޓް އުފައްދާ އޭގެ ވިޔަފާރި މިހާ ބޮޑަށް ފުޅާވުމުގެ ފަހަތުގައި އެތަށް ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އުފެދުނު ލޮކްޑައުންގެ ސަބަބުން ގިނަ ބައެއްގެ ރަސްމީ ވަޒީފާ ގެއްލިގެން ދިޔުމާއި ގުޅިގެން އާމްދަނީ ހޯދުމަށް އިތުރު ގޮތްތަކެއް ހޯދުން ހިމެނެއެވެ. ވަޒީފާ ނުގެއްލުނު ނަމަވެސް މަސައްކަތުގެ މާހައުލުގެ ސިޔާސަތުތަކަށް ބަދަލު އައުމާއި ގުޅިގެން ގޭގައި ތިބެގެން ވަޒީފާ އަދާ ކުރުމުގެ ފަހިކަން ލިބުމުން، އިތުރު އާމްދަނީ ހޯދުމުގެ ގޮތުން މިކަން ފެށި މީހުންވެސް މަދެއް ނޫނެވެ. ރަސްމީ ވަޒީފާގެ އިތުރުން އިތުރު ފައިސާ ހޯދާނެ ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައި މިކަން ކުރާ ފަރާތްތައް ގިނަވެގެން ދިޔައެވެ.
ކޯވިޑްގެ ތެރޭގައި މިސިނާއަތް ކުރިއަރާފައިވަނީ ހަމައެކަނި ކޮންޓެންޓް އުފައްދާ ފަރާތްތައް ގިނަވެގެންނެއް ނޫނެވެ. އެދުވަސްވަރު ގޭގައި ތިބެންޖެހުމުގެ ސަބަބުން މިގޮތަށް އުފައްދާ ކޮންޓެންޓްގެ ކޮންސިއުމަރުން ނުވަތަ ބެލުންތެރިން ވެސް އެތަށް ގުނައަކަށް އިތުރުވާން ޖާގަ ލިބުން ވެސް މިއީ އެއް ސަބަބެވެ.
ފޯބްސް މަޖައްލާގައި ކްލާރާ ބަރގެންޑޯފް ލިޔެފައިވާ އާޓިކަލްއެއްގައި ވާގޮތުން ކްރިއޭޓަރ އިކޮނޮމީ އަކީ އެޓެންޝަން އިކޮނޮމީއިން ކުރިފަޅައިގެން އައި ކޮންސެޕްޓެކެވެ. އެއީ ސޮފްޓްވެއަރތަކުގެ އެލަގޮރިދަމްއާއި ކަސްޓަމަރުންގެ ސަމާލުކަން ދެވޭ މިންވަރަށް ބިނާވާ ވިޔަފާރި މޮޑެލްއެކެވެ.
ކްރިއޭޓިވް ކޮންޓެންޓުން އާމްދަނީ ހޯދުމަށް އެކި ބާވަތް ބާވަތުގެ ބިސްނަސް މޮޑެލްތައް ބޭނުންކުރެއެވެ. މިކަން ބިނާވެފައިވަނީ ކޮންޓެންޓް ހިއްސާކުރުމަށް ބޭނުންކުރާ ޕްލެޓްފޯމަށާއި ކޮންޓެންޓް އުފައްދާ މީހެއްގެ އިޚްތިޔާރުގެ މައްޗަށެވެ.
މީގެ ތެރޭގައި ކޮންޓެންޓް އުފައްދާ ފަރާތްތަކާއި ސީދާ ގުޅުވައިދޭ ގޮތްތައް ހުރެއެވެ. ކޮންޓެންޓް އުފައްދާ ފަރާތްތަކުގެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްގެން ހާއްސަ ކޮންޓެންޓް ނުވަތަ ހުރިހާ ކޮންޓެންޓްތައް ބެލޭނޭ ގޮތަށް ހެދުމެވެ. ޕެޓްރިއޯން، ސަބްސްޓެކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި މިމޮޑެލް ހިމެނެއެވެ.
ބައެއް ސޯޝަލް މީޑިއާ ޗެނަލްތަކުގައި ސީދާ ކްރިއޭޓަރުންނަށް ޓިޕްސް ނުވަތަ ފައިސާ ޑޮނޭޓް ކުރެވޭ ގޮތަށް ވެސް ހުރެއެވެ. އަދި ލައިވް ސެޝަންތަކާއި އިވެންޓްތައް ހޯސްޓް ކުރާ ވަގުތުތަކުގައި އިންޓަރެކްޓިވް ތަޖުރިބާތަކާއި ރިއަލް ޓައިމް އެންގޭޖްމަންޓާއި ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތުތައް ވެސް ލިބިގެންދެއެވެ.
ދެން ހިމެނޭ އަނެއް ގޮތަކީ އުފައްދާ ކޮންޓެންޓުން ފައިސާ ލިބޭ މޮޑެލްތަކެވެ. މީގެ ތެރޭގައި ކޮންޓެންޓާއިއެކު ދައްކާ އިޝްތިހާރުތަކުން އާމްދަނީ ހޯދުމުގެ މޮޑެލް ހިމެނެއެވެ.
އެފިލިއޭޓް މާރކެޓިންއަކީވެސް ކޮންޓެންޓްގެ ތެރެއިން ފައިސާ ހޯދޭ ގޮތެކެވެ. މިއީ ކްރިއޭޓަރުން އިތުބާރުކުރާ އުފެއްދުންތައް ނުވަތަ ހިދުމަތްތައް ޕްރޮމޯޓްކޮށް، އެމީހުންގެ ބައިވެރިވުމުން އުފައްދާ ސޭލްސް އިން ކޮމިޝަން ލިބޭގޮތެކެވެ. ޑިޖިޓަލް ޕްރޮޑަކްޓް (މިސާލަކަށް އީ-ބުކްސް، މިޔުޒިކް، ވީޑިއޯ ޓިއުޓޯރިއަލް ނުވަތަ އެހެން ވެސް ޑައުންލޯޑު ކުރެވޭ ކޮންޓެންޓްތައް) ވިއްކާ ފަރާތްތަކުގެ އަމިއްލަ ވެބްސައިޓް ތަކުގައި ނުވަތަ އެޓްސީ ފަދަ ޕްލެޓްފޯމްތަކުގައި ހިމަނައިގެން ވެސް ވިއްކާލެވެއެވެ.
މަޝްހޫރު ބްރޭންޑްތަކާއި އެކު ބައިވެރިވެގެން ވެސް ފައިސާ ހޯދޭނެ ގޮތްތައް ކްރިއޭޓަރުންނަށް ލިބެއެވެ. މިއީ އަމިއްލަ ކޮންޓެންޓް ނުވަތަ އުފެއްދުން ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމަނައިގެން އެ ބްރޭންޑް ޕްރޮމޯޓް ކުރާގޮތަށް ހެދޭ ޕާޓްނަޝިޕް މޮޑެލްއެކެވެ. މީގެ ތެރޭގައި ބެރޭންޑެޑް ތަކެތި ވަކި ވަކި ޕްރޮޑަކްޓެއްގައި ހިމެނުން ނުވަތަ ގިނަ ޕްރޮޑަކްޓްތަކެއްގައި ހިމަނައިގެން އެކި ޕްލެޓްފޯމަތަކުގައި ދިގު މުއްދަތަކަށް ވެވޭ ބައިވެރިވުންވެސް ހިމެނެއެވެ. އުފެއްދުންތެރިންނަށް އެމީހުންގެ ޑިޒައިން ނުވަތަ އާޓްވޯކް އެހެން އުފެއްދުންތަކުގައި ބޭނުން ކުރުމަށް ލައިސަންސް ދީ، ކޮންމެ ސޭލަކުން ރޯޔަލްޓީ ލިބޭނެ މޮޑެލްވެސް ބައެއް ފަރާތްތަކުން ބޭނުންކުރެއެވެ.
އިންފްލުއެންސަރ މާކެޓިންގ ހަބް އިން ކޮށްފައިވާ ދިރާސާއިން ހާމަވާ ގޮތުގައި ކްރިއޭޓަރ އިކޯސިސްޓަމަކީ ޑިޖިޓަލް މީޑިއާ އުފެއްދުމުގެ އިންޑަސްޓްރީގައި އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ބާވަތެވެ. 2027 ވަނަ އަހަރުގެ ނިޔަލަށް ކްރިއޭޓަރ އިކޮނޮމީގެ އުފެއްދުންތެރިންނަށް 480 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
މިދިރާސާގައި ބައިވެރިވެފައިވަނީ 2000 ކޮންޓެންޓް ކްރިއޭޓަރުންނެވެ. އޭގެ ތެރެއިން %44.9 މީހުންނަކީ ފުލް ޓައިމްކޮށް މިމަސައްކަތް ކުރާ މީހުންނެވެ. އަދި ޕާޓްޓައިމްކޮށް މިކަން ކުރާ ފަރާތްތަކުގެ ތެރެއިން 300 ފަރާތުން ހާމަކުރި ގޮތުގައި ޑިޖިޓަލް ކޮންޓެންޓް އުފައްދައިގެން އެމީހުންނަށް މަހަކު 2،500 އާއި 5،000 ޑޮލަރާއި ދެމެދުގެ އާމްދަނީ ލިބެއެވެ.
ޑިޖިޓަލް އުފެއްދުންތެރިންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބްރޭންޑްތަކާއި އެކު ހަދާ ޕާރޓްނަރޝިޕް ހަދާ ބިޒްނަސް މޮޑެލްއިންނެވެ. ކޮންޓެންޓް ކްރިއޭޓަރުންގެ އާމްދަނީ އިތުރު ކުރުމަށް އެންމެ މުހިއްމު ވަނީ އެމީހަކު އުފައްދާ ކޮންޓެންޓްގެ ބާވަތަށް ކަމަށް މިދިރާސާގައި ހާމަވެއެވެ. މަދު ބަޔަކު އުފައްދާ އެހެން ނަމަވެސް ގިނަ ބަޔަކު ޝައުގުވެރިވާނޭ ބާވަތެއްގެ ކޮންޓެންޓް އުފެއްދިއްޖެނަމަ އެއީ އެންމެ ފައިދާ ހުރި ގޮތެވެ. އެންމެ ގިނައިން އާމްދަނީ ލިބެނީ ޓެކް ދާއިރާގެ އަދި ބިޒްނަސް ދާއިރާގެ އުފެއްދުންތަކަށް ކަމަށް މިދިރާސާގައި ހާމަވެއެވެ.
ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ލިބޭ އާމްދަނީއަކީ މުހިއްމު ނަންބަރަކަށް ވިނަމަވެސް މިއީ ގިނަ ފަރާތްތަކަށް އެންމެ މުހިއްމު ފެކްޓަރއެއް ނޫނެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން %58.5 ފަރާތުން ހާމަކުރާ ގޮތުގައި އެފަރާތްތަކުގެ ކާމިޔާބީއަށް އެންމެ މުހިއްމު ފެކްޓަރއަކީ ބެލުންތެރިންގެ އެންގޭޖްމެންޓެވެ.
މިއީ އާންމުކޮށް ކުރާ ރަސްމީ މަސައްކަތުން ނުލިބޭ ފަދަ މިނިވަންކަމާއި ޕްލެކްސިބިލިޓީ ލިބޭ ގޮތެކެވެ. އެމީހަކަށް އެންމެ ރަނގަޅަށް ކުރެވޭނެ މަސައްކަތަކުން އެމީހެއްގެ އަމިއްލަ ވަގުތާއި އަމިއްލަ ޓަރމްސްގައި މަސައްކަތް ކުރެވެއެވެ. މީގެ އިތުރުން އޭރުގެ މާކެޓްގެ ހާލަތަށާއި ކޮންސިއުމަރުން އެންމެ ބޭނުންވާ ޝައުގުވެރިވާ ތަކެއްޗަށް ބިނާކޮށް ކޮންޓެންޓް ފަސޭހައިން ބަދަލުކޮށް އިތުރުކޮށް ފުޅާ ކުރެވޭނެއެވެ.
މީގެ އިތުރުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ ވިޔަފާރި މުޅި ދުނިޔެއަށް ހުޅުވުމެވެ. ކޮންމެ މީހެއްގެ މާކެޓްގެ އިމަކީ ރަށް ނުވަތަ ގައުމެއް ނޫނެވެ. މުޅި ދުނިޔެއެވެ. އެއް ކަހަލަ މަސައްކަތްތަކެއް ކުރާ އެހެން ބަޔަކީ ހަމަ އެކަނި ވިޔަފާރީގެ ވާދަވެރިންނެއް ނޫނެވެ. ބޮޑު ކޮމިޔުނިޓީއެއް އުފެދިގެން ދިޔުމާއި އެކަކު އަނެކަކުގެ ގުޅުން ބަދަހިކޮށް މުޖުތަމައެއް އުފެދުމަކީ މިބާވަތުގެ ވިޔަފާރީގައި މީހުން ވަރަށް ބޮޑަށް ފާހަގަކުރާ މުހިއްމު ފައިދާއެކެވެ.
މިބާވަތުގެ ވިޔަފާރީގައި ހިމެނޭ ގޮންޖެހުންތައްވެސް ދެނެގަތުމަކީ މިމަސައްކަތް ކުރާ ފަރާތްތަކަށް މުހިއްމު ކަމެކެވެ. ވިޔަފާރިން ލިބޭ އާމްދަނީ އަކީ އާންމު ރަސްމީ 8 އިން 3 އަށް އަދާ ކުރާ ވަޒީފާތައް ފަދައިން ކޮންމެ މަހަކު އެއްވަރަކަށް ލިބޭ އެއްޗަކަށް ނުވެދާނެއެވެ. އެކި ދުވަސް ވަރު އާމްދަނީ ލިބޭ މިންވަރު ތަފާތުވެއެވެ. އެއްބާވަތެއްގެ ކޮންޓެންޓް އުފައްދާ ފަރާތްތައް ގިނަ ވުމަކީ އެއްގޮތަކުން ބަލާއިރު ކުރިމަތިވާ ގޮންޖެހުމެކެވެ. އެހެން ކަމުން އަވަސް އަވަހަށް ކޮންޓެންޓް ބަދަލުކުރުމާއި، އެހެން ފަރާތްތަކާއި ތަފާތު ވާނޭ ގޮތްތަކެއް ވިސްނުމަކީ ދެމެހެއްޓެނިވި ގޮތުގައި މިކަން ކުރުމަށް މުހިއްމު ކަމެކެވެ.
މިއާއެކު މިބާވަތުގެ މަސައްކަތުގައި ކެނޑިނޭޅި މާކެޓިންގ އަދި ޕްރޮމޯޝަންގެ މަސައްކަތްތައް މުހިއްމު ވާތީ، މާކެޓިންނަށް ހާއްސަ ބައެއްވެސް ޓީމުގައި ހިމެނުން ނުވަތަ އަމިއްލައަށް މާކެޓިންގ ހުނަރު ދަސްކުރުން މުހިއްމުވެއެވެ. މީގެ އިތުރުން ތަރޑް ޕާޓީ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ހޯސްޓް ކުރާ ފަރާތްތަކަށް ދެން ކުރިމަތިވާ ގޮންޖެހުމަކީ ޕްލެޓްފޯމްތަކުގެ އެލްގޮރިދަމް ނުވަތަ ގަވާއިދު ގައިޑްލައިންތަކަށް ގެންނަ ބަދަލުތަކުން ކުރިމަތިވާ ރިސްކުތަކެވެ.
ކްރިއޭޓަރ އިކޮނޮމީ އަކީ އާންމުކޮށް އަމިއްލަ ފަރުދުންގެ އިސްނެގުމާއި އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އިކޮނޮމީއެއްކަމަށް ވިނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކެއްގެ ސަރުކާރުންދަނީ މިކަމުގައި ހުރި ފައިދާތައް ފާހަގަކުރަން ފަށާފައެވެ. މިކަމުގައި ސަރުކާރުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ފަދައިން ފުރުސަތުތަކެއްވެސް ހުޅުވިގެން ދެއެވެ. މިގޮތުން އެކި ގައުމުތަކުން ކްރިއޭޓަރ އިކޮނޮމީ ބަލައިގަނެފައިވަނީ އެކި ގޮތްގޮތަށެވެ.
އަމިއްލަ ފަރުދުންގެ އިގްތިސާދީ ގާބިލްކަން އިތުރުކުރުމަށް މީގައި އޮތް ފުރުސަތުތައް އިތުރުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ސައުތު ކޮރެއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ދަނީ މިގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ސަޕޯޓްކުރުމަށް ގްރާންޓްތަކާއި ކޯ-ވަރކިންގ ސްޕޭސްތަކާއި ޓްރެއިނިންގ ފުރުސަތުތައް ހުޅުވާލާފައެވެ.
އާންމުކޮށް ކޮންޓެންޓް އުފައްދާ ފަރާތްތަކުގެ ތަކެތި ކޮޕީ ކުރުމަކީ މިފަދަ ވިޔަފާރިތަކުގައި ދިމާވާ ބޮޑު މައްސަލައެކެވެ. ގިނަ ބަޔަކު ތަބާވާން ޖެހެނީ އެމީހެއްގެ ކޮންޓެންޓް ހިއްސާ ކުރާ ޕްލެޓްފޯމްތަކުގައި އެކުލެވޭ ގައިޑްލައިންތަކެވެ. އެއް ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމަށް ކޮންޓެންޓް ބަދަލުކޮށްފި ނަމަ ލިބޭ ރައްކާތެރިކަން މިގޮތުން ކުޑަވެއެވެ. މިފަދަ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތަކަށް ރައްކާތެރިކަން ދިނުމަށް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ގާނޫނާއި ގަވާއިދުތަކުގައި އެތަކެތި ހިމެނުން އެއީ ސަރުކާރުތަކަށް ކުރެވިދާނެ ކަމެކެވެ.
އެކި ގައުމުން އެކި ގޮތްގޮތަށް މިކަން ކުރި ނަމަވެސް އާންމު ޓްރެންޑަކީ އުފެއްދުންތެރި އިގްތިސާދުގެ މުހިންމުކަން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާކަން ދެނެގަނެ، މިއިގްތިސާދު ކުރިއެރުމަށް އެހީތެރިވުމަށް ބޭނުންވާނެ އެކި ސިޔާސަތުތައް ބަދަލުކޮށް އަޕްޑޭޓްކުރުމެވެ. އުފެއްދުންތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި، އިނޮވޭޓިވް އުފެއްދުންތައް ގިނަ ކުރުމަށް މަގުފަހިކުރުމާއި، މިއިކޯސިސްޓަމްގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އިންސާފުވެރި ވާދަވެރިކަން އުފެދޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުން ވަރަށް މުހިއްމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް