ސްޕޭމް ކޯލްތައް ބްލޮކް ކުރަން ޓްރޫކޯލާ އޭއައި ނެރެފި

އަޙްމަދު ދާއޫދު 20 މާރިޗު 2024

މަޝްހޫރު ކޯލަރ އައިޑީ އެޕް ޓްރޫކޯލަރއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެންޑްރޮއިޑް ޑިވައިސްތަކުގައި ޕްރިމިއަމް ސަބްސްކްރައިބަރުންނަށް ޚާއްޞަ، ބޭނުންނުވާ ކޯލްތައް އޮޓަމެޓިކުން ފިލްޓަރ ކުރެވޭނެ އޮޕްޝަނަލް ސެޓިންއެއް ކަމަށްވާ "މެކްސް" އެ ކުންފުނިން މިހާރުވަނީ ތައާރަފްކޮށްފައެވެ.

ޓްރޫކޯލާ އެޕްލިކޭޝަންގެ އަޕްޑޭޓެއްގެ ދަށުން އާ މެކްސް ކެޕޭބިލިޓީ މިހާރު ލިބެނީ އަހަރަކު 9.99 ޑޮލަރުން ފެށޭ ޕޭޑް ޕްރިމިއަމް އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ. އެޕަލްގެ އެޕްލިކޭޝަން ރެސްޓްރިކްޝަންތައް ހަރުކަށިވުމުގެ ސަބަބުން އޭއައި ކޯލިން ފީޗާތައް މިވަގުތަށް ހުރީ ޓްރޫކޯލާގެ އެންޑްރޮއިޑް ވާޝަނަށް އެކަނި ކަމަށް އެކުންފުނިން ބުނެއެވެ.

މިފަހަކަށް އައިސް މުޅިދުނިޔޭގައިވެސް ސްޕޭމް ކޯލްގެ މައްސަލަތައް ބޮޑުވެފައިވާއިރު، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައިވެސް މިކަން މިވަނީ ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. އޮޅުވާލައިގެން މިފަދަކޯލްތައް މެދުވެރިކޮށް ފައިސާފޭރުމާއި، ބްލެކްމެއިލް ކުރުންފަދަ ނުރައްކާތެރި އަމަލުތައް ވަނީ އިތުރުވެފައެވެ.

ޓްރޫކޯލާގެ މިހާރު ހުރި ސްޕޭމް ބްލޮކިން ބަރޯސާވަނީ އެނގޭ ސްޕޭމް ނަމްބަރުތަކުގެ ޑޭޓާބޭސްއެއްގެ މައްޗަށެވެ. އެކަމަކު މެކްސް މިކަން ކުރިއަށް ގެންދަނީ އޭއައި ބޭނުންކޮށްގެން ބޭނުންކުރާ މީހާގެ ކޮންޓެކްޓްތަކުގައި ސޭވް ނުކުރާ ނަންބަރުތަކުން އަންނަ ހުރިހާ ކޯލެއް އޮޓޮމެޓިކުން ސްކްރީންކޮށް ބްލޮކްކޮށް، ނުވަތަ ޕޮޓެންޝަލް ސްޕޭމްގެ ގޮތުގައި ފްލެގް ކޮށްގެންނެވެ.

ޓްރޫކޯލާގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓް ކުނާލް ދުއާ ވިދާޅުވި ގޮތުގައި ޓްރޫކޯލާ އިން އަންނަނީ ރޮބޯކޯލްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭއައި ރެކްރޫޓް ކުރަމުންނެވެ. ސައްހަ ކޯލްތައް ބްލޮކްވެ، ފުރަތަމަ ދުވަސްކޮޅު ފޯލްސް ޕޮސިޓިވްތަކެއް ހުރެދާނެ ކަމަށް ގަބޫލުކުރެއްވި ނަމަވެސް ދުއާ ވިދާޅުވީ ބޭނުންކުރާ ފަރާތްތަކުން އޮޅުވާލައިގެން ނަންބަރުތައް ރިޕޯޓް ކުރާތީ، ޒަމާނާ އެކު ސިސްޓަމް ރަނގަޅުވާނެ ކަމަށެވެ.

މެކްސް އެނަބަލް ކުރުމަށް ޓްރޫކޯލާ ޕްރިމިއަމް ސަބްސްކްރިޕްޝަނެއް އޮންނަ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން އެންމެ ފަހުގެ ވާޝަން އަޕްޑޭޓްކޮށް، އާ އޭއައި ފިލްޓަރިން އޮޕްޝަން ނެގުމަށް ސެޓިންސް > ބްލޮކަށް ނެވިގޭޓް ކުރަން ޖެހެއެވެ.

ރޮބޯކޯލްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންނާތީ ޓްރޫކޯލަރ އިން ދަނީ ނިމުމެއް ނެތް ސްޕެމް ކޯލްތަކުން ފުރިފައިވާ އެކުންފުނީގެ އެތައް މިލިއަން ކަސްޓަމަރުންނަށް، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް ބުނަމުންނެވެ. އާ މެކްސް ފީޗާގެ މަގްސަދަކީ ސައްހަ ކޯލްތައް ޖަންކް އިން ވަކިކުރުމުގެ މަސައްކަތް އޭއައިއަށް ކުރުމުގެ ފުރުސަތު ދިނުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.